Roadha Mihaaru
ހާލަތު ދެނެގަންނަން ފީފާގެ ޓީމެއް ރާއްޖެ އަންނަނީ

ހާލަތު ދެނެގަންނަން ފީފާގެ ޓީމެއް ރާއްޖެ އަންނަނީ

23 މާޗް 2024

އެފްއޭއެމްގެ އިންތިހާބާ ގުޅިގެން ފެންމަތިވެފައިވާ މައްސަލަތައް ދެނެގަންނަން ފީފާ އާއި އޭއެފްސީގެ ޓީމެއް ރާއްޖެ އަށް ފޮނުވާނެކަން އަންގައިފި އެވެ.

އެފްއޭއެމްގެ އިންތިހާބާ ގުޅިގެން ފެންމަތިވެފައިވާ މައްސަލަތައް ދެނެގަންނަން ފީފާ އާއި އޭއެފްސީގެ ޓީމެއް ރާއްޖެ އަށް ފޮނުވާނެކަން އަންގައިފި އެވެ.

އަންނަ މަހު 20 އަށް ތާވަލުކޮށްފައި އޮތް އެފްއޭއެމްގެ އިންތިހާބު މަޑުޖައްސާލަން ފީފާ އާއި އޭއެފްސީން އެންގި ސިޓީގައި ވަނީ އެކަން އެފްއޭއެމް އަށް އަންގައިފަ އެވެ.

އެ އެސޯސިއޭޝަންގެ އެކްޓިން ޖެނަރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ޝަރީފް ވިދާޅުވީ، ފީފާ އާއި އޭއެފްސީގެ ޖޮއިންޓް ޓީމެއް ރާއްޖެ އަށް ފޮނުވާނެ ކަމުގެ އިޝާރާތެއް ދީފައިވާ ކަމަށެވެ.

"ފީފާ އާއި އޭއެފްސީން ފޮނުވި ޖޮއިންޓް ސިޓީގައި އެބައޮތް ފީފާ އާއި އޭއެފްސީގެ ޖޮއިންޓް ޓީމެއް ރާއްޖެ އަށް ފޮނުވާނެކަމުގެ އިޝާރާތެއް ދީފައި،" ޖައުޝަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ޓީމު އަންނާނެ ވަކި ތާރީހެއް ބުނަން ނޭނގޭ ކަމަށެވެ.

"ހަމަ ކުއްލިއަކަށް ވެސް އަތުވެދާނެ،" އޭނާ ވިދާޅުވި އެވެ.

ފީފާގެ ވަފުދެއް ރާއްޖެ އަންނަކަމުގެ އިޝާރާތެއް ކޮށްފައި ވާއިރު، އެފްއޭއެމުން މިދިޔަ މަހު ބޭއްވި ކޮންގްރެސްއާ މެދު ބައެއް ކްލަބްތަކުން ވަނީ ފީފާ އަށް ޝަކުހުށަހަޅައިފަ އެވެ.

މި ވަފުދުން، ކްލަބްތަކާ ބައްދަލު ކުރާނެ އެވެ. މީގެ ކުރިން ވެސް ފީފާ އާއި އޭއެފްސީގެ ޖޮއިންޓް ޓީމުތަކުން ވަނީ މައްސަލަ ޖެހުމުން ރާއްޖެ އައިސް ހާލަތު ދެނެގެންފަ އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އިތުބާރު ނެތްކަމުގެ މައްސަލަ 2019 ގައި ހުށަހެޅުމުން އޭރު އުފެދުނު މައްސަލަތަކުގެ ތެރޭގައި ފީފާ އާއި އޭއެފްސީގެ ޓީމެއް ރާއްޖެ އައިސް ކްލަބްތަކައި ބައްދަލު ކުރި އެވެ،

ބައްސާމްގެ އިތުބާރު ނެތް ކަމަށް ސޮއި ކުރި ބައެއް ކްލަބްތަކާ ބައްދަލު ކުރުމަށް ފަހު ވެސް ފީފާގެ ވަފުދުން ބައްދަލު ކުރުމުން ބައެއް ކްލަބްތަކުން ބުނެފައި ވަނީ އިތުބާރު ނެތް ކަމަށް ހުށަހެޅި ގަރާރުގައި ސޮއި ވެސް ނުކުރާ ކަމަށެވެ.

އެ ގަރާރު ސައްހަ ނޫންކަމަށް ނިންމައި، އެ ކޮންގްރެސް ނުބޭއްވޭނެކަމަށް ފީފާގެ އެ ވަފުދުން ނިންމި އެވެ.