Roadha Mihaaru
ހަމަލާތައް ހުއްޓާލަން ހަމާސް އަށް ބޮޑު ހުށަހެޅުމެއް

ހަމަލާތައް ހުއްޓާލަން ބޮޑު ހުށަހެޅުމެއް؛ އެމެރިކާ އެދެނީ ހަމާސް އެއްބަސްވާން

09 އެޕްރީލް 2024

ފަލަސްތީނުގެ ޣައްޒާގައި ހަމަލާތައް ހުއްޓާލުމާއި ރަހީނުން ދޫކޮށްލުމުގެ އެއްބަސްވުމެއް ހަމާސްއަށް ހުށަހަޅާފައިވާ ކަމަށާއި އެކަމުގައި ގޮތެއް ނިންމުން މިހާރު އޮތީ އެ ޖަމާއަތުގެ އަތްމަތީގައި ކަމަށް ބުނެ އެކަމަށް އެއްބަސްވާން އެމެރިކާއިން އެދެފި އެވެ.

ފަލަސްތީނުގެ ޣައްޒާގައި ހަމަލާތައް ހުއްޓާލުމާއި ރަހީނުން ދޫކޮށްލުމުގެ އެއްބަސްވުމެއް ހަމާސްއަށް ހުށަހަޅާފައިވާ ކަމަށާއި އެކަމުގައި ގޮތެއް ނިންމުން މިހާރު އޮތީ އެ ޖަމާއަތުގެ އަތްމަތީގައި ކަމަށް ބުނެ އެކަމަށް އެއްބަސްވާން އެމެރިކާއިން އެދެފި އެވެ.

ހަފްތާ ބަންދުގައި މިސްރުގައި ބޭއްވި، ހަމަލާތައް ހުއްޓުމަކަށް ގެނައުމުގެ މަޝްވަރާގައި ބައިވެރިވި އެމެރިކާގެ ޖާސޫސީ އިދާރާ ސީއައިއޭގެ ވެރިޔާ ވިލިއަމް ބާންސް، ހަމާސް، އިޒްރޭލު އަދި ގަތަރުގެ އޮފިޝަލުން ވެސް މި ހުށަހެޅުމަަށް ވަރަށް ސީރިއަސް ކަމަށާއި އެކަމަކު ރަނގަޅު ނަތީޖާއެއް ނުކުމެދާނެ ކަމާ މެދު އެއްޗެއް ބުނަން އަދި އަވަސް ކަމަށް ވައިޓް ހައުސް އިން ބުންޏެވެ.

"މިހާރު އޮތް ހިސާބަށް ބަލާއިރު، ހަމާސް އަށް މި ވަނީ ހުށަހެޅުމެއް ހުށަހަޅާފައި. ދެން އޮތީ އެ ހުށަހެޅުމަށް ހަމާސް އިން ދޭ ޖަވާބެއް،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ތަރުޖަމާނު ޖޯން ކިރްބީ ވިދާޅުވި އެވެ.

"ދެން މިކަމުގައި ކުރިއަށްދާނެ ގޮތެއް ނިންމާނީ ހަމާސް އިން."

ހުށަހެޅުމުގައިވާ ވަކި ކަންކަމާ ބެހޭ ގޮތުން ތަފްސީލް ދެއްވަން ކިރްބީ ވަނީ ދެކޮޅުހައްދަވައިފަ އެވެ.

އެކަމަކު ހުށަހެޅުމުގައިވަނީ ހަ ހަފްތާގެ މުއްދަތަކަށް ހަމަލާތައް މެދުކަނޑާލައި ހަމާސް އިން ރަހީނުކުރި މީހުންގެ ތެރެއިން އަންހެނުންނާއި ކުޑަކުދިން މިނިވަންކޮށް އިޒްރޭލުގެ ޖަލުތަކުން ފަލަސްތީނުގެ 900 މީހަކު ދޫކޮށްލުން ކަމަށް ހަމާސްގެ ބައެއް ފަރާތްތަކާ ހަވާލާދީ އޭއެފްޕީން ވަނީ ރިޕޯޓްކޮށްފަ އެވެ.

މި ހުށަހެޅުމުގެ ފުރަތަމަ މަރުހަލާގެ ދަށުން، ޣައްޒާގެ އުތުރުން ނުކުންނަން ޖެހުނު ފަލަސްތީނުގެ އާންމުން އެނބުރި އެ މީހުންގެ ވަޒަނަށް ދިއުމުގެ ފުރުސަތު ދިނުމާއި ކޮންމެ ދުވަހަކު 400-500 ޓްރަކްގެ އެހީގެ ސާމާނު ޣައްޒާއަށް ވެއްދުމަށް ފުރުސަތު ދިނުން ހިމެނޭ ކަމަށްވެ އެވެ.

އިޒްރޭލުގެ ރަހީނުންގެ ތެރެއިން ދޫކޮށްލާ ފުރަތަމަ ގްރޫޕްގައި 42 އަންހެނުންނާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ހިމެނެ އެވެ. އަދި އިޒްރޭލުން ދޫކޮށްލާ ފަލަސްތީނުގެ ގައިދީންގެ ތެރޭގައި 800-900 މީހަކު ހިމެނޭއިރު އޭގެ ތެރޭގައި އުމުރަށް ނުވަތަ ދިގު މުއްދަތަށް ޖަލަށް ލާފައިވާ 100 މީހަކު ހިމެނޭ ކަމަށް ވެސް ރިޕޯޓްކޮށްފައިވެ އެވެ.

ދެ ވަނަ މަރުހަލާގައި، ހަމާސް އިން ހައްޔަރުކޮށްފައިވާ އިޒްރޭލުގެ ސިފައިންނާއި އޮފިސަރުން ދޫކޮށްލުން ހިމެނޭ ކަމަށާއި އެ މީހުންގެ ބަދަލުގައި އިޒްރޭލުން މިނިވަންކުރާނެ ފަަލަސްތީނުގެ ގައިދީންނަކީ ކޮބައިކަމާ މެދު އަދި ފަހުން އެއްބަސްވުމަކަށް އަންނަން ނިންމާފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

ހަމަލާތައް އެއްކޮށް ހުއްޓާލަން އޮތީ ތިން ވަނަ މަރުހަލާގަ އެވެ. އޭގެ ކުރިން ޣައްޒާއިން އިޒްރޭލުގެ ބައެއް ޗެކް ޕޯސްޓްތައް ނެގުމާއި ޣައްޒާއިން އިޒްރޭލު ސިފައިން އެއްކޮށް ފޭބުމާއި ކަނޑައެޅޭ ވަކި ސަރަހައްދުތަކަކާ ވަކި ދުރުމިނެއްގައި ނޫނީ އިޒްރޭލު ސިފައިން ނުތިބުމާއި އެ ސަރަހައްދުތައް ޑްރޯނުން ބެލެހެއްޓުން ވެސް ހިމެނެ އެވެ.

މި ކަންކަން ހާމަކޮށްފައި މި ވަނީ ސީއައިއޭގެ ޑިރެކްޓަރު ބާންސް މަޝްވަރާތަކަށް މިސްރަށް ވަޑައިގަތްކަން އެމެރިކާއިން ރަސްމީކޮށް ކަށަވަރުކޮށްދީ، ހަމާސް އިން މި ހުށަހެޅުން ގަބޫލުކުރުމަށް އެމެރިކާއިން ގޮވާލާފައި ވަނިކޮށެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން މި މަޝްވަރާއަށް ބާންސް ފޮނުއްވާފައި މި ވަނީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ފޯނުކުރައްވައި، ހަރުކަށިކަމާ އެކު ވާހަކަ ދެއްކެވުމަށް ފަހުގަ އެވެ. އެއީ އިޒްރޭލުން ހަމަލާދީ، އެމެރިކާގެ ޗެރިޓީއެއްގެ ހަތް މީހަކު ޣައްޒާގައި މަރާލި ހާދިސާއަށް ފަހުގަ އެވެ.

ޣައްޒާއަށް އިޒްރޭލުން ހަމަލާ ދޭތާ ހަ މަސް ވެފައި ވާއިރު މިހާތަނަށް ފަލަސްތީނުގެ 33،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ. -- އޭއެފްޕީ