Roadha Mihaaru
ނަޝީދާއި އީވާގެ ކޮޓަރި ބަގްކުރަން އުޅުނު މައްސަލައެއް!

ނަޝީދާއި އީވާގެ ކޮޓަރިކޮޅު ބަގް ކުރަން ފުލުހުން އުޅުނު މައްސަލައެއް ބަލަނީ

23 ނޮވެމްބަރ 2020

ރައްްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲގެ ކޮޓަރިކޮޅާއި މަޖިލީހުގެ ކޮމިޓީއެއްގެ ބައްދަލުވުން ބާއްވާ ކޮޓަރިއެއް "ބަގްކުރަން" ފުލުހުންގެ ބަޔަކު އުޅުނު ކަމަށް ބުނާ މައްސަލައެއް މަޖިލީހުގެ ސާޖަންޓް އެޓް އާމްސް ބައްލަވަން ފައްޓަވާފައިވާ ކަމަށް ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރައްްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲގެ ކޮޓަރިކޮޅާއި މަޖިލީހުގެ ކޮމިޓީއެއްގެ ބައްދަލުވުން ބާއްވާ ކޮޓަރިއެއް "ބަގްކުރަން" ފުލުހުންގެ ބަޔަކު އުޅުނު ކަމަށް ބުނާ މައްސަލައެއް މަޖިލީހުގެ ސާޖަންޓް އެޓް އާމްސް ބައްލަވަން ފައްޓަވާފައިވާ ކަމަށް ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދުގެ ޖަލްސާ ފައްޓަވައި ރިޔާސަތުން އަންގާ އެންގެވުމެއްގެ ގޮތުގައި ނަޝީދު ވިދާޅުވީ، ކޮޓަރިތައް ބަގްކުރަން ނުވަތަ އެ ތަންތަނުގައި ދައްކާ ވާހަކަތައް ޖާސޫސީ އާލާތްތައް ބޭނުންކޮށްގެން އަޑުއަހަން ފުލުހަކު ގުޅީ މަޖިލީހުގެ އަންހެން މުވައްޒަފަކަށް ކަމަށާއި މަޖިލީހުގެ ސެކިއުރިޓީންނަށް އެ މައުލޫމާތު ދިނީ އެ އަންހެން މުވައްޒަފު ކަމަށެވެ.

"...އަޅުގަނޑަކަށް ނޭނގޭ އެއީ ކޮން ބޭނުމެއްގައި ކަމެއް. އަޅުގަނޑުގެ ކޮޓަރީގައި ވެސް މި ބާވަތުގެ އާލާތް ހަރުކުރުމަށް މަޖިލީހުގެ ސެކިއުރިޓީ ސްޓާފުންނާއި ފުލުސް އޮފީހުގައި މަސައްކަތްކުރާ މީހަކާ ވާހަކަ ދެއްކެވި، އެ ސެކިއުރިޓީ ސްޓާފު ވަނީ މަޖިލީހުގެ ސާޖަންޓް އެޓް އާމްސް އާއި ސެކްރެޓަރީ ޖެނެރަލް އަށް އެ މައުލޫމާތު ދީފައި،" ނަޝީދު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، އެ މައްސަލަ ބެއްލެވުމަށް ސާޖަންޓް އެޓްއާމްސް އިތުރު މަސައްކަތެއް ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އެ މައްސަލަ ފުލުސް އޮފީހަށް ހުށަހެޅުއްވުމަކީ އެއްގޮތަކަށް ވެސް ހިތްޕުޅުގައި އޮތް ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވިގޮތުގައި، މަޖިލީހުގެ ތެރެއިން އެ މައްސަލަ ބަލައި ހައްލު ކުރެވޭނެ ކަމަށް އެ މަނިކުފާނު ދެކެވަޑައިގަންނަވަ އެވެ. އެހެންވެ، އެ މައްސަލަ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ އަށް ފޮނުއްވަން ނަޝީދު ނިންމެވި އެވެ.

އެ މަނިކުފާނު ވިދާޅުވީ މަޖިލިހުގެ އިދާރާގެ ކޮޓަރިތައް ބަގްކުރަން ފުލުހަކު ގުޅުމުން ރައްޔިތުންގެ މަޖިލީހުގެ މުވައްޒަފު އަމަލުކުރީ ވަރަށް ހަރުދަނާކޮށް ކަމަށެވެ.