Roadha Mihaaru
ޑްރޯންތައް ދުއްވަން ބޭރުގެ ސިފައިން ނުތިބޭނެ: ރައީސް

ޑްރޯންތައް ދުއްވަން އަދި އެހީވާން ވެސް ބޭރުގެ ސިފައިން ނުތިބޭނެ: ރައީސް

25 މާޗް 2024

ރާއްޖޭގެ އިގްތިސޯދީ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތުގައި ބޭނުންކުރަން ފަށާފައިވާ އަސްކަރީ ތިން ޑްރޯން ދުއްވާނީ ހަމައެކަނި ދިވެހި ސިފައިން ކަމަށާއި އެ ޑްރޯންތައް ދުއްވުމުގައި ބޭރުގެ ސިފައިން ނުތިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ރާއްޖޭގެ އިގްތިސޯދީ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތުގައި ބޭނުންކުރަން ފަށާފައިވާ އަސްކަރީ ތިން ޑްރޯން ދުއްވާނީ ހަމައެކަނި ދިވެހި ސިފައިން ކަމަށާއި އެ ޑްރޯންތައް ދުއްވުމުގައި ބޭރުގެ ސިފައިން ނުތިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ކޮންމެ ދުވަހަކު ރައީސް އޮފީހުން ގެނެސްދޭ "ރައީސްގެ ޖަވާބު" ގައި މީހަކު ސުވާލުކުރީ މި ފަހުން ގެނައި ޑްރޯންތައް ދުއްވުމުގައި އެެއްވެސް އިތުރު ގެއުމެއްގެ ސިފައިން ތިބޭނެތޯ އެވެ. އޭނާ އެގޮތަށް ސުވާލުކުރީ މީގެ ކުރިން ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމުގައި އިންޑިއާގެ ސިފައިން ހަރަކާތްތެރިވެފައިވާތީ އެވެ.

އެ ސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވީ އެއްގޮތަކަށް ވެސް ބޭރުގެ ސިފައިން ރާއްޖޭގައި ގެންގުޅުމުގެ ސިޔާސަތު އެ މަނިކުފާނު ނުގެންގުޅުއްވާނެ ކަމަށެވެ. އެހެންވެ، އެ ޑްރޯންތައް ބޭނުންކުރާނީ ހަމައެެކަނި ދިވެހި ސިފައިން ކަމަށް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ ދިވެހި ސިފައިންގެ ޓީމެއް ވަނީ ތުރުކީގައި ޑްރޯންތައް ދުއްވުމުގެ ހާއްސަ ތަމްރީނުތައް ފުރިހަމަކޮށްފައި ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އިތުރު ސިފައިން ތަމްރީނުވުމަށް އެ ގައުމަށް ދާނެ ކަމަށެވެ. އެކަމަކު އެ ޑްރޯންތައް ދުއްވުމުގައި އެހީތެރިވާން ވެސް ބޭރުގެ ސިފައިން ނުތިބޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.

"އަލަށް މި ތައާރަފުކުރި ސިފައިންގެ އެއާ ކޯ ސާވިސްގައި ވެސް އަދި އޭގެ ދަށުން ދުއްވަން ފެށި މި ޑްރޯންތައް ދުއްވުމުގައި ވެސް ނުތިބޭނެ ބޭރުގެ ސިފައިންނެއް. ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިންނެއް އެކަމުގައި އެހީތެރިވާން ވެސް ރާއްޖޭގައި ނުތިބޭނެ،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު އެގޮތަށް ވިދާޅުވިއިރު، މީގެ ކުރިން ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމުގައި އިންޑިއާ އިން ހަދިޔާކުރި ހެލިކޮޕްޓަރު ދުއްވީ އިންޑިއާ ސިފައިންނެވެ. އެކަމަކު އެމީހުން ފޮނުވާލުމުގެ މަސައްކަތް ސަރުކާރުން މިހާރު ފަށާފައިވާއިރު އައްޑޫ ގަމުގައި ތިބި އިންޑިއާގެ 25 އަކަށް ސިފައިން ވަނީ މި މަހުގެ 10 ގެ ކުރިން ފޮނުވާލައިފަ އެވެ. އަދި ބާކީ ތިބި ސިފައިން މި އަހަރުގެ މެއި 10 ގެ ކުރިން ފޮނުވާލަން، ދެ ގައުމުން ވަނީ އެއްބަސްވެފަ އެވެ.

ތުރުކީ އިން ރާއްޖެއަށް ގެނައި ތިން ޑްރޯން ބޭނުން ކުރަން ފެށީ މި މަހުގެ 15 ގައި ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ދިވެހި އަސްކަރިއްޔާ އާއި ކޯސްޓްގާޑު ގުޅިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ އޮޕަރޭޝަންތައް ފެށިއިރު ރާއްޖޭގައި ޑްރޯން ޓެކްނޮލޮޖީ ބޭނުންކުރުމަށް ގިނަ އާލާތްތަކެއް ތުރުކީ އިން ހަދިޔާކުރި އެވެ.

ތުރުކީ އިން ގެނައީ އެ ގައުމުން އުފައްދާފައިވާ "ބައިރަކްތާރު ޓީބީ2" ގެ ތިން ޑްރޯން އެވެ. އެ ޑްރޯނަކީ 27 ގަޑިއިރަށް ވުރެ ގިނައިރު 25،000 އަށް ވުރެ ގިނަ ފޫޓު މަތިން އުދުއްސޭ އުޅަނދެކެވެ. ދިގުމިނުގައި ހަ މީޓަރު، ފިޔަގަނޑުގައި 12 މީޓަރު ހުންނަ ގާތްގަނޑަކަށް 700 ކިލޯގެ ފުލީ އޮޓޮމޭޓަޑް މި އުޅަނދުގައި މުވާސަލާތީ ހިދުމަތްތަކުގެ ރޭންޖު 300 ކިލޯމީޓަރާ ހަމައަށް ހުރެ އެވެ. މި ޑްރޯން އަކީ 70 އާއި 120 ނޮޓުގެ ސްޕީޑުގައި ދުއްވުމުގެ ގާބިލުކަން ދީފައިވާ ޑްރޯން އެކެވެ.