Roadha Mihaaru

1.8 މިލިއަން ރުފިޔާގެ ފޭރުން: ތަހުގީގު ނިންމައި 3 މީހަކަށް ދައުވާކުރަން ފޮނުވައިފި

މީހެއްގެ ފޯނުގެ ޕާސްވޯޑުތައް ހޯދައި 1.8 މިލިއަން ރުފިޔާ ފޭރުނު މައްސަލާގައި ތިން މީހަކަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނަރަލް އޮފީހަށް ފޮނުވައިފި އެވެ.

1.8 މިލިއަންގެ ފޭރުން: 3 މީހަކަށް ދައުވާކުރަނީ
މޫސާ ރަޝީދު
މޫސާ ރަޝީދު

17 މާޗް 2024

މީހެއްގެ ފޯނުގެ ޕާސްވޯޑުތައް ހޯދައި 1.8 މިލިއަން ރުފިޔާ ފޭރުނު މައްސަލާގައި ތިން މީހަކަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނަރަލް އޮފީހަށް ފޮނުވައިފި އެވެ.

މިދިޔަ ފެބްރުއަރީ މަހު ފެންމަތިވި މި މައްސަލާގައި އެ ފައިސާތައް ފޭރިގަނެފައި ވަނީ ފޯނާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ އެޕްގެ ޕާސްވޯޑު އެނގޭ މީހެއް މެދުވެރިވެގެންނެވެ.

ފުލުހުން އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު 16 އަހަރުގެ ކުޑަކުއްޖަކާއި 23 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ އަންހެނަކު ވަނީ ހައްޔަރު ކޮށްފަ އެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނި ގޮތުގައި އެ މައްސަލައިގެ ތަހުގީގު އެއްކޮށް ނިންމައި ކުޑަކުއްޖެއް ހިމެނޭހެން ތިން މީހަކަށް ދައުވާ ކޮށްދޭން އެދި ޕީޖީ އޮފީހަށް ވަނީ ފޮނުވައިފަ އެވެ.

އެނގިފައިވާ ގޮތުގައި އެ ކުޑަކުއްޖާއަކީ، މި ހާދިސާގައި ގެއްލުން ލިބުނު ފިރިހެންމީހާއާ އާއިލީ ގުޅުން އޮންނަ މީހެކެވެ.

އެ މައްސަލާގައި 1.8 މިލިއަން ރުފިޔާ ފޭރިގަނެފައިވާ އިރު އެ މައްސަލަ ފުލުހަށް ހުށަހެޅިތާ ދެ ދުވަސް ތެރޭ ފުލުހުން ވަނީ އެ ފައިސާއިން ވިޔަފާރި ކޮށްފައި ހުރި ތަންތަނާއި ތުހުމަތުކުރެވޭ އެކަކު ދިރިއުޅޭ ގެ ބަލައި ފާސްކޮށްގެން 1.6 މިލިއަން ރުފިޔާ ހޯދައިފަ އެވެ.

ފުލުހުން ބުނީ އެ ފައިސާ ބޭނުން ކޮށްފައި ވަނީ ފޯނާއި އިލެކްޓްރޯނިކްސް ސާމާނާއި ދޫނި އަދި އަތުކުރި ގަޑި ފަދަ ތަކެތި ގަތުމަށެވެ.