Roadha Mihaaru
އޮލިމްޕިކްގައި އެތުލެޓިކްސް ރަންމެޑަލަށް ފައިސާގެ އިނާމު

އޮލިމްޕިކްސްގައި އެތުލެޓިކްސް އިން ހޯދާ ރަން މެޑަލަށް ފައިސާގެ އިނާމު ދޭން ފަށަނީ

11 އެޕްރީލް 2024

ސްޓޮކްހޯމް (އޭޕްރީލް 11) - މިއަހަރު އޮންނަ ޕެރިސް އޮލިމްޕިކްސްގައި އެތުލެޓިކްސްގެ 48 އިވެންޓުން ވެސް ރަން މެޑަލް ހޯދާ އެތުލީޓުންނަށް ފައިސާގެ އިނާމު ދޭން ދުނިޔޭގެ އެތުލެޓިކްސް ފެޑެރޭޝަނުން ނިންމައިފި އެވެ.

ސްޓޮކްހޯމް (އޭޕްރީލް 11) - މިއަހަރު އޮންނަ ޕެރިސް އޮލިމްޕިކްސްގައި އެތުލެޓިކްސްގެ 48 އިވެންޓުން ވެސް ރަން މެޑަލް ހޯދާ އެތުލީޓުންނަށް ފައިސާގެ އިނާމު ދޭން ދުނިޔޭގެ އެތުލެޓިކްސް ފެޑެރޭޝަނުން ނިންމައިފި އެވެ.

މިއީ ދުނިޔޭގެ ކުޅިވަރު ފެޑެރޭޝަނަކުން އޮލިމްޕިކްސްގައި ހޯދާ މެޑަލް އަށް ފައިސާގެ އިނާމު ދޭން ނިންމި ފުރަތަމަ ފަހަރެވެ.

އެތުލެޓިކްސް ފެޑެރޭޝަނުން ނިންމީ ޕެރިހުގައި ރަން މެޑަލް ހޯދާ އެތުލީޓުންނަށް 50،000 ޑޮލަރުގެ ފައިސާގެ އިނާމެއް ދޭށެވެ. އެއީ، ރަން މެޑަލް ހޯދީ ރިލޭ ޓީމެއް ނަމަ އެ އިނާމު ޓީމުގެ ކުޅުންތެރިންގެ މެދުގައި އެއްވަރަށް ބަހާ ގޮތަށެވެ.

ހަމަ އެއާ އެކު 2028 ގައި ލޮސް އެންޖެލެސްގައި އޮންނަ އޮލިމްޕިކްސް ގޭމްސް އިން ފެށިގެން ރިހި އަދި ލޯ މެޑަލް ހޯދާ އެތުލީޓުންނަށް ވެސް ފައިސާގެ އިނާމު ދޭން ނިންމާފައި ވާކަމަށް އެތުލެޓިކްސް ފެޑެރޭޝަނުން ބުންޏެވެ.

ދުނިޔޭގެ އެތުލެޓިކްސް ފެޑެރޭޝަނަކީ، އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީއަށް ލިބޭ އާމްދަނީ އިން ކޮންމެ ހަތަރު އަހަރަކުން އެއްފަހަރު އިނާމު ފަންޑުގެ ގޮތުގައި 2.4 މިލިއަން ޑޮލަރު ލިބޭ ފެޑެރޭޝަނެކެވެ.

"އަހަރެމެން މި ތިބީ ޕެރިހުގައި އެތުލެޓިކްސްގެ ކޮންމެ ރަން މެޑަލަކަށް އިނާމު ދެވޭ ފަދަ ހިސާބެއްގައި. އަދި އެލްއޭ 28 އޮލިމްޕިކްސް އިން ފެށިގެން ތިން މެޑަލް އަށް ވެސް ފައިސާގެ އިނާމު ލިބެން ފަށާނެ،" ވޯލްޑް އެތުލެޓިކްސްގެ ރައީސް ސެބަސްޓިއެން ކޯ ވިދާޅުވި އެވެ.

ޕެރިސް އޮލިމްޕިކްސް އޮންނާނީ މި އަހަރުގެ ޖުލައި 26 އިން އޮގަސްޓް 11 އަށެވެ.