Roadha Mihaaru
އޯލޫ ޔުނިވާސިޓީން ޓީޗަރުން ތަމްރީނު ކުރަނީ

ފިންލެންޑްގެ އޯލޫ ޔުނިވާސިޓީން ޓީޗަރުން ތަމްރީނު ކުރުމުގެ އާ ފުރުސަތުތަކެއް

21 ޑިސެމްބަރ 2023

ފިންލަންޑްގެ އެންމެ ބޮޑު އެއް ޔުނިވާސިޓީ, އޯލޫ ޔުނިވާސިޓީއާ ގުޅިގެން ފިންލަންޑް އިންޓަނޭޝަނަލް އިން ފެށި ދިވެހި ޓީޗަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމުގެ ދެ ވަނަ ފިޔަވަހި އިފްތިތާހު ކޮށްފި އެވެ.

ފިންލަންޑްގެ އެންމެ ބޮޑު އެއް ޔުނިވާސިޓީ, އޯލޫ ޔުނިވާސިޓީއާ ގުޅިގެން ފިންލަންޑް އިންޓަނޭޝަނަލް އިން ފެށި ދިވެހި ޓީޗަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމުގެ ދެ ވަނަ ފިޔަވަހި އިފްތިތާހު ކޮށްފި އެވެ.

މި ޕްރޮގްރާމަކީ ދިވެހި ޓީޗަރުން ބައިނަލްއަގުވާމީ ފެންވަރަށް ތަމްރީނުކުރުމުގެ ގޮތުން ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަކީ ޑިގްރީ އާއި މާސްޓާސް ނިންމާ ވަޒީފާ އަށް ނުކުންނަ ދިވެހި ޓީޗަރުންނަށް ޕްރެކްޓިކަލް ހުނަރުތައް މަދުވެ ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަނެވޭނެ ހުނަރުތައް ހިމަނައިގެން ފަރުމާކޮށްފައިވާ ޕްރޮގުރާމެކެވެ.

ފިންލަންޑް ސްކޫލާއި އޯލޫ ޔުނިވާސިޓީން މި ތަމްރީނުތައް ބައްޓަން ކޮއްފައިވަނީ ވަޒީފާގައި އުޅެމުން ދިގު މުއްދަތަކަށް ބަހާލައިގެން ހިންގާ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކެއްގެ ގޮތުގަ އެވެ. އަދި ހުރިހާ ތަމްރީންތަކެއް ހިންގަމުންދާނީ ޓީޗަރުންގެ މަސައްކަތްކުރާ ގަޑިތެރޭގައި އިތުރުގަޑިތަކުގައި ޓްރެއިނިންނަށް އަންނަން ނުޖެހޭ ގޮތަށެވެ.

ފިންލެންޑް އިންޓަނޭޝަނަލް ސްކޫލްގެ ޕެޑެގޮޖިކަލް ޑިރެކްޑަރު، ވިލީ ކުރުކެލާ ވިދާޅުވީ މި ފަދަ ޓްރެއިނިން ޕްރޮގްރާމަކީ ހާއްސަކޮށް ރާއްޖެ ފަދަ ގައުމަކަށް މުހިންމު ޕްރޮގްރާމެއް ކަމަށެވެ.

"ރާއްޖޭގައި ހިންގާ ގިނަ ޓީޗިން ޓްރެއިނިންތަކުގައި ޕްރެކްޓިކަލް ބަޔަށް ވުރެ ތިއަރީ ބައި ބޮޑުކަން އަޅުގަނޑަށް ވަނީ ފާހަގަކުރެވިފައި. ގާބިލު ޓީޗަރުންތަކެއް ބިނާ ކުރުމުގައި ޓީޗަރުންނަށް ތަމްރީނުތަކުގައި އަމަލީ ތަޖުރިބާގެ ބައިތައް ބޮޑަށް ހިމަނަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

ވިލީ ވިދާޅުވި ގޮތުގައި، ތަމްރީނު ޕްރޮގްރާމެއް ކާމިޔާބު ޕްރޮގްރާމަކަށް ހެދުމަށް އެ ޕްރޮގްރާމެއްގައި ދަސްކުރާ އިލްމާއި ހުނަރު ކްލާސް ރޫމުތަކުގައި ބޭނުން ކޮށް، އަމިއްލަ ތަޖުރިބާއިން ކަންތައްތައް ދަސްކުރުމުގެ ފުރުސަތުތައް ދޭން ޖެހޭނެ ކަމަށެވެ. މިއީ ފިންލަންޑުގައި ވެސް މި ކަން ކުރަމުންދާ ގޮތްކަމަށް ވިލީ ވިދާޅުވި އެވެ.

"ފިންލަންޑުގައި ޓީޗިން ކިޔަވައިދޭ ޔުނިވާސިޓީތަކުގެ ދަށުގައި ޓީޗިން ސްކޫލުތަކެއް ހުރޭ. އަދި ޓީޗިން ކިޔަވާ ދަރިވަރުން އަބަދުވެސް އެ ސްކޫލުތަކާއި ގުޅިގެން ޑިގްރީގެ ހުރިހާ އަހަރުތަކެއްގެ ގިނަ ވަގުތުތަކެއްގައި ޕެރެކްޓިކަލް އާއި ރީސާޗް ހަދަމުން ދާނެ. އަދި އެއީ ޑިގްރީގެ އެސެސްމަންޓުގެ ބޮޑުބަޔެއް،" ވިލީ ވިދާޅުވި އެވެ.

ފިންލަންޑް ސްކޫލް ހިންގާ އައިލެންޑާސް އެޑިއުކޭޝަނުގެ ޑިރެކްޓަރު އަދްލީ ރަޝީދު ވިދާޅުވި ގޮތުގައި ތައުލީމީ ދާއިރާ ފެންވަރު ރަނގަޅުކުރެވޭނީ ޓީޗަރުންނަށް ރަނގަޅު ފެންވަރުގެ ތަމްރީނެއް ލިބިގެންނެވެ.

"ގައުމުގެ ތަރައްގީއާ ގުޅިފައިވާ އެންމެ މުހިންމު އަސާސީ ހިދުމަތަކީ ތައުލީމު. މިއީ މި ސެކްޓާ އަށް ކުއްލިއަކަށް ގެންނަ ބަދަލުތަކަކުން ނަތީޖާއެއް ނިކުންނާނެ ކަމެއް ނޫން. ހުރިހާ ފަރާތަކުން އެއްބަސްވެގެން ވަރަށް ގިނަ އަހަރުތަކަކަށް ރާވައިގެން ހެދޭ ޕްލޭންއަކާ އެކު ގިނަ ބައެއްގެ ބުރަ މަސައްކަތުން ރަނގަޅުކުރެވޭނެ ކަމެއް." އަދްލީ ވިދާޅުވި އެވެ.

އައިލެންޑާސް އެޑިއުކޭޝަނުން މަސައްކަތްކުރަމުން އަންނަނީ އެ ކުންފުނީގެ ދަށުން ހިންގާ ސްކޫލްތަކުގައި ދޭ ތައުލީމުގެ ފެންވަރު އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން ޓީޗަރުންނަށް މި ފަދަ ބައިނަލްއަގުވާމީ ފެންވަރުގެ ތަމްރީން ލިބުމުގެ ފުރުސަތުތައް ފަހިކޮށްދީ, ޓީޗަރުންގެ ފެންވަރު ރަނގަޅުކުރުމުގެ ޕްރޮގްރާމުތައް މެދުކެނޑުމެއްނެތި ލިބިދިނުމަށެވެ.

ނޯޓު: މިއީ އައިލެންޑާސް އެޑިއުކޭޝަންގެ އެޑްވަޓޯރިއަލް އާޓިކަލްއެކެވެ.