Roadha Mihaaru
އިޒްރޭލަށް ހަތިޔާރު ނުވިއްކަން އދ. އިން ގޮވާލައިފި

އިޒްރޭލަށް ހަތިޔާރު ވިއްކުން ހުއްޓާލަން ގޮވާލައި އދ.ގެ ހިއުމަން ރައިޓްސް ކައުންސިލުން ގަރާރެއް

05 އެޕްރީލް 2024

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި 33،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލި ފަހުން އދ. ހިއުމަން ރައިޓްސް ކައުންސިލުން ފުރަތަމަ ފަހަރަށް މި މައްސަލައިގައި ގަރާރެއް ފާސްކޮށް، އިޒްރޭލަށް ހަތިޔާރު ވިއްކުން ހުއްޓާލަން މިއަދު ގޮވާލައިފި އެވެ.

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި 33،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލި ފަހުން އދ. ހިއުމަން ރައިޓްސް ކައުންސިލުން ފުރަތަމަ ފަހަރަށް މި މައްސަލައިގައި ގަރާރެއް ފާސްކޮށް، އިޒްރޭލަށް ހަތިޔާރު ވިއްކުން ހުއްޓާލަން މިއަދު ގޮވާލައިފި އެވެ.

ޣައްޒާގައި ނަސްލު ނައްތާލުމުގެ އަމަލުތައް ހިނގާ ކަމުގެ އިންޒާރާ އެކު މި ގަރާރު ފާސްކުރީ 47 ގައުމު ހިމެނޭ ކައުންސިލްގެ 28 ގައުމެއްގެ ތާއީދާ އެކުގަ އެވެ. ދެކޮޅަށް ހަ ގައުމަކުން ވޯޓު ދިން އިރު 13 ގައުމަކުން ވޯޓުގައި ބައިވެރިއެއް ނުވެ އެވެ.

މި ގަރާރަށް ފާޑުކިޔަމުން އިޒްރޭލުގެ މެރިރާވް އެއިލޮން ޝަހާރް ވަނީ މިއީ އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގައި އަދި މުޅި އދ. ގައި ވެސް ޖެހުނު ލައްގަނޑެއް ކަމަށް ސިފަކޮށްފަ އެވެ.

އިޒްރޭލާ ދެކޮޅަށް ހަރުކަށި އިބާރާތްތައް ބޭނުންކޮށްފައިވާ މި ގަރާރުގައި ހަނގުރާމައިގެ ބޭނުމަށް އާންމުން ބަނޑަށްޖެއްސުން ކުށްވެރިކޮށްފައިވެ އެވެ. އަދި ފަލަސްތީނުގެ ނަސްލު ނައްތާލުމުގެ އަމަލުތައް ހިނގިޔަ ނުދިނުމަށް އިޒްރޭލުން އުފުލަންޖެހޭ ގާނޫނީ ޒިންމާ އުފުލުމަށް ވެސް ގޮވާލާފައިވެ އެވެ. އަދި އިޒްރޭލުން ފަލަސްތީނުގެ ބިންތައް ހިފައިގެން ތިބުން ނިމުމަކަށް ގެނައުމަށާއި ޣައްޒާގެ ހިސާރު ވަގުތުން ދޫކޮށްލައި އެތަނުގެ ހުރިހާ ރައްޔިތުން ޝާމިލުވާ ގޮތަށް "ކަލެކްޓިވް ޕަނިޝްމަންޓް" ދިނުން ހުއްޓާލުމަށް ވެސް ގޮވާލާފައިވެ އެވެ.

އިޒްރޭލަށް ހަތިޔާރާއި ވަޒަނާއި އަސްކަރީ އެހެނިހެން ސާމާނު ވިއްކުމާއި ބަދަލުކުރުމާއި އެހެން ގޮތްގޮތުން ފޯރުކޮށްދިނުން ހުއްޓާލުމަށް ހުރިހާ ދައުލަތްތަކަށް މި ހުށަހެޅުމުގައި ގޮވާލަ އެވެ. ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ ބައިނަލްއަގްވާމީ އަދި އިންސާނީ ގާނޫނުތަކާ އިޒްރޭލުން ހިލާފުވުން ހުއްޓުވުމެވެ.

މިއީ އދ.ގެ މެންބަރު ގައުމުތަކުގެ ތެރޭގައި ހިމެނޭ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ 56 ގައުމުގެ ތެރެއިން 55 ގައުމެއްގެ ފަރާތުން ޕާކިސްތާނުން ހުށަހެޅި ގަރާރެކެވެ. އޯއައިސީގެ މެންބަރުންގެ ތެރެއިން މި ހުށަހެޅުމުގައި ބައިވެރިނުވަނީ އަލްބޭނިއާ އެވެ. ހުށަހެޅުން ކޯ-ސްޕޮންސަކޮށްފައިވަނީ ބޮލީވިއާ، ކިއުބާ އަދި ޖެނީވާއަށް ކަނޑައަޅާފައިވާ ފަލަސްތީނުގެ މިޝަނުންނެވެ.

ގަރާރަށް ވޯޓު ނެގުމުގެ ކުރިން އިޒްރޭލުން ވަނީ މި ގަރާރަށް ރުހުން ދިނުމަށް ދޭ ކޮންމެ ވޯޓަކީ ހަމާސް އަށް ރުހުން ދިނުން ކަމަށް ބުނެފަ އެވެ.

އިޒްރޭލުގެ އެކުވެރި އެމެރިކާއިން އިޒްރޭލު އެދުނު ގޮތަށް ގަރާރާ ދެކޮޅަށް ވޯޓު ދިނެވެ. އެމެރިކާގެ އިތުރުން ޖަރުމަން، އާޖެންޓީނާ، ބަލްގޭރިއާ، މަލާވީ އަދި ޕެރަގުއޭ އިން ވެސް ވޯޓު ދިނީ ދެކޮޅަށެވެ.

އެކަމަކު އެމެރިކާގެ ސަފީރު މައިކަލް ޓޭލާ ވިދާޅުވީ ޣައްޒާގައި އާންމުން މާގިނައިން މަރުވެއްޖެ ކަމަށާއި އާންމުންނަށް ލިބޭ ގެއްލުން ކުޑަކުރުމަށް އިޒްރޭލުން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރާ ކަމަށެވެ. ކަން މިހެން އޮތް ނަމަވެސް ގަރާރަށް ތާއީދު ނުކުރީ ގަރާރުގައި ބަސްމަގު ހުރި ގޮތުން ކަމަށް ސަފީރު ވިދާޅުވި އެވެ. އިޒްރޭލަށް ތާއީދުކުރާ ގައުމުތަކުން ގަރާރާ ދެކޮޅު ހެދި އެންމެ ބޮޑު އެއް ސަބަބެއް ކަމަށް ވެފައި ވަނީ ގަރާރުގައި ހަމާސްގެ އެއްވެސް ވާހަކައެއް ނެތުމެވެ.

އިޒްރޭލުން މިފަހަރު ހަމަލާތައް ދޭން ފެށީ ހަމާސް އިން އިޒްރޭލަށް ހަމަލާދީ 1،160 މީހަކު މަރާލައި 250 މީހަކު ރަހީނުކުރުމާ އެކުގަ އެވެ. ރައްދުގައި އިޒްރޭލުން ހަމާސް ނައްތާލަން ކަމަށް ބުނެ މީގެ ހަ މަސް ކުރިން ފެށިގެން ދެމުންދާ ހަމަލާތަކުގައި މިހާރު ވަނީ ފަލަސްތީނުން 33،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފަ އެވެ. އެކަމަކު ހަމަލާތައް މެދުކަނޑާލުމަށާއި ބަނޑަށް ޖެހިފައިވާ އާންމުންނަށް އެހީވާން އދ.ގެ ސަލާމަތީ މަޖިލީހާއި ބައިނަލްއަގުވާމީ ކޯޓުން އެންގި އެންގުންތަކާއި އަމުރުތަކަށް ވެސް އިޒްރޭލުން ތަބައެއް ނުވެ އެވެ. -- އޭއެފްޕީ