Roadha Mihaaru
މިދިޔަ އަހަރު ފޭރުނު ބޯޓެއް އިންޑިއާއިން ސަލާމަތްކޮށްފި

ސޯމާލިއާ މީހުން ތިން މަސް ކުރިން ފޭރުނު ބޯޓު އިންޑިއާ ސިފައިން ގޮސް ސަލާމަތްކޮށްފި

17 މާޗް 2024

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭ ސޯމާލިއާގެ ފޭރޭ މީހުން އަތުލައިގަތް މޯލްޓާގެ ބަލްކް ކެރިއާ އެމްވީ ރުއެން އަށް އިންޑިއާގެ ކަނޑުގެ ސިފައިން އަރައި ބޯޓާއި ފަޅުވެރިން ސަލާމަތްކޮށްފި އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭ ސޯމާލިއާގެ ފޭރޭ މީހުން އަތުލައިގަތް މޯލްޓާގެ ބަލްކް ކެރިއާ އެމްވީ ރުއެން އަށް އިންޑިއާގެ ކަނޑުގެ ސިފައިން އަރައި ބޯޓާއި ފަޅުވެރިން ސަލާމަތްކޮށްފި އެވެ.

ފޭރޭ މީހުންގެ ހަރަކާތްތައް 2017 ވަނަ އަހަރަށް ފަހު މަޑުޖެހިފައި އޮތުމަށް ފަހު އަލަށް ފޭރުނު ބޯޓަށް އިންޑިއާ ސިފައިން އެރި އިރު އޭގައި ފޭރޭ މީހުންގެ 35 މީހަކާއި ބޯޓުގެ 17 ފަޅުވެރިން ތިބި ކަމަށް އިންޑިއާގެ އަސްކަރިއްޔާއިން ބުންޏެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި އިންޑިއާގެ ކަނޑުގެ ސިފައިން ބުނީ އެމްވީ ރުއެން ދަތުރުކުރަމުންދާކަން އެނގުމާ އެކު އެ ދިމާލަށް ކަނޑުގެ ސިފައިންގެ މަނަވަރު "ކޮލްކަތާ" ގޮސް، 40 ގަޑިއިރު ކުރި މަސައްކަތުން، ފޭރޭ މީހުން އަމާންދޭން މަޖުބޫރުކުރުވައި ބޯޓު ސިފައިންގެ ބާރުގެ ދަށަށް ގެންދިޔައީ ކަމަށެވެ.

ކަނޑުގެ ސިފައިން ބުނީ އެމްވީ ރުއެން ދަތުރުކުރަމުންދާކަން އެނގުނީ ހުކުރު ދުވަހު ކަމަށެވެ.

"އެ އުޅަނދުން މަނަވަރާ ދިމާލަށް ބަޑި ޖެހުމާ އެކު، ބައިނަލްއަގުވާމީ ގާނޫނުތަކާއި ހަމަތަކުގެ މަތިން، އަމިއްލަ ދިފާއުގައި އަދި ޕައިރެސީއާ ދެކޮޅަށް އަމަލުކުރުމުގައި ގެންގުޅޭ ހަމަތަކުގެ މަތިން، ފޭރޭ މީހުންގެ ނުރައްކާ ނައްތާލުމަށް ބާރުގެ ބޭނުން އެންމެ ކުޑަ މިންވަރަށް ބޭނުންކޮށްފައިވާނެ،" އިންޑިއާގެ ނޭވީން ބުންޏެވެ.

ނޭވީން ބުނީ ދެތިން ދުވަހަށް ހިނގި މި ކުރިމަތިލުމުގައި ބޯޓުގެ އެއްވެސް ފަޅުވެރިއަކަށް އަނިޔާއެއް ނުވާ ކަމަށެވެ. މި އޮޕަރޭޝަންގައި ހެލިކޮޕްޓަރާއި ކަނޑުގެ ސިފައިން އެހެން އުޅަނދުތަކާއި މަތިންދާބޯޓު ވެސް ބޭނުންކުރި ކަމަށް ނޭވީން ބުންޏެވެ.

ސޯމާލިއާގެ ފޭރޭ މީހުންގެ ބާރުގެ ދަށުގައި އޮތް އެމްވީ ރުބެން އިންޑިއާގެ ކަނޑުގެ ސިފައިންގެ ބާރުގެ ދަށަށް ގެންދަން މަސައްކަތްކުރަނީ. -- ފޮޓޯ: އިންޑިއާ ނޭވީ

ސޯމާލިއާގެ ފޭރޭ މީހުންގެ ބާރުގެ ދަށުގައި އޮތް އެމްވީ ރުބެން އިންޑިއާގެ ކަނޑުގެ ސިފައިންގެ ބާރުގެ ދަށަށް ގެންދަން މަސައްކަތްކުރަނީ. -- ފޮޓޯ: އިންޑިއާ ނޭވީ

ބޯޓުގެ ވެރިފަރާތުން ވަނީ މި މަސައްކަތަށް ތައުރީފްކޮށް މިއީ އެ ކުންފުނީގެ އިތުރުން ބައިނަލްއަގުވާމީ މެރިޓައިމްގެ ރައްކާތެރިކަމަށް ވެސް ލިބުނު ކާމިޔާބީއެއް ކަމަށް ބުނެފަ އެވެ.

އިންޑިއާ ސިފައިން މި ބޯޓު އަތުލައިގަތީ އިންޑިއާއާ 1،400 ނޯޓިކަލް މޭލު (2،600 ކިލޯމީޓަރު) ދުރުން ކަމަށް އަސްކަރިއްޔާއިން ބުންޏެވެ. އަސްކަރިއްޔާއިން ބުނި ގޮތުގައި އެ ބޯޓު، ޔަމަންގެ ރަށެއް ކަމަށްވާ ސަގްތަރާގެ އިރުން 380 ނޯޓިކަލް މޭލު ބޭރުން ފޭރޭ މީހުންގެ ބާރުގެ ދަށަށް ގެންދިއުމާ އެކު ނޭވީން ގެންދިޔައީ އެޔަށް ފާރަލައި ބަލަމުންނެވެ. ފޭރުނު މީހުން އޭރު ވަނީ ސޯމާލިއާގެ ބަސާއޯ ކައިރީގައި ބަނދަރުކޮށް، ޒަހަމްވި ފަޅުވެރިއަކު އިންޑިއާގެ ކަނޑުގެ ސިފައިންނާ ހަވާލު ވެސް ކޮށްފަ އެވެ.

ސޯމާލިއާގެ ކަނޑުފޭރޭ މީހުންގެ ހަރަކާތްތައް އެންމެ ބޮޑަށް އިތުރުވީ 2011 ވަނަ އަހަރު އެވެ. ސޯމާލިއާގެ އައްސޭރިއާ 2،270 މޭލު ދުރުން އިންޑިއާ ކަނޑުގެ ތެރޭގައި ވެސް ފޭރުމުގެ އަމަލުތައް ހިންގަމުން ދިއުމަށް ފަހު މިދިޔަ އަހަރުތަކުގައި ވަނީ މިކަން ވަރަށް ބޮޑަށް މަދުވެފަ އެވެ. --އޭއެފްޕީ