Roadha Mihaaru
ޑްރަގްސް އެތެރެކޮށްދިނުމުގައި އެމްއޭސީއެލްގެ 2 މީހުން

ހަތަރު ކިލޯއަށް ވުރެ ގިނަ ޑްރަގްސް އެތެރެ ކޮށްދިނުމުގައި އެމްއޭސީއެލްގެ ދެ މުވައްޒަފެއް!

07 އެޕްރީލް 2024

މިދިޔަ މަހުގެ 15 ގައި ވައިގެ މަގުން ރާއްޖެ އެތެރެކުރި 4.5 ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބޭރުކޮށްދިނުމުގައި، އެ ތަން ހިންގާ އެމްއޭސީއެލްގެ ދެ މުވައްޒަފަކު ހިމެނޭ ކަމަށާއި އޭގެ ތެރެއިން އެކަކު ކްރިމިނަލް ކޯޓުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

މިދިޔަ މަހުގެ 15 ގައި ވައިގެ މަގުން ރާއްޖެ އެތެރެކުރި 4.5 ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބޭރުކޮށްދިނުމުގައި، އެ ތަން ހިންގާ އެމްއޭސީއެލްގެ ދެ މުވައްޒަފަކު ހިމެނޭ ކަމަށާއި އޭގެ ތެރެއިން އެކަކު ކްރިމިނަލް ކޯޓުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ނޫސްވެރިންނަށް ހާއްސަ ވަޓްސްއެޕް ގުރޫޕުގައި ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން ރޭ ވިދާލުވީ، އުސޫލުން ބޭރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބޭރުކުރަން އުޅުނު ލަގެޖަކުން 4.5 ކިލޯ އަށް ވުރެ ގިނަ ޑްރަގްސް ފެނުނު ކަމަށެވެ. އެއީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހިރޮއިން އާއި މެތް ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މައްސަލައިގެ ތުހުމަތަށް ހައްޔަރުކުރީ ޝިފާން ވިދާޅުވި ގޮތުގައި އެމްއޭސީއެލްގެ ދެ މުވައްޒަފަކާއި ޕާކިސްތާނު މީހެއް އަދި އެ ލަގެޖާ ހަވާލުވާން ދިޔަ މީހާ އެވެ.

ނަމަވެސް އެ މީހުން ތަހުގީގަށް ބަންދު ކުރުމުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން "މި މައްސަލާގައި ހިމެނޭ އެންމެ އިސްމީހާ ކަމަށް ބެލެވޭ" އެމްއޭސީއެލްގެ ސީނިއާ މުވައްޒަފަކު ދޫކޮށްލި ކަމަށް ޝިފާން ވިދާޅިވި އެވެ.

"ދޫކޮށްލާފައި ވަނީ ކޮންމެވެސް ވަރަކަށް ހެކި ހުރި ނަމަވެސް ޝަރުތު ކޮށްފައި،" އޭނާ ވިދާޅުވި އެވެ.

މި ވަގުތު ފުލުހުން ފާހަގަކުރަނީ އެމްއޭސީއެލްގެ ދެ މުވައްޒަފަކު ކަމަށް ވިޔަސް ޝިފާންގެ މެސެޖުގައިވާ ގޮތުން އެ މައްސަލާގައި "ގިނަ މުވައްޒަފުންތަކެއް" ހިމެނޭތީ އެކަން ވަރަށް ސީރިއަސްކޮށް އަންނަނީ ބަލަމުންނެވެ.

"މިއީ ޖިނާއީ ބޮޑު ތަހުގީގެއް ކުރަމުންދާ މައްސަލައެއް،" އޭނާ ވިދާޅުވި އެވެ.

ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރުމުގެ ދޮރުތައް ބަންދުކުރުމަށް ކަމާ ގުޅޭ މުއައްސަސާތައް ގުޅިގެން ހާއްސަ މަސައްކަތްތަކެއް ވަނީ ފަށައިފަ އެވެ. އޭގެ ތެރޭގައި ތަފާތު ވަސީލަތްތައް ހޯދުމާއި ތަމްރީނުތައް ވަރުގަދަ ކުރުން ހިމެނެ އެވެ.

ރާއްޖެ އައި މީހެއްގެ ލަގެޖު 30 ކިލޯގެ މަސްތުވާތަކެއްޗާ އެކު ވެލާނާ އެއާޕޯޓުން "ގެއްލުނު" މައްސަލަައެއް މިދިޔަ އަހަރުގެ ޖެނުއަރީ މަހު ފެންމަތިވި އެވެ. އެ ލަގެޖު ގެންދިޔަ މީހަކު ދެނަގަންނަން ކުރި މަސައްކަތުގައި، އެއާޕޯޓުގެ މުހިންމު ބައެއް ތަންތަނުގައި ކެމެރާ ނެތްކަން ފާހަގަވެފައިވާ ކަމަށް ފުލުހުން ބުނެފައި ވެ އެވެ.

ރާއްޖެ އައި ޕާކިސްތާނުގެ މީހެއްގެ ލަގެޖުން 30 ކިލޯގެ މަސްތުވާތަކެތި ފެނުމުން އެ މީހާ ފުލުހުންނާ ހަވާލުކުރި ނަމަވެސް އެ ލަގެޖު ކަސްޓަމްސް އިން ފުލުހުންނާ ހަވާލު ނުކުރާ ކަމަށް ފުލުހުން ބުނެފައި ވެ އެވެ. އެ ލަގެޖު ގެންދިޔަ މީހެއް އެ މައްސަލަ އަށް އަހަރަކަށް ވުރެ ގިނަ ދުވަސްވީއިރު އަދިވެސް ނޭނގެ އެވެ.

ފުލުހުން މި މަހުގެ ތިންވަނަ ދުވަހު ބުނެފައި ވަނީ ފުލުހުންނާއި ކަސްޓަމްސް ގުޅިގެން އޭގެ ކުރީ ތިން ދުވަހުގެ ތެރޭގައި ހިންގި އެކިއެކި އޮޕަރޭޝަންތަކުގައި 22 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ.

ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ތިން ދުވަހުގެ ތެރޭގައި ހިންގި އިންޓެލިޖެންސް ލެޑް ކައުންޓާ ނާކޮޓިކްސް އޮޕަރޭޝަންތަކުގައި 16.69 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ.

"ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލީޑަޝިޕްގެ ދަށުން އަޅުގަނޑު މި އަޒުމް ކަނޑައަޅަނީ ޑްރަގުގެ ވަބާއިން ރާއްޖެ ސަލާމަތްކުރުމަށް. ފުލުހުންނާއި ކަސްޓަމްސްގެ މި މަސައްކަތަށް ފަހުރުވެރިވަން،" އޭނާ ވިދާޅުވި އެވެ.