21 މާޗް 2024
ބަނދަރުމަތީގައި "އައި ލަވް ށ. ގޮއިދޫ" ޖަހާފައި އިން ބޯޑާ ހިސާބުން ކުޑަ ތަންކޮޅަކަށް ދެވުނުތަނާ ސަލާން ގޮވާލި އެވެ. މި ރަށަށް އަހަރެމެން އައި ބޭނުން އޮޅުންފިލުވި އެވެ. އެހީތެރިވެދޭން މޫސާ އާދަމް (މޫސަބެ) ހަވާލުވީ އަމިއްލައަށެވެ. ކައުންސިލަރަކަށް ގުޅާކަށް ނުޖެހުނެވެ. ފިނިކޮށްލަން އުނދޯލިތަކުގައި ތިބި މީހުން ވެސް އޭނާއަށް ހިތްވަރުދިނެވެ. އަހަރެމެން ބޭނުން ހުރިހާ ކަމެއް މި ރަށުން ހަމަޖައްސައިދިނުމަށެވެ.
ބަނދަރުމަތީގައި "އައި ލަވް ށ. ގޮއިދޫ" ޖަހާފައި އިން ބޯޑާ ހިސާބުން ކުޑަ ތަންކޮޅަކަށް ދެވުނުތަނާ ސަލާން ގޮވާލި އެވެ. މި ރަށަށް އަހަރެމެން އައި ބޭނުން އޮޅުންފިލުވި އެވެ. އެހީތެރިވެދޭން މޫސާ އާދަމް (މޫސަބެ) ހަވާލުވީ އަމިއްލައަށެވެ. ކައުންސިލަރަކަށް ގުޅާކަށް ނުޖެހުނެވެ. ފިނިކޮށްލަން އުނދޯލިތަކުގައި ތިބި މީހުން ވެސް އޭނާއަށް ހިތްވަރުދިނެވެ. އަހަރެމެން ބޭނުން ހުރިހާ ކަމެއް މި ރަށުން ހަމަޖައްސައިދިނުމަށެވެ.
ގޮއިދޫ: މިއީ އަމާން، ހިތްފަސޭހަ ރީތި ރަށެއް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އެންމެންނާ ގުޅޭ މޫސަބެ ތައާރަފެއް ދޭނަމެވެ. މުޅި އުމުރު ހޭދަކުރީ މި ރަށުގައި ސަރުކާރުގެ ހިދުމަތުގަ އެވެ. ރަށު އޮފީހާއި ކޯޓުގައި 31 އަހަރަށް ފަހު ރިޓަޔާވުމުގެ ކުރިން އެންމެ ފަހުން މަސައްކަތްކުރީ ކައުންސިލްގަ އެވެ. ހަތަރު ދަރިންގެ ތެރެއިން އެކަކު އުޅެނީ ގައުމީ ހިދުމަތުގައި ސިފައިންގޭގަ އެވެ. އެއީ މޫސަބެ ވަރަށް ފަޚުރުވެރިވާ ކަމެކެވެ. ދެން ތިބި ދަރިން ވެސް ރަނގަޅު ވަޒީފާތަކުގަ އެވެ.
މަސައްކަތެއްގެ ތެރޭގައި ނޫޅެ ހިމޭނުން މޫސަބެއަށް ނުހުރެވޭތީ މިހާރު ހުރީ ދަނޑު ހެއްދުމަށް ހުސްވެ އެވެ.
"ވަރަށް ކަމުދާނެ އިނގޭ މި ރަށް. ހިތްހެޔޮވާނެ މި ރަށު މީހުން. ހަމަ ތަފާތު ރަށެކޭ ބުނޭ އަންނަ އެންމެން ވެސް،" ރަށު ތެރެއަށް ހިނގައިގަތުމުގެ ކުރިން މޫސަބެ ބުންޏެވެ.
މޫސަބެ "މިހާރު"އާ ވާހަކަ ދައްކަނީ: މި ރަށުގެ ސަރުކާރު އޮފީސްތަކުގައި 31 އަހަރު ހިދުމަތްކުރި. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ތެދެކެވެ؛ ށ. އަތޮޅުގެ އެކި ރަށްރަށަށް ކުރި ދަތުރުގައި ގޮއިދޫ ހާއްސަ އެވެ.
މެހުމާންދާރީ އެވެ. މީހުންގެ ހިތްހެޔޮ ކަމެވެ. އެކުވެރިކަމާ އެކު އެންމެން ގުޅިގެން އުޅުމެވެ. ކުރިއަރުވާ ރީތި އާދަތަކެވެ. އެހެން ރަށަކުން ނުފެންނަ ވަރަށް މި ރަށުގެ ކުރިއެރުމަށް ޒުވާނުން އިސްވެ ދައްކާ ނަމޫނާ އެވެ. ލިބިފައި އޮތް މަދު ވަސީލަތްތަކާ އެކު އާމްދަނީ ހޯދަން ކުރާ ހިތްވަރެވެ.
ގުދުރަތީ ރީތިކަން ހިމާޔަތް ކުރުމުގައި ވެސް މި ރަށް ހާއްސަ އެވެ. ބޮޑު ކަނޑޫފަލުގައި އޮތީ ޕާކެއް ހަދައި ހިތްގައިމު ކޮށްލައިފަ އެވެ. ސިޑިއަކުން ގަސްތަކުގެ ތެރެއަށް އަރައި ފެހިކަމާއި ނަލަކަމުގެ ތެރޭގައި ދޫނިތަކާއި އަސްދޫނި ފެންގަނޑާއި މަސްތައް ބަލާލައި ފޮޓޯ އާއި ވީޑިއޯ ސޯޝަލްމީޑިއާއަށް ލާން އަންނަވީ ގޮއިދޫގެ "ފުއްޓަރު" ޕާކަށެވެ.
ގޮއިދޫ ފުއްޓަރު ޕާކު: ގުދުރަތީ ރީތި ކަނޑޫފަލުގެ ތެރޭގައި ހަދާފައިވާ މި ޕާކު ވަރަށް ހިތްގައިމު. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
މޫސަބެ ކިޔައިދިން ގޮތުގައި 700 މީހުންގެ ގޮއިދޫގެ އަމާންކަމާއި ހިތްހަމަޖެހުން އަދި އެންމެން ގުޅިގެން އުޅުމުގެ ސިއްރަކީ ރަށް ހިންގުމާ ހަވާލުވާ މީހުންނާއި ރައްޔިތުންނާ ދެމެދު ބާއްވާ ގުޅުމެވެ. ހިޔާލުތަފާތުވާ ކަންކަން ހުރެ އެވެ. އެކަމަކު ގިނަ ބަޔަކަށް އެއްބަސްވެވޭ ގޮތް އިހްތިޔާރުކުރުމުގެ އާދަ ހިފަހައްޓަ އެވެ.
މިދިޔަ އަހަރުގެ ގައުމީ އެއްބައިވަންތަކަމުގެ ދުވަހު ގޮއިދޫ ރައްޔިތުން ދަނޑުގައި. -- ފޮޓޯ: ކައުންސިލް
"މިއީ ބުނާ ބަދު ބަހެއް ނޫން. ބައެއް ރަށްރަށުގައި ވެރިން އެންގިޔަސް އެކަމެއް ރައްޔިތުން ނުކުރާނެ. އެހެން ނުވާނެ ށ. ގޮއިދޫގެ ރައްޔިތުން. އަންހެންވެރިން ވިޔަސް ފިރިހެން ވިޔަސް އަންގާލި ކަމަކަށް ހޭވައްލާ ތައްޔާރު،" މޫސަބެ ބުންޏެވެ.
"ފުރިހަމައަށް އިޖާބަދޭނެ. ތަރައްގީގެ މަސައްކަތެއް ވިޔަސް މުނާސަބަތަކަށް ވިޔަސް ގޮވާލުމާ އެކު ހަމަ އޯކޭ. އަމިއްލަ ހުރިހާ ކަމެއް ހުއްޓާލާފައި ބައިވެރިވާނެ. ހަބަރު ލިބޭ ގޮތުގައި މި އަތޮޅުގެ ވެސް ރަށްތަކުގައި ކަމަކަށް ގޮވާލީމަ ދާން ހިތަށް އެރި މީހަކު ދާނީ. ވަރަށް ރަނގަޅުވާނެ ގޮއިދޫ، އަޅުގަނޑު ރަށްވީމަކާ ނޫން މިބުނަނީ."
ރައްޔިތުން ނުކުމެ ގޮއިދޫ ސާފުކުރަނީ. -- ފޮޓޯ: ކައުންސިލް
އޭނާގެ އެންމެ ބޮޑު ޝަކުވާއަކީ ޓޫރިޒަމަށް 50 އަހަރު ފުރުނުއިރު ވެސް ގޮއިދުއަށް "ރަން ބިސް އަޅާ ކުކުޅު"ން ނުވަތަ ޓޫރިޒަމުން އުފާވެރިކަމެއް ނުލިބުމެވެ. މި ރަށުގެ ރީތިކަން ވިއްކެން އޮތް އިރު އިގްތިސާދު ބިނާވެފައިވާ ޓޫރިޒަމުން ނަފާވާނެ މަގެއް ގޮއިދުއަކަށް ނެތެވެ.
ޒުވާނުންގެ ގިނަ ބަޔަކު ރިސޯޓްތަކުގައި މަސައްކަތް ކުރާއިރު އެންމެން ވެސް އުޅެން ޖެހެނީ ރަށާ މާ ދުރުގަ އެވެ. މި ސަރަހައްދުގައި ނުވަތަ ގޮއިދުއާ ކައިރީގައި ރިސޯޓެއް ނެތުމުގެ ކަންބޮޑުވުން ސަރުކާރުތަކުގައި ދަންނަވައިފި އެވެ. އެކަމަކު އެ ހުވަފެނުގައި ކުލަ ޖެހުމުގެ އުއްމީދު އޮތީ މާ ދުރުގަ އެވެ.
ރަށުގެ ޒުވާނުންނާ އެކު ވޮލީ ކުޅުއްވަނިކޮށް ފެނިގެން އިންޓަވިއު ނެގި ކައުންސިލްގެ ނައިބު ރައީސް ހުސެއިން ޒިޔާދުގެ ވާހަކަ, މޫސަބެ ދެއްކި ވާހަކަތަކާ މާބޮޑު ތަފާތެއް ނެތެވެ.
ގޮއިދޫގެ ޒުވާނުންތަކެއް ވޮލީ ކުޅެނީ: ކުޅިވަރަށް ލޯބިކުރާ އަދި ކާމިޔާބީ ހޯދަން ލޯބިކުރާ ޒުވާނުން އުޅޭ ރަށެއް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
"ށ. ގޮއިދޫއޭ ބުނީމަ މީގެ ކުރިން ނޭނގުނެއް ކަމަކު މި ރަށުގެ ނަން ބުނީމަ ނޭނގޭ މީހަކު މަދުވާނެ މިހާރު. އަޅުގަނޑުމެން ވީހާވެސް ބޮޑަށް ބަލަނީ މި ރަށުގެ އަމާންކަމާއި އެކުވެރިކަމާއި އެއްބައިވަންތަކަން ދެމެހެއްޓޭނެ ގޮތަކަށް ހުރިހާ ކަމެއް ވެސް ކުރިއަށް ގެންދެވޭތޯ،" އޭނާ ވިދާޅުވި އެވެ.
މަޣުރިބް ނަމާދަށް ބަންގި ގޮވުމާ އެކު ކުޑަކުދިންނާއި ޒުވާނުން ކުޅޭ ދަނޑުން ބޯޅަ ގެންދިޔައީ އެވެ. މިއީ އެ ކުދިން ރަނގަޅު މަގުގައި ތަރުބިއްޔަތުކުރުމުގެ އާދަތަކުގެ ތެރޭގައި ހިމަނާފައިވާ ކަމެކެވެ.
އެންމެ ބޮޑު ހިތްހަމަޖެހުމަކީ ކުށް މަދު ރަށަކަށް ވުމެވެ. މިގޮތުގައި ބާއްވަން އެންމެން ބާރުއަޅަ އެވެ.
ކުދިންތަކަކާ އެކު މޫދަށް އެރި އުޅުނު ގޮއިދޫ ކުއްޖަކު ދޯންޏަކުން މޫދަށް ފުންމާލަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ރައްޔިތުން އެންމެ މާޔޫސްވާ އެއް ކަމަކީ ސިއްހީ ހިދުމަތް ވަރަށް ހާލުގައި އޮތުމެވެ. ބަލިވެއްޖެ ނަމަ އުފުލަން ޖެހޭ ތަކުލީފު ދެ ގުނަވެ އެވެ. ލޭގެ ޓެސްޓެއްހާ މިންވަރު ވެސް ނުހެދެ އެވެ. ސާމްޕަލް ފޮނުވަން ޖެހެނީ ކައިރި ރަށަކަށެވެ.
ސިއްހީ މަރުކަޒު އަދިވެސް ހިންގަނީ މީގެ އެތައް އަހަރެއް ކުރިން ރައްޔިތުން އެޅި އިމާރާތުގަ އެވެ. އަމިއްލަ ހަރަދުގައި ހެދި އިމާރާތް ވަރަށް ހާލުގައި ހުރިއިރު މި ރަށު މީހުން ބުނާ ގޮތުގައި އެތަނުގައި އެއްވެސް ކަމެއް ނެތެވެ.
ފުދުންތެރިކަން އިތުރުވެ ގައުމުގެ ހާލަތު ބަދަލުވަމުން އަންނައިރު ރަށްރަށުގެ އެންމެ އަސާސީ މިކަންކަން ކުރިއަރަން ޖެހޭ ކަމަށް އެ މީހުން ގަބޫލުކުރެ އެވެ.
މި އަތޮޅަށް ކުރި ދަތުރުގައި މިހާ ރީތި، ހިތްފަސޭހަ ތަނަކަށް އަދި ނާދެވެ އެވެ؛
މިއީ ގޮއިދޫގެ އިރުމަތީ ފަރާތުގައި އޮންނަ މި ރަށުގެ ބޮޑު ކަނޑޫފަލެވެ. މި ޗަސްބިމުގައި މިތަނުގެ ގުދުރަތީ ރީތިކަން ނުގެއްލޭނެ ގޮތަށް ފަރުމާކޮށްފައިވާ ހިތްގައިމު ނޭޗާ ޕާކެކެވެ.
ގޮއިދޫ ކަނޑޫފަލުގައި ހަދާފައިވާ ޕާކު. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
"މި ތަނަކީ ވެސް މި ރަށުގެ ޒުވާނުންގެ އެކުވެރިކަމުގެ ނަމޫނާއެއް،" މި ރަށު މިސްކިތުގެ އިމާމް އަދި މި ޕާކުގެ މަސައްކަތުގައި ވެސް އުޅުނު އިބްރާހިމް އާމިރު ބުންޏެވެ.
މި ޕާކު އަސްލަކަށް ވީ ގޮތް އޭނާ ކިޔައިދިނެވެ.
އެއީ ކޮވިޑުގެ ވަބާގައި މުޅި ރާއްޖެ ރަށުބަންދުވި ދުވަސްވަރެވެ. ރަށުން ބޭރުގައި ވަޒީފާ އަދާކުރި ޒުވާނުންނަށް ވެސް ރަށުގައި ބަންދުވެ ތިބެން މަޖުބޫރުވި އިރެވެ. މި ޕާކަކީ އެހެން ތިބިތިބުމުގައި ޒުވާނުންގެ މެދުގައި ދެކެވުނު ވާހަކަތަކެއްގެ ތެރެއިން އުފަންވި ހިޔާލަކަށް ހެދި ތަނެކެވެ. އޭގެ ފައިދާ މިއަދު މުޅި ރަށަށް ވެސް އެބަ ކުރެ އެވެ.
ފުއްޓަރު ޕާކުގެ ފެންގަނޑުގައި އަސްދޫންޏެއް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
"މި ތަނަކީ މިހާރު ވަރަށް ގިނަ ރަށްރަށުން މީހުން ޒިޔާރަތްކުރާ ތަނެއް، މި ތަނުގައި ހިތްގައިމުކަން ލިބިގަތުމަށްޓަކާ. ހާއްސަކޮށް ޗުއްޓީ ދުވަސްވަރު ވަރަށް ގިނަ، މަދުވާނެ ރަށުން ބޭރުން ބަޔަކު ނާންނަ ދުވަހެއް،" އާމިރު ބުންޏެވެ
މި ޕާކަށް ވަނުމާ އެކު ފުރަތަމަ ވެސް ފެނުނީ ބޮޑު މަސްފެންގަނޑެކެވެ. މި މަސްފެންގަނޑުގައި ތަފާތު އެކި ބާވަތްތަކުގައި މަސް އެބައޮތެވެ. އަދި މި ފެންގަނޑުގެ ތެރޭގައި އަސްދޫނިތައް ވެސް ދެކޮޅަށް ދުވާތަން ފެނެ އެވެ. މިނިވަންކަމާ އެކު އުޅެން ދޫކޮށްލާފައިވާ މި އަސްދޫނިތައް މީހުންނާ ވެސް ވަރަށް އޮޅެވެ. އަހަރެމެން ޕާކަށް ވަނުމާ އެކު ވެސް އެ ސޮރުމެން ކައިރިއަށް އައިސް ވަށައިގެން އެނބުރެން ފެށި އެވެ. މިއަށް ހާއްސަ ގެއެއް ވެސް މިތަނުގައި ހަދައިފައި އެބަހުއްޓެވެ.
ފުއްޓަރު އަށީގެ މަސްފެންގަނޑުން ފެންނަ މަހުގެ ބާވަތްތަކާއި މި ސަރަހައްދަށް އަންނަ އެކި ވައްތަރުގެ ދޫނީތަކުގެ ނަންތައް ލިޔެފައިވާ ބޯޑެއް ވެސް މި ޕާކުގައި ހަދާފައިވާ ދިގު ފާލަމަށް އަރާއިރު ފެނެ އެވެ.
މި ފާލަމަށް އަރައިގެން ކުރިއަށް ދާ ވަރަކަށް ހިތަށް ލިބޭ ހަމަޖެހުން ވަރަށް ބޮޑެވެ. ވަރަށް ފެހި، ފިނި މަހާއުލެކެވެ. ފާލަމުގެ ދެފަރާތުގައި ކަނޑޫ ގަސްތަކާއި ބުރެވި ގަސްތަކެވެ. މަދުމަދުން ތެލަ ގަސްތައް ވެސް ދެކުނީމެވެ. މި ފާލަމުގެ ކޮޅަށް ދެވޭއިރު ދެން ޖެހެނީ ސިޑިއަކާ އެވެ. މި ސިޑިން މައްޗަށް އެރުމުން "ފުއްޓަރު އައްޓަށް" އާދެވުނީ އެވެ.
ކަނޑޫފަލުގެ ޕާކު ތެރޭގައި އިންނަ އަށި: ކައިވެނި ހަފުލާތަކާއި ޕާޓީތަކަށް ހިތްގައިމު މި ސަރަހައްދު ދޫކުރޭ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
މި އަށި ފަރުމާކޮށްފައި ހުރީ މިތަނުގައި ސަޔާއި ކޮފީ އާއި ކެއުންތަކަށް ވެސް ތިބެވޭނެ ގޮތަށް މޭޒާއި ގޮނޑި ޖަހައިފަ އެވެ. މި ތަނުގައި ތިބޭއިރު ކުރިމަތިން ފެންނަނީ މި ރަށުގެ ފުއްޓަރަށް ބިންދާ ބޮޑެތި ރާޅުތަކެވެ. ކަންފަތުގައި ޖެހެނީ މި ބިޔަ ރާޅުތަކުގެ ރާގެވެ.
މި ސަރަހައްދުން މި ރަށަށް އެކަނި ބެލިޔަސް ލޯކަލް ޓޫރިޒަމަށް ހަމަ ނަމޫނާ ރަށެކެވެ. މެހްމާންދާރީ އާއި ހިތްހެޔޮކަމާއި ގުދުރަތީ ނަލަ ކުޅިތަކާއި ރީތި މޫދާއި ދަނޑުވެރިކަމުގެ ފެހި ސަރަހައްދާ އެކު ލޯކަލް ޓޫރިޒަމް ކުރިއެރުވެން އެބައޮތެވެ. އެކަމަކު މި ރަށާއި މި ސަރަހައްދަށް ވެސް ޓޫރިޒަމް ކުރިއަރުވަން ސަރުކާރުތަކުން ދޭން ޖެހޭ ސަމާލުކަން ދީފައެއް ނެތެވެ.
ނޫން ނަމަ ޓޫރިޒަމަށް ބައިގަރުނުވީ އިރު ގޮއިދޫ އޮންނާނީ މިއަށް ވުރެން ވެސް މާ ކުރީގަ އެވެ. މި ރަށުގެ ލޭންޑްޔޫސް ޕްލޭން ހެދިއިރު ވެސް ޓޫރިޒަމަށް ބިންތައް ކަނޑައަޅާފައި އެބަހުއްޓެވެ.
ގޮއިދޫ: މި ރަށުގައި އާމްދަނީ ހޯދާ މައިގަނޑު މަސައްކަތަކީ ދަނޑުވެރިކަން. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ކައުންސިލުން ވެސް ބުނި ގޮތުގައި ޓޫރިޒަމަކީ "ވަރަށް ދަށްކޮށް" އޮތް ކަމެކެވެ.
"ގެސްޓްހައުސްގެ ނަމުގައި ބައެއް ތަންތަން އިމާރާތްކޮށްފައި އެބަހުރި. އެހެން ނަމަވެސް ފަތުރުވެރިން ގެނެވޭ ގޮތެއް ނުވޭ," ހުސެއިން ޒިޔާދު ވިދާޅުވި އެވެ.
"އެއީ އަބަދުވެސް އުއްމީދެއް. ޓޫރިޒަމް މިކޮޅުގައި ކުރިއަރައި ދިއުން."
ޒުވާނުންނަށް ރަށުގައި ވަޒީފާ އަދާކޮށް ރަށް ކުރިއަރުވައި އާއިލާތަކާ އެކު އުފާވެރި ދިރިއުޅުމަކަށް މަގުފަހިވާން އޮތީ ވެސް އެ ކުރިއެރުން މި ސަރަހައްދަށް އައިސްގެންނެވެ.
ރަށުގެ އެއްފަރާތް އޮތީ ދަނޑުތަކަށް ހުސްކޮށްފަ އެވެ. އުތުރުގައި އެންމެ ފުޅާކޮށް ދަނޑުވެރިކަން ކުރާ ރަށްތަކުގެ ތެރޭގައި ހިމެނޭ މި ރަށުގައި 200 އަށް ވުރެން ގިނަ ދަނޑު އޮތީ ދޫކޮށްފަ އެވެ. މިރުހާއި ބަރަބޮލާއި ބައްޓާއި ކިއުކަންބާ އާއި ފަތްކޭލާއި ލެޓިއުސް އާއްމުކޮށް ހެއްދިޔަސް ރޯދައަށް ހާއްސަކޮށް ގިނަ ދަނޑުތަކުގައި އޮތީ ކަރާ ހައްދައިފަ އެވެ.
"ވަރަށް ގިނަ އަދަދަކަށް ކަރާ ބޭރުކުރާނެ. ދުވާލެއްގެ މައްޗަށް 9 ޓަން ވެސް މި ދަނޑުތަކުން އެބަ ބޭރުވޭ," ފުޅާކޮށް ދަނޑުވެރިކަން ކުރަމުން އަންނަ އާމިރު ބުންޏެވެ.
ގޮއިދޫގެ ދަނޑެއްގައި ބަށި އިންދާފައި: މި ރަށުގެ ކޮންމެ ގެއަކަށް ވެސް ކައުންސިލުން އޮންނަނީ ދަނޑެއް ދޫކޮށްފައި. -- ފޮޓޯ: ފަޔާޒް މޫސާ \ މިިހާރު
"މި ރަށުގައި ނުތިބޭނެ ދަނޑުވެރިކަން ކުރަން ބިދޭސީން. އެ ގެއެއްގެ ދަނޑު ހައްދަން އުޅޭނީ އެ އާއިލާއަކުން"
ބިދޭސީންނާ އަތްމައްޗަށް ދަނޑުތައް ދޫނުކޮށްލުމުގައި މި ރަށުން ގެންގުޅޭ ވިސްނުން ވެސް ރަނގަޅެވެ. އެއީ މި ރަށުގައި ހައްދާ ތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމެވެ.
"އެ މީހުންނާ ހަވާލުކޮށްފިއްޔާ ބޭސް ޖެހުމުގައި ވެސް ލިމިޓެއް ނޯންނާނެ. މިއީ ބަޔަކު ކާން ހައްދާ އެއްޗެއް. ދަނޑުން ނެރެވޭ އެއްޗަކީ ކެއުމަށް, ސިއްހަތަށް ފައިދާ ހުރި އެއްޗެއް ކަމުގެ ކަށަވަރުކަން އެބަ އޮންނަން ޖެހޭ. އެ ޔަގީން ނޯވޭ އެ މީހުންނާ ހަވާލުކޮށްގެން." އާމިރު ބުންޏެވެ.
ގްރީން ހައުސް ޕްރޮޖެކްޓްގައި އިސްކޮށް އުޅުނު އާމިރު، އެތަނުގައި ހެއްދި މެލަންއެއް ދައްކާލަނީ. -- ފަޔާޒް މޫސާ | މިހާރު
އޭނާ ބުނި ގޮތުގައި ކިތަންމެ ބޮޑު ނަފާއެއް ލިބެން އޮތަސް ދަނޑުތަކަށް ކެމިކަލް ޖެހުމަށް ފަހު މުއްދަތު ހަމަނުވަނީސް މި ރަށުގެ ދަނޑުތަކުން ތަރުކާރީ އާއި މޭވާ ކަނޑައި ބޭރު ނުކުރާނެ އެވެ.
ރަށުގެ ޓީޗަރުންނާއި އިމާމުންނާއި ސަރުކާރުގެ ވަޒީފާތަކުގައި އުޅޭ ގިނަ މީހުން ވެސް ހުސްވަގުތު ކުރާ ކަމަކީ ދަނޑު ހެއްދުމެވެ. ވަޒީފާއަށް ވުރެން ބޮޑު އާމްދަނީއެއް މަހެއްގެ މައްޗަށް ދަނޑުވެރިކަމުން ބައެއް މީހުންނަށް ލިބެ އެވެ.
ގްރީން ހައުސްގައި މެލަން ހައްދާފައި: ދަނޑުވެރިކަމުގައި ކުރިއަރާފައިވާ މި ރަށުގައި އެކި ތަޖުރިބާތައް ކުރޭ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ދަނޑުވެރިކަމުގެ އެކި ތަޖުރިބާތައް ވެސް މި ރަށުގައި ކުރެ އެވެ. އެންމެ ފަހުގެ ޕްރޮޖެކްޓަކީ ގްރީން ހައުސްއެއްގެ ތެރޭގައި ދަނޑު ހެއްދުމެވެ. މިއީ އާއްމުކޮށް ދަނޑުތަކަށް ޖެހޭ ބަލިތަކުން ދުރުވެ އަވަހަށް ތާޒާ ކަމާ އެކު މޭވޭ އާއި ތަރުކާރީ ހެއްދޭނެ ގޮތެވެ. ގްރީން ހައުސްގައި އިންދި މެލަންގެ ފުރަތަމަ ބެޗު ކަނޑައި ރަށަށް ވިއްކީ ރޯދައިގެ ކުރިންނެވެ.
"ތަފާތު ފެނުނު, ގްރީން ހައުސްގައި ހެއްދީމަ މެލަން ވެސް ވަރަށް ފޮނި ތާޒާ" އެ ޕްރޮޖެކްޓުގައި އިސްކޮށް ހުރި އާމިރު ބުންޏެވެ.
ދަނޑުވެރިންގެ އުފެއްދުންތަކަށް އެކަށީގެންވާ މާކެޓެއް މިހާރު ނުލިބެ އެވެ. ސަޕްލައިކުރާ މީހުން ކުރިން މިރަށުން އެއްޗެހި ގެންދިޔައަސް އެކަން ވެސް ގާތްގަނޑަކަށް ހުއްޓިއެއްޖެ އެވެ. މައިގަނޑު މާކެޓަކަށް މިހާރު އޮންނަނީ ހދ. ކުޅުދުއްފުއްޓާއި ށ. ފުނަދު އެވެ.
އިންޓަވިއު ނިންމާލަމުން މޫސަބެ ބުނީ މިހެންނެވެ.
"މި ދެއްކީ ތެދު ވާހަކައެއްތޯ ބަލާލަން ވެސް މި ރަށަށް އަންނަންވީ"
އެންމެ ދުވަހަކަށް މި ރަށަށް ކުރި ދަތުރު ނިންމާލައި އަހަރެމެން މި ރަށުން ފުރީ މަޢްރިބް ނަމާދުން ފޭބި ފަހުންނެވެ. ރަށުގެ އެކި ތަންތަނުން އަހަރެމެންނާ ދިމާވި މީހުން ފުރުވަން ބަނދަރަށް ވެސް އަ އެވެ.ޒ
އަހަރެމެން ކުރިން ނުވެސް ދަންނަ ބަޔަކު މި ބެހެ ގާތްކަމާ މެދު ހައިރާންވި އެވެ. ބީރައްޓެހިކަމުގެ އިހުސާސްވިޔަކަ ނުދިނެވެ. މި ރަށަށް ފޭބިތަނުން މޫސަބެ ދެއްކި ވާހަކައިގެ ތެދުކަން ހަމަ ލޮލަށް ފެނި ތަޖުރިބާކުރެވުނެވެ. އެ އެންމެންގެ ހެޔޮދުއާ އެކު މި ރަށުން ފުރީ އަދިވެސް މި ރަށަށް އާދެވޭނެ ކަމުގެ އުއްމީދުގަ އެވެ.
މާލެ އައި ފަހުން ވެސް ހާލު ބަލާލަން މޫސަބެގެ ކޯލުތައް ލިބެ އެވެ. ހީވަނީ ވަރަށް ކުރިއްސުރެން ދަންނަ ގާތް ރަހުމަތްތެރިއެއްހެންނެވެ.
ހާފިޒެއް، އިމާމެއް، ދަނޑުވެރިއެއް
ކޮންމެ ދުވަހަކު ދަތުރު ހަދާފައި ވަޒީފާއަށް
ހިރިލަންދޫ ފައިބަރު ލޯންޗުގެ ފްލީޓް ރާއްޖެ ހިފަނީ
ނަލަންދޫ: ގުދުރަތީ ފުރިހަމަ ކަމުގެ އަޖައިބެއް
"މޫދުމީހާ"ގެ ވިޝްލިސްޓް މުޅި ދުނިޔޭގެ ސަމާލު ކަމަށް!
ކަކުނި ކާން ދަތުރު ހަދައިގެން އަންނަންވީ ފުނަދުއަށް
ވަންދޫގެ މި އާއިލާގެ ނުރަކޮޅު ހަތަރު ޖީލަކަށް!
މުޅި އުމުރު ހިތްދަތިކަމާއި އެކަނިވެރިކަމުގައި
މަރޮށި ފަޅުވެދާނެ، އެންމެން ވެސް ބަދަލުވާން ބޭނުން
މި އާޓިސްޓް ބޭނުންވަނީ އުދުހިލާނެ ފުރުސަތެއް