Roadha Mihaaru
ގާޒީ މަރިޔަމްގެ މައްސަލާގައި ޖޭއެސްސީން ގޮތެއް ނުނިންމާ

ގާޒީ މަރިޔަމް ވަހީދުގެ މައްސަލައިގައި އަދި ގޮތެއް ނުނިންމަން: ޖޭއެސްސީ

19 ފެބުރުއަރީ 2017

ސުޕްރީމް ކޯޓުން ނެރުނު އަމުރަކުން ގާޒީކަމުގެ މަސްއޫލިއްޔަތުން ދުރުކޮށްފައިވާ ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދުގެ މައްސަލައިގައި އަދި ގޮތެއް ނުނިންމާ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސުޕްރީމް ކޯޓުން ނެރުނު އަމުރަކުން ގާޒީކަމުގެ މަސްއޫލިއްޔަތުން ދުރުކޮށްފައިވާ ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދުގެ މައްސަލައިގައި އަދި ގޮތެއް ނުނިންމާ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނެފި އެވެ.

ބޮޑުމޮހޮރާ ހިންގުން ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަން ދައުލަތަށް އަންގައި، ގާޒީ މަރިޔަމް ކުރެއްވި ހުކުމަކާ ގުޅިގެން ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނެރުނު އަމުރަކުން ވަނީ ގާޒީ މަރިޔަމް ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތުތަކުން ދުރުކޮށްފަ އެވެ.

ސުޕްރީމް ކޯޓުގެ އަމުރުގައިވާ ގޮތުން ރާއްޖޭގެ އެއްވެސް ކޯޓެއްގައި ފަނޑިޔާރު ކަން ކުރެއްވުމުގެ ހައިސިއްޔަތެއް ގާޒީ މަރިޔަމަށް ލިބިގެނެއް ނުވެ އެވެ. މިއީ ފަނޑިޔާރަކު މަގާމުން ދުރުކޮށް، ރާއްޖޭގެ ކޯޓަކުން ނިންމުމެއް ނިންމި ފުރަތަމަ ފަހަރެވެ.

ފަނޑިޔާރުންގެ ކަންކަން ރެގިއުލޭޓްކުރާ ޖޭއެސްސީން ބުނީ އެ މައްސަލައިގައި ގޮތެއް ނިންމޭނީ އެ ކޮމިޝަންގެ ޖަލްސާއެއް ބޭއްވިގެން ކަމަށާއި އޭގެ ފަހުން އަދި ޖަލްސާއެއް ނުބާއްވާ ކަމަށެވެ.

"ކޮމިޝަންގެ ޖަލްސާ އިން ގޮތެއް ނިންމާނީ. މިއަދު އަދި ދެއްތޯ މިހަފުތާ މި ފެށުނީ؟. އަދި ޖަލްސާއެއް ނުބޭއްވޭ." ޖޭއެސްސީގެ ޑިރެކްޓަރު ހަސަން ޒަހީން ވިދާޅުވި އެވެ.

ގާނޫނުއަސާސީ ބުނާ ގޮތުން ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނީ ޖޭއެސްސީން ހުށަހަޅާ ހުށަހެޅުމެއްގެ މައްޗަށް ބިނާކޮށް، ރައްޔިތުންގެ މަޖިލީހުންނެވެ. ފަނޑިޔާރަކު ވަކި ކުރެވޭނީ މަޖިލީހުގެ މެމްބަރުންގެ ތިން ބައި ކުޅަ ދެ ބައި މެމްބަރުންގެ ވޯޓު ލިބިގެން ކަމަށް ގާނޫނުއަސާސީގައިވެ އެވެ.

ސުޕްރީމް ކޯޓުގެ އަމުރުގައިވާ ގޮތުން ގާޒީ މަރިޔަމް އެގޮތަށް ހުކުމް ކުރެއްވީ ބޮޑުމޮހޮރާ އެއްބަސްވުމުގައި ސޮއިކުރަން ދައުލަތަށް ލާޒިމް ނުވާނެ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައި ވަނިކޮށެވެ. އެހެންވެ، ގާޒީ މަރިޔަމްގެ އެ އަމަލަކީ މަތީ ކޯޓެއްގެ ނިންމުމާ ޚިލާފަށް ކުރެއްވި ކަމެއް ކަމަށް އަމުރުގައިވެ އެވެ.

ގާޒީ މަރިޔަމް ވަހީދަކީ މިދިޔަ އަހަރު ސިވިލް ކޯޓުގެ ގާޒީ ކަމަށް އައްޔަންކުރި ބޭފުޅެކެވެ. ކުރިން އޭނާ ވަނީ ބައެއް މެޖިސްޓްރޭޓް ކޯޓުތަކުގައި މެޖިސްޓްރޭޓް ކަން ކުރައްވައިފަ އެވެ.