Roadha Mihaaru
ފަޅުވެރިން ގޮވައިގެން ކަނޑުފޭރޭ މީހުން ފިލައިފި

ބޯޓު ދޫކޮށްލުމަށް ފަހު ފަޅުވެރިން ގޮވައިގެން ކަނޑުފޭރޭ މީހުން ފިލައިފި

11 އެޕްރީލް 2017

މޮގަދިޝޫ (އެޕްރީލް 11) - މި މަހު ކުރީކޮޅު ސޯމާލިއާގެ ކަނޑުފޭރޭ މީހުން ފޭރިގަތް އިންޑިއާގެ ކާގޯ ބޯޓު، ދޫކޮށްލުމަށް ފަހު އެ ބޯޓުގެ 11 ފަޅުވެރިން ގޮވައިގެން ފިލާފައިވާ ކަމަށް ކަމާ ބެހޭ އޮފިޝަލުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

މޮގަދިޝޫ (އެޕްރީލް 11) - މި މަހު ކުރީކޮޅު ސޯމާލިއާގެ ކަނޑުފޭރޭ މީހުން ފޭރިގަތް އިންޑިއާގެ ކާގޯ ބޯޓު، ދޫކޮށްލުމަށް ފަހު އެ ބޯޓުގެ 11 ފަޅުވެރިން ގޮވައިގެން ފިލާފައިވާ ކަމަށް ކަމާ ބެހޭ އޮފިޝަލުން ބުނެފި އެވެ.

"އިންޑިއާގެ ކާގޯ ބޯޓަށް ހަމަލާދީ ފަޅުވެރިން ސަލާމަތް ކުރަން މަސައްކަތް ކުރި ނަމަވެސް ކަނޑުފޭރޭ މީހުން ވަނީ 11 ފަޅުވެރިން ގޮވައިގެން ފިލާފައި. ފަޅުވެރިން ގޮވައިގެން ދަނިކޮށް އޭގެ ތެރޭން ދެ މީހަކު ސަލާމަތް ކުރެވުނު. އެކަމަކު އަނެއް ނުވަ މީހުން ގޮވައިގެން ފަރުބަދަތައް ހިމެނޭ ސަރަަހައްދުގެ ތެރެއަށް ކަނޑުފޭރޭ މީހުން ވަދެގެން ދިޔައީ،" ގަލްމުދުގް ސްޓޭޓުގެ ނައިބް ރައީސް މުހައްމަދު ހާޝީ އަރާބީ ވިދާޅުވި އެވެ.

އަރާބީ ވިދާޅުވީ ކަނޑުފޭރޭ މީހުން ގެންދިޔަ 11 ފަޅުވެރިންގެ ތެރޭގައި ހިމެނޭ ދެ މީހުން އަތުލައިގަނެވުނީ އެ މީހުން ތިބި ކާރު ފަހާ ދުއްވަން ފެށުމުން އެންމެ ފަހުން އެ ދެ މީހުން ދޫކޮށްލާފައި ކަނޑުފޭރޭ މީހުން ފިލުމުން ކަމަށެވެ.

ކަނޑުފޭރުނު މީހުން ރޮއިޓާސް ނިއުސް އެޖެންސީ އަށް ބުނީ އެ މީހުން އަތްދަށުވި ނުވަ މީހުން ދޫކުރާނީ އިންޑިއާގެ ޖަލުތަކުގައި ބަންދުކޮށްފައިވާ ކަނޑުފޭރޭ މީހުން މިނިވަން ކުރުމުން ކަމަށެވެ. އިންޑިއާގެ ޖަލުތަކުގައި ކަނޑުފޭރޭ މީހުންގެ 117 މީހުން ބަންދުކޮށްފައިވާ ކަމަށްވެ އެވެ.

ބޯޓު ހައިޖެކްކުރި އިރު ދަތުރުު ކުރަމުން ދިޔައީ ދުބާއީން ޔަމަނަށެވެ.

ސޯމާލިއާގެ ކަނޑުފޭރޭ މީހުން ގަލްފް އޮފް އަދަނުން ދާދި ފަހުން ހައިޖެކްކުރި ބޯޓުގައި ތިބި 19 ފަޅުވެރިން ވެސް ވަނީ ސަލާމަތްކޮށްފަ އެވެ. ޔަމަނުގެ އައްސޭރިން 75 މޭލު ދުރުން ލަކުޑި ބަރުކޮށްގެން ދަތުރު ކުރަމުންދިޔަ ބޯޓަކީ މެލޭޝިއާގެ ކެލަންގާއި ޔަމަނުގެ އަދަނާ ދެމެދު ދަތުރު ކުރާ ބޯޓެއް ކަމަށްވެ އެވެ.

މީގެ ދެ ހަފުތާއެއްހާ ދުވަސްކުރިން ވެސް ވަނީ މި ސަރަހައްދުން، ލަންކާގެ ދިދަ ނަގާފައިވާ ތެޔޮ ޓޭންކަރެއް ކަނޑު ފޭރިފަ އެވެ. އެ ބޯޓު ފަހުން ވަނީ ދޫކޮށްލައިފަ އެވެ. މިއީ 2012 ވަނަ އަހަރުގެ ފަހުން ސޯމާލިއާގެ ސަރަހައްދުގައި ހިންގި ކަނޑުފޭރުމުގެ ފުރަތަމަ ހާދިސާ އެވެ. ނަމަވެސް ސޯމާލިއާގެ ސަރަހައްދުގައި ހިންގާ ކަނޑުފޭރުމުގެ ހާދިސާތައް ފަހަކަށް އައިސް ވަނީ އިތުރުވާން ފަށައިފަ އެވެ. ކަނޑު ފޭރުމުގެ ހާދިސާތައް 2011 ވަނަ އަހަރު އިންތިހާ އަށް މައްޗަށް ދިއުމުން ބައިނަލްއަގުވާމީ ސިފައިން ވަނީ އެ ސަރަހައްދު ވަރަށް ރަނގަޅަށް ބަލަހައްޓަން ފަށައިފަ އެވެ.