Roadha Mihaaru
ހުޅުމާލެއަށް މަދުވެގެން ހަ ސްކޫލު ބޭނުން: މިނިސްޓަރު

ހުޅުމާލެ އަށް މިހާރު ވެސް މަދުވެގެން ހަ ސްކޫލު ބޭނުންވޭ: މިނިސްޓަރު

19 މާޗް 2024

ހުޅުމާލެ އަށް މަދުވެގެން އިތުރު ހަ ސްކޫލު ވީ އެންމެ އަވަހަކަށް ބޭނުންވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ހުޅުމާލެ އަށް މަދުވެގެން އިތުރު ހަ ސްކޫލު ވީ އެންމެ އަވަހަކަށް ބޭނުންވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭ ދޭސް ދެ ވަނަ ސަރަހައްދުގައި މިހާރު ތައުލީމު ދެމުން އަންނަނީ ހަމައެކަނި ސަލާހުއްދީން ސްކޫލުގަ އެވެ. ހުޅުމާލެ 2 ގައި ދިރިއުޅޭ މީހުންގެ އާބާދީ އިތުރުވަމުން އަންނައިރު، ބާރުބޮޑުވާތީ ކުރިއަށް އޮތް ދިރާސީ އާ އަހަރާ އެކު، އެ ސްކޫލުގެ ކިޔެވުން ދެ ދަންފަޅިއަށް ބަދަލުކުރަން ވަނީ ނިންމައިފަ އެވެ.

ސަތާރަ ސަތޭކަ ކުދިންނަށް ކިޔަވައިދެވޭ ސަލާހުއްދީން ސުކޫލުގައި މި ވަގުތު ވެސް 2،053 ކުދިން ކިޔަވަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ފުރުސަތުގައި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް ވަނީ ފޭސް ދެ ވަނަ ސަރަހައްދަށް އިތުރު ކިތައް ސްކޫލު ބޭނުންވޭތޯ ސުވާލުކުރައްވައިފަ އެވެ.

"އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އިތުރު 14 ސްކޫލު ބޭނުންވޭ ހުޅުމާލެ އެކެއް ދެއަކަށް،" އަލީ ނިޔާޒް ވިދާޅުވި އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ޓާގެޓުކުރަނީ އެއް ސެޝަނަށް ސްކޫލުތައް ބަދަލުކުރަން ކަމަށާއި އެކަމުން ތައުލީމީ ފެންވަރު ރަނގަޅުވެ، ވަށާޖެހޭ ތައުލީމެއް ފޯރުކޮށްދޭން ފަސޭހަވެގެން ދާނެ ކަމަށެވެ.

ނަމަވެސް ދަރިވަރުން އުޅޭ ތަނަކުން ތައުލީމު ފޯރުކޮށްދިނުމަށް ބޮޑު ޒިންމާއެއް އެބައޮތް ކަމަށް އިސްމާއިލް ވިދާޅުވި އެވެ.

ތައުލީމުގެ ކަށަވަރުކަން ޔަގީންކުރުމަށް އާރްސީސީން މިހާރު ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި އަޅަމުން އަންނަ ސްކޫލުގެ އިތުރުން މަދުވެގެން ހަތަރު ސްކޫލު ބޭނުންވާނެ ކަމަށާއި ފުރަތަމަ ފިޔަވައްސަށް އިތުރު ދެ ސްކޫލު ބޭނުންވާނެ ކަމަށް އިސްމާއިލް ވިދާޅުވި އެވެ.

"ކޮންމެހެން އެއް ސެޝަނަށް ގެންދިއުމުގެ ވާހަކައެއް ނޫން މި ނަންގަތީކީ، ކަށަވަރުކުރަން ކަށަވަރުކުރެވޭނީ ހަ ސްކޫލު އަދި ހުޅުމާލޭގައި ގާއިމްކުރެވިގެން،" އޭނާ ވިދާޅުވި އެވެ.

ދެ ވަނަ ފިޔަވަހިން ސްކޫލް ޖާގަ އަށް އެދި މިއަދާ ހަމައަށް 800 އަށް ވުރެ ގިނަ ރިކުއެސްޓް ލިބިފައިވާ މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ސަލާހުއްދީން ސުކޫލު ދެ ދަންފަޅިއަށް ބަދަލުކުރީ އެގޮތް ބޭނުން ވެގެން ނޫން ކަމަށާއި އިތުރު ގޮތެއް ނެތުމުން ކަމަށެވެ.