Roadha Mihaaru
ހިރިލަންދޫ ފައިބަރު ލޯންޗުގެ ފްލީޓް ރާއްޖެ ހިފަނީ

ހިރިލަންދޫ ފައިބަރު ލޯންޗުގެ ފްލީޓް ރާއްޖެ ހިފަނީ

02 އެޕްރީލް 2024

ޖެހިޖެހިގެން ހުރި ހަރުގެތަކުގައި ހުރީ އެކި ސައިޒުގެ، އެކި ވަރަށް ނިމިފައި ހުރި ލޯންޗުތަކެވެ. ގޭނުމާއި ކީހުމާއި ތޮރުފުމުގެ އަޑު ކަނޑައިގެން ނުދެ އެވެ. ފައިބަގްލާސް ރެސިންގެ ވަހާއި ތަންކޮޅެއް ދުރުގައި ކައްކައި އޮލަކުރަމުން ދިޔަ ރިހާކުރާއި ދުމައްޓަށް ނަގައި ސާފުކުރަމުން ދިޔަ ވަޅޯމަހާއި އެތަނުން އަރާ ދުމުން އުފެދިފައި އޮތް ވަސް ބުނެދޭކަށް ވެސް ނޭނގެ އެވެ.

ނިއުމަތުﷲ އިދުރީސް ތ. ހިރިލަންދޫން ނިއުމަތުﷲ އިދުރީސް

ޖެހިޖެހިގެން ހުރި ހަރުގެތަކުގައި ހުރީ އެކި ސައިޒުގެ، އެކި ވަރަށް ނިމިފައި ހުރި ލޯންޗުތަކެވެ. ގޭނުމާއި ކީހުމާއި ތޮރުފުމުގެ އަޑު ކަނޑައިގެން ނުދެ އެވެ. ފައިބަގްލާސް ރެސިންގެ ވަހާއި ތަންކޮޅެއް ދުރުގައި ކައްކައި އޮލަކުރަމުން ދިޔަ ރިހާކުރާއި ދުމައްޓަށް ނަގައި ސާފުކުރަމުން ދިޔަ ވަޅޯމަހާއި އެތަނުން އަރާ ދުމުން އުފެދިފައި އޮތް ވަސް ބުނެދޭކަށް ވެސް ނޭނގެ އެވެ.

މިއީ ތ. ހިރިލަންދޫގެ ސިނާއީ ސަރަހައްދެވެ.

މަސައްކަތަށް ބޭނުންވާ ބައެއް ސާމާނާ އެކު އެތަނުން ހަރުގެއެއްގެ ކުރިމައްޗަށް ސައިކަލެއްގައި އައިސް މަޑުކޮށްލި ދިވެހި ޒުވާނަކު، މި ރަށުގައި ކުރަމުން އަންނަ ފައިބަގްލާސް ބޯޓް ބިލްޑިންގެ މަސައްކަތުގެ ބޮޑުކަން އަހަރެމެންނަށް ވަޒަންކޮށްލަދިނެވެ. މިކަމުގައި އޭނާގެ ތަޖުރިބާ ވެސް ޝައުގުވެރި އެވެ.

އަހްމަދު ނިޝާމް، 37، ވެސް އެހެން ގިނަ މީހުންނެކޭ އެއްގޮތަށް މާލޭގައި ވަޒީފާ އަދާކުރަމުން ގޮސް ވަކި ހިސާބަކުން ވިސްނުން ބަދަލުވީ އެވެ. ދިރިއުޅުން ރަށަށް ބަދަލުކުރަން ބޭނުންވީ އެވެ. އެހެންވެ ރަށުގައި ކުރެވިދާނެ މަސައްކަތަކާ ބެހޭ ގޮތުން ކޮއްކޮއަކާ ވާހަކަ ދައްކައި ކުރި މަޝްވަރާގެ ތެރެއިން ދެބެއިންނަށް ވިސްނުނަނީ ފައިބަރު އުޅަނދު ބަނުމަކީ ރަށުގައި މިހާރު ވެސް ފުޅާ ދާއިރާއެއްގައި ކުރާ ކަމަކަށް ވިޔަސް ފުރުސަތު އެބަ އޮތް ކަމަށެވެ.

ފައިބަރު އުޅަނދުތައް ބަނުމުގެ މަސައްކަތް ހިރިލަންދޫގައި ކުރާ ޒުވާނެއް ކަމަށްވާ އަހްމަދު ނިޝާމް "މިހާރު" އަށް އިންޓަވިއު ދެނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ފައިބަރު އުޅަނދުތައް ބަނުމުގެ މަސައްކަތް ހިރިލަންދޫގައި ކުރާ ޒުވާނެއް ކަމަށްވާ އަހްމަދު ނިޝާމް "މިހާރު" އަށް އިންޓަވިއު ދެނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"ފުރަތަމަ މިކޮޅަށް އައިސް ހަރުގެއެއް ވެސް ނުލިބުނީމާ، ހަމަ ކުއްޔަށް ނެގީ އެއް ލައްކަ ރުފިޔާ ދީފައި. ދެން ލޯންޗް ބަންނަން ތައްގަނޑެއް، ރާއްޖޭ ފެންވަރުގެ އާކިޓެކްޓަކު ނަގައިގެން ކުރެހީ،" ނިޝާމް ކިޔައިދޭން ފެށި އެވެ.

މަސައްކަތުގެ ފަށަން ދަމާލީ "ހެޑް ސީސް" ނަމުގައި ނިޝާމްގެ ދެބެއިންނާއި އެ މީހުންނާ ގުޅުނު އާކިޓެކްޓް ހިއްސާވެގެން ހެދި ކުންފުންޏާ އެކުގަ އެވެ. ފުރަތަމަ މަސައްކަތަކަށް ވީ 32 ފޫޓުގެ މަސް ލޯންޗެއް ހެދުމެވެ.

އޭނާ ބުނީ މަސައްކަތް ފަށަން ފަސް ލައްކައެއްހާ ރުފިޔާ ހޭދަވި އިރު ވިޔަފާރީގެ ފައިދާ ފެންނަން ފެށީ މަސައްކަތަށް ދެ އަހަރެއްހާ ދުވަސް ފަހުން، އެންމެ ފަހުން ނިންމައި ބޭލި ލޯންޗާ އެކު ކަމަށެވެ.

"އެންމެ ފަހުން އަޅުގަނޑުމެން މި ބޭރުކުރި ލޯންޗުން އަޅުގަނޑުމެންނަށް އަދި ފައިދާއެއް ނުކުންނަން މި ފެށީ. މިހާރު ދެ އަހަރު މި ވީ. ހަމަ ރަނގަޅު އެއްޗެއް އެއިން ނުކުމެއްޖެ،" މިހާރުވެސް ހަތަރު ލޯންޗުގެ މަސައްކަތް ކުރިއަށް ދާއިރު ކުރިމަގަށް އުންމީދު އޮތްކަމުގެ ހިތްހަމަޖެހުމާ އެކު ނިޝާމް ބުންޏެވެ.

ހިރިލަންދޫގެ ބޯޓް ޔާޑެއްގައި ފައިބަރު ލޯންޗެއްގެ މަސައްކަތް ކުރަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ހިރިލަންދޫގެ ބޯޓް ޔާޑެއްގައި ފައިބަރު ލޯންޗެއްގެ މަސައްކަތް ކުރަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ނިޝާމް ބުނީ އޭނާ މީގެ ކުރިން ދެ އަހަރު ވަންދެން އެމްޓީސީސީގައި މަސައްކަތްކުރި ކަމަށާއި އެ މުއްދަތުގައި، އާކިޓެކްޓުން ލައްވައި ކުރަހައިގެން ލޯންޗް ބަންނަ ގޮތުގެ ތަޖުރިބާ ލިބުނު ކަމަށެވެ. އޭނާ ބުނީ އެގޮތަށް ކުރެހުން ބަލައިގެން ލޯންޗް ބަނދެވޭނެ ކަމުގެ ޔަގީންކަން އޮތުމަކީ ވަޒީފާ ދޫކޮށްލާފައި ރަށަށް ބަދަލުވާން ޖެހިލުން ނުވެ އެކަން ކުރަން ލިބުނު ހިތްވަރު ކަމަށެވެ.

އޭނާ ބުނި ގޮތުގައި މި ރޯދަ މަހަށް އެ މީހުންގެ މަސައްކަތަށް ދެ އަހަރު ވާއިރު އެންމެ ފަހުން ނިންމި ލޯންޗާ ހިސާބަށް ދިޔައިރު ވެސް ކުރަމުން ދިޔައީ އިންވެސްޓްމަންޓް ކަވަރުކުރުމުގެ ހަރަދެވެ. ހަރުގެ ހޯދަން ދެއްކި ފައިސާ އާއި ތަކެތި ގަތުމާއި މިހާރު ގެންގުޅޭ ހަތް މުވައްޒަފުންގެ މުސާރަ ދިނުން ނޫން މާބޮޑު ކަމެއް މިދިޔަ މުއްދަތުގައި ނުކުރެވުނަސް ނިޝާމް މިހާރު ހުރީ ހިތްހަމަޖެހިފަ އެވެ.

އެ ސަރަހައްދުގައި ހުރި ފައިބަރު މަސައްކަތްކުރާ ތަންތަނުން ފެނުނީ ބިދޭސީ މަސައްކަތު މީހުން ކަމަށް ވިޔަސް ނިޝާމްއާ އެކު ދެ މުވައްޒަފަކު ނޫނީ ދެން މަސައްކަތުގައި އުޅެނީ ރަށުގެ ޒުވާނުންނެވެ. އެއީ ވެސް ނިޝާމް ބުނި ގޮތުގައި ކޮލިޓީ ހިފަހައްޓަން ވެގެންނެވެ.

ހިރިލަންދޫގެ ބޯޓް ޔާޑެއްގައި ބަންނަމުން އަންނަ ލޯންޗުތަކެއް: އެ ރަށުގައި އަބަދުވެސް ތިރީހަކަށް ލޯންޗުގެ މަސައްކަތް ކުރިއަށްދާ ކަމަށް ބެލެވޭ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ހިރިލަންދޫގެ ބޯޓް ޔާޑެއްގައި ބަންނަމުން އަންނަ ލޯންޗުތަކެއް: އެ ރަށުގައި އަބަދުވެސް ތިރީހަކަށް ލޯންޗުގެ މަސައްކަތް ކުރިއަށްދާ ކަމަށް ބެލެވޭ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"ބިދޭސީ ރަނގަޅު މީހަކު ވެސް ކައިރީގައި ދިވެއްސަކު ބަލަން ނެތިއްޔާ ސަރަކާތް ހަދާފައި އޮންނާނީ."

އެކަމަކު އޭނާ ބުނީ ދިވެހިން ވަޒީފާގައި ގެންގުޅެން އުނދަގޫ ކަމަށް ބުނާ ވާހަކަ ގަބޫލުކުރާ ކަމަށާއި ގޭގައި އޮއްވައި ގުޅައިގެން ގެންނަން ޖެހޭ ކަމަށެވެ. އެހެން ވިޔަސް ދިވެހިންނަށް އިސްކަންދިނުމާ އެކު ނިޝާމްގެ ކުންފުނިން މިހާރު ވަނީ އެއްވެސް އުސޫލެއް ނެތި މުވައްޒަފުންނަށް މުސާރަ ދިނުމުގެ އުސޫލު ވެސް ބަދަލުކޮށް ސީދާ ކުންފުނިން ކޮންމެ މަހަކު މުސާރަ އެކައުންޓަށް ޖަމާކުރާ ގޮތަށް، ހުރިހާ ކަމެއް ރަސްމީކޮށް ތަރުތީބުކޮށްފަ އެވެ.

މަސައްކަތްތެރި ހިރިލަންދޫގައި އެންމެ ފުޅާ ދާއިރާއެއްގައި ކުރާ އެއް މަސައްކަތަކީ ފައިބަރު އުޅަނދުތައް ބަނުމެވެ. ރާއްޖޭގެ އެކި ހިސާބުތަކުން ލިބޭ އޯޑަރުތަކަށް އަހަރަކު އެތައް ސަތޭކަ އުޅަނދެއް ނިންމާނެ ކަމަށް ބެލެވެ އެވެ. އެކަމަކު ނިޝާމް ބުނީ އަދިވެސް ޑިމާންޑް ބޮޑު ކަމަށާއި "އޮންނަނީ ނުވެފައި" ކަމަށެވެ.

"އެކަމަކު އަޅުގަނޑުމެން މިއީ މި ރަށުގައި އެންމެ އަގު ބޮޑުކޮށް ލޯންޗް ބަންނަ މީހުން. އެއީ އަޅުގަނޑުމެން ކޮލިޓީ ވާނެ. އެމެރިކާގެ ސްޓޭންޑަޑަކަށް މި ބަންނަނީ ... އަނެއްކާ މި ބޭނުންކުރަނީ ރާއްޖޭން ލިބެން ހުންނަ އެންމެ ކޮލިޓީ ރެސިން އާއި ޖެލް،" ނިޝާމް ބުނީ ބޭނުންވާ ފެންވަރުގެ ސާމާނު ނުލިބޭ ނަމަ މަސައްކަތް ހުއްޓާލައިގެން ތިބެން ޖެހުނަސް ފެންވަރު ދަށް އެއްޗެހި ބޭނުން ނުކުރާ ކަމަށެވެ.

ހިރިލަންދޫގެ ބޯޓް ޔާޑެއްގައި ބަންނަމުން އަންނަ ލޯންޗުތަކެއް: އެ ރަށުގައި އަބަދުވެސް ތިރީހަކަށް ލޯންޗުގެ މަސައްކަތް ކުރިއަށްދާ ކަމަށް ބެލެވޭ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ހިރިލަންދޫގެ ބޯޓް ޔާޑެއްގައި ބަންނަމުން އަންނަ ލޯންޗުތަކެއް: އެ ރަށުގައި އަބަދުވެސް ތިރީހަކަށް ލޯންޗުގެ މަސައްކަތް ކުރިއަށްދާ ކަމަށް ބެލެވޭ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"އަގު ބޮޑުވަނީ އެހެންވެ. ކޮލިޓީ ހިފަހައްޓަން."

އޭނާ ބުނީ މި ދެ އަހަރު ތެރޭ ގިނަ އުޅަނދުތަކެއްގެ މަސައްކަތް ނުނެގި އެއް ސަބަބަކީ ވެސް ރަނގަޅު ފެންވަރުގައި މަސައްކަތްކުރުން ކަމަށެވެ.

"މިހާރު ވެސް އެބަ އޮތް ފަސް އޯޑަރު ލިބިފައި. އަޅުގަނޑުމެން އޮންނާނީ އެ އެއްޗެހީގެ މަސައްކަތް ފަށާނެ ޑޭޓް ކުރިން ދީފައި."

ނިޝާމް ލަފާކުރި ގޮތުގައި ހިރިލަންދޫގައި އަބަދުވެސް 30-40 ލޯންޗުގެ މަސައްކަތް އަބަދުވެސް ކުރިއަށްދާނެ އެވެ. އޭނާ ބުނީ އެ މީހުން އަލަށް ފަށައިގެން އުޅޭއިރު މިހާރު ވެސް ހަތަރު ލޯންޗުގެ މަސައްކަތް ކުރާއިރު އަދި އެހެން ބައެއް ތަންތަނުގައި މިއަށްވުރެ މާ ގިނަ އުޅަނދުތަކުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ. އޭނާގެ މަސައްކަތް ވެސް މަޑުމަޑުން ފުޅާވަމުން އަންނައިރު މިހާރު ހުރިހާ ވައްތަރެއްގެ މޯލްޑްތައް ހަދާފައިވާ ކަމަށާއި އެހެންވެ އުޅަނދެއްގެ މަސައްކަތް ތިން މަހެއްހާ ދުވަސް ތެރޭ ނިންމާލެވޭނެ ކަމަށް ބުންޏެވެ.

ނިޝާމް ބުނީ ފަސިންޖަރުން އުފުޅާ އުޅަނދުތަކަށް ޑިމާންޑް ބޮޑު ކަމަށާއި އެކަމަކު އެ މީހުންގެ ކުންފުނިން އަދި ބަންނަނީ މަސް ލޯންޗު އެކަނި ކަމަށެވެ.

ނިޝާމް ބުނީ އުޅަނދު ހަވާލުކުރާނީ އިންޖީނު އަޅައި، ދުއްވައި ހުރިހާ ކަމެއް ޓެސްޓުކޮށްފައި ކަމަށެވެ.

ހިރިލަންދޫގެ ބޯޓް ޔާޑެއްގައި ބަޔަކު މަސައްކަތްކުރަނީ: ރާއްޖޭގެ ހުރިހާ ހިސާބަކުން ވެސް މި ރަށަށް ފައިބަރު ލޯންޗް ބަނުމަށް އޯޑަރުތައް ލިބޭ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ހިރިލަންދޫގެ ބޯޓް ޔާޑެއްގައި ބަޔަކު މަސައްކަތްކުރަނީ: ރާއްޖޭގެ ހުރިހާ ހިސާބަކުން ވެސް މި ރަށަށް ފައިބަރު ލޯންޗް ބަނުމަށް އޯޑަރުތައް ލިބޭ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އޭނާ ބުނީ ރާއްޖޭގައި ފައިބަރު އުޅަނދު ބަންނަ ބޮޑެތި ޕްރޮފެޝަނަލް ކުންފުނިތައް ހުއްޓަސް، އެ ތަންތަނަށް ވުރެ ދެ ގުނަ އަގު ހެޔޮކޮށް ހިރިލަންދޫގައި މަސައްކަތް ނިންމާލެވޭތީ، "ފައިސާކޮޅުކޮޅު ގެންގުޅޭ މީހުން" އަންނަނީ މި ރަށަށް ކަމަށެވެ.

ނިޝާމް ބުނީ ކުޑަ ފައިސާކޮޅެއް އެޑްވާންސަށް ދިނުމާ އެކު ގިނަ މީހުން މަސައްކަތް ފަށާނެ ކަމަށާއި ދެން އެކި ބައިތަކަށް ބަހާލައިގެން ފައިސާ ދައްކާ ނިންމަނީ ކަމަށެވެ. އެކަމަކު ނިޝާމް ބުނީ އޭނާގެ ކުންފުނިން މަސައްކަތް ފަށަނީ އަގުގެ ދެބައިކުޅަ އެއްބައި ދިނުމުން ކަމަށާއި އަނެއްބައި ނަގަނީ މުސާރަ ދިނުން ފަދަ ކަންކަން ކުރަންޖެހޭ ހިސާބުން، އެ އޮންނަ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ.

މިއީ ހިރިލަންދޫ ސިނާއީ ސަރަހައްދުން ކިޔައިދޭ އެތައް ވާހަކައެއްގެ ތެރެއިން ވެސް ކާމިޔާބު އެއް ވާހަކަ އެވެ. މުޅި ރާއްޖޭގައި، ކަނޑުތަކުގެ ރާޅުތައް ކަފަމުން ކޮޅުކޮޅަށް ދުއްވަމުންދާ ފައިބަރު އުޅަނދުތަކުގެ ދަތުރު މި ފެށެނީ ހިރިލަންދޫންނެވެ.