Roadha Mihaaru
ސްޓެލްކޯގައި ކޯލް ސެންޓަރެއް، ގުޅާނީ 1545 އަށް

ސްޓެލްކޯގައި ކޯލް ސެންޓަރެއް ގާއިމްކޮށްފި، ގުޅާނީ 1545 އަށް

28 އޯގަސްޓް 2024

ކަރަންޓުގެ ހިދުމަތް ދެމުން އަންނަ ސްޓެލްކޯއިން ކޯލް ސެންޓަރަކާއި ހޮޓްލައިނެއް މިއަދު ގާއިމްކޮށްފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ކަރަންޓުގެ ހިދުމަތް ދެމުން އަންނަ ސްޓެލްކޯއިން ކޯލް ސެންޓަރަކާއި ހޮޓްލައިނެއް މިއަދު ގާއިމްކޮށްފި އެވެ.

ކޯލް ސެންޓަރު ގާއިމް ކޮށްފައިވަނީ ސްޓެލްކޯގެ އިމާރާތުގައި މިހާރު ހުންނަ ފިހާރައާ އެއްކޮށްލައި ކަސްޓަމާ ކެއާއަށް މިހާރު ހާއްސަ ކޮށްފައިވާ ޖާގަ ބޮޑު ކުރުމަށްފަހު އެވެ. މި ކޯލް ސެންޓަރަށް ގުޅޭނެ ހޮޓްލައިން ނަމްބަރަކީ 1545 އެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވީ ސްޓެލްކޯގެ ހިދުމަތުގެ ދިގު ތާރީހުގައި ރައްޔިތުންނާ ގާތުން މަސައްކަތްކޮށް ފަސޭހަކަމާއިއެކު ރައްޔިތުންނަށް ހިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް ނުކުރެވިއޮތް މަސައްކަތަކީ ކޯލް ސެންޓަރެއް ގާއިމް ކުރުން ކަމަށެވެ.

ކޯލް ސެންޓަރު ގާއިމްކޮށް ނިންމުމަށްފަހު މިއަދު ބޭނުން ކުރަން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސްޓެލްކޯއިން ފޯރުކޮށްދެމުންދާ ހުރިހާ ހިދުމަތަކާއި ގުޅުންހުރި މައުލޫމާތާއި ކަރަންޓު ބިލްތަކާއި ގުޅުންހުރި ޝަކުވާތަކާއި ކުންފުންޏާއި ގުޅުންހުރި އެނޫން ވެސް ކަންކަމުގައި ސްޓެލްކޯގެ ހޮޓްލައިން 1545 މިހާރު ބޭނުން ކުރެވޭނެ،" ފަހުމީ ވިދާޅުވި އެވެ.

"ސްޓެލްކޯގެ ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ސްޓެލްކޯ ކެއާގެ ހިދުމަތާއިއެކު ވައިބާ، ވަޓްސްއެޕް އަދި ޓެލެގްރާމް މެދުވެރިކޮށް ސްޓެލްކޯގެ ކޮންޓެކްޓް ސެންޓަރާ މުއާމަލާތު ކުރެއްވޭނެ." އޭނާ އިތުރަށް ވިދާޅުވި އެވެ.

ފަހުމީ ވިދާޅުވީ ކުންފުނީގެ އަމާޒަކީ ހުރިހާ ގޮތަކުންވެސް ރައްޔިތުންނާއި ގާތުން މަސައްކަތްކޮށް، ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ކަށަވަރުވެފައިވާ ކުންފުންޏެއްގެ ގޮތުގައި ދެމިއޮތުން ކަމަށެވެ.