Roadha Mihaaru
އިޒްރޭލުން ޣައްޒާގައި ޗެރިޓީއެއްގެ 7 މީހުން މަރާލައިފި

އިޒްރޭލުން ޣައްޒާގައި ޗެރިޓީއެއްގެ ހަތް މީހުން މަރާލައިފި، ބުނީ އޮޅިގެން ކަމަށް

03 އެޕްރީލް 2024

ފަލަސްތީނުގެ ޣައްޒާގައި ހަރަކާތްތެރިވި އެމެރިކާގެ ޗެރިޓީއެއްގެ ބަޔަކަށް ހަމަލާދީ އޭގެތެރެއިން ހަތް މީހަކު މަރާލި ކަމަށާއި އެއީ "އޮޅިގެން" ދެވުނު ހަމަލާއެއް ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބިންޔާމިން ނަތަންޔާހޫ ބުނެފި އެވެ.

ފަލަސްތީނުގެ ޣައްޒާގައި ހަރަކާތްތެރިވި އެމެރިކާގެ ޗެރިޓީއެއްގެ ބަޔަކަށް ހަމަލާދީ އޭގެތެރެއިން ހަތް މީހަކު މަރާލި ކަމަށާއި އެއީ "އޮޅިގެން" ދެވުނު ހަމަލާއެއް ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބިންޔާމިން ނަތަންޔާހޫ ބުނެފި އެވެ.

"ވޯލްޑް ސެންޓްރަލް ކިޗަން" އިން ބުނީ އެ ޗެރިޓީގެ ބަޔަކަށް އިއްޔެ ހަމަލާދީ އެ ގްރޫޕްގައި ހިމެނުނު އެންމެން މަރާލާފައިވާ ކަމަށެވެ. އޭގެ ތެރޭގައި އޮސްޓްރޭލިއާ، އިނގިރޭސި ވިލާތް، ފަލަސްތީން، ޕޮލެންޑް އަދި ޔޫއެސް-ކެނެޑާ މީހުން ވެސް ހިމެނެ އެވެ.

މި ހާދިސާއާ އެކު އިނގިރޭސި ވިލާތުން ވަނީ އެ ގައުމުގައި ހުންނަ އިޒްރޭލު ސަފީރު ހާޒިރުކޮށް، މި ހަމަލާގައި އިނގިރޭސި ވިލާތުގެ ތިން މީހަކު މަރާލާފައި ވާތީ އެކަން ކުށްވެރިކޮށް އަދި މިކަމުގެ ފުރިހަމަ ޒިންމާ އިޒްރޭލުން ނަގަންޖެހޭނެ ކަމަށް އަންގައިފަ އެވެ.

އެމެރިކާއިން ވެސް މި މައްސަލައިގައި ހިތާމަ ފާޅުކޮށް ބުނެފައިވަނީ އެހީގެ މަސައްކަތުގައި އުޅޭ މީހުންނަށް ފުރިހަމަ ރައްކާތެރިކަން އޮންނަން ވާނެ ކަމަށެވެ. އަދި މިކަން ހިނގި ގޮތް އިޒްރޭލުން ސާފުކޮށްދޭންޖެހޭނެ ކަމަށް ވަނީ ބުނެފަ އެވެ.

ފަލަސްތީނުގެ ޣައްޒާގައި އެހީގެ މަސައްކަތުގައި އުޅުނު "ވޯލްޑް ސެންޓްރަލް ކިޗަން" ޗެރިޓީގެ ވެހިކަލަށް އިޒްރޭލުން ހަމަލާދީފައި.

ފަލަސްތީނުގެ ޣައްޒާގައި އެހީގެ މަސައްކަތުގައި އުޅުނު "ވޯލްޑް ސެންޓްރަލް ކިޗަން" ޗެރިޓީގެ ވެހިކަލަށް އިޒްރޭލުން ހަމަލާދީފައި.

އިޒްރޭލާ އެކުވެރި ގައުމުތަކެއްގެ ބަޔަކު ހަމަލާގައި މަރުވެފައި ވާއިރު، އަމާޒުވި ފާޑުކިޔުމާ އެކު ނަތަންޔާހޫ ވަނީ މިއީ "ނޭނގުމެއްގެ ތެރޭގައި ހިނގި ހިތާމަވެރި ހާދިސާއެއް" ކަމަށް ބުނެފަ އެވެ. އަދި މިކަން ފުރިހަމައަށް ތަހުގީގުކުރާނެ ކަމަށް ވެސް ބުންޏެވެ.

އޭއެފްޕީޓީވީގެ ފުޓޭޖްތަކުން ފެންނަ ގޮތުގައި، ހަމަލާ އަމާޒުވި ވެހިކަލްގެ މަތީގައި ޗެރިޓީ ޖަމާއަތުގެ ނަން ބޮޑުކޮށް ލިޔެފައި އޮތެވެ. އެ ވެހިކަލަށް ހަމަލާދިނުމުން ހަލާކުވެފައި ވާއިރު އެހެން ވެހިކަލެއް ވެސް ކައިރީގައި ހަލާކުވެފައި އޮތެވެ.

ހަމަލާތައް ހުއްޓާލައި ޣައްޒާގެ އާންމުންނަށް އެހީ ފޯރުކޮށްދެވޭނެ މަގު ތަނަވަސްކޮށްދޭން އދ.ގެ ސަލާމަތީ މަޖިލީހައި އިންޓަނޭޝަލް ކޯޓް އޮފް ޖަސްޓިސް އިން އަންގާފައި ވިޔަސް އިޒްރޭލުގެ ހަމަލާތަކަށް މަޑުޖެހުމެއް ނާދެ އެވެ. ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި އާދީއްތަ އަދި ހޯމަ ދުވަހު ވެސް ވަނީ 71 މީހަކު މަރާލައިފަ އެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އިޒްރޭލުން ޣައްޒާއަށް ދެމުން ގެންދާ ހަަމަލާތަކުގައި ފަލަސްތީނުން ޝަހީދުވި މީހުންގެ އަދަދު މިހާރު ވަނީ 33،000 އާ ގާތްވެފަ އެވެ. -- އޭއެފްޕީ