Roadha Mihaaru
ނުޒުހާ އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް

ބްރޯޑްކޮމްއަށް ނުޒުހާ އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް

18 މާޗް 2024

ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު ކަމަށް އައްޔަން ކުރަން މީގެ ތިން ހަފުތާ ކުރިން ރައްޔިތުންގެ މަޖިލީހުން ފާސްކުރި އައިމިނަތު ނުޒުހާ އެ މަގާމަށް އައްޔަންކޮށްފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު ކަމަށް އައްޔަން ކުރަން މީގެ ތިން ހަފުތާ ކުރިން ރައްޔިތުންގެ މަޖިލީހުން ފާސްކުރި އައިމިނަތު ނުޒުހާ އެ މަގާމަށް އައްޔަންކޮށްފި އެވެ.

ނުޒުހާ އެ މަގާމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަން ކުރައްވާފައިވީ ނަމަވެސް، ކުރިން އަމަލު ކުރާތާ ގޮތާ ހިލާފަށް ނުޒުހާ އަށް މަގާމުގެ ފަތްކޮޅު އެރުވީ ރައީސް އޮފީހުުގައެއް ނޫނެވެ.

މަގާމުގެ ފަތްކޮޅު ރައީސް އޮފީހުން ފޮނުވާފައިވަނީ އޭނާގެ ގެއަށް ކަމަށް ނުޒުހާ "މިހާރު" އަށް ވިދާޅުވި އެވެ.

މީގެކުރިން އަމަލު ކުރަމުން އަންނަ އުސޫލަކީ މިނިވަން މުއައްސަސާތަކާއި މުސްތަގިއްލު މަގާމުތަކަށް ބޭފުޅުން އައްޔަން ކުރަން ރައީސް އޮފީހުގައި ހާއްސަ ރަސްމިއްޔާތެއް ބާއްވައި، އެ ރަސްމިއްޔާތުގައި ފަތްކޮޅު ދެއްވުމެވެ. ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުން ވެސް ކުރީގެ ސަރުކާރުތަކުގައި އައްޔަން ކުރަނީ އެގޮތަށެވެ.

މި އުސޫލު މި ސަރުކާރުން ބަދަލުކޮށްފައިވާ ކަމެއް މިހާތަނަށް ސާފެއް ނޫނެވެ.

ކޮމިޝަންގެ މެންބަރު ކަމަށް ނުޒުހާ މިއަދު އައްޔަން ކޮށްފައިމިވަނީ އޭނާ އެ މަގާމަށް އައްޔަންނުކޮށް ލަސްކުރަމުންދާތީ އެކަން މިއަދު ބައެއް ނޫސްތަކުގައި ރިޕޯޓް ކޮށްފައިވަނިކޮށެވެ.

ނުޒުހާ އަކީ ރާއްޖެޓީވީގައި ވަރަށް ގިނަ ދުވަހު މަސައްކަތްކޮށްފައިވާ ނޫސްވެރިއެކެވެ.

ބްރޯޑްކޮމްގެ މިހާރުގެ ރައީސަކީ މަރިޔަމް ވަހީދާ އެވެ. ނައިބު ރައީސަކީ މުހައްމަދު ފަޒީން އެވެ. ދެން އެ ކޮމިޝަންގައި ތިއްބަވަނީ އަލީ ޔޫސުފާއި އާމިނަތު އަމީނާއި ޝިފްލާ އިބްރާހިމް އަދި ސޮފާ ޝަފީގެވެ. އެ ހުރިހާ ބޭފުޅުން ވެސް ކުރިން ވަނީ އެކިއެކި މީޑިއާތަކުގައި ހަރަކާތްތެރިވެވަޑައިގެންފަ އެވެ.