Roadha Mihaaru
ސްޓެލްކޯ އިން ވެސް ސްމާޓް މީޓަރު ހަރުކުރަނީ

ސްޓެލްކޯ އިން ވެސް ސްމާޓް މީޓަރު ހަރުކުރަނީ

29 އޯގަސްޓް 2024

ސްޓެލްކޯ އިން ހިދުމަތް ދޭ ހުރިހާ ރަށެއްގެ ގޭގޭގައި ސްމާޓް މީޓަރު ހަރުކުރަން ނިންމައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ސްޓެލްކޯ އިން ހިދުމަތް ދޭ ހުރިހާ ރަށެއްގެ ގޭގޭގައި ސްމާޓް މީޓަރު ހަރުކުރަން ނިންމައިފި އެވެ.

އެ ކުންފުނިން މިއަދު ބޭއްވި މީޑިއާ ބްރީފިންއެެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ، ސްމާޓް މީޓަރު ހަރުކުރުމުގެ މަސައްކަތް އަންނަ މަހު ފަށާނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްމާޓް މީޓަރަށް ބަދަލު ކުރާނެ އެވެ. ސްމާޓް ގްރިޑްގެ މަސައްކަތް މިހާރު ނިމުމަކާ ގާތްވެފައިވާ ކަމަށް ފަހުމީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އިންޖީނުތައް ހިންގަނީ އެކަމަށް ހާއްސަ ސިސްޓަމެއް މެދުވެރިކޮށް ޑިޖިޓަލް ނިޒާމެއްގެ ތެރެއިން ކަމަށެވެ.

".... އެއީ ހުރިހާ ޓްރާންސްފޯމަރުތަކުގެ އޮފީހުގައި ތިބެގެން ސްވިޗް އޮން އަދި އޮފް ކޮށް އަދި އޭގެ ލޯޑު ކަލްކިއުލޭޝަން ވެސް ނެގޭ ގޮތަށް،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ހުރިހާ ރަށެއްގައި ސްމާޓް ގްރިޑް ގާއިމް ކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، އެ ޕްރޮޖެކްޓް ނިމުމާ ގުޅިގެން ސްމާޓް މީޓަރު ހަރުކުރުމުގެ ބޭނުން ކަމަށެވެ.

"ޖުމްލަ ޓޯޓަލް ސޮލިއުޝަން މި ލިބެނީ ސްމާޓް ގްރިޑާއި ސްމާޓް މީޓަރު އެއްކޮށް ހުރުމުން،" ފަހުމީ ވިދާޅުވި އެވެ.

ރާއްޖޭގައި ގާތްގަނޑަކަށް ހުރިހާ ރަށަކަށް ކަރަންޓު ފޯރުކޮށްދޭ ފެނަކައިން ސްމާޓް މީޓަރު ހަރުކޮށް ބޭނުންކުރާތާ ދުވަސްތަކެއް ވެއްޖެ އެވެ.