Roadha Mihaaru
އޮލިމްޕިކްސް އަށް ތައްޔާރުވާ ސާއިދު އަށް ރޭހެއް ނުދިން

އޮލިމްޕިކްސް އަށް ތައްޔާރުވާ ސާއިދު އަށް ރޭހަކުން ފުރުސަތެއް ނުދިން

30 ޖޫން 2021

އޮލިމްޕިކްސް ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ހަސަން ސާއިދު އަށް، އޮލިމްޕިކްސްގެ ކުރިން "ވޯމްއަޕް" އެއްގެ ގޮތުގައި ލިބުނު ރަނުގެ ފުރުސަތު އެތުލެޓިކްސް އެސޯސިއޭޝަނުން ބޭނުން ނުކޮށް ދޫކޮށްލައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އޮލިމްޕިކްސް ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ހަސަން ސާއިދު އަށް، އޮލިމްޕިކްސްގެ ކުރިން "ވޯމްއަޕް" އެއްގެ ގޮތުގައި ލިބުނު ރަނުގެ ފުރުސަތު އެތުލެޓިކްސް އެސޯސިއޭޝަނުން ބޭނުން ނުކޮށް ދޫކޮށްލައިފި އެވެ.

އިންޑިއާގެ އިންޓަ ސްޓޭޓް އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި ވާދަކުރި ޓީމު ލިސްޓުގައި ސާއިދުގެ ނަން ނުޖަހަން އެތުލެޓިކްސް އެސޯސިއޭޝަނުން ނިންމި އެވެ. އެހެންނަމަވެސް އެ މުބާރާތަށް ދިޔަ ރާއްޖޭގެ ކޮންޓިންޖެންޓުގައި ހިމެނިގެން ސާއިދު ވަނީ އިންޑއާ އަށް ދަތުރުކޮށްފަ އެވެ.

އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ތޮލާލް ވިދާޅުވީ، ރާއްޖޭގެ ކޮންޓިންޖެންޓުގައި ހިމެނިގެން ސާއިދު އިންޑިއާ އަށް ދިޔައީ ޓްރޭނިން ހެދުމަށް ކަމަށެވެ.

އިންޑިއާގެ އިންޓަ ސްޓޭޓް އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ ފުރުސަތު އަވަށްޓެރި ސްރީ ލަންކާ އިން ބޭނުން ކުރީ އޮލިމްޕިކްސް އަށް ތައްޔާރުވުމުގެ ޓެސްޓް މުބާރާތެއްގެ ގޮތުގަ އެވެ. އެ ގައުމުގެ އޮލިމްޕިކް އެތުލީޓް ނިމާލީ ލިޔާނާރައްޗު ވެސް ވަނީ އިންޑިއާގެ މުބާރާތުގައި ވާދަކޮށް ރިހި މެޑަލް ހޯދައިފަ އެވެ.

އެހެންނަމަވެސް ރާއްޖޭގެ އޮލިމްޕިކް އެތުލީޓް، ރާއްޖޭގެ ޓީމާއެކު އިންޑިއާ އަށް ގެންދިޔައީ ޓްރޭނިންގެ ފުރުސަތެއްގެ ގޮތުންނެވެ. އިންޑިއާގެ މުބާރާތުގައި ރާއްޖެ އިން ވާދަކުރި އަންހެން އަދި ފިރިހެން ރިލޭ ޓީމެވެ. ސާއިދު ވަނީ މީގެ ކުރިން އިންޓަނޭޝނަލް ގޭމްސްތަކުގެ ރިލޭ އިވެންޓްތަކުގައި ވާދަކޮށް މެޑަލް ވެސް ހޯދައިފަ އެވެ.

"އަޅުގަނޑުމެން އޮލިމްޕިކްސް އަށް ދާން ފުރުސަތު ލިބުނު ދުވަސް ވަރު، މިކަހަލަ ޓްރޭނިން މުބާރާތެއް ނުލިބޭ. އޮލިމްޕިކްސްގެ ކުރިން ކިހާ ރަނގަޅު ފުރުސަތެއް މިފަހަރު ލިބުނީ،" ކުރިން އޮލިމްޕިކްސްގެ އެތުލެޓިކްސްގައި ވާދަކުރި ރާއްޖޭގެ ކުރީގެ ދުވުންތެރިޔަކު ބުންޏެވެ. "ހިތަށް އަރާ ކީއްވެބާއޭ އެ ފުރުސަތު ލިބިފައި އޮއްވައި އެސޯސިއޭޝަނުން ސާއިދުއަށް އެ ފުރުސަތު ނުދީ އެހެން ދުވުންތެރިން ލިސްޓުގައި ޖެހީ."

ސާއިދު އެންމެ ފަހުން ރޭހެއްގައި ވާދަކުރީ، ޑިސެމްބަރު 2019 ގައި ނޭޕާލްގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު އަދި 200 މީޓަރު އިވެންޓުގަ އެވެ. އެސްއޭ ގޭމްސްގައި ސާއިދު ވަނީ 100 މީޓަރުން ރަން މެޑަލް ހޯދައި ސައުތު އޭޝިއަން ގޭމްސްގައި ރާއްޖެ އަށް ފުރަތަމަ ރަން މެޑަލްއެއް ހޯދައިދިން އެތުލީޓުގެ ޝަރަފު ހޯދައިފަ އެވެ.

މިފަހަރުގެ އޮލިމްޕިކްސްގައި އެތުލެޓިކްސްއިން ވާދަކުރާނީ ސާއިދު އެކަންޏެވެ. ބްރެޒިލްގެ ރިއޯ ޑީ ޖެނީރޯގައި އެންމެ ފަހުން ބޭއްވި އޮލިމްޕިކްސްގައި ސާއިދު ވަނީ 100 މީޓަރު ދުވުމުގެ ޕްރިލިމިނަރީ ބުރުން އެއް ވަނަ ހޯދައި، ފުރަތަމަ ބުރަށް ކޮލިފައިވެފަ އެވެ. އެއީ އޮލިމްޕިކްސްގައި ރާއްޖޭގެ 33 އަހަރުވީ ތާރީހުގައި އޮލިމްޕިކްސްގެ މަރުހަލާއެއް ރާއްޖޭގެ އެތުލީޓަކު ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.

މިފަހަރުގެ އޮލިމްޕިކްސްގައި އެތުލެޓިކްސްގެ އިތުރުން ރާއްޖެއިން ދެން ވާދަކުރާނީ ސްވިމިން އާއި ބެޑްމިންޓަންގަ އެވެ. ސްވިމިންއިން އޮލިމްޕިކްސްގައި ވާދަކުރާނީ އައިޝަތު ސައުސަން އާއި އަލީ އިމްއާން އެވެ.

މިފަހަރުގެ އޮލިމްޕިކްސްގައި ބެޑްމިންޓަން އިން ރާއްޖޭގެ ފާތިމަތުު ނަބާހާ އަބްދުލް ރައްޒާގަށް ފުރުސަތު ދޭން އޮލިމްޕިކްސް އިން ވަނީ ނިންމައިފަ އެވެ. ބެޑްމިންޓަން އިން މީގެ ކުރިން އޮލިމްޕިކްސްގައި ވާދަކުރީ ލަންޑަންގައި 2012 ގައި ބޭއްވި އޮލިމްޕިކްސްގައި ވާދަކުރި މުހައްމަދު އަޖުފާން އެވެ. އެ ފަަހރު އޮލިމްޕިކްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ އުފުލުމުގެ ޝަރަފު ވެސް ދިނީ އަޖުފާނަށެވެ.

ޖުލައި 23 ގައި ޓޯކިޔޯގައި ފަށާ އޮލިމްޕިކްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ އުފުލާނީ ނަބާހާ އެވެ.