Roadha Mihaaru
ޗެކްމާކް ރަޝީދުގެ މައްސަލަ ހައި ކޯޓުން ބަލައެއްނުގަތް

ޗެކްމާކް ރަޝީދު އިންތިހާބުން ފުރުސަތު ހޯދަން ހުށަހެޅި މައްސަލަ ހައި ކޯޓުން ބަލައެއް ނުގަތް

25 މާޗް 2024

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން އިތުރު ފުރުސަތެއް ހޯދުމަށް ހިތަދޫ މެދުދާއިރާގެ މެންބަރު ޗެކްމާކް އަހުމަދު ރަޝީދު ހައި ކޯޓަށް ހުށަހެޅުއްވި މައްސަލަ ބަލައިނުގަންނަން އެ ކޯޓުގެ ރަޖިސްޓްރާ ނިންމައިފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން އިތުރު ފުރުސަތެއް ހޯދުމަށް ހިތަދޫ މެދުދާއިރާގެ މެންބަރު ޗެކްމާކް އަހުމަދު ރަޝީދު ހައި ކޯޓަށް ހުށަހެޅުއްވި މައްސަލަ ބަލައިނުގަންނަން އެ ކޯޓުގެ ރަޖިސްޓްރާ ނިންމައިފި އެވެ.

ހައި ކޯޓުގެ ރަޖިސްޓްރާ މަރިޔަމް ހޫރުޝީދާ ނިންމެވީ، ޗެކްމާކް ރަޝީދު ހުށަހެޅުއްވި މައްސަލަ އެ ކޯޓަށް ބެލިދާނެ ކަމަށް ނުފެންނަ ކަމަށެވެ. އެއީ އިންތިހާބުގައި ކުރިމަތިލުމަށް ހުށަހަޅާ ހުށަހެޅުމަކާ ގުޅޭ ގޮތުން ކޮމިޝަނުން ނިންމާ ނިންމުމާ ބެހޭ މައްސަލަ ހުށަހަޅަން ޖެހެނީ ސުޕްރީމް ކޯޓަށް ކަމަށްވާތީ ކަމަށް ނިންމުމުގައިވެ އެވެ.

ޑިމޮކްރެޓްސްގެ ފަރާތުން ހިތަދޫމެދު ދާއިރާ އަށް ޗެކްމާކް ރަޝީދު ނަން ހުށަހެޅުއްވުމަށް ފަހު، ނަން އަނބުރާ ގެންދެވި އެވެ. އެނގިފައިވާ ގޮތުގައި އޭނާ ނަން އަނބުރާ ގެންދެވީ ރޯދަމަސް ތެރެއަށް އިންތިހާބު ވަންނާތީ އެވެ.

ނަމަވެސް، މަޖިލިސް އިންތިހާބު ރޯދަމަހުގެ ފަހަށް ތާވަލުކުރުމާ އެކު، ޗެކްމާކް ފިހާރަތަކުގެ ވެސް ވެރިޔާ ރަޝީދު ވަނީ އޭނާގެ ފޯމު އަލުން ބަލައިގަތުމަށް އެދި އިލެކްޝަން ކޮމިޝަނަށް ހުށަހަޅުއްވައިފަ އެވެ. އެ ކޮމިޝަނުން ނިންމީ އެކަން ބަލައިނުގަތުމަށެވެ.

އިންތިހާބު ބާއްވާ ތާރީހު ފަސްކުރި ނަމަވެސް، އިންތިހާބަށް އަލުން ވާދަކުރުމުގެ ފުރުސަތު އިލެކްޝަން ކޮމިޝަނުން ހުޅުވާލައިފައެއް ނުވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވަން ފުރަތަމަ ތާވަލުކުރީ މި މަހުގެ 17 ވަނަ ދުވަހު އެވެ. ނަމަވެސް، މަޖިލީހުން ވަނީ ރޯދަމަސް ތެރޭގައި އިންތިހާބު ނުބޭއްވޭ ގޮތަށް އިންތިހާބުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނެސްފަ އެވެ.

އެ އިސްލާހުގެ ދަށުން އިލެކްޝަން ކޮމިޝަނުން ވަނީ އަންނަ މަހުގެ 21 ވަނަ ދުވަހަށް އިންތިހާބު ފަސްކޮށްފަ އެވެ.