Roadha Mihaaru
"މިއީ އެމްޑީޕީއަށް ވެރިކަން ގެއްލުމުން ދިން އަދަބެއް"

އަދަބު މިދިނީ އެމްޑީޕީއާ ދެކޮޅުވެ ވެރިކަން ގެއްލުމުން، އަޅުގަނޑަށް މިއީ ކާމިޔާބެއް: އީވާ

03 ޑިސެމްބަރ 2023

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ވަކި ކުރަން އެމްޑީޕީން ނިންމީ އެ ޕާޓީގެ ވެރިކަމުގައި ހިންގި ނާޖާއިޒް ކަންކަމާ ދެކޮޅަށް ބަސް ވިދާޅުވުމުން ކަމަށާއި މަގާމުން ވަކިކުރިޔަސް އެ މަސައްކަތްތަކަކީ ލިބިވަޑައިގަތް ކާމިޔާބީއެއް ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ވަކި ކުރަން އެމްޑީޕީން ނިންމީ އެ ޕާޓީގެ ވެރިކަމުގައި ހިންގި ނާޖާއިޒް ކަންކަމާ ދެކޮޅަށް ބަސް ވިދާޅުވުމުން ކަމަށާއި މަގާމުން ވަކިކުރިޔަސް އެ މަސައްކަތްތަކަކީ ލިބިވަޑައިގަތް ކާމިޔާބީއެއް ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

އީވާ މިހެން ވިދާޅުވީ، އޭނާގެ އިތުބާރު ނެތް ކަމުގެ ވޯޓު މިއަދަށް އެޖެންޑާކޮށް ޖަވާބުދާރީވެވަޑައިގަތުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދިން ފުރުސަތުގަ އެވެ.

ގާތްގަނޑަކަށް 30 މިނެޓު ވަންދެން އީވާ ދެއްކެވި ވާހަކައިގައި ވަނީ އޭނާ ވަކިކުރަން އެމްޑީޕީން ހުށަހެޅި ގަރާރުގައި ހުރި ވަކިވަކި ކަންކަމަށް ޖަވާބު ދެއްވައި ނައިބު ރައީސްގެ މަގާމުގައި ހުންނަވައިގެން ކުރެއްވި ކަންކަމާއި ދުވަހަކު ވެސް ނުކުރައްވާނެ ބައެއް ކަންކަން ވިދާޅުވެފަ އެވެ.

އެމްޑީޕީން އީވާ ވަކި ކުރަން ހުށަހެޅި ސަބަބުތައް:

- ނަޝީދު ވަކި ކުރާ މައްސަލާގައި ސުޕްރީމް ކޯޓުގެ ހުކުމާ ހިލާފަށް އަމަލު ކުރުން

- ރިޔާސަތުގައި އިންނަވައިގެން ނަޝީދާ އޮތް ޒާތީ މަސްލަހަތު އިސް ކުރެއްވުން

- އެމްޑީޕީން ވަކިވުމާ އެކު އެ ޕާޓީއާއެކު އޮތް އިގުރާރާ ހިލާފުވުން

އީވާ އަބްދުﷲ މަޖިލީހުގެ ރިޔާސަތުގައި--ފޮޓޯ: މަޖިލިސް

އީވާ އަބްދުﷲ މަޖިލީހުގެ ރިޔާސަތުގައި--ފޮޓޯ: މަޖިލިސް

އެ މައްސަލަތަކާ ގުޅޭ ގޮތުން އީވާ ފުރަތަމަ ވިދާޅުވީ އޭނާ ސުޕްރީމް ކޯޓުގެ ހުކުމާއި ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވައިދާ ވެސް ހިލާފުވެފައި ނުވާ ކަމަށެވެ. މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާފައި ވާނީ އެ މަގާމަށް ވަޑައިގަތުމަށް އަމީންއާންމު ފާތިމަތު ނިއުޝާ ސިޓީއަކުން އެދިވަޑައިގަތް ޖަލްސާތަކުގައި އެކަނި ކަމަށާއި ސިޓީ ނުފޮނުވާ ހިސާބުން ރިޔާސަތުގައި ނީންނަވާ ކަމަށް އީވާ ވިދާޅުވި އެވެ.

އެހެން ނަމަވެސް ސުޕްރީމް ކޯޓުގެ ހުކުމުގައި އެހެން މީހަކު ރިޔާސަތު ބަލަހައްޓަވަން ޖެހޭނީ ނައިބު ރައީސް އުޒުރުވެރިވާ ހާލަތެއްގައި ކަމަށް ބުނާއިރު މަޖިލީހުގައި ނަޝީދު ވަކި ކުރުމުގެ މައްސަލަ ކުރިޔަށް ގެންދެވީ އޭނާ ވެސް ތަޅުމުގައި ހާޒިރުވެ ހުންނަވަނިކޮށް ކަމަށް އީވާ ވިދާޅުވި އެވެ.

"އެ ދުވަހު އެ ކަންތައް ވީ ގޮތް ބެލި ބަޔަކަށް ރަނގަޅަށް އެނގޭނެ ސުޕްރީމް ކޯޓުގެ ހުކުމާ ހިލާފުވީ ކޮން ބައެއް ކަން،" އީވާ ވިދާޅުވި އެވެ.

މަޖިލީހުގައި ހަމައެކަނި ކުރެއްވި ކަމަކީ މަޖިލީހުގެ ރައީސަކަށް ހުންނެވި ބޭބެ ދިފާއު ކުރުން ކަަމަށް އެމްޑީޕީން ތަކުރާރުކޮށް ދައްކަމުން ދިޔަ ވާހަކަތަކަށް މިއަދާ ހަމައަށް އެއްވެސް އެއްޗެއް ވިދާޅުނުވާ ކަމަށް އީވާ ވިދާޅުވި އެވެ.

މަޖިލީސް ރައީސްކަން ކުރެއްވި ނަޝީދަކީ އީވާގެ ބޮޑުބޭބެ އެވެ.

އެހެން ނަމަވެސް ނަޝީދަކީ ބޭބެއަކަށް ވާގޮތަށް އޭރު ރައީސްގެ މަގާމުގައި ހުންނެވި އިބްރާހިމް މުހައްމަދު ސޯލިހަކީ ވެސް ބޭބެއެއް ކަން އެމްޑީޕީގެ މެންބަރުންނަށް ހަނދާން ކޮށްދޭން ބޭނުންވާ ކަމަށް އީވާ ވިދާޅުވި އެވެ.

ހަގީގަތަކީ އެ ސަރުކާރުން މާ ބޮޑަށް އަޅުގަނޑާ ނުރުހުނީ. އަޅުގަނޑު ވެސް އެ ސަރުކާރާ މާ ބޮޑަށް ނުރުހުނީ. ނުރުހިގެން ބަސް ބުނެގެން ދިން އަދަބު. މިއީ ވެރިކަން ގެއްލުނީމަ އަޅުގަނޑަށް ދިން އަދަބު -- އީވާ

"[ރައީސް ސޯލިހަކީ] ދެ ފަރާތުގެ ބޭބެ، މައި ފުށާއި ބަފާ ފުށުގެ ބޭބެ. ހިލާފު އުފެދިގެން ދާ ގަޑީގައި އަޅުގަނޑަކީ އެއް އިރެއްގައި ޒާތީ ކަމާ ބެހޭ މީހެއް ނޫން ކަމާއި ބާރުގަދަ ބޭބޭ ނުވަތަ ދެރަވަރު ބޭބެ ނުވަތަ ފައިސާ ހުރި ބޭބެ ނުވަތަ ފައިސާ ނެތް ބޭބެއެއް ބަލާފައި ނޯންނާނެ. އަޅުގަނޑު އިހްތިޔާރު ކޮށްފައި އޮންނާނީ އަޅުގަނޑު ގަބޫލު ކުރާ އަސާސްތަކާއި ހަމަތައް." އީވާ ވިދާޅުވި އެވެ.

އެމްޑީޕީގެ އިގުރާރާ އީވާ ހިލާފުވި ކަމަށް ބުނާ މައްސަލައިގައި އޭނާ ވިދާޅުވީ މަޖިލީހުގެ ނައިބު ރައީސް އަކީ ވަކި ސިޔާސީ ޕާޓީއެއްގެ ގަވައިދަކާ ގުޅުވައިގެން މަސައްކަތް ކުރަން ޖެހޭނެ މީހެއް ނޫން ކަމަށެވެ. ނަމަވެސް އޭނާ މިއަދު ވަކި ކުރަނީ އެމްޑީޕީގެ ސަރުކާރެއްގައި މަޖިލީހުގައި އެމްޑީޕީގެ އަޣުލަބިއްޔަތު އޮވެ އެ ޕާޓީގެ އެތެރޭގެ ވިޕްލައިނަކުން ކަމަށް ވެސް އީވާ ވިދާޅުވި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އީވާ ވާހަކަ ދައްކަވަނީ--ފޮޓޯ: މަޖިލިސް

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އީވާ ވާހަކަ ދައްކަވަނީ--ފޮޓޯ: މަޖިލިސް

އެހެންވެ އޭނާ މަގާމުން ދުރު ކުރުމުގެ ފަހަތުގައި އޮތް ސަބަބަކީ "ނާގާބިލް، ކިބުރުވެރި" ސަރުކާރަކާ ދިމާލަށް ނާގާބިލް ކިބުރުވެރި ސަރުކާރެކޭ ވިދާޅުވުމުން ކަމަށް އީވާ ވިދާޅުވި އެވެ.

އޭގެ އިތުރުން އޭނާ ހުށަހެޅި ގަރާރަކުން ކުރި އޮޑިޓެއްގައި ވެންޓިލޭޓަރުގެ ހިޔާނާތް ފަޅާ އެރުމުން ކަމަށާއި އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަތައް ތިން އަހަރު ވަންދެން ރައީސްގެ މޭޒުގައި އޮވެ އަޅައި ނުލި ވާހަކަ ދައްކަން ފެށުމުން ކަމަށް އީވާ ވިދާޅުވި އެވެ.

އީވާ ވިދާޅުވި ގޮތުގައި މަގާމުން ދުރު ކުރަނީ މި ކަންކަމާ ހެދި ވެރިކަން ގެއްލުމުން އޭގެ ބަދަލުގައި އޭނާ އަށް ދިން އަދަބެއްގެ ގޮތުންނެވެ.

"ހަގީގަތަކީ އެ ސަރުކާރުން މާ ބޮޑަށް އަޅުގަނޑާ ނުރުހުނީ. އަޅުގަނޑު ވެސް އެ ސަރުކާރާ މާ ބޮޑަށް ނުރުހުނީ. ނުރުހިގެން ބަސް ބުނެގެން ދިން އަދަބު. މިއީ ވެރިކަން ގެއްލުނީމަ އާޅުގަނޑަށް ދިން އަދަބު." އީވާ ވިދާޅުވި އެވެ.

އީވާ ވަނީ އޭނާ އާއި މަޖިލީހުގެ ރައީސްގެ މަގާމުން ވަކި ކުރި ނަޝީދު ރިޔާސަތުގައި ހުންނަވައިގެން ކުރިޔަށް ގެންދިޔަ ބައެއް ކާމިޔާބީތައް ވެސް ފާހަގަ ކުރައްވައިފަ އެވެ. އެގޮތުން؛

1. މަޖިލީހަށް ހާޒިރު ނުވާ މެމްބަރުންގެ މުސާރަ ކަނޑަން ފެށުން

2. ޕްރެކްޓިސް ޕާލިމެންޓް ކުރިޔަށް ގެންދިޔުން

3. މުއައްޒަފުންނަށް އެންމެ ގިނައިން ތަމްރީން ދެވުނު މަޖިލީހަށް ހެދުން

4. ސައިން ލެންގުއޭޖް އިން ލައިވް ގެނެސްދޭން ފެށުން

5. މަޖިލިސް ލައިވް ކުރުން ޔޫޓިއުބްގައި އިތުރަށް ފުޅާ ކުރުން

6. މައިނޯރިޓީ އަށް އެކަށީގެންވާ ފުރުސަތުތައް ދިނުން

ހިޔާނާތާ ދެކޮޅަށް ތެދުވުމާއި މަޖިލީހަށް ގިނަ ހިދުމަތްތަކެއް ގެންދެވުމަކީ އެއީ ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް އީވާ ވިދާޅުވި އެވެ.

"ކާމިޔާބާއި ނާކާމިޔާބު އެކި މީހުން މިނާނީ އެކި ގޮތަށް. ހިޔާނާތުގެ ކުރިމަތީގައި ތިމަންނާގެ މެންބަރު ދުވަހަކު ވެސް ފަހަތަށް ޖައްސާ ނުލެވޭނޭ ގަލޮޅު އުތުރުން އެ ޔަގީންކަން އޮތުން އެއީ އަޅުގަނޑުގެ ކާމިޔާބު،" އީވާ ވިދާޅުވި އެވެ.

އީވާ ވަނީ މި ވާހަކަތަކަށް ފަހު އިސްތިއުފާގެ ސިޓީ މަޖިލީހުގެ ރިޔާސަތާ ހަވާލު ކުރައްވައިފަ އެވެ. އަދި ތަޅުން ދޫކުރައްވައި ވަޑައިގެންފަ އެވެ.

މަޖިލީހުގައި ނައިބު ރައީސްގެ މަގާމަށް މެންބަރަކު އައްޔަން ކުރުން މިރޭގެ ވަގުތެއްގައި އޮންނާނެ އެވެ.