Roadha Mihaaru
ލ. އަތޮޅުގެ ތާރީހު ބަދަލުކޮށްލެއްވީ ރައީސް: އަދުރޭ

ލ. އަތޮޅުގެ ތާރީހު ބަދަލުކޮށްލެއްވީ ރައީސް މުއިއްޒު: އަބްދުއްރަހީމް

27 އެޕްރީލް 2024

ލ. އަތޮޅުގެ ސިޔާސީ ތާރީހު ބަދަލުކޮށްލެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށާއި ރާއްޖޭގެ އެންމެ މަތީ ފަޑިން އެ އަތޮޅުގެ މީހުންނަށް ފުރުސަތު ހޯއްދަވައި ދެއްވީ ވެސް އެ މަނިކުފާނު ކަމަށް ރައީސްގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރޭ ވިދާޅުވެއްޖެ އެވެ.

ލ. އަތޮޅުގެ ސިޔާސީ ތާރީހު ބަދަލުކޮށްލެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށާއި ރާއްޖޭގެ އެންމެ މަތީ ފަޑިން އެ އަތޮޅުގެ މީހުންނަށް ފުރުސަތު ހޯއްދަވައި ދެއްވީ ވެސް އެ މަނިކުފާނު ކަމަށް ރައީސްގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރޭ ވިދާޅުވެއްޖެ އެވެ.

އަބްދުއްރަހީމް އެހެން ވިދާޅުވީ، މިދިޔަ އާދިއްތަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ފޮނަދޫ ދާއިރާ އިން އޭނާ އަށް ލިބުނު ބޮޑު ކާމިޔާބު ފާހަގަކުރަން ފޮނަދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގަ އެވެ.

"އަޅުގަނޑު އަބަދުވެސް ދަންނަވަން 4،000 އަހަރު ވީ މި ދިވެހި ދައުލަތް ހިނގަމުން އަންނަތާ. މިހާތަނަށް އައި އިރު ދިވެހިރާއްޖޭގެ އެންމެ މަތީ ފަޑީގައި، ކެބިނެޓުގައި ހައްދުންމަތީގެ ބޭފުޅަކު ދުވަހަކު ވެސް ހިމެނިފައި ނެތް،" އޭނާ ވިދާޅުވި އެވެ.

އެކަމަކު، އަބްދުއްރަހީމް ވިދާޅުވީ، ރައީސް މުއިއްޒު މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި މަގާމުގެ ހުވާކުރެއްވުމަށް ފަހު އެކުލަވައިލެއްވި ކެބިނެޓުގައި "އެންމެ ބާރުގަދަ" ދެ ވަޒީރުންގެ ގޮތުގައި ތިއްބެވީ ފޮނަދޫގެ ދެ ބޭފުޅުން ކަމަށެވެ. އެއީ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގާއި އަބްދުއްރަހީމްގެ ދަރިކަލުން އަދި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލެވެ.

"އޭގެ އިތުރުން އަޅުގަނޑު ވެސް ކޮންމެވެސް ހިސާބެއްގައި އެބަ ލައްވާލާ،" ރައީސް މުއިއްޒު އެންމެ އިތުބާރު ކުރައްވާ އަދި މި ސަރުކާރުގައި އެންމެ ބާރުގަދަ އެއް ފަރާތް ކަމަށްވާ އަބްދުއްރަހީމް ވިދާޅުވި އެވެ.

"އެހެވީމާ ރައީސް މުއިއްޒުގެ ސަރުކާރު ދަމަހައްޓައި ނެގެހެއްޓުމަށްޓަކައި ފޮނަދު އަށް ވުރެ ބޮޑަށް ވަކިން މަސައްކަތް ކުރަންޖެހޭ އެހެން އެއްވެސް ރަށެއް ދިވެހިރާއްޖޭގައި އޮތް ކަމަކަށް އަޅުގަނޑެއް ގަބޫލެއް ނުކުރަން."

އެހެންވެ، އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ފޮނަދޫގެ ރައްޔިތުން މިހާރު އިސްކުރަންވީ ޕާޓީގެ ފިކުރަށް ވުރެ ގައުމީ ފިކުރު ނުވަތަ ފޮނަދޫގެ ފިކުރެވެ. އޭނާ ވިދާޅުވީ، ޒަމާނުއްސުރެ ފޮނަދޫގެ ރައްޔިތުން ދެކެން ބޭނުންވާ ހުވަފެންތަކެއް އެބަހުރި ކަމަށާއި ހަޔާތުގައި ވަރަށް މަދުން ނޫނީ މިފަދަ ފުރުސަތެއް ނުލިބޭނެ ކަމަށެވެ.

"ބުއްދިވެރިންނަކީ ލިބޭ ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފާ މީހުން. މިއަދު މި އޮތީ އިރާދަކުރެއްވިއްޔާ ހައްދުންމައްޗަށް ހާއްސަކޮށް ފޮނަދު އަށް ރަނުގެ ފުރުސަތެއް ލިބިފައި. މި ފުރުސަތުގެ ބޭނުން ހިފަން އަޅުގަނޑު ގޮވާލަނީ ފޮނަދޫގެ މުޅި ރައްޔިތުންނަށް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

"އެހެވީމާ ރައީސް މުއިއްޒުގެ ސަރުކާރު ދަމަހައްޓައި ނެގެހެއްޓުމަށްޓަކައި ފޮނަދު އަށް ވުރެ ބޮޑަށް ވަކިން މަސައްކަތް ކުރަންޖެހޭ އެހެން އެއްވެސް ރަށެއް ދިވެހިރާއްޖޭގައި އޮތް ކަމަކަށް އަޅުގަނޑެއް ގަބޫލެއް ނުކުރަން."--- އަބްދުއްރަހީމް

އަބްދުއްރަހީމް ވިދާޅުވީ، އެ ނަމޫނާ ދައްކަވައި އޭނާ އިސްކުރައްވަނީ "ރަށުވަންތަ" ފިކުރު ކަމަށެވެ. ވިދާޅުވީ، ކޮންމެ ޕާޓީއެއްގައި އޭނާ ހުންނެވިޔަސް އިސް ކުރައްވާނީ ފޮނަދޫގެ ތަރައްގީ ކަމަށެވެ.

"އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވަން އޮތް ޔަގީން ކަމަކީ މިރޭ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހައްދުންމަތީގެ ތަރައްގީ އަށް ފޮނަދޫ ދާއިރާގެ ތަރައްގީ އަށް ހާއްސަކޮށް ފޮނަދޫގެ ތަރަައްގީ އަށް ކުރަންޖެހޭ ކޮންމެ ކަމެއް ކުރުމުގައި 24 ގަޑިއިރު މަސައްކަތް ކުރަން ވެސް އަޅުގަނޑު މި ހުރީ ތައްޔާރަށޭ. އަޅުގަނޑު އަބަދުވެސް ދަންނަވާ ވާހަކައެއް މިއި، އަޅުގަނޑު ހުންނާނީ ތިޔަބޭފުޅުންނާ އެކީގައޭ. ތިޔަބޭފުޅުންގެ ފިކުރުގައޭ އަޅުގަނޑުގެ ދެމިހުންނާނީ،" ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ޗެއާޕާސަންކަން ވެސް ކުރައްވާ އަބްދުއްރަހީމް ވިދާޅުވި އެވެ.

މީގެ ކުރިން ވެސް ދެ ދައުރު ފޮނަދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި އަބްދުއްރަހީމް ވިދާޅުވި ގޮތުގައި 2019 ގައި ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އޭނާ ބަލިވުމުން އެ ދާއިރާގެ މީހުންގެ ރުއި ރުއިން ފެނިވަޑައިގެންނެވި އެވެ. އޭނާ ވިދާޅުވީ، އޭރު ކާމިޔާބުވި ނަމަވެސް އޮތީ އެމްޑީޕީގެ ސަރުކާރެއް ކަމަށް ވުމުން މާ ގިނަ ކަންތައްތަކެއް ފޮނަދު އަށް ކޮށް ނުދެއްވޭނެ ކަމަށެވެ.

ރައީސް މުއިއްޒާއި އަބްދުއްރަހީމް ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަންނަވަނީ.

ރައީސް މުއިއްޒާއި އަބްދުއްރަހީމް ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަންނަވަނީ.

"އެ ބަލިވުމަކީ އަޅުގަނޑު ގަބޫލުކުރަނީ މި މޮޅުވުމަށް މަގުފަހިވެގެން ދިޔަ ކަމެކޭ. ކޮންމެ ކަމެއް މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަބާރަކަ ވަތައާލާ. އެހެންވީމާ އެ ދުވަހު އަޅުގަނޑުމެން ހިތްވަރު ކޮށްލާފައި ތެދުވި ތެދުވުމުގެ ނަތީޖާއަކީ ތަފާތު ބޮޑުކޮށް، އަޅުގަނޑު ހަނދާން ވަނީ މުޅި ރާއްޖެ އިން ދެވަނައޭ، މުޅި ރާއްޖެ އިން ދެ ވަނަ ހޯދައިން މި ގޮނޑި އަށް ތިޔަބޭފުުން އަޅުގަނޑު އިންތިހާބު ކޮށްދެއްވައިފި،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމްގެ ކާމިޔާބީ ފާހަގަކުރަން ފޮނަދޫގައި ރޭ ހަވާ ވެސް އަރުވައި ވަރަށް ހޫނު މަރުހަބާއެއް އޭނާ އަށް ކިޔެވެ. އަދި އިއްޔެ ހަވީރު ސައިކަލް ބުރެއް ވެސް ބޭއްވި އެވެ.

މި ފަހަރު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ފޮނަދޫ ދާއިރާގެ ގޮނޑި އަބްދުއްރަހީމް ކާމިޔާބު ކުރެއްވީ 1،649 ވޯޓުންނެވެ. އޭނާއާ އެންމެ ގާތުން ވާދަކުރެއްވި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް ހުސައިން އަބޫބަކުރަށް ހޯއްދެވުނީ 491 ވޯޓެވެ. މި އިންތިހާބުގައި މާވަށު ދާއިރާ ފިޔަވައި ލ. އަތޮޅުގެ ތިން ދާއިރާ ވެސް ކާމިޔާބުކުރީ ޕީއެންސީންނެވެ. މާވަށު ދާއިރާގެ ގޮނޑު ކާމިޔާބު ކުރީ އެމްޑީޕީގެ ކެންޑިޑޭޓެވެ.

މިދިޔަ އާދިއްތަ ދުވަހު ބޭއްވި މަޖިލިސް އިންތިހާބުގައި ޕީއެންސީން 66 ގޮނޑި ކާމިޔާބުކޮށް އަދި ފަހުން ގުޅުނު ބޭފުޅުންނާ އެކު، މިހާރު ވަނީ އަންނަ މަހުގެ 28 ގައި ހުވާކުރާ އެ މަޖިލިހުގެ ސުޕަ މެޖޯރިޓީ ހޯދައިފަ އެވެ. އާ މަޖިލިހުގައި ޕީއެންސީގެ 73 މެމްބަރުން ތިއްބަވާނެ އެވެ. ޕީއެންސީއާ އެކު ތިބި އެންއެންޕީ އާއި ޖޭޕީ އަދި އެމްޑީއޭގެ ގޮނޑިތަކާ އެކު ޕީއެންސީ އަށް 77 ގޮނޑި ލިބެ އެވެ. އެމްޑީޕީގެ މެމްބަރުންގެ އަދަދަކީ 12 އެވެ.