Roadha Mihaaru
ނަލަންދޫ: ގުދުރަތީ ފުރިހަމަ ކަމުގެ އަޖައިބެއް

ނަލަންދޫ: ގުދުރަތީ ފުރިހަމަ ކަމުގެ އަޖައިބެއް

30 މާޗް 2024

ރީތި، ވިލުނޫކުލައިގެ ފުން ވިލެކެވެ. ބިއްލޫރިކޮޅެއް ފަދަ އެވެ. އެންމެ ކުނިކޮޅެއް ވެސް ނެތެވެ. ބަލައި ފޫހިނުވާނެ ފަދަ ހިތްގައިމު ކަމެކެވެ. ރާއްޖޭގެ ރަށަކުން މިހާ ރީތި ވިލެއް އަދި ނުދެކެމެވެ. މި ވިލުގެ ވަށައިގެން ވަނީ ބޯކޮށް ހެދިފައިވާ ގަސްތަކުގެ ފެހި ކަމެވެ.

އިފްރާޒް އަލީ ށ. ނަލަންދޫން އިފްރާޒް އަލީ

ރީތި، ވިލުނޫކުލައިގެ ފުން ވިލެކެވެ. ބިއްލޫރިކޮޅެއް ފަދަ އެވެ. އެންމެ ކުނިކޮޅެއް ވެސް ނެތެވެ. ބަލައި ފޫހިނުވާނެ ފަދަ ހިތްގައިމު ކަމެކެވެ. ރާއްޖޭގެ ރަށަކުން މިހާ ރީތި ވިލެއް އަދި ނުދެކެމެވެ. މި ވިލުގެ ވަށައިގެން ވަނީ ބޯކޮށް ހެދިފައިވާ ގަސްތަކުގެ ފެހި ކަމެވެ.

މި ރަށަކީ ނަލަނަލަ ނަލަންދު އެވެ. ށ. އަތޮޅުގެ އުތުރުބިތުގައި އޮތް ގުދުރަތީ ޗާލުކަމާއި ތިމާވެށީގެ މުއްސަނދިކަމާއި ރީތިކަމުގެ އަޖައިބުކުރުވަނިވި ރަށެކެވެ.

މި އަތޮޅަށް ކުރި ދަތުރުގައި އަތޮޅުގެ ކޮންމެ މީހަކު ވެސް ދެއްކީ މި ރަށުގެ ރީތިކަމުގެ ވާހަކަ އެވެ. އެ މަންޒަރު މި އޮތީ ހަމަ ލޮލަށް ފެންނާށެވެ. އެ މީހުންގެ ޝަކުވާއަކީ މި ނަލަކަމުގެ ފައިދާ އަތޮޅަށް ނުލިބުމެވެ.

ށ. ނަލަންދޫގެ ރީތި ވިލު: މި ވިލުގެ ވަށައިގެން ވަނީ ބޯކޮށް ހެދިފައިވާ ގަސްތައް.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ށ. ނަލަންދޫގެ ރީތި ވިލު: މި ވިލުގެ ވަށައިގެން ވަނީ ބޯކޮށް ހެދިފައިވާ ގަސްތައް.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ތާރީހީ ބައެއް ފޮތްތަކުގައިވާ ގޮތުން މި ރަށުގެ އާދަޔާ ހިލާފު ވިލަކީ އަދި އޭރު ކިޔާ އުޅުނު ގޮތުން ނަމަ ކޯރަކީ، އުތީމުގެ ބޭފުޅުން ކަޅުއޮށްފުންމީގައި ފިއްލަވަން ވެސް ވަދެވަޑައިގެންނެވި ތަނެކެވެ.

ދިވެހި ސަރުކާރުގެ ގަދީމީ އާސާރާ ބެހޭ ކޮމެޓީގެ ފަރާތުން މަލިމް މުހައްމަދު ދީދީ (މަލިން މުހައްމައިދީ) މީގެ 80 ވަރަކަށް އަހަރު ކުރިން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި ފަޅުރަށްތަކަށް ދަތުރެއް ކުރެއްވި އެވެ. އަދި އެ ކޮމެޓީގެ ފަރާތުން ދަތުރުގެ ޔައުމިއްޔާ އޭނާ ލިޔުއްވަމުން ގެންދެވި އެވެ. އެ ޔައުމިއްޔާއަށް ބަލައި އޭނާއަށް ފާހަގަކުރެއްވުނު ތަންތަނާއި ތަކެތީގެ މައުލޫމާތު ވުޒާރަތުއް ދާހިލިއްޔާގެ ފޮތްބައިގައި ލިޔެފައިވެ އެވެ. އެ ދަތުރުގައި އޭނާ ނަލަންދުއަށް ވެސް ވަޑައިގެންނެވި އެވެ. އެއީ ފެބްރުއަރީ 10، 1946 ގަ އެވެ.

"ވުޒާރަތުއް ދާހިލިއްޔާގެ ނަންބަރު 1"ގައި ނަލަންދުއާ ބެހޭ ގޮތުން ވަނީ ލިޔެފަ އެވެ.

"މި ރަށަށް ގޮސް ބެލިއިރު މި ކަޅުއޮށްފުންމި އައިގެން އުތީމު ބޭފުޅުން ވެދެވަޑައިގަތް ކަމުގައި ބުނެވޭ ކޯރުގެ ކަޑިންމާ އޮތީ މި ރަށުގެ ދެކުނު ކޮޅުން ހުޅަގުފަރާތަށް ފައިބަ އެވެ. ކަޑިންމައިގެ ތެރެއަށް މިހާރު ވެސް ބޮޑެތި މަސްދޯނި ފަހަރުގައި ބޮޑުދިޔާގައި ވަދެވޭނެ އެވެ،" އެ ފޮތުގައިވެ އެވެ.

ށ. ނަލަންދޫ: ގުދުރަތީ ހާއްސަ ސިފަތަކެއް ލިބިފައިވާ ރަށެއް.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ށ. ނަލަންދޫ: ގުދުރަތީ ހާއްސަ ސިފަތަކެއް ލިބިފައިވާ ރަށެއް.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"މި ކޯރު އޮތީ ރަށުގެ ތެރެއަށް ވަދެ ގުދުގުދުލަމުން ގޮއްސަ އެވެ. ތަންކޮޅަކަށް ދިޔައިމާ މުޅިން ނިވާވާ ގޮތަށެވެ. މިތަން ވަރަށް ފުންވެފައި މަޑެވެ. އަދި ތަންތަންކޮޅުގައި ކުދިކުދި ރަށްރަށް ހެދިފައިވެ އެވެ. ވަރަށް ދަންނަ މީހަކަށް ނޫނިއްޔާ ވަދެގެން ނުދެވޭނޭ ކަހަލަ ގޮތަކަށެވެ. ރައްކައުތެރިވުމަށް ބަޔަކު ވަދެއުޅުމަށް އެކަށީގެންވާ ތަނެއްކަމުގައި ފެނެ އެވެ."

ނަލަންދުއަކީ ކުރިން އެއް ފަޅެއްގެ ތެރޭގައި އޮތް ފަސް ރަށެވެ. މި ރަށްތައް މިހާރު އޮތީ ހިއްކައިގެން ގުޅުވާލައިފަ އެވެ. ރަށު ތެރޭގައި ބޮޑު ނޫ ވިލަކާ އެކު ގުދުރަތީ ހާއްސަ ސިފަތަކެއް ލިބިފައިވާ މި ރަށުގެ ބޮޑުމިނުގައި 90 ހެކްޓަރު ހުރެ އެވެ.

މި ރަށުގައި ހުއިފިލަނޑާ އަލާކުރުމުގައި ވެސް މި ވިލަކީ މުހިންމު ވަސީލަތަކެވެ.

ށ. ނަލަންދޫގެ ރީތި ވިލު: މި ރަށުގައި ހުއިފިލަނޑާ އަލާކުރުމުގައި މި ވިލަކީ މުހިންމު ވަސީލަތެއް.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ށ. ނަލަންދޫގެ ރީތި ވިލު: މި ރަށުގައި ހުއިފިލަނޑާ އަލާކުރުމުގައި މި ވިލަކީ މުހިންމު ވަސީލަތެއް.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ކުލަ ނުވި ހުވަފެނެއް: އަތޮޅު މީހުން ބޭނުންވަނީ ރިސޯޓެއް!

މި ރަށަކީ މަސްވެރިކަމުގެ މަސައްކަތް ކުރަން 1999 ވަނަ އަހަރުން ފެށިގެން ދިގު މުއްދަތަކަށް ސަރުކާރުން އަމިއްލަ ފަރާތަކަށް ކުއްޔަށް ދޫކޮށްފައިވާ ރަށެކެވެ. އެ ފަރާތުން މި ރަށް މިހާރު ބޭނުންކުރަމުން އަންނަނީ ހުއިފިލަނޑާ ވިއްސައި އަލާކުރުމަށެވެ.

ނަމަވެސް މި ރަށުން އަތޮޅުގެ އެހެން ރަށްތަކަށް އެއްވެސް ފައިދާއެއް ނުކުރާ ކަމަށް ބުނެ އާންމުންގެ ޝަކުވާ އެކަމުގައި ވަރަށް ބޮޑެވެ. މި އަތޮޅުގެ ބައެއް މީހުން ބޭނުންވަނީ މި ރަށުގައި ރިސޯޓެއް ހަދައި ޓޫރިޒަމް ފުޅާކުރާށެވެ. މި ރަށަށް ލިބިފައިވާ ގުދުރަތީ ރީތިކަމުގެ ސަބަބުން މުޅި އަތޮޅަށް ވެސް ވަރަށް ފައިދާކުރާނެ ޕްރޮޖެކްޓެއް ކަމަށް ބެލެވޭތީ އެވެ.

މި ރަށް ޓޫރިޒަމަށް ދޫކުރަން ރައްޔިތުން އެދޭތާ އެތައް ޒަމާނެކެވެ. އެ މީހުން ބޭނުންވަނީ ވޯޓާ ވިލާތައް އަޅައި އެ ރީތިކަން ވިއްކައިގެން މުޅި އަތޮޅަށް ފައިދާ ހޯދާށެވެ. އެކަމަކު އެ އުއްމީދުގައި އެތައް އަހަރެއް ވި އިރު ވެސް އެ ހުވަފެން ހަގީގަތަކަށް ނުވި އެވެ.

ނަލަންދޫ ދައުލަތަށް ނަގައި މި ރަށުގައި ރިސޯޓެއް ހަދަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި މަސައްކަތް ކުރެއްވި އެވެ. މި ރަށުގައި 200 އެނދުގެ ރިސޯޓެއް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް މިދިޔަ އަހަރު ދެ ފަހަރެއްގެ މަތިން ޓޫރިޒަމް މިނިސްޓްރީން ބީލަމަށް ވެސް ހުޅުވާލި އެވެ. އެކަމަކު އޭގެ ފަހުން ވީގޮތެއް އަދި ނޭނގެ އެވެ.

ށ. ނަލަންދޫގެ ހެޗަރީގައި އާލާކޮށްފައިވާ ލަނޑާއެއް: މި ރަށުގައި މި މަސައްކަތް ވަރަށް ފުޅާކޮށް އަންނަނީ ކުރަމުން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ށ. ނަލަންދޫގެ ހެޗަރީގައި އާލާކޮށްފައިވާ ލަނޑާއެއް: މި ރަށުގައި މި މަސައްކަތް ވަރަށް ފުޅާކޮށް އަންނަނީ ކުރަމުން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އަހަރެމެން މި ރަށަށް މި އައީ މި ރަށް ކުއްޔަށް ހިފާފައިވާ ފަރާތާ ބައްދަލުކޮށް، މި ރަށުގައި ހުއިފިލަނޑާ އާލާކުރުމުގެ މަސައްކަތް ކުރާ ގޮތް ބަލައިލުމަށެވެ. އަދި މި އަތޮޅުގެ ރައްޔިތުންގެ ހުރި ޝަކުވާތައް ވެސް ހިފައިގެންނެވެ.

ށ. ފީވަކުން ފުރައިގެން ކުޑަ ޑިންގީއެއްގައި މި ރަށަށް އާދެވުނީ ގާތްގަނޑަކަށް ހަ މިނެޓުންނެވެ. އަހަރެމެން ލެފީ މި ރަށުގެ ދެކުނު ފަރާތުގައިވާ ފާލަމަށެވެ.

ށ. ނަލަންދޫގެ ފާލަން: އަހަރެމެން ލެފީ މިތަނަށް.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ށ. ނަލަންދޫގެ ފާލަން: އަހަރެމެން ލެފީ މިތަނަށް.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ފާލަމަށް ފައިބާ ރަށުތެރެއަށް ދިއުމަށް ހިނގައިގަތްތަނުން ފުރަތަމަ ވެސް ލޮލުގައި އަޅައިގަތީ އާދަޔާ ހިލާފު ރީތި ތަނެކެވެ. ރަށުގެ ދެކުނު ފަރާތުގައި އޮތް ވަޅުފެހިކުލައިގެ ރީތި ބޮޑު ކުޅިއެކެވެ. ވައް ބައްޓަމަށް އޮންނަ މި ކުޅިއަކީ ވެސް މި ރަށަށް ލިބިފައިވާ ހާއްސަ ސިފައެކެވެ. މި ރަށުގެ އިރުމަތީ ފަރާތުގައި ވެސް، މިއަށް ވުރެ ކުޑަ ދެ ކުޅި އޮވެ އެވެ.

ދިހަވަރަކަށް މިނެޓު ހިނގުމަށް ފަހު އަހަރެމެންނަށް ދެވުނީ މި ރަށުގެ ވެރިންނާއި މަސައްކަތު މީހުންގެ އެކޮމޮޑޭޝަން ބްލޮކަށެވެ. މި ރަށުގައި އުޅޭ މީހުންނަށް ބޭނުންވާ ކޮޓަރި އާއި ފާހާނާ އާއި ބަދިގެ ކަހަލަ ތަންތަން މިތަނުގައި ވަނީ ހަދައިފަ އެވެ. އަދި މިތަނާ ޖެހިގެން ހަމަ ވަރަށް ކައިރީގައި، މި ރަށުގައި ހުއިފިލަނޑާ ވިއްސައި އާލާކުރާ ހެޗަރީ ވެސް ހުއްޓެވެ.

ށ. ނަލަންދޫގެ ދެކުނު ފަރާތުގައި އޮންނަ ކުޅި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ށ. ނަލަންދޫގެ ދެކުނު ފަރާތުގައި އޮންނަ ކުޅި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ބުރަ މަސައްކަތުން ހޯދި ކާމިޔާބީއެއް

ސަރުކާރުން މި ރަށް ކުއްޔަށް ދީފައި ވަނީ ރ. ކަނދޮޅުދޫ، އަހްމަދު އިބްރާހިމަށެވެ.

މި ރަށުން އަހްމަދު އިބްރާހިމް އާއި އަހަރެމެންނާ ބައްދަލުވި އެވެ. ވަގުތު ކުޑަތަންވެފައި އޮއްވައި އެޕޮއިންޓްމަންޓަކަށް އެދިގެން ރަށަށް ދިޔައަސް ހިތްހެޔޮކަމާއި އޯގާތެރިކަމާ އެކު އަހަރެމެންނަށް މަރުހަބާ ވެސް ކިޔެވެ. މި ރަށުގެ މައުލޫމާތު ދިނުމުގެ ކުރިން އޭނާގެ ހަޔާތުގެ ތަޖުރިބާއިން ގިނަ ވާހަކަތަކެއް ކިޔައިދެއްވި އެވެ. މުޖުތަމައުގެ ބައެއް ކަންކަމުގައި އޭނާގެ ނަޒަރިއްޔާ ވިދާޅުވުމުން، އެއަށް އެއްބަސްނުވެވޭ ނަމަ ބަހުސަށް ޖާގަ ވެސް ދެއްވި އެވެ.

ހުއިފިލަނޑާ އާލާކުރުމުގެ ހިޔާލު ލިބި އޭނާ މި މަސައްކަތް ފެއްޓެވި ގޮތާއި ކުރިމަތިވި ހުރަސްތަކާއި ކާމިޔާބީއާ ހަމަށް ކުރެއްވި ދިގު އަދި އުނދަގޫ ދަތުރުގެ ވާހަކަތައް އޭނާ ހިއްސާކުރެއްވި އެވެ. އަދި މި ރަށް ކުއްޔަށް ނެންގެވުމުގެ ކުރިން އޭނާ ކުރެއްވި މަސައްކަތްތައް ވެސް ކިޔައިދެއްވި އެވެ.

ވިޔަފާރީގެ ގޮތުގައި ފާނަ ގަތުމާއި ހުއިފިލަނޑާ ގަތުމުގެ މަސައްކަތް އޭނާ ކުރިން ކުރެއްވި އެވެ. ދިގު މުއްދަތަކަށް އެ މަސައްކަތް ކުރެއްވީ މުސާރަވެރިން ގޮވައިގެންނެވެ. އެ މަސައްކަތުގައި އުޅުއްވި އިރު، އޭނާ އެެއްކުރައްވަމުން ގެންދެވި ޑޭޓާތަކުން އެނގުނީ ރާއްޖޭގެ ކަނޑުތަކުގައި ފާނަ އާއި ހުއިފިލަނޑާ ވެސް މަދުވަމުން ދާ ކަމެވެ.

ށ. ނަލަންދޫ ކުއްޔަށް ނަންގަވާފައިވާ އަހްމަދު އިބްރާހިމް "މިހާރު" އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ށ. ނަލަންދޫ ކުއްޔަށް ނަންގަވާފައިވާ އަހްމަދު އިބްރާހިމް "މިހާރު" އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެއީ މި ވިޔަފާރީގެ ތެރެއިން އޭނާ ތައިލެންޑަށާއި ހޮންކޮންގަށް ވެސް ވަރަށް ގިނައިން ދަތުރުކުރެއްވި ދުވަސްވަރެކެވެ. އެ ދަތުރުތަކުގައި އެ ތަންތަނުގައި އެކުއަކަލްޗާގެ މަސައްކަތްކުރާ ވަރަށް ގިނަ ތަންތަނަށް ދިއުމުގެ ފުރުސަތު އޭނާ އަށް ލިބިވަޑައިގަތެވެ.

"ހިތަށް އެރީ، އެހެން ފެނުނީމަ އަހަރެމެން ވެސް ޕްރޮޑަކްޝަން އެބަ ދަށަށް ދެޔޭ، އެހެންވީމާ އެބަޖެހެއޭ ކޮންމެވެސް ވަރަކަށް އުފެއްދުންތެރިކަން އޮންނަން މުސްތަގުބަލަށްޓަކާ،" ދައުލަތުން ދޭ އާންމު ހިދުމަތުގެ އިނާމު 2002 ވަނަ އަހަރު މަސްވެރިކަމަށް ހިދުމަތްކުރުމުގެ ރޮނގުން ލިބިވަޑައިގެންނެވި އަހްމަދު އިބްރާހިމް ވިދާޅުވި އެވެ.

އެ ވަގުތު އޭނާ އެހެން ހިތަށް އެރުއްވި ނަމަވެސް، މި މަސައްކަތުގެ ތަޖުރިބާ އާއި އިލްމެއް އޭރަކު ނެތެވެ. އެހެންވެ ރާއްޖެއިން ބޭރުން މީހުން ގެނެސްގެން އަޖުމަ ބެލުމަށް ހަތް ވަރަކަށް އަހަރު މަސައްކަތް ކުރެއްވި އެވެ. އެކަމަކު ކާމިޔާބުވާ ގޮތެއް ހަމަ ނުވި އެވެ.

"ވަރަށް ގިނަ މީހުން، އަޅުގަނޑާ އެކު ކާމިޔާބުކަމާ އެކު މަސައްކަތްކުރަން އައި މީހުން ހީކުރީ، އަޅުގަނޑު އެމީހުން މޮޔަ ހައްދަނީ ކަމަށް. އެހެން ބަލައިގެން ވާހަކަތައް ދެކެވުނު. އެހެން ނަމަވެސް ﷲ އަށް އޮންނަ އިތުބާރުގެ ބޮޑުކަމުން އަޅުގަނޑު މި މަސައްކަތް ހުއްޓައެއް ނުލަން،" އޭނާ ވިދާޅުވި އެވެ.

"މި މަސައްކަތުގެ، ފުދޭވަރަކަށް ނޮލެޖު އެއްކުރެވުނީމަ އަމިއްލަ ރިސާޗުތައް ފެށީ."

ށ. ނަލަންދޫގެ ހެޗަރީގައި ހުއިފިލަނޑާ އަލާކުރުމުގެ މަސައްކަތް ކުރަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ށ. ނަލަންދޫގެ ހެޗަރީގައި ހުއިފިލަނޑާ އަލާކުރުމުގެ މަސައްކަތް ކުރަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މި މަސައްކަތާ ގުޅޭ ކަންކަން ދަސްކުރެއްވުމަށް ސިންގަޕޯ ނޭޝަނަލް ޔުނިވާސިޓީންނާއި މެލޭޝިއާ އަދި އިންޑިއާއިން ވެސް އޭނާ ރާއްޖެއަށް ސައިންސްވެރިން ގެނަ އެވެ. މިކަމަށް ބޭނުންވާ ތަފާތު މައުލޫމާތުތައް އެއްކޮށް، ސެލް ކަލްޗާކުރުމުގެ މަސައްކަތް ފެއްޓެވި އެވެ. މައިކްރޯބަޔޮލޮޖީ އާއި ކެމިސްޓްރީ އާއި މެރިންބަޔޮލޮޖީގެ އިލްމު އޭނާ އުނގެނުއްވި އެވެ.

އަހްމަދު އިބްރާހިމް ވިދާޅުވި ގޮތުގައި، އޭނާގެ އަތުން ފައިސާ ހުސްވެގެން ދަންދެން ވެސް މި މަސައްކަތް ކާމިޔާބުވޭތޯ މަސައްކަތްކުރެއްވި އެވެ.

ނަލަންދޫ ކުއްޔަށް ނެގުމުގެ ކުރިން އޭނާ މި މަސައްކަތް ކުރެއްވީ ސިންގަޕޫރުގެ ކުންފުންޏަކާއި އޭނާގެ އަމިއްލަ ކުންފުންޏެއް ގުޅިގެންނެވެ. އޭރު މި މަސައްކަތް ކުރެއްވީ ހދ. މަކުނުދޫގެ ފަޅުތެރޭގައި އޮންނަ ފަޅުރަށެއް ކަމަށްވާ ފެންބޯހުރާގަ އެވެ. މިކަން ކާމިޔާބުނުވުމުން އެ ރަށުގައި މަސައްކަތް ހުއްޓާލުމުން އޭނާ ދެން މި މަސައްކަތް ކުރެއްވީ އުފަންރަށް، ކަނދޮޅުދުއާ ޖެހިގެން އޮންނަ ފަޅުރަށެއް ކަމަށްވާ ރ. ބަނޑަވެރީގަ އެވެ.

"އެތަނުގައި ކުރާތާ ގާތްގަނޑަކަށް ހަތަރު ވަރަކަށް އަހަރު ފަހުން [ހުއިފިލަނޑާ] އުފެއްދެން ފެށީ،" އޭނާ ވިދާޅުވި އެވެ.

ށ. ނިލަންދޫގެ ހެޗަރީ: ހުއިފިލަނޑާ އާލާކުރުމަށް ބޭނުންވާ ހުރިހާ އިންފްރާސްޓްރަކްޗާއެއް މި ރަށުގައި ވަނީ ގާއިމްކޮށްފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ށ. ނިލަންދޫގެ ހެޗަރީ: ހުއިފިލަނޑާ އާލާކުރުމަށް ބޭނުންވާ ހުރިހާ އިންފްރާސްޓްރަކްޗާއެއް މި ރަށުގައި ވަނީ ގާއިމްކޮށްފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެ ރަށުގައި އުފައްދާފައި ހުރި އެއްޗެއްސާ އެކީގައި އޭރުގެ ފިޝަރީޒް މިނިސްޓްރީއަށް އަހްމަދު އިބްރާހިމް ހުށަހެޅުމުން އެ އިދާރާގެ ޓީމެއް ބަނޑަވެރިއަށް ގޮސް މި މަސައްކަތްކުރާ ގޮތް ބެއްލެވި އެވެ. އަދި އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ދަންނަވައިގެން އޭނާއަށް ރަށެއް ދޭގޮތަށް ހަމަޖެއްސެވި އެވެ.

"އަޅުގަނޑު ކައިރީގައި ބުނީ އެކަށީގެންވާ ތަނެއް ބަލާށޭ. މިތަނާއި ފަރުކޮޅާއި މި ދެ ރަށް އަޅުގަނޑުމެން ބެލީ. ސަރުކާރުން ނިންމީ މި ރަށް ދޭން. އެގޮތަށް މި ރަށް ލިބުނީ،" ނަލަންދޫ ލިބުނު ގޮތް އޭނާ ކިޔައިދެއްވި އެވެ.

"މި ރަށް ލިބުނީ ކާމިޔާބުވި ފަހުން."

ށ. ނިލަންދޫގައި ހެޗަރީގައި އާލާކުރަމުން އަންނަ ލަނޑާތަކެއް މީހެއްގެ އަތްމަތީގައި.--  ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ށ. ނިލަންދޫގައި ހެޗަރީގައި އާލާކުރަމުން އަންނަ ލަނޑާތަކެއް މީހެއްގެ އަތްމަތީގައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ނަލަންދޫ ދޫކޮށްލަން ތައްޔާރު... އެކަމަކު

ސަރުކާރުންނާއި އަތޮޅުގެ ރައްޔިތުން ބޭނުންވާ ގޮތަށް ނަލަންދޫގައި ރިސޯޓެއް ހެދުމަށް މި ރަށް ދޫކޮށްލުމުގެ ވިސްނުން އަހްމަދު އިބްރާހިމް ވެސް މިހާރު ގެންގުޅުއްވަ އެވެ. އެކަމަކު، އޭނާގެ ކަންބޮޑުވުމަކީ މި ރަށަށް މިހާ އަގުބޮޑު އިންވެސްޓްމަންޓެއް އޭނާ ކޮށްފައި އޮއްވާ، އޭގެ ފުރިހަމަ ބަދަލު ނުދީ ރަށް އަތުލަން އުޅުމެވެ.

އަހްމަދު އިބްރާހިމް ވިދާޅުވީ މިދިޔަ ސަރުކާރުން މިތަނުގައި ރިސޯޓެއް ހަދަން ނިންމައި، މި ވިޔަފާރިއަށް ސަރުކާރުން ދޫކޮށްފައިވާ ލައިސަންސްތައް ވެސް ތިން އަހަރެއްހާ ދުވަހަށް ހިފެހެއްޓި ކަމަށެވެ. އޭގެ ސަބަބުން އޭނާ އަށް ވަރަށް ބޮޑު ގެއްލުމެއް ލިބުނު ކަމަށް ވެސް ވިދާޅުވި އެވެ.

"މިތަނަކީ 24 ގަޑިއިރު ކަރަންޓު ހުންނަން ޖެހޭ ތަނެއް. އެންމެ މަދުވެގެން 40 ކިލޯވޯޓުގެ ކަރަންޓު ރަށަށް ލިބެން ޖެހޭ. އެހެންވެ މުވައްޒަފުންނާއި ކަރަންޓު ބެލެހެއްޓުމަށް ވަރަށް ގިނަ ހަރަދުތައް ހިނގާ،" އޭނާ ވިދާޅުވި އެވެ.

މި ބޮޑު ރަށުގެ ހުރިހާ ސަރަހައްދެއްގައި ވެސް ބޭނުންކުރެވޭނެ ގޮތަށް ކަރަންޓާއި ނަރުދަމާގެ ބޮޑު ނެޓްވޯކެއް ވަނީ އަޅައިފަ އެވެ. އަދި ހުއިފިލަނޑާ ދިރުވައި އާލާކުރުމަށް އެކަމަށް ބޭނުންވާ މުހިންމު އިންފްރާސްޓްރަކްޗާ ވެސް ވަނީ ގާއިމްކޮށްފަ އެވެ.

ށ. ނަލަންދޫގައި ހުންނަ މިސްކިތް: މި ރަށުގައި ކަރަންޓާއި ނަރުދަމާގެ ބޮޑު ނެޓްވޯކެއް ވަނީ އަޅައިފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ށ. ނަލަންދޫގައި ހުންނަ މިސްކިތް: މި ރަށުގައި ކަރަންޓާއި ނަރުދަމާގެ ބޮޑު ނެޓްވޯކެއް ވަނީ އަޅައިފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މިތަނުގައި ހުރި ހުއިފިލަނޑާ ހެޗަރީގެ ކެޕޭސިޓީއަކީ އެއް މިލިއަނެވެ. އެކަމަކު ގްރޯތު ކެޕޭސިޓީއަކީ 500،000 އެވެ.

"މާނައަކީ މީހަކު މިރުސް ގަސް ނުވަތަ އެހެން ވެސް ގަހެއް ހައްދަން ނާސަރީއެއް ހެދީ. ހަދާފައި އޭނާ އެތަނުގައި އެއް މިލިއަން ގަސް ބެހެއްޓިޔަސް އެ ގަސްތަކުގެ ޕްރޮޑަކްޝަނެއް ނާންނާނެއޭ ރުވާނެ ބިން ނުލިބިއްޖެއްޔާ،" ބިމުގެ ދަތިކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވި އެވެ.

މި މަސައްކަތަކީ ބޮޑު ބިމެއް ބޭނުންވާ ކަމަކަށް ވާތީ، މައުމޫންގެ ވެރިކަމުގައި އޭނާ އިތުރު ރަށެއް ދިނުމަށް ދަންނަވައިގެން މި އަތޮޅު އެރިޔަދޫ ކިޔާ ފަޅުރަށެއް ދިނެވެ. އެ ރަށުގެ ވިލުގައި ވެސް ހުއިފިލަނޑާ އާލާކުރުމުގެ މަސައްކަތް އޭނާ ކުރައްވަ އެވެ.

ށ. ނަލަންދޫގެ ރީތި ވިލު: މި ރަށުގައި ހުއިފިލަނޑާ އަލާކުރުމުގައި މި ވިލަކީ މުހިންމު ވަސީލަތެއް.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ށ. ނަލަންދޫގެ ރީތި ވިލު: މި ރަށުގައި ހުއިފިލަނޑާ އަލާކުރުމުގައި މި ވިލަކީ މުހިންމު ވަސީލަތެއް.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ނަލަދޫން މަހެއްގެ މައްޗަށް 500-600 ކިލޯގެ ހުއިފިލަނޑާ ބޭރުކުރެ އެވެ. އެއީ ރޮލާ ބަލަންޏާ 30 ޓަނުގެ ހުއިފިލަނޑާ އެވެ.

"ޑްރައި ޕްރޮޑަކްޝަނަށް ބަދަލުކޮށްލީމަ މިހާ ކުޑަ އެއްޗެއް އަންނަނީ. އެކަމަކު އޭގެ ވެލިއު ވަރަށް ރަނގަޅު،" އޭނާ ވިދާޅުވި އެވެ.

މާކެޓް ކުރަނީ ރާއްޖެއިން ބޭރަށެވެ. ޗައިނާ، މަލޭޝިއާ، ތައިލެންޑް އަދި ސިންގަޕޫރު ކަހަލަ ގައުމުތަކަށް ވަރަށް އަގުބޮޑުކޮށް މި ވިކެ އެވެ.

އެހެންވެ، މި ވަރުގެ ބޮޑު އިންވެސްޓްމަންޓެއް އަދި މިހާ ފައިދާ ވާ މަސައްކަތެއް ހުއްޓާލައި ރަށް ދޫކޮށްލާއިރު އޭގެ ފުރިހަމަ ބަދަލު އޭނާ ބޭނުންވެ އެވެ. އޭނާގެ ވިސްނުން މިހާރު ހުރީ މި މަސައްކަތް ރާއްޖެއިން ބޭރުގައި ކުރެއްވުމަށެވެ. ނަމަވެސް އޭގެ ތަފުސީލަށް ވަޑައިނުގަތެވެ.

ށ. ނަލަންދޫގެ މަގެއް: އާދަޔާ ހިލާފު ރީތި ރަށެއް.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ށ. ނަލަންދޫގެ މަގެއް: އާދަޔާ ހިލާފު ރީތި ރަށެއް.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އޭނާ ވިދާޅުވި ގޮތުގައި، މީގެ ކުރިން އެތައް ފަހަރެއްގެ މަތިން ވެސް ރާއްޖެއިން ބޭރަށް މި ވިޔަފާރި ބަދަލުކުރަން ރިކުއެސްޓުތައް ލިބިވަޑައިގަތެވެ. އެކަމަކު އޭނާ އޭރު އެގޮތް ގަބޫލެއް ނުކުރެއްވި އެވެ.

"ތެދަށް ދަންވަންޏާ މިދިޔަ ސަރުކާރު ނިމުނުއިރު ވެސް، އޭރުގެ ފިޝަރީޒް މިނިސްޓަރާއި ސިލޯނުގެ ފިޝަރީޒް މިނިސްޓަރާ ދެބޭފުޅުން ތިބެގެން އަޅުގަނޑުމެން ފޯނުން ވާހަކަދެއްކީ. ސިލޯނަށް ބަދަލުވެދޭށޭ، ފެސިލިޓޭޓް ކޮށްދޭނެ ކަމަށް ސިލޯނުގެ ފިޝަރީޒް މިނިސްޓަރު ދެންނެވި،" އޭނާ ވިދާޅުވި އެވެ.

މެލޭޝިއާ އާއި ސިންގަޕޫރުގެ ސަރުކާރުން ވެސް ތަންކޮޅެއް ކުރިން މި ކަހަލަ ރިކުއެސްޓްތައް ކުރި ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު ރާއްޖޭގައި މިކަން ކުރެވޭނެ ކަމަށް ބަލައިފައި އޭނާ މަޑުކުރެއްވީ އެވެ.

ނަމަވެސް ސަރުކާރާއި އާންމުން މި ރަށުގައި ޓޫރިޒަމް ފުޅާކުރަން މާ ބޮޑަށް ބޭނުންވެފައި ތިބުމުން އޭނާ ދޫދެއްވަން މިހާރު ގަސްތުކުރައްވަ އެވެ. އެކަމަކު އޭނާ ސުވާލެއް ވެސް އުފެއްދެވި އެވެ.

"ޓޫރިޒަމް ފުރަތަމަ ފަށައިފައި ކުރުނބާ ވިލެޖާއި ބަނޑޮހާ ދެތަނުގައި އެކަނި ނާސިރުގެ ވެރިކަމުގައި ފެށިގޮތަށް އަދިވެސް އޮތް ނަމަ ޓޫރިޒަމުން ފައިދާ ލިބޭނެތޯ؟،" އޭނާ ވިދާޅުވި އެވެ.

"ސޭމް ތިންގް. ސަރުކާރުން އެހީވެގެން މި މަސައްކަތް ފުޅާކޮށްފިއްޔާ މުޅި ރާއްޖޭގެ ރައްޔިތުންނަށް ވެސް ފައިދާ ކުރާނެ. އެގޮތަށް ރެޑީގައި އަޅުގަނޑުމެން ތިބީ،

"ރަށްރަށުގެ ރައްޔިތުންނާއި ހުރިހާ މީހުންގެ ވެސް ވިސްނުން މި ހުންނަނީ ޓޫރިޒަމުންނޭ ރަނގަޅު އެއްޗެއް ލިބޭނީ. އެއީ ވެސް ނުބައި ވިސްނުމެކޭ ނޫން. އެހެން ނަމަވެސް އަޅުގަނޑުމެންނަކީ ވެސް އަމިއްލަ މަސައްކަތްތަކެއް ކުރަން ޖެހޭ ބައެއް. އަމިއްލަ އުފެއްދުންތެރިކަމަށް ލޯބިކޮށްގެން ނޫނިއްޔާ އަމިއްލަ ގައުމުގެ މިނިވަންކަމާއި އަމިއްލަ ގައުމުގެ އިސްތިގުލާލަކީ ދެމިއޮންނާނެ އެއްޗެއް ކަމުގައި އަޅުގަނޑު ގަބޫލެއް ނުކުރަން."

"މިހާރު"ގެ ޓީމް ށ. ނަލަންދޫގައި: މުޅި ޓީމަށް ވެސް ތަފާތު ތަޖުރިބާއެއް ކުރެވުނު ރަށެއް.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"މިހާރު"ގެ ޓީމް ށ. ނަލަންދޫގައި: މުޅި ޓީމަށް ވެސް ތަފާތު ތަޖުރިބާއެއް ކުރެވުނު ރަށެއް.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ދުނިޔޭގައި މިހާރު ކުރަމުންދާ ހަނގުރާމަތަކާ ގުޅިގެން ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ޓޫރިޒަމަށް ވެސް ވަރަށް ބޮޑު ލޮޅުމެއް އަތުވެދާނެ ކަމަށް އޭނާ ދެކިވަޑައިގަންނަވަ އެވެ. ދުނިޔޭގެ މަޝްރަހުގެ ހަރަކާތައް ހުރި ގޮތުން ދަތި ދުވަސްތަކެއް ކުރިމަތިވުން އެކަށީގެންވެ އެވެ. އެހެންކަމުން ޓޫރިޒަމް ފިޔަވާ އިތުރު އެހެން މަސައްކަތުން ވެސް ރާއްޖޭގެ އުފެއްދުންތެރިކަން ކުރިއެރުވުމުގެ ވިސްނުން އިސްކުރަން ޖެހޭ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

އޭނާގެ މި ވިސްނުމާ ގައިމު ވެސް ށ. އަތޮޅު ގިނަ ރައްޔިތުންނަށް އެއްބަހެއްނުވެވެ އެވެ. އެއީ ނަލަންދޫ އެ މީހުން ދެކެނީ ޓޫރިޒަމަށް ފައްކާވެފައި އޮތް ތަނެއްގެ ގޮތުގަ އެވެ. ވަކި މީހެއްގެ އަތުގައި އެ ރަށް ބޭއްވުމުގެ ބަދަލުގައި ބޭނުންވަނީ ރައްޔިތުންގެ ރަށަކަށް އެތަން ހެދުމަށެވެ. ސަރުކާރުތަކުގައި އެ މީހުން ކުރަނީ އެ ޝަކުވާ އެވެ.

އެ އުއްމީދު އޮތީ ކުރިއެރުމާ ގުޅިފަ އެވެ. މި ރީތިކަން ޓޫރިޒަމް ތެރޭގައި ހިމަނައިފި ނަމަ މުޅި ދުނިޔޭގެ ލޯ ހުއްޓޭނެ އެވެ. އެހާ ވެސް ހިތްގައިމެވެ. ނަލަ އެވެ. އެ ރަށުން ފުރައިގެން ފީވަކާ ހަމައަށް ދެވުނުއިރު ވެސް އަހަރެމެންގެ ހިތާއި ލޯ ހުރީ ނަލަންދޫއާ ދިމާލުގަ އެވެ.