Roadha Mihaaru
އެމްއެންބީސީގެ ދަރަނި ދައްކަނީ، ބިގަށް 30 މިލިއަން

އެމްއެންބީސީގެ ބޮޑެތި ދަރަނިތައް ދައްކަން ފަށައި، ބިގް ކުންފުންޏަށް 30 މިލިޔަން ދީފި

24 ފެބުރުއަރީ 2019

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ދައުލަތުގެ މީޑިއާ ހިންގަން އުފެއްދި މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްއެންބީސީ) އާއި ޕީއެސްއެމުން އެކި ކުންފުނިތަކަށް ދައްކަންޖެހިފައިވާ ބޮޑެތި ދަރަނިތައް އަދާކުރަން ފަށައި، ބިޒްނަސް އިމޭޖް ގްރޫޕް(ބިގް) އަށް ދޭން ސިވިލް ކޯޓުން ހުކުމްކޮށްފައިވާ 78 މިލިޔަން ރުފިޔާގެ ތެރެއިން 30 މިލިއަން ރުފިޔާ ދައްކައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ދައުލަތުގެ މީޑިއާ ހިންގަން އުފެއްދި މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްއެންބީސީ) އާއި ޕީއެސްއެމުން އެކި ކުންފުނިތަކަށް ދައްކަންޖެހިފައިވާ ބޮޑެތި ދަރަނިތައް އަދާކުރަން ފަށައި، ބިޒްނަސް އިމޭޖް ގްރޫޕް(ބިގް) އަށް ދޭން ސިވިލް ކޯޓުން ހުކުމްކޮށްފައިވާ 78 މިލިޔަން ރުފިޔާގެ ތެރެއިން 30 މިލިއަން ރުފިޔާ ދައްކައިފި އެވެ.

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަލީ ޚާލިދު "މިހާރު" އަށް މިއަދު ވިދާޅުވީ ހުއްޓާލާފައިވާ އެމްއެންބީސީގެ ދަރަނި ޕީއެސްއެމުން ދައްކަނީ އެ ޒިންމާ ޕީއެސްއެމުން ނަގަންޖެހޭނެ ކަމަށް ޕްރައިވެޓަޒައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑުން އެންގުމުން ކަމަށެވެ.

"ޕްރައިވެޓަޒައިޒޭޝަން ބޯޑުން އެންގީ އެ ފައިސާ ދައްކަން ޖެހޭނީ މި ކުންފުނިންނޭ. ދެން އަޅުގަނޑުމެން ފިނޭންސާ ވާހަކަ ދައްކައިގެން އެ ފައިސާ ދައްކަން މި ފެށީ. އެންމެ ފުރަތަމަ އެ ކުންފުންޏަށް ފައިސާ ދައްކަން ފެށީ އެއީ 2016 ވަނަ އަހަރު ހުކުމްކޮށް، ހުކުމާ އެއްގޮތަށް ނުދައްކާތީ އިތުރުވަމުންދާ ދަރަންޏަަކަށް ވީމާ،" އަލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ފައިސާ ދައްކަން ފެށީ ފިނޭންސް މިނިސްޓްރީ އާއި އެމްއެންބީސީ މަޝްވަރާކޮށްގެން، އެ ކުންފުނިން އެއްބަސްވި ގޮތަށް ކަމަށެވެ. އަލީ ވިދާޅުވީ، ބިގްގެ އިތުރުން ވެސް އަމިއްލަ ބައެއް ކުންފުނިތަކަށާއި ދައުލަތުގެ ބައެއް ކުންފުނިތަކަށް ވެސް ޕީއެސްއެމުން ގިނަ އަދަދެއްގެ ފައިސާ ދައްކަން ޖެހިފައިވާ ކަމަށެވެ.

ބޮޑެތި ދަރަނިތަކެއް އެބަހުރި

ބިގްގެ އިތުރުން ޕީއެސްއެމުން ފައިސާ ދައްކަންޖެހޭ އަމިއްލަ އެހެން ކުންފުނިތަކަށް ޖުމްލަ 14 މިލިޔަން ރުފިޔާ ދައްކަން އެބަ އޮތެވެ. އަދި ދައުލަތުގެ ކުންފުނިތައް ކަމަށްވާ ސްޓެލްކޯއަށާއި އެސްޓީއޯ އަދި ފެނަކަ ކޯޕަރޭޝަނަށް ވެސް ފައިސާ ދައްކަން އެބަ އޮތެވެ.

"އެސްޓީއޯ އަށް 24 މިލިޔަން ރުފިޔާ، ސްޓެލްކޯ އަށް 17 މިލިޔަން ރުފިޔާ، ފެނަކަ އަށް އަށް ވެސް އެތައް މިލިޔަނެއް. އޭގެ އިތުރުން އަމިއްލަ ބައެއް ކުންފުނިތަކަށް ޖުމްލަ 14 މިލިޔަން ރުފިޔާ ދައްކަން އެބަ އޮތް،" އަލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެންމެ ކަންބޮޑުވަނީ އަމިއްލަ ކުންފުނިތަކަށް ދައްކަން ޖެހޭ ފައިސާ ނުދެއްކި ހުރުމުން ކަމަށެވެ. އަދި ދައުލަތުގެ ކުންފުނިތަކާ މަޝްވަރާކޮށްގެން ފައިސާ ދައްކާނެ އިންތިޒާމްތަކެއް ހަމަޖައްސަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.