Roadha Mihaaru
119 ކިލޯ ޑްރަގްސް: ސާބިތުވާ ވަރަށް ތަހުގީގު ކުރި

"119 ކިލޯ ޑްރަގް މައްސަލަ ސާބިތުވާ ވަރަށް ތަހުގީގު ކުރިން"

04 އެޕްރީލް 2024

ރާއްޖެއަށް އެތެރެކުރި 119 ކިލޯގެ ޑްރަގް މައްސަލަ ފުލުހުން ތަހުގީގު ކޮށްފައި ވާނީ ތުހުމަތު ކުރެވުނު އެންމެންގެ މައްޗަށް ކުށް ސާބިތުވާ ވަރަށް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރާއްޖެއަށް އެތެރެކުރި 119 ކިލޯގެ ޑްރަގް މައްސަލަ ފުލުހުން ތަހުގީގު ކޮށްފައި ވާނީ ތުހުމަތު ކުރެވުނު އެންމެންގެ މައްޗަށް ކުށް ސާބިތުވާ ވަރަށް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ޑިސެމްބަރު 12، 2021 ގައި ރާއްޖެ އަށް 119 ކިލޯ ޑްރަގް އެތެރެ ކުރި ކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރު ކުރި އެވެ. އެއީ ގދ. ހޯނޑެއްދޫ ގުލޭނޫރަންމާގެ އަލީ ޒުބައިރާއި ގދ. ހޯނޑެއްދޫ އިރުމަތީގެ އަހުމަދު ސުނައިނު އަދި އެ ރަށު އަލޯރާ އަހުމަދު މުޖާހިދު އެވެ.

އެ މައްސަލާގައި ޒުބައިރުގެ މައްޗަށް ކުށް ސާބިތުވި ނަމަވެސް ކްރިމިނަލް ކޯޓުން ވަނީ ސުނައިނާއި މުޖާހިދު މިނިވަން ކޮށްފަ އެވެ.

އެ މައްސަލާގައި ފުލުހުން މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ފަހު އެ ތަހުގީގާ ގުޅޭ ވަރަށް ތަފްސީލް ވީޑިއޯ ރިޕޯޓެއް ދެއްކި އެވެ.

އެ ރިޕޯޓުގައި 119 ކިލޯ ޑްރަގްސް މާލެ އެތެރެ ކުރި ގޮތާއި އެތަކެތި ރައްކާ ކުރުމަށް ތުހުމަތު ކުރެވޭ މީހުން ކުރި މަސައްކަތާއި އެ މީހުންނާ ގުޅުވައި ފުލުހުން ހެކި ހޯދި ގޮތުގެ ތަފުސީލްތައް ފުލުހުން އާންމު ކުރި އެވެ.

"އަޅުގަނޑުމެން ގަބޫލު ކުރަނީ މި ތަހުގީގުގައި މި ކޭސްގައި ހިމެނޭ ހަތަރު މީހުންނަށް ކުށް ސާބިތު ކުރެވޭ ވަރުގެ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝާކިރު ވިދާޅުވި އެވެ.

މުހިންމު ހެކި ހުރި، ކޯޓުން ފޯނު ވެސް ހުޅުވައި ނުދިން!

މި މައްސަލާގައި ފޯނުގެ މައުލޫމާތުތައް ހިމެނޭ ރިޕޯޓް ފުލުހުން ހިމަނާފައި ނުވާ މައްސަލަ ގަޒިއްޔާގައި ބުނެފައިވާ އިރު ޝާކިރު ވިދާޅުވީ ތުހުމަތު ކުރެވޭ މީހުންގެ ފޯނުގެ ޕާސްވޯޑު ހޯދަން ކްރިމިނަލް ކޯޓުގައި އެދުނު ނަމަވެސް އެ އަމުރެއް ނުނެރެދިން ކަމަށެވެ.

"އާންމު އުސޫލެއްގައި އެފަދަ އަމުރެއް ނެރޭ އިރު އަޑުއެހުމެއް ނުބާއްވާ. އެހެން ނަމަވެސް މި މައްސަލައިގެ ހައްސާސްކަމުން އަޅުގަނޑުމެން އެދުނިން އަޑުއެހުމެއް ބާއްވާފައި ވިޔަސް އެކަން ޕްރޮސެސް ކޮށްދެން. އެހެން ނަމަވެސް އެ ފުރުސަތެއް ނުދިން. ކްރިމިނަލް ކޯޓުން ނިންމީ އަމުރު ދެވޭނެ ހާލަތެއް ނެތް ކަމަށް،" ޝާކިރު ވިދާޅުވި އެވެ.

ވަރަށް އުންމީދާއެކު އެ ފުރުސަތު ލިބޭނެ ކަމަށް ބަލައިގެން ހައި ކޯޓުގައި އެ މައްސަލަ އިސްތިއުނާފް ކުރި ކަމަށާއި ކްރިމިނަލް ކޯޓުގެ ނިންމުން ރަނގަޅު ނޫން ކަމަށް އެ ކޯޓުން ނިންމި ނަމަވެސް އެ ކޯޓަކުން ވެސް ފޯނުގެ ޕާސްވޯޑުތައް ހޯދުމުގެ ފުރުސަތެއް ނުލިބުނު ކަމަށް ޝާކިރު ވިދާޅުވި އެވެ.

"ދަށު ކޯޓުގައި އެކަމާ ގުޅިގެން ބަހުސެއް ހިނގާފައި ނުވާތީވެ ހައި ކޯޓަކުން އެ އަކަށް ރިއާޔަތް ނުކުރޭ. ނުބޭއްވޭ މަރުހަލާއެއްގެ ބަހުސެއް ނުހިނގާނެތާ،" ޝާކިރު ވިދާޅުވި އެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޑްރަގް ޓްރެފިކިން ޑިޕާޓްމަންޓުގެ ހެޑް ޗީފް އިންސްޕެކްޓާ އަހުމަދު ވަހީދު ވިދާޅުވީ ޝަރީއަތް ނިމެންދެން ތުހުމަތު ކުރެވޭ ތިން މީހުން ބަންދު ކޮށްފައި ވަނިކޮށް އެ މައްސަލަ ބަލާ ސެކްޝަންގައި ދާއިމީ ފަނޑިޔާރު ނެތި މައްސަލަ ލަސް ވާ ކަމަށް ބުނެ އެ މައްސަލާގައި ހިމެނޭ މުޖާހިދު ކްރިމިނަލް ކޯޓުން ބަންދުން ދޫކޮށްލި ކަމަށެވެ.

ނަމަވެސް ހައި ކޯޓުން ފަހުން އެ ނިންމުން ބާތިލުކޮށް އޭނާ އަލުން ބަންދު ކުރި އެވެ.

ވަހީދު ވިދާޅުވީ މުޅި މައްސަލައިގެ ޒިންމާ ޒުބައިރު ނަގަން އުޅޭ ކަމަށް ދައުލަތުން ޝަރީއަތުގައި ބުނެފައިވާ ކަމަށާއި މައްސަލަ ނިމިގެން އައީ ވެސް ހަމަ އެ ގޮތަށް ޒުބައިރުގެ މައްޗަށް އެކަނި މައްސަލަ ސާބިތުވެގެން ކަމަށެވެ.