Roadha Mihaaru
ދަރަނި ދައްކަން ގެންގުޅޭ ސިޔާސަތު ހާމަކުރަން ގަރާރެއް

ދަރަނި އަނބުރާ ދައްކަން ގެންގުޅޭ ސިޔާސަތު ހާމަކުރަން ގޮވާލައި ގަރާރެއް

18 މާޗް 2024

ދައުލަތުގެ ދަރަނި އަނބުރާ ދެއްކުމަށާއި ދައުލަތުގެ މާލީ ދެމެހެއްޓެނިވިކަން ގާއިމް ކުރަން ސަރުކާރުން ރާވާފައިވާ ގޮތް ހާމަ ކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ދައުލަތުގެ ދަރަނި އަނބުރާ ދެއްކުމަށާއި ދައުލަތުގެ މާލީ ދެމެހެއްޓެނިވިކަން ގާއިމް ކުރަން ސަރުކާރުން ރާވާފައިވާ ގޮތް ހާމަ ކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ މަޖިލީހަށް ހުށަހެޅުއްވި ގަރާރުގައި ބުނީ ރާއްޖޭގެ ބޭރުގެ ދަރަނި ރީސްޓަރަކްޗާކުރާނެ ގޮތް ދިރާސާ ކުރަން ހާއްސަ ކޮމިޓީއެއް އެކުލަވާލައި ބޭރުގެ މާހިރުންގެ ލަފާ ހޯދުމަށް މުޅި މަޖިލީހުން ފާސްކޮށް، ކުރީގެ ސަރުކާރަށް ލަފާ ދީފައިވާނެ ކަމަށެވެ.

އެ ކޮމިޓީގެ މަސައްކަތް އަށް މަސް ތެރޭ ނިންމައި މަޖިލީހަށް ހުށަހަޅަން ފާސްކޮށްފައި ނަމަވެސް، އެކަން ކޮށްފައިނުވާ ކަމަށް އީވާގައި ގަރާރުގައި ފާހަގަކުރި އެވެ.

ގަރާރުގައި ބުނި ގޮތުގައި އަނބުރާ ދައްކަން ޖެހޭ ދަރަނީގެ ބޮޑެތި އަދަދުތައް ރީ-ފައިނޭންސްކޮށް ދަރަނި އަނބުރާ ދައްކާނެ ލުއި ގޮތްތަކެއް ހޯދައި، ސަރުކާރުން މާކެޓުން ފައިނޭންސް ކުރާއިރު މާކެޓާ ރަށްޓެހި ގޮތެއް ގެންގުޅެއް ޖެހެ އެވެ.

އަދި، އަންނަ ކޮންމެ ސަރުކާރަކުން ވެސް ވެރިކަމާ ހަވާލުވުމާ އެކު ދައުލަތް ދަރަނިވެފައިވާ މިންވަރާއި އެ ދަރަނި ބެލެހެއްޓިފައިވާ ގޮތާއި އަދި އެ ދަރަނި އަނބުރާ ދެއްކުމަށް އަމާޒުކުރާ ގޮތުގެ ޕްލޭން އާންމުކުރަން ޖެހޭ ގޮތަށް ގާނޫނުގައި ހިމެނުމަކީ މުހިންމު ކަމެއް ކަމަށް ވެސް ގަރާރުގައިވެ އެވެ.

މިއަދު ފުރަތަމަ ކިޔުން އިއްވި ގަރާރުގައި ބުނީ ރާއްޖޭގައި ހިންގާ ޕަންލިކް އިންވެސްޓްމަންޓް ޕްރޮޖެކްޓްތަކުގައި ގައުމުގެ ތަރައްގީއަށް ވާސިލުވާނެ މައިގަނޑު އަމާޒެއް ފެންނަން ނެތުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

އެހެންކަމުން ވަށާޖެހޭ ތަރައްގީގެ ޕްލޭނެއް އެކުލަވާލައި، އެ ޕްލޭނަކީ ރާއްޖޭގެ މާލީ ހާލަތް ތަންދޭ، މާލީ ގޮތުން ވެސް އިގުތިސޯދީ ގޮތުން ވެސް ގައުމު ކުރިއަރައިދާނެ ފަދަ ސިޔާސަތެއްގެ ގޮތުގައި ހަދަން ގަރާރުގައި ގޮވާލާފައިވެ އެވެ.

އަދި ދައުލަތުގެ ދަރަނި އަނބުރާ ދެއްކުމަަށާއި ދައުލަތުގެ މާލީ ދެމެހެއްޓެނިވިކަން ގާއިމް ކުރަން ރާވާފައިވާ ގޮތާއި ތަރައްގީގެ މަޝްރޫއުތަކުގެ ހަރަދު އަންދާޒާތަކާއި ސްޓްރެޓީޖިކް ޕްލޭން ހާމަކުރަން ވެސް ގަރާރުގައި ގޮވާލި އެވެ.