Roadha Mihaaru
މިދުވަސްވަރު ކަރަންޓު ބޭނުންކުރާ މިންވަރު ވަރަށް މަތި!

މިދުވަސްވަރު ކަރަންޓު ލޯޑު ވަރަށް މަތި، ބޭނުން ކުރުމުގައި ސަމާލުވާން އިލްތިމާސްކޮށްފި

20 މާޗް 2024

މިދުވަސްވަރު އާދަޔާ ހިލާފަށް ހޫނު ގަދަވުމާއި އަދި ރޯދަމަހާ ދިމާވެފައިވާތީ މާލެ ސަރަހައްދުގައި ކަރަންޓް ބޭނުން ކުރާ މިންވަރު އިތުރުވެފައިވާތީ ކަރަންޓު ބޭނުން ކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް ސްޓެލްކޯއިން އިލްތިމާސް ކޮށްފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މިދުވަސްވަރު އާދަޔާ ހިލާފަށް ހޫނު ގަދަވުމާއި އަދި ރޯދަމަހާ ދިމާވެފައިވާތީ މާލެ ސަރަހައްދުގައި ކަރަންޓް ބޭނުން ކުރާ މިންވަރު އިތުރުވެފައިވާތީ ކަރަންޓު ބޭނުން ކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް ސްޓެލްކޯއިން އިލްތިމާސް ކޮށްފި އެވެ.

މާލެ ސަރަހައްދަށް ކަރަންޓު ދޭ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިދުވަސްވަރަކީ މިއަހަރު ރާއްޖެއަށް އެންމެ ހޫނު ގަދަވާނެ ދުވަސްވަރު ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހަކީ ކަރަންޓުގެ ބޭނުންކުރާ މިންވަރު އެހެން މަސްމަހަށް ވުރެ އިތުރު މަހަކަށް ވުމުން މިދުވަސްވަރު ކަރަންޓު ބޭނުން ކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް އޭނާ ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

ސްޓެލްކޯއިން ބުނިގޮތުގައި އާންމު ގޮތެއްގައި މާލެ ސަރަހައްދުގައި ދުވާލަކަށް ކަރަންޓު ބޭނުންކުރާ މިންވަރު 94 މެގަވޮޓަށް އެރި ނަމަވެސް މި ދުވަސްވަރު 104.7 މެގަވޮޓާއި ހަމައަށް ކަރަންޓު ބޭނުން ކުރަމުންދާ ކަން އެ ކުންފުނީގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.

"އެހެންކަމުން ކަރަންޓަށް ކުރަންޖެހޭ ހޭދަ ވީހާވެސް ކުޑަ ކުރުމަށް، ކޮންމެހެން ބޭނުންވާ މިންވަރަށް ކަރަންޓު ބޭނުން ކުރެއްވުމަށާއި، މި ދުވަސްވަރު ކަރަންޓު އިގްތިސޯދު ކުރުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސް ކުރަން،" އޭނާ ވިދާޅުވި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހިއްސާކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރު އެންމެ ހޫނު ގަދަވި ދުވަހު ހުރީ 42 ޑިގްރީ ސެލްސިއަސްގަ އެވެ. މިދިޔަ އަހަރު އެންމެ ހޫނުގަދަވި ދުވަސްވަރު މާލޭ ސަރަހައްދުގައި އިހުސާސްކުރެވޭ ހޫނުމިން 45 ޑިގްރީ ސެލްސިއަސްއަށް ވެސް އެރި އެވެ.

މެޓުން ބުނިގޮތުގައި މިއަހަރަކީ އެލްނީނޯ އަހަރެއް ކަމުން، ހޫނުމިން އިތުރަށް މަތިވުމުގެ ފުރުސަތު އޮތް ކަމަށް ދުނިޔޭގެ މޫސުމާ ބެހޭ ޖަމިއްޔާތަކުން ވެސް ލަފާކުރެ އެވެ.

އެންމެ ބޮޑަށް ދުވަހުގެ ހޫނުމިން އާންމު ގޮތެއްގައި އެންމެ މައްޗަށް ދަނީ މެންދުރުފަހު 2 ޖަހާއިރު ކަމަށް ވެސް މެޓުން ބުނެ އެވެ.