Roadha Mihaaru
ރާއްޖޭގެ ރީތިކަމަށް ފަސްއަޅައި "ފޮރުވަނީ"!

ރާއްޖޭގެ ރީތިކަމަށް ފަސްއަޅައި "ފޮރުވަނީ"!

20 ފެބުރުއަރީ 2017

މަތިންދާބޯޓެއްގައި ރާއްޖޭގެ މަތިން އުދުހޭއިރު ފެންނަނީ ހިތްގައިމު ބޮޑެތި ފަރުތަކާއި ފަޅުތަކާއި ރަށްތަކެވެ. އެއީ ދިވެހިން ވެސް ބަލާ ފޫހިނުވާ ވަރުގެ ރީތި މަންޒަރެކެވެ. ބޭރު މީހުން އަގުބޮޑުކޮށް މަތިންދާބޯޓު ޗާޓަރުކޮށްގެން އެމަންޒަރުތަކުގެ ފޮޓޯ ނަގަނީ އެ ހިތްގައިމުކަން ދުނިޔޭގެ އެހެން ތަނަކުން ނުފެންނާނެތީ އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

މަތިންދާބޯޓެއްގައި ރާއްޖޭގެ މަތިން އުދުހޭއިރު ފެންނަނީ ހިތްގައިމު ބޮޑެތި ފަރުތަކާއި ފަޅުތަކާއި ރަށްތަކެވެ. އެއީ ދިވެހިން ވެސް ބަލާ ފޫހިނުވާ ވަރުގެ ރީތި މަންޒަރެކެވެ. ބޭރު މީހުން އަގުބޮޑުކޮށް މަތިންދާބޯޓު ޗާޓަރުކޮށްގެން އެމަންޒަރުތަކުގެ ފޮޓޯ ނަގަނީ އެ ހިތްގައިމުކަން ދުނިޔޭގެ އެހެން ތަނަކުން ނުފެންނާނެތީ އެވެ.

ނަމަވެސް އެ މަންޒަރުތައް މިހާރު ދަނީ ގެއްލެމުންނެވެ. ކޮންނަބޯޓުން ބޮޑެތި ފަޅުތަކަށް ފަސް އަޅައި ރިސޯޓްތައް ހަދަނީ އެވެ. ހާއްސަކޮށް މާލެ އަތޮޅުގެ ގިނަ ސަރަހައްދެއްގައި އެ މަސައްކަތް ދަނީ ކުރަމުންނެވެ. ތިމާވެއްޓާއި ރާއްޖޭގެ ގުދުރަތީ ރީތިކަމަށް ލޯބިކުރާ މީހުން ސިފަކުރަނީ އެއީ ގުދުރަތުގެ ރީތިކަން ހަލާކުކޮށްލުން ކަމަށެވެ.

ތިމާވެށީގެ ގޮންޖެހުންތައް ބޮޑު

ރާއްޖޭގައި ތިމާވެށި ހިމާޔަތްކުރަން މަސައްކަތްކުރައްވާ އިސް ބޭފުޅަކު ވިދާޅުވީ ފަޅުތަކާއި ފަރުތައް އެއްގޮތަކަށް ވެސް ހިއްކައިގެން ނުވާނެ ކަމަށެވެ. އެފަދަ ތަނެއް ހިއްކަން ޖެހޭނީ އެނޫން ގޮތެއް ނެތިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރިސޯޓް ހަދަން ރާއްޖޭގެ ފަޅުރަށްތައް ހުސްވީއެއް ނޫން. ފަޅުތައް ހިއްކުމުން މުރަކަތައް ހަލާކުވެ ޑައިވް ސައިޓްތައް ގެއްލޭނެ. އަދި އޭގެ އިތުރުން މަސްވެރިކަމަށާއި އެންވެރިކަމަށް ވެސް ނޭދެވޭ އަސަރުކުރާނެ،" އެ ބޭފުޅާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާލެ ކައިރީގައި ހުރި ފަޅުތައް ހިއްކުމުން އޭގެ ސަބަބުން ޓޫރިޒަމަށް ވެސް ނޭދެވޭ އަސަރުކުރާނެ ކަމަށެވެ.

"އެންމެ ބޮޑު މައްސަލައަކީ ހިއްކުމުގެ މަސައްކަތްކުރާއިރު ކައިރީގައި ހުރި ރަށްތަކަށް ވެސް ކިސަޑުގެ އަސަރުކުރުން. މިހާރު ވެސް ބައެއް ފަރާތްތަކުން އެކަމާ ކަންބޮޑުވުން އެބަ ފާޅުކުރޭ. ކަންބޮޑުވި ނަމަވެސް ކީއްތޯ ކުރާނީ؟" ތިމާވެށީގެ ތަޖުރިބާކާރު ވިދާޅުވި އެވެ.

މާލެ ސަރަހައްދުގައި ހިއްކައިގެން ބައެއް ރިސޯޓްތައް ބޮޑުކުރުމުގެ މަސައްކަތް މީގެ ކުރިން ވެސް ކޮށްފައިވެ އެވެ. އޭރު އެ ރަށްތައް ހިއްކުމުން ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރި އެވެ. ނަމަވެސް މިފަހަރު މުޅިން ތަފާތެވެ. މިހާރު އެ ފަޅުތައް ވިއްކަނީ ސަރުކާރުންނެވެ. މިހާތަނަށް ކިތައް ފަޅުގައި ރިސޯޓް ހަދަން ސަރުކާރުން ހުއްދަ ދިންތޯ "މިހާރު"ން ރަސްމީކޮށް ސުވާލުކުރުމުން ޓޫރިޒަމް މިނިސްޓްރީން ބުނެފައި ވަނީ "އެއީ ތަހުގީގުކުރަމުން ދާ މައްސަލައަކަށް ވާތީ އެ މައުލޫމާތު ދެވެން ނެތް" ކަމަށެވެ. ތަހުގީގޭ އެ ބުނީ އެމްއެމްޕީއާރުސީގެ ޚިޔާނާތަށް ނިސްބަތްކޮށެވެ.

މާލެ އަތޮޅުގައި ހިންގާ ރިސޯޓެއް: ފަޅު ހިއްކުމުން ބައެއް ރިސޯޓްތަކުގެ ފަޅުތެރެއަށް ކިސަޑުގެ އަސަރުކުރޭ.

މާލެ އަތޮޅުގައި ހިންގާ ރިސޯޓެއް: ފަޅު ހިއްކުމުން ބައެއް ރިސޯޓްތަކުގެ ފަޅުތެރެއަށް ކިސަޑުގެ އަސަރުކުރޭ.

މާލެ އަތޮޅުގެ ބައެއް ފަޅުތައް ހިއްކައި، ރަށްރަށް ހަދަމުން ދާ މަންޒަރު ފެނެ އެވެ. އެއީ ސަރުކާރަށް ވެސް ފޮރުވޭނެ ހަގީގަތެއް ނޫނެވެ. މާލެ ކައިރީގައި އޮންނަ އެނބޫދޫ ފަޅުގައި 11 ރަށެއް ހިއްކުމުގެ މަސައްކަތް ކުރަމުން އެބަ ގެންދެ އެވެ. ތައިލެންޑް ކުންފުންޏެއް ކަމަށްވާ ސިންހަ އެސްޓޭޓް ޕަބްލިކް ކޮމްޕެނީ ކިޔާ ކުންފުންޏަކުން ތަރައްގީކުރާ ރިސޯޓްތަކުގެ މަސައްކަތާ ގުޅިގެން އެ ސަރަހައްދު ބައެއް ޑައިވިން ސްޕޮޓްތަކަށް ކިސަޑުގެ އަސަރު ވަރަށް ބޮޑަށް ފޯރާ ކަމުގެ ޝަކުވާ ދަނީ ކުރަމުންނެވެ.

އެނބޫދޫ ފަޅުގެ އިތުރުން މާލެ ކައިރީގައި އިތުރު ތިން ފަޅެއް ހިއްކައިގެން ރިސޯޓްތައް ތަރައްގީ އެބަ ކުރެ އެވެ. ނަމަވެސް އެތަންތަން ތަރައްގީކުރަން ހަވާލުކުރީ ކޮން އުސޫލަކުން ކަމެއް އަދި އެއީ ކޮން ކުންފުނިތަކަކާ ކަމެއް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފައެއް ނުވެ އެވެ.

ޓޫރިޒަމް ދާއިރާގެ އިސް ބޭފުޅަކު ވިދާޅުވީ ފަޅު ހިއްކައިގެން ރިސޯޓް ތަރައްގީކުރަންވާނީ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ރަނގަޅަށް ދެނެގަތުމަށް ފަހު ކަމަށެވެ.

ސަރުކާރަށް އާމްދަނީ ހޯދުމުގެ ގޮތުން ފަޅުތައް ހިއްކައިގެން ރިސޯޓް ތަރައްގީކުރުމަކީ މައްސަލައެއް ނޫން. ނަމަވެސް އެކަންކަން ކުރަންވާނީ ތިމާވެއްޓަށް ކުރާ އަސަރު ރަނގަޅަށް ބެލުމަށް ފަހު. އެކަމަކު މިހާރު އެ މަސައްކަތްތައް ކުރަމުން ދަނީ ކޮން އުސޫލަކުން ކަމެއް ނޭނގެ -ޓޫރިޒަމް ދާއިރާގެ އިސް ބޭފުޅެއް

"ސަރުކާރަށް އާމްދަނީ ހޯދުމުގެ ގޮތުން ފަޅުތައް ހިއްކައިގެން ރިސޯޓް ތަރައްގީކުރުމަކީ މައްސަލައެއް ނޫން. ނަމަވެސް އެކަންކަން ކުރަންވާނީ ތިމާވެއްޓަށް ކުރާ އަސަރު ރަނގަޅަށް ބެލުމަށް ފަހު. އެކަމަކު މިހާރު އެ މަސައްކަތްތައް ކުރަމުން ދަނީ ކޮން އުސޫލަކުން ކަމެއް ނޭނގެ،" އޭނާ ވިދާޅުވި އެވެ.

އެ ތަޖުރިބާކާރު ވިދާޅުވީ ފަޅު ހިއްކައިގެން ރިސޯޓްތައް ތަރައްގީކުރުމުން އޭގެ ނުބައި އަސަރު މިހާރު ވެސް ފެންނަން ފަށާފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް އެކި ފަރާތްތަކުން އެކި ކަހަލަ ޝަކުވާތައް އެބަ ކުރޭ. ޑައިވް ސައިޓްތަކަށާއި ބައެއް ރިސޯޓްތަކުގެ ފަޅުތަކަށް ވެސް ކިސަޑުގެ އަސަރުކުރާ ކަމުގެ ޝަކުވާ ލިބޭ. އެކަން އަޅުގަނޑުމެންނަށް މިދަނީ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް ހިއްސާކުރަމުން،" އޭނާ ވިދާޅުވި އެވެ.

ފަޅު ހިއްކާނެ އަދަދެއް ވެސް ނޭނގެ

އެމްއެމްޕީއާރުސީން ބިޑަށް ލުމެއް ނެތި ނުއަގުގައި މާލެ އަތޮޅުގެ ބޮޑެތި އެތައް ފަޅެއް ވިއްކާފައިވެ އެވެ.

"މިހާރު"އަށް އެނގިފައިވާ ގޮތުގައި މާލެ އަތޮޅުގެ ދިހަ ވަރަކަށް ފަޅު ހިއްކަން ދަނީ ތައްޔާރުވަމުންނެވެ. އަދި އެތަން ތަން ހިއްކަނީ މުޅިން ވެސް ރިސޯޓްތައް ތަރައްގީކުރުމަށެވެ.

ޓޫރިޒަމް ދާއިރާގެ ކަންތައްތައް ރަނގަޅަށް ދެނެވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވީ ގިނަ ފަޅުތައް ލިބުނު ފަރާތްތަކުން ވަނީ އެހެން ފަރާތްތަކަށް ވިއްކާލައިފަ އެވެ.

"އެއާޕޯޓާ އެހާ ކައިރި ސަރަހައްދަކުން ތިލަފަޅެއް ލިބުނީމަ އިންވެސްޓަރުން ތިބެނީ ވަރަށް އުފަލުން. އެއްވެސް ޖެހިލުމެއް ނެތި އެތަންތަން ގަނެ ހިއްކަން ތައްޔާރުވަމުން އެދަނީ،" އެ ބޭފުޅާ ވިދާޅުވި އެވެ.

މާލެ އަތޮޅުގެ ފަޅުތައް ހިއްކައިގެން ރިސޯޓް ތަރައްގީކުރާ ހިސާބަށް ދިޔައީ ކީއްވެގެންތޯ އިންޑަސްޓްރީގެ ވަރަށް ގިނަ ފަރާތްތަކުން ސުވާލު އުފައްދަ އެވެ. އޭގެ އެއް ބޭނުމަކީ ސަރުކާރުގެ އާމްދަނީ އިތުރުކުރުމެވެ. އެކަމަކު އެމްއެމްޕީއާރުސީގެ ތަޖުރިބާއަށް ބަލާއިރު ޚިޔާނާތުގެ މައްސަލަ ވެސް އެހާ ބޮޑުވާނެ ކަމަށް، އެއް ބަޔަކު ގަބޫލުކުރެ އެވެ. ރައްޔިތުންގެ ހައްގުތައް ވިއްކަންޏާ އޭގެ ހުރިހާ ތަފުސީލެއް ހާމަކުރަން ޖެހުނު ނަމަވެސް ސަރުކާރުން އެ މައުލޫމާތު ނުދެނީ، އެ މުއާމަލާތްތަކުގައި "އެހެން ނުބައެއް" އުޅޭތީ ކަމަށް ގަބޫލުކުރާ މީހުން ވެސް މަދެއް ނޫނެވެ.

ރާއްޖޭގެ ގުދުރަތީ ނިޒާމުތައް ބެލުމެއް ނެތި ހަލާކުކުރުމުގެ ނުބައި އަސަރު، ޓޫރިޒަމުން ލިބޭ އާމްދަނީއާ ވެސް ނުބައްދަލު ގޮތަކަށް ފެނިދާނެ އެވެ. ވިޔަފާރިވެރިންނަށް ތިމާވެއްޓެއް މުހިންމެއް ނުވެ އެވެ. ލާރި ލިބެންޏާ ތަންތަން ހަލާކުކުރަން ސަރުކާރުން ވެސް ޖެހިލުންނުވާކަން މި ފެންނަނީ އެވެ. ގިނަ ދިވެހިންނަށް ވެސް މިއީ މައްސަލައެއް ނޫނެވެ.

"ޑައިވް ސައިޓްތައް ނެތިދިއުމުން ޓޫރިސްޓުންނަށް އަޅުގަނޑުމެން ކިހިނެއްތޯ ރާއްޖޭގެ ކަނޑު އަޑީގެ ރީތިކަން ދައްކާނީ؟ މާލޭގެ ސަރަހައްދުގައި ހުރި މުހިންމު ވަރަށް ގިނަ ޑައިވް ސައިޓްތައް މާ ގިނަ ދުވަހެއް ނުވެ ގެއްލިގެންދާނެ،" ޓޫރިޒަމް ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވި އެވެ.

ހަމައެކަނި ޑައިވް ސައިޓްތަކެއް ނޫނެވެ. މި ފެންނަނީ ރާއްޖޭގެ ގުދުރަތީ މުޅި ނިޒާމާ ވެސް ކުޅޭ ތަނެވެ.