Roadha Mihaaru
ދައުލަތަށް 74 މިލިއަން އަނބުރާ ހޯދަން ޖެހޭ: އޭސީސީ

އޭސީސީ ރިޕޯޓް: ދައުލަތަށް 74 މިލިއަން ރުފިޔާ އަނބުރާ ހޯދަން ޖެހޭ، އަދި ލިބުނީ އެންމެ 200،000ރ.

17 މާޗް 2024

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން މިދިޔަ އަހަރު ތަހުގީގުކުރި މައްސަލަތަކެއްގައި ދައުލަތަށް 74 މިލިއަން އަށް ވުރެ ގިނަ ރުފިޔާ އަނބުރާ ހޯދަން ޖެހޭ ކަމަށް ނިންމާފައި ވިޔަސް މިހާތަނަށް ލިބުނީ އޭގެ ތެރެއިން އެންމެ 200،000ރ. ކަމަށް އެ ކޮމިޝަންގެ އަހަރީ ރިޕޯޓުގައި ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން މިދިޔަ އަހަރު ތަހުގީގުކުރި މައްސަލަތަކެއްގައި ދައުލަތަށް 74 މިލިއަން އަށް ވުރެ ގިނަ ރުފިޔާ އަނބުރާ ހޯދަން ޖެހޭ ކަމަށް ނިންމާފައި ވިޔަސް މިހާތަނަށް ލިބުނީ އޭގެ ތެރެއިން އެންމެ 200،000ރ. ކަމަށް އެ ކޮމިޝަންގެ އަހަރީ ރިޕޯޓުގައި ބުނެފި އެވެ.

އޭސީސީން މިދިޔަ ބުރާސްފަތި ދުވަހު އާންމުކުރި މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައި ބުނީ ދައުލަތަށް އަނބުރާ ހޯދަން ޖެހޭ ފައިސާ ހޯދުމަކީ ގާނޫނުން އެ ކޮމިޝަނަށް ލާޒިމްކުރާ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމަކަށް ނުވިޔަސް، އެ ފައިސާ ދައުލަތަށް ލިބޭކަން ކަށަވަރުކުރުމަށްޓަކައި ފޮލޯއަޕް ހެދުމަކީ އެ ކޮމިޝަނުން އަމިއްލަ އަށް އިސްނަގައިގެން ކުރަމުން އަންނަ ކަމެއް ކަމަށެވެ.

އަހަރީ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، އެ ކޮމިޝަނުން މިދިޔަ އަހަރު ބެލި 15 މައްސަލައެއްގައި ދައުލަތަށް 74،159،720.53ރ. އަނބުރާ ހޯދުމަށް ނިންމާފައިވެ އެވެ. އަދި އޭގެ ތެރެއިން ދައުލަތުން އަނބުރާ ހޯދުމަށް އިދާރާތަކުގައި މިހާތަނަށް އެދިފައިވާ 50،370،521.75ރ. ގެ ތެރެއިން އެއްވެސް ފައިސާއެއް ލިބިފައިވޭތޯ އެ ކޮމިޝަނުން ފޮލޯއަޕް ހެދި ކަމަށް އަހަރީ ރިޕޯޓުގައި ބުނެފައިވެ އެވެ.

"... މި މައްސަލަތަކުން ދައުލަތަށް ހޯދަން ޖެހޭ ފައިސާގެ ތެރެއިން ފަސް މައްސަލައެއްގައި މިހާތަނަށް ޖުމްލަ 234،531.57 ރުފިޔާ ދައުލަތަށް އަނބުރާ ހޯދިފައިވާކަން ފާހަގަކުރެވިފައިވެ އެވެ،" އެ ރިޕޯޓުގައި ބުންޏެވެ.

މިއީ ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ދައުލަތަށް ފައިސާ އަނބުރާ ހޯދުމަށް އިދާރާތަކުގައި އެންމެ ގިނައިން އެދުނު ދެވަނަ އަހަރެވެ. އެންމެ ގިނައީ 2019 ވަނަ އަހަރު އެވެ. އެ އަހަރު 160 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް އިދާރާތަކުގައި އެދިފައިވެ އެވެ.

އޭސީސީގެ އަހަރީ ރިޕޯޓުގައި ބުނީ މިދިޔަ އަހަރު އެ ކޮމިޝަނަށް 1151 މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ކާކުކަން ނޭނގޭ ގޮތަށް ހުށަހެޅި މައްސަލަތަކެވެ. ކާކުކަން ނޭނގޭ ގޮތަށް 561 މައްސަލައެއް ހުށަހަޅާފައިވެ އެވެ.

އޭސީސީން މިދިޔަ އަހަރު ބެލި މައްސަލަތަކުގެ ބާވަތްތައް.

އޭސީސީން މިދިޔަ އަހަރު ބެލި މައްސަލަތަކުގެ ބާވަތްތައް.

ކޮމިޝަނަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން މިދިޔަ އަހަރު ރަޖިސްޓްރީކޮށްދިނީ 742 މައްސަލަ އެވެ.

މިދިޔަ އަހަރު އެންމެ ގިނައިން ހުށަހަޅާފައި ވަނީ ހައުސިންއާ ގުޅޭ މައްސަލަތަކެވެ. އެއީ 216 މައްސަލަ އެވެ. ދެން އެންމެ ގިނައީ ޕްރޮކިއުމަންޓާ ގުޅޭ މައްސަލަތަކެވެ. އެ ބާވަތުގެ 155 މައްސަލައެއް ހުށަހަޅާފައިވެ އެވެ.