Roadha Mihaaru
ގްރީން ޓެކްސްއަށް އޭޕްރީލްގައި ލިބުނީ 35.7 މިލިއަން

ގްރީން ޓެކްސްގެ ގޮތުގައި އޭޕްރީލް މަހު ލިބުނީ 35.7 މިލިއަން ރުފިޔާ

06 ޖުލައި 2020

މިދިޔަ އޭޕްރީލް މަހު ގްރީން ޓެކްސްގެ ގޮތުގައި، ޓޫރިޒަމްގެ ހިދުމަތްދޭ ތަންތަނުން ލިބުނީ 35.7 މިލިއަން ރުފިޔާ ކަމަށް ހިސާބުތަކުން ދައްކައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މިދިޔަ އޭޕްރީލް މަހު ގްރީން ޓެކްސްގެ ގޮތުގައި، ޓޫރިޒަމްގެ ހިދުމަތްދޭ ތަންތަނުން ލިބުނީ 35.7 މިލިއަން ރުފިޔާ ކަމަށް ހިސާބުތަކުން ދައްކައިފި އެވެ.

ގްރީން ޓެކްސްގެ ގޮތުގައި އޭޕްރީލް މަހު ލިބުނު އާމްދަނީގެ ގާތްގަނޑަކަށް 95 ޕަސެންޓު ހިއްސާ ކުރަނީ ރިސޯޓުތަކެވެ. އެއީ 33.8 މިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ހިއްސާކުރި ގެސްޓު ހައުސްތަކުން ލިބުނީ ހަތް ލައްކަ ރުފިޔާ އެވެ. ރާއްޖޭގައި ހުރި ހޮޓާތަކުން ފަސް ލައްކަ ރުފިޔާ ލިބުނު އިރު ސަފާރީތަކުން ހަ ލައްކަ ރުފިޔާ ލިބިފައިވެ އެވެ.

މި އޭޕްރީލް މަހު ލިބުނު ގްރީން ޓެކްސް އަކީ މިދިޔަ އަހަރުގެ އެ މަހާ އަޅާ ބަލާއިރު، ގާތްގަނޑަކަށް 48 މިލިއަން ރުފިޔާ މަދު އަދަދެކެވެ. މިދިޔަ އަހަރުގެ އޭޕްރީލް މަހު ގްރީން ފަންޑަށް ލިބުނީ 83.6 މިލިއަން ރުފިޔާ އެވެ.

ގްރީން ޓެކްސްގެ ގޮތުގައި މި އޭޕްރީލްގައި ލިބުނު އަދަދު ދަށްވި އެންމެ ބޮޑު ސަބަބަކީ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށް ޓޫރިސްޓުން އައުން ހުއްޓުމަކަށް އައުމެވެ. ބޯޑަރު ބަންދުކޮށްފައި ވަނީ މާޗް 27 ގަ އެވެ.

ގްރީން ފަންޑަށް އެންމެ ބޮޑު އަދަދެއް އަބަދުވެސް ލިބެނީ ކ. އަތޮޅުންނެވެ. އެއީ އެންމެ ގިނަ ރިސޯޓުތަކާއި ގެސްޓު ހައުސް ވެސް ހިންގަމުން އަންނަ އަތޮޅެވެ. ދެވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ އއ. އަތޮޅުންނެވެ. ތިން ވަނައިގައި އުޅެނީ ދ. އަތޮޅެވެ.

ގްރީން ޓެކްސް ނަގަން އެންމެ ފުރަތަމަ ފެށީ 2015 ވަނަ އަހަރު އެވެ. އެންމެ ފުރަތަމަ ނަގަން ފެށީ ރިސޯޓުތަކާއި ހޮޓާތަކުގެ އިތުރަށް ސަފާރީތަކުގައި ތިބޭ ބޭރުގެ ޓޫރިސްޓުންގެ އަތުންނެވެ. ދިވެހިންނާއި ރެޒިޑެންޓް ވިސާގައި ރާއްޖޭގައި ތިބޭ ބޭރު މީހުން ފިޔަވައި އެހެން ބިދޭސީންގެ އަތުން ދުވާލަކަށް ހަ ޑޮލަރުގެ މަގުން ނަގާ މި ޓެކްސް ގެސްޓު ހައުސްތަކުން ނަގަން ފެށީ އޮކްޓޫބަރު 2016 ން ފެށިގެންނެވެ.