Roadha Mihaaru
އެސްއޯގެ އޮޕަރޭޝަންތަކަށް ސީޕީގެ ހާއްސަ ހުއްދައެއް!

އެސްއޯގެ އޮޕަރޭޝަންތަކަށް ސީޕީގެ ހުއްދަ ނަގަންޖެހޭ ގޮތަށް ބަދަލުކޮށްފި

10 އެޕްރީލް 2024

ހާއްސަ ހާލަތުގައި ހަރަކާތްތެރިވާން ފުލުހުންގެ ތެރޭގައި ތިބޭ އެސްއޯ ފުލުހުން އެކިއެކި އޮޕަރޭޝަންތަކަށް ނެރުމުގެ ކުރިން ޕޮލިސް ކޮމިޝަނަރުގެ ސީދާ ހުއްދަ ނަގަން ޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ.

ހާއްސަ ހާލަތުގައި ހަރަކާތްތެރިވާން ފުލުހުންގެ ތެރޭގައި ތިބޭ އެސްއޯ ފުލުހުން އެކިއެކި އޮޕަރޭޝަންތަކަށް ނެރުމުގެ ކުރިން ޕޮލިސް ކޮމިޝަނަރުގެ ސީދާ ހުއްދަ ނަގަން ޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ.

އެސްއޯ ފުލުހުންގެ އޮޕަރޭޝަންތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވަނީ ހާއްސަ ފިޔަވަޅުތަކެއް ވަގުތުން އެޅުމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މެދުވެރިކުރައްވައި، ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު އަށް އަންގަވާފައި ކަމަށް ހޯމް މިނިސްޓްރީން ދެންމެ ނެރުނު ބަޔާނެއްގައި ބުންޏެވެ.

އޭގެ ތެރޭގައި ހިމެނެނީ:

1- ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ފުލުހުން އެންގޭޖު ވާން ޖެހޭނެ އޮަޕަރޭޝަނަލް ހާލަތުތައް އަލުން ކަނޑައަޅައި، އެ ހާލަތުތަކުގައި ވެސް އެސްއޯ ފުލުހުން ނެރުމުގެ ކުރިން ޕޮލިސް ކޮމިޝަނަރުގެ ސީދާ ހުއްދަ ހޯދުން.

2- ފުލުހުންގެ އޮޕަރޭޝަނަލް ކޮމާންޑް އެންޑް ކޮންޓްރޯލް އަލުން ރީސްޓްރަކްޗާކޮށް، މިހާރު ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުން.

3- ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް ސަރަހައްދަށް އެސްއޯ ފުލުހުން ރޭ ނެރުނު ގޮތް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ތަހުގީގުކޮށް، އެއްވެސް މީހަކު އިހުމާލު ވެފައިވާ ނަމަ އެ މީހަކަށް ގާނޫނީ ފިޔަވަޅު އެޅުން.

4- އޮޕަރޭޝަނަލް ހާލަތުތަކުގައި މީޑިއާ އަށް މައުލޫމާތު ދިނުމުގައި އަމަލުކުރާ އުސޫލު މުރާޖައާކޮށް، މިހާރަށް ވުރެ ދެފުށް ފެންނަ އަދި ތަފުސީލުކޮށް ރައްޔިތުންނަށް މައުލޫމާތު ހާމަކުރެވޭނެ ގޮތްތައް ކަނޑައެޅުން.

5- ޣިޔާސުއްދީން ސްކޫލް ކައިރީގައި އެސްއޯ ފުލުހުން ރޭ ބާރުގެ ބޭނުންކޮށްފައިވާ ގޮތް "ޔޫޒް އޮފް ފޯސް ރިވިއު ކޮމިޓީ" އިން ބަލައި ފިޔަވަޅު އެޅުން

ފުލުހުންގެ ސްޕެޝަލިސްޓް އޮޕަރޭޝަންތައް ހަރުދަނާ ކުރަން ހާއްސަ ފިޔަވަޅުތަކެއް މި އެޅީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ އުފައްދަން މަސައްކަތްޕުޅު ކުރައްވާ ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ޣިޔާސުއްދީން ސްކޫލްގެ ހޯލްގައި ބޭއްވުމުގެ ހުއްދަ ދިނުމަށް ފަހު އިއްޔެ މެންދުރު އެ ހުއްދަ އެ ސްކޫލުން ބާތިލްކުރުމުން ވެސް އެ ޖަލްސާ އެ ހޯލުގައި ބާއްވަން ރޭ ކުރި މަސައްކަތް ހުއްޓުވަން އެސްއޯ ފުލުހުން ހަރަކާތްތެރިވުމާ ގުޅިގެންނެވެ.

އެސްއޯ ފުލުހުންގެ އެ އޮޕަރޭޝަންގައި ފުލުހުންނަށާއި ބައެއް އާންމުންނަށް ވެސް ގެއްލުންވި އެވެ.

އެ ކަމާ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައި ރައީސް މުއިއްޒު މިއަދު ހެނދުނު މީޑިއާތަކާ ބައްދަލުކުރައްވައި ވިދާޅުވީ، އެސްއޯ ފުލުހުން ރޭ ނުކުތީ ސީދާ އެ މަނިކުފާނުގެ އިރުޝާދާއި ސިޔާސަތާ ހިލާފަށް ކަމަށެވެ. އެހެންވެ، އެ މައްސަލަ ވަގުތުން ބަލައި މިއަދު އިރުއޮއްސުމާ ހަމައަށް ތަހުގީގީ ރިޕޯޓެއް ހުށަހަޅަން ހޯމް މިނިސްޓަރު އިހުސާނަށާއި ސީޕީ ޝުޖާއު އަށް އެ މަނިކުފާނު އެންގި އެވެ. އެ ރިޕޯޓު ވަނީ އެ ގަޑިއަށް ރައީސަށް ފޮނުވައިފަ އެވެ.

ރައީސް މުއިއްޒު ނޫސްވެރިން ގާތު މިއަދު ވިދާޅުވީ، އެސްއޯ ފުލުހުން އެފަދަ ތަންތަނަށް ނުނެރެން ވަރަށް ސާފުކޮށް ކުރިން އަންގަވާފައިވާނެ ކަމަށެވެ. ޕޮލިސް ކޮމިޝަނަރު ޝުޖާއު އަށް އެ ވާހަކަ ކުރިން ދަންނަވައި އަދި ފުލުހުންނާ އެކު ވަރަށް ފަހުން ބޭއްވެވި ބައްދަލުވުމެއްގައި ވެސް އެ އިންސްޓްރަކްޝަން ދެއްވި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ރޭ އެސްއޯ ފުލުހުން ނެރުނު މައްސަލަ ޓޮލެރޭޓް ނުކުރެއްވޭނެ ކަމަށެވެ.

"އެއީ އަޅުގަނޑު ރައްޔިތުންނަށް ވީ ވައުދު. އަޅުގަނޑު ބޭނުމެއް ނޫން މިތާނގައި ކުރީގައި ވީ ކަންތައް ތަކުރާރުވާކަށް،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ގަބޫލުފުޅު ކުރައްވާ ގޮތުގައި އެސްއޯ ފުލުހުން އޮޕަރޭޝަންތަކަށް ނެރެން ޖެހޭނީ ވަރަށް ހާއްސަ ހާލަތުތަކުގަ އެވެ. އެ މަނިކުފާނު މިސާލެއްގެ ގޮތުގައި މިއަދު ފާހަގަކުރެއްވީ ބައެއްގެ މުދަލަށް ގެއްލުން ދިނުމާއި ތަނެއްގައި ރޯކުރުމާއި މީހުންނަށް ޖިސްމާނީ އަނިޔާކޮށް ނުވަތަ މުގައްދަސް ތަނަކަށް، މިސްކިތަކަށް ގެއްލުން ދިނުން ފަދަ ހާލަތުތަކެވެ.