Roadha Mihaaru
ފިންލެންޑް އިންޓަނޭޝަނަލަށް ބައިނަލްއަގުވާމީ އެކްރެޑިޓް

ބައިނަލްއަގުވާމީ އެކްރެޑިޓޭޝަން ލިބުނު ފުރަތަމަ ސްކޫލަކަށް ފިންލެންޑް އިންޓަނޭޝަނަލް ސްކޫލް

21 މާޗް 2024

އައިލެންޑާސް އެޑިއުކޭޝަންއިން ހިންގާ ފިންލެންޑް އިންޓަނޭޝަނަލް ސްކޫލަށް އިންޓަނޭޝަނަލް ސްކޫލް އެސޯސިއޭޝަން (އައިސްއޭ)އިން އެކްރެޑިޓޭޝަން ލިބިއްޖެ އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އައިލެންޑާސް އެޑިއުކޭޝަންއިން ހިންގާ ފިންލެންޑް އިންޓަނޭޝަނަލް ސްކޫލަށް އިންޓަނޭޝަނަލް ސްކޫލް އެސޯސިއޭޝަން (އައިސްއޭ)އިން އެކްރެޑިޓޭޝަން ލިބިއްޖެ އެވެ.

މިއީ ބައިނަލްއަގުވާމީ ދުނިޔެއިން ގަބޫލުކުރާ ފެންވަރުގެ ތައުލީމީ މިންގަނޑުތައް ހިފަހެއްޓުމުގެ ސަބަބުން ބައިނަލްއަގުވާމީ ފަރާތަކުން ރާއްޖޭގެ ސްކޫލަކަށް ދިން މިފަދަ ފުރަތަމަ އެކްރެޑިޓޭޝަނެވެ.

އައިއެސްއޭ އަކީ ޔުނެސްކޯ އާއި ބައިނަލްއަގުވާމީ ބޮޑެތި ޖަމިއްޔާތަކުން ބަލައިގެންފައިވާ، ތައުލީމީ ދާއިރާއިން އެކްސްކްލޫސިވް ގްލޯބަލް އެކްރެޑިޓޭޝަން ދޭ ޖަމިއްޔާ އެކެވެ. މި ޖަމިއްޔާ އަކީ އިންޓަނޭޝަނަލް ބަކަލޯރިއަޓް އޮގަނައިޒޭޝަންގެ ތަރައްގީއާ ކުރިއެރުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ ޖަމިއްޔާ އެކެވެ. މި ޖަމިއްޔާއިން މިހާތަނަށް 30 ގައުމެއްގެ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ، ފެންވަރު ރަނގަޅު ތައުލީމީ މިންގަނޑުތަކެއް ހިފަހައްޓާ 48 ސްކޫލަކަށް ވަނީ އެކްރެޑިޓޭޝަން ދީފަ އެވެ.

އައިއެސްއޭގެ އެކްރެޑިޓޭޝަނާ އެކު ފިންލެންޑް އިންޓަނޭޝަލް ސްކޫލަކީ ސައުތު އޭޝަން ރީޖަނުން މި ޖަމިއްޔާގެ ފުލް މެމްބާޝިޕްކަން ލިބިފައިވާ ހަމައެކަނި ސްކޫލެވެ.

ފިންލެންޑް އިންޓަނޭޝަނަލް ސްކޫލަށް ލިބުނު ކާމިޔާބީ ފާހަގަކުރައްވައި އެ ސްކޫލުގެ ޕްރިންސިޕަލް އެއިޔާ ވެލަންނޭ ވިދާޅުވީ އެ ސްކޫލަކީ ރާއްޖޭގެ އިތުރުން ބައިނަލްއަގުވާމީ ދުނިޔޭގައި ވެސް ބަަލައިގެންފައިވާ ސްކޫލަކަށްވުމަކީ އެ ސްކޫލަށް ލިބުނު ބޮޑު ފަހުރެއް ކަމަށެވެ. އަދި މި ލިބުނު އެކްރެޑިޓޭޝަނާ އެކު ގިނަ ފުރުސަތުތަކެއް އެ ސްކޫލަށް ލިބޭނެ ކަމަށް ވިދާޅުވި އެވެ.

"މި ރެކޮގްނިޝަންއާ އެކު އެހެން ސްކޫލުތަކާ އެކު މަސައްކަތް ކުރުމުގެ ފުރުސަތު އަޅުގަނޑުމެންނަށް ލިބޭނެ. އަދި އައިއެސްއޭގެ ކަނެކްޝަންތަކުގެ އެހީގައި އަޅުގަނޑުމެންގެ ދަރިވަރުންނަށް ބައިނަލްއަގުވާމީ އެކްސްޕޯޝާ ހޯދާދެވޭނެ. އަދި އަޅުގަނޑުމެންގެ ޓީޗަރުންނަށް މިހާރަށްވުރެ ވެސް ފުރިހަމަ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ފުރުސަތުތައް ހޯދައިދެވޭނެ،" ޕްރިންސިޕަލް ވިދާޅުވި އެވެ.

އައިއެސްއޭގެ ފޭސްބުކް ޕޭޖް.

އައިލެންޑާސް އެޑިއުކޭޝަންގެ ޑިރެކްޓަރު އަދްލީ ރަޝީދު ވިދާޅުވީ ފިންލެންޑް އިންޓަނޭޝަނަލް އަށް ލިބުނު ކާމިޔާބީ އަކީ ރާއްޖޭގެ ސްކޫލުތަކަށް ވެސް ބައިނަލްއަގުވާމީ ފެންވަރުގައި، އެ ސްޓޭންޑަޑްތަކުގައި ކިޔަވައިދެވިދާނެ ކަމުގެ ހެއްކެއް ކަމަށެވެ. އެ ސްކޫލުގެ ކާމިޔާބީގެ ސިއްރަކީ ފިންލޭންޑްގެ އެޑިއުކޭޓަރުންނާ އެކު މަސައްކަތް ކުރާ ދިވެހި ޓީޗަރުން ނެގުމުގައި އެ ސްކޫލުން ގެންގުޅޭ ހަރުދަނާ އުސޫލުތައްކަން ފާހަގަކުރެއްވި އެވެ.

"މިއީ ވަރަށް ތާރީހީ، ވަރަށް މުހިންމު ކާމިޔާބީއެއް. މި ކާމިޔާބީއާ އެކު އަޅުގަނޑުމެންނަކީ ހަމައެކަނި ރާއްޖޭގެ އިންޓަނޭޝަނަލް ސްކޫލެއް ނޫން. އަޅުގަނޑުމެންނަކީ ބައިނަލްއަގުވާމީ ދުނިޔޭގެ ވެސް ބައިނަލްއަގުވާމީ ސްކޫލެއް." އަދްލީ ވިދާޅުވި އެވެ.

މި ކާމިޔާބީ އަކީ ބައިނަލްއަގުވާމީ ރާއްޖެ އަކީ ދުނިޔޭގެ މިންގަނޑުތަކަަށް ފެތޭ ތައުލީމު ދޭ ގައުމެއްގެ ގޮތުގައި ކުރިއަށް ދިއުމަށް އެޅުނު ހަރުދަނާ ފިޔަވަޅެއްގެ ގޮތުގައި އަދްލީ ސިފަކުރެއްވި އެވެ.

އައިއެސްއޭ ނެޓްވޯކުގެ އެހީގައި ފިންލެންޑް އިންޓަނޭޝަނަލްގެ ތައުލީމީ ތަޖުރިބާތައް މިހާރަށްވުރެ ފުރިހަމައަށް ހޯދާ ދެވޭނެ ކަމަށް އައިލެންޑާސް އެޑިއުކޭޝަނުން ބުނެ އެވެ.