ފަލަސްތީނުގެ ޣައްޒާގައި ދެމުން ގެންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލައި އދ.ގެ ސަލާމަތީ މަޖިލީހުން އިއްޔެ ގަރާރު ފާސްކުރުމަށް އެމެރިކާއިން ފުރުސަތު ދިނުމުން އިޒްރޭލުން ރުޅިގަދަވެއްޖެ އެވެ.
ފަލަސްތީނުގެ ޣައްޒާގައި ދެމުން ގެންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލައި އދ.ގެ ސަލާމަތީ މަޖިލީހުން އިއްޔެ ގަރާރު ފާސްކުރުމަށް އެމެރިކާއިން ފުރުސަތު ދިނުމުން އިޒްރޭލުން ރުޅިގަދަވެއްޖެ އެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ދެމުން ގެންދާ ހަމަލާތައް ހުއްޓުމަކަށް ގެންނަން ސަލާމަތީ މަޖިލީހުން ގަރާރު ފާސްކުރަން އުޅުމުން އެމެރިކާއިން މީގެ ކުރިން ވީޓޯގެ ބާރުގެ ބޭނުންކޮށް ގަރާރު ފެއިލް ކޮށްލި ނަމަވެސް މިފަހަރު އެމެރިކާއިން ވޯޓުގައި ބައިވެރިއެއް ނުވެ އެވެ. އެހެންވެ، ދެން ތިބި ގައުމުތަކުން ގަރާރަށް ތާއީދުކޮށް ގަރާރު ފާސްކުރީ އެވެ.
ވޯޓުގައި ބައިވެރިނުވުމުގެ މާނަ އަކީ ސަލާމަތީ މަޖިލީހުގެ ދެން ބާކީ ތިބި 14 މެންބަރު ގައުމުން ބޭނުންވާ ގޮތަކަށް ވޯޓު ނެގުމެވެ.
މި ރަމަޟާން މަހު ހަމަލާތައް ހުއްޓާލައި އަދި ދާއިމީ ގޮތެއްގައި ހަމަލާތައް ހުއްޓުމަކަށް ގެނައުމަށް ބުނާ މި ގަރާރަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް މަރުހަބާ ވިދާޅުވެ ވަގުތުން ތަންފީޒުކުރުމަށް ވަނީ ގޮވާލައްވައިފަ އެވެ.
"މިކަމުގައި ފެއިލްވެއްޖެ ނަމަ އެކަމަށް މާފެއް ނެތް،" ގުޓަރެސް އެކްސްގައި ލިޔުއްވާފައިވެ އެވެ.
އިޒްރޭލުން ފަލަސްތީނުގެ ރަފަހް އަށް އަރަން އުޅޭ މައްސަލައިގައި އެމެރިކާގެ ނުރުހުން ބޮޑުކަމުން އެކަމާ މަޝްވަރާކުރުމަށް އެމެރިކާ އަށް ދާން އޮތް އިޒްރޭލުގެ ވަފުދުގެ ދަތުރު ވެސް މި ގަރާރާ އެކު ވަނީ ކެންސަލްކޮށްފަ އެވެ.
ޣައްޒާގައި ހަމަލާތައް ހުއްޓާލަން ގޮވާލައި އދ.ގެ ސަލާމަތީ މަޖިލީހުން މިއަދު ފާސްކުރި ގަރާރަށް ވޯޓަށް އަހަނީ. -- ފޮޓޯ: އޭއެފްޕީ
އެމެރިކާ އިން އިޒްރޭލު ދިފާއު ނުކުރުމުގެ ރުޅީގައި ދަތުރު ކެންސަލްކުރުމަށް ފަހު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ މި ފާސްކުރި ގަރާރުން އިޒްރޭލުގެ ހަނގުރާމަ އާއި އިޒްރޭލުގެ ރަހީނުން މިނިވަންކުރުމުގެ މަސައްކަތަށް ވެސް ލިބުނީ ދެރައެއް ކަމަށެވެ.
"މިއީ މިހާތަނަށް އެމެރިކާއިން ދަމަހައްޓަމުން އައި ސިޔާސަތު ދޫކޮށްލުންކަން ވަރަށް ސާފު،" ނަތަންޔާހޫގެ އޮފީހުން ބުންޏެވެ.
އެކަމަކު އެމެރިކާއިން ބުނީ ވޯޓުގައި ބައިވެރި ނުވުމަކީ އެމެރިކާގެ ސިޔާސަތު ބަދަލުވުން ނޫން ކަމަށެވެ. އެކަމަކު މި ފަހަކަށް އައިސް ޣައްޒާގެ މައްސަލައިގައި އެމެރިކާގެ ނުރުހުން އިޒްރޭލަށް އަމާޒުވެ އިޒްރޭލާ ދެކޮޅަށް އިބާރާތްތައް ހަރުކަށިކޮށްފައިވެ އެވެ.
ގަރާރު ފާސްކުރިޔަސް އިޒްރޭލާއި ހަމާސްގެ ހަނގުރާމަވެރިންގެ ކުރިމަތިލުންތައް ޣައްޒާގައި މިހާރު ހުރި މައި ދެ ހޮސްޕިޓަލް ކައިރީ މިހާރު ވެސް ދަނީ ކުރިއަށެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އިޒްރޭލުން ދެމުން ގެންދާ ހަމަލާތަކުގައި ފަލަސްތީނުން މިހާތަނަށް 32،000 މީހަކު ވަނީ ޝަހީދުވެފަ އެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. ހަމަލާތައް ކުރިއަށް ދާއިރު އެހީގެ ސާމާނު ޣައްޒާއަށް ވެއްދުމަށް އިޒްރޭލުން ހުރަސްއަޅަމުން ދާތީ ޣައްޒާ މިހާރު އޮތީ ބަނޑަށްޖެހޭ ހިސާބުގަ އެވެ. -- އޭއެފްޕީ
ހަމަލާ ހުއްޓާލުމުގެ ގަރާރު ތަންފީޒުކުރަންޖެހޭ: ރައީސް
ޣައްޒާގެ ހަމަލާ ހުއްޓާލަން ސަލާމަތީ މަޖިލީހުން ގަރާރެއް
އެމެރިކާގެ "އެއްކޮޅަށް ބުރަ" ގަރާރު ފެއިލްކޮށްލައިފި
ޣައްޒާގެ ހަމަލާތައް ހުއްޓާލަން ގޮވާލުމާ އެމެރިކާ ދެކޮޅު
ހޫތީންގެ ހަމަލާތައް "ވަގުތުން ހުއްޓާލަން" ގަރާރެއް
ހަމަލާތައް މެދުކަނޑައިލުމުގެ ގަރާރަކަށް ވޯޓު ނަގަނީ
ޣައްޒާގެ ގަތުލުއާންމު ހުއްޓައިލަން ދުނިޔެ ގޮވާލައިފި
އދ.ގައި އޮތީ އިޒްރޭލު ހިމާޔަތްކުރާ މަޖިލީހެއް
އެމިރޭޓްސްގެ ގަރާރު ވެސް އެމެރިކާ އިން ވީޓޯކޮށްފި
އިޒްރޭލުގެ އުދުވާން ހުއްޓުވުމަށް ގުޓަރޭސް ގޮވާލައްވައިފި