ޓެކްސީ ޑްރައިވަރުން އަމިއްލަ އަށް އެކި އަގުތައް ނަގާ މައްސަލަ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ޓެކްސީ ކިއު އިން ކާރު ނުލިބޭ މައްސަލަ އިއްޔެ އިން ފެށިގެން ހައްލު ކޮށްފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.
08 މެއި 2024
ޓެކްސީ ޑްރައިވަރުން އަމިއްލަ އަށް އެކި އަގުތައް ނަގާ މައްސަލަ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ޓެކްސީ ކިއު އިން ކާރު ނުލިބޭ މައްސަލަ އިއްޔެ އިން ފެށިގެން ހައްލު ކޮށްފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.
އެ މައްސަލަތައް މިހާރު ހައްލު ކޮށްފައިވާ ކަމަށް މިނިސްޓަރު އަމީން ވިދާޅުވީ، އެއާޕޯޓުގައި އޮންނަ ޓެކްސީ ކިއުގެ ތަރުތީބު ގެއްލި، ބައެއް ޑްރައިވަރުން ބޭނުންވާ ގޮތަކަށް ފަސިންޖަރުންނާ މެދު އަމަލުކުރާ މައްސަލަ ވަރަށް ބޮޑުވެފައި ވަނިކޮށެވެ. ހާއްސަކޮށް އެއާޕޯޓުން މާލެ އާއި ހުޅުމާލެ އަށް ދަތުރުކުރަން ހާއްސަ އަގުތަކެއް ސަރުކާރުން ކަނޑައަޅާފައި ވަނިކޮށް އެއާ ހިލާފަށް އަމަލު ކުރުމާއި ފަސިންޖަރުންގެ ހުއްދަ ނެތި އެތައް ފަސިންޖަރުންނެއް ޓެކްސީ އަށް އަރުވައިގެން އެކި ތަންތަނަށް ބާލަމުންދާ މައްސަލަ ވެސް ވަރަށް ބޮޑެވެ.
މިނިސްޓަރު އަމީން "މިހާރު" އަށް މިއަދު ވިދާޅުވީ އެއާޕޯޓުން އާންމުން ނަގާ ޓެކްސީތަކުގެ މައްސަލަ ހައްލު ކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީ އާއި ހޯމް މިނިސްޓްރީ އާއި އެމްއޭސީއެލް އަދި ފުލުހުން ގުޅިގެން ކުރި މަސައްކަތުން އިއްޔެ މެންދުރު އެ މައްސަލަތައް ހައްލު ކޮށްފައިވާ ކަމަށެވެ.
އެއާޕޯޓް ޓެކްސީ ކިއުގެ މައްސަލަ ހައްލު ކުރުމަށް އިއްޔެ އިން ފެށިގެން އެ ސަރަހައްދުގައި އަބަދުވެސް ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެއާޕޯޓް ޓެކްސީ ކިއުގެ މައްސަލަ ހައްލު ކުރުމަށް ހޯމް މިނިސްޓަރު އިހުސާނާއި ޓްރާންސްޕޯޓް މިނިސްޓަރު އަމީން އަދި ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދާއި އެ އިދާރާތަކުގެ އެހެން އިސްވެރިން އިއްޔެ މަޝްވަރާ ކުރައްވަނީ.
"މިހާރު އެ ގެނެވުނު ބަދަލާ އެކު މީހުން ތިބި ކިއު އޯޑަރުން ޓެކްސީތައް ނަގަން ޖެހޭނެ. [ޓެކްސީ އަށް] އިތުރު މީހުންނެއް ނޭރުވޭނެ. ޓެކްސީ ޑްރައިވަރުން ބޭނުން ގޮތަކަށް ޕަސެންޖަރުން [ކިއޫގެ] ފަހަތަށް ފޮނުވާލައި އެގޮތަށް ނުހެދޭނެ،" އަމީން ވިދާޅުވި އެވެ.
"ޓެކްސީ އަށް އަރުވަން ބޭނުން ނުވާ ނަމަ އެ ޓެކްސީއެއް ދާން ޖެހޭނީ. އިތުރަށް ފައިސާ ނެގުމުގެ މައްސަލަ ވެސް އެ ތަނުގައި ތިބި ޕޮލިހުން ބަލާނެ. ޓެކްސީ އަށް އިތުރު މީހުން އަރުވާ މައްސަލަ ވެސް ބަލާނެ."
މިނިސްޓަރު ވިދާޅުވި ގޮތުގައި، ގަވާއިދާ ހިލާފަށް އަމަލުކުރާ ޓެކްސީ ޑްރައިވަރުންނާ ޑީލް ކުރާނީ ފުލުހުންނެވެ.
"އެ އޮންނަ ގަވައިދުގެ ތެރެއިން އަމަލު ނުކުރާ މީހުން ކިއު އިން ނެރޭނެ. ނޭނގޭ ދެ ގްރޫޕަކަށް (ނުވަތަ މީހަކަށް) ޕަސެންޖަރުގެ ހުއްދަ ނެތި [ޓެކްސީ އަށް] ނޭރުވޭނެ. ޑްރައިވަރަކަށް ވެސް ނުނިންމޭނެ އެ މީހާ އަރުވާނެތޯ ނޫންތޯއެއް،" އޭނާ ވިދާޅުވި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެއާޕޯޓް ޓެކްސީ ކިއުއާ މެދު އާންމުންގެ ޝަކުވާތައް ދުވަހުން ދުވަހަށް އިތުރުވަމުން ދާ ކަމަށެވެ. އޭގެ ތެރޭގައި ވަކި ތަނަކަށް ނޫނީ ދަތުރު ކުރަން ޑްރައިވަރުން ބޭނުން ނުވުމާއި ދަތުރު ނެގުމަށް ފަހު، އިތުރު ފަސިންހަރުން އެރުވުމާއި ސަރުކާރުން ކަނޑައަޅާފައިވާ އަގުތަކަށް ވުރެ ބޮޑެތި އަގުތައް ނެގުން ހިމެނޭ ކަމަށް މިނިސްޓްރީން ބުންޏެވެ.
ޓެކްސީގެ ހިދުމަތުގެ މައްސަލަ އަށް ދާއިމީ ހައްލު ގެންނައުމަށް ޒަމާނީ ޓެކްސީ ލައިނެއް ހަދަން މަސައްކަތް ކުރަމުން އަންނަ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.
ސަރުކާރުން ޓެކްސީގެ ހިދުމަތް ހުއްޓުވައިދޭން އެދިއްޖެ
ޑޮމެސްޓިކް ޓާމިނަލަށް ދާ ނަމަ އިތުރު ޗާޖެއް!
އެއާޕޯޓުގައި ޓެކްސީ މަދުވެއްޖެ، ސަރުކާރުން ދޫނުދޭނެ
މާރާމާރީ ހިންގި މީހާ ދޫކޮށްލީ ފުރުން މަނާކޮށްފައި
ކާރެއް ވަގަށް ނެގި މައްސަލާގައި ބަޔަކު ހައްޔަރުކޮށްފި
މާރާމާރީހިންގީ ބަރުވި ލަގެޖަށް ފައިސާ ދައްކަން އެދުމުން
އެއާޕޯޓްގައި މާރާމާރީ ހިންގި ބިދޭސީއަކު ހައްޔަރުކޮށްފި
ޑްރަގްސް އެތެރެކޮށްދިނުމުގައި އެމްއޭސީއެލްގެ 2 މީހުން
ޓެކްސީގެ އަގުތައް ބުނެދީ، ފުލުހުންގެ "އިންޒާރެއް"
އެއާޕޯޓުން މީހުން އަރުވާ، ބާލާ ސަރަހައްދު ބަދަލުކޮށްފި