Roadha Mihaaru
ހަމަލާދީފާނެތީ އީރާންގެ ނިއުކްލިއާ ފެސިލިޓީ ބަންދުކޮށްފި

އިޒްރޭލުން ހަމަލާދީފާނެތީ އީރާންގެ ނިއުކްލިއާ ފެސިލިޓީތައް ބަންދުކޮށްފި

16 އެޕްރީލް 2024

އީރާނުން އިޒްރޭލަށް ދިން ޑްރޯން އާއި މިސައިލްގެ ހަމަލާތަކަށް ފަހު އިޒްރޭލުން ބަދަލުހިފުމުގެ ގޮތުން ހަމަލާދީފާނެ ކަމުގެ ބިރަށް އީރާންގެ ނިއުކްލިއާ ފެސިލިޓީ ވަގުތީ ގޮތުން ބަންދުކޮށްފި ކަމަށް އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީ (އައިއޭއީއޭ) އިން މިއަދު ބުނެފި އެވެ.

އީރާނުން އިޒްރޭލަށް ދިން ޑްރޯން އާއި މިސައިލްގެ ހަމަލާތަކަށް ފަހު އިޒްރޭލުން ބަދަލުހިފުމުގެ ގޮތުން ހަމަލާދީފާނެ ކަމުގެ ބިރަށް އީރާންގެ ނިއުކްލިއާ ފެސިލިޓީ ވަގުތީ ގޮތުން ބަންދުކޮށްފި ކަމަށް އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީ (އައިއޭއީއޭ) އިން މިއަދު ބުނެފި އެވެ.

އދ.ގެ ސަލާމަތީ މަޖިލީހުން ބައްދަލުވުމެއްގެ ހަވާސާގައި އައިއޭއީއޭގެ ވެރިޔާ ރަފައެލް ގްރޯސީ މިހެން ވިދާޅުވީ އިޒްރޭލުގެ ބަދަލުހިފުމުގެ ހަމަލާއެއް އީރާންގެ ނިއުކްލިއާ ފެސިލިޓީއަކަށް ދީފާނެތީ ކަންބޮޑުވޭތޯ ކުރި ސުުވާލަކާ ގުޅިގެންނެވެ.

"އެއީ އަޅުގަނޑުމެން އަބަދުވެސް ކަންބޮޑުވާ ކަމެއް. މި އިދާރާގެ އިންސްޕެކްޓަރުން ކޮންމެ ދުވަހަކު އިންސްޕެކްޓްކުރާ ނިއުކްލިއާ ފެސިލިޓީތައް އިއްޔެ [އާދީއްތަ ދުވަހު] އިން ފެށިގެން ހުންނާނީ ބަންދުކޮށްފައި ކަމަށް އީރާން ސަރުކާރުން އިންސްޕެކްޓަރުންނަށް ވަނީ އަންގާފައި،" ގްރޯސީ ވިދާޅުވި އެވެ.

ފެސިލިޓީތައް އަލުން ހުޅުވަން އޮތީ އިއްޔެ ކަމަށާއި އެކަމަކު މަސްރަހު އަމާންވެ ކަންކަން ސާފުވުމުން ނޫނީ އިންސްޕެކްޓަރުން އަލުން ފެސިލިޓީތަކަށް ނުފޮނުވަން ނިންމާފައިވާ ކަމަށް ގްރޯސީ ވިދާޅުވި އެވެ.

ސީރިއާގައި ހުންނަ އީރާންގެ ކޮންސިއުލޭޓަށް މި މަހުގެ 1 ވަނަ ދުވަހު ދިން ހަމަލާގައި އީރާން ސިފައިންގެ އިސް ދެ މީހަކާއި އިތުރު ބަޔަކު މަރާލި މައްސަލައިގައި އީރާނުން އިޒްރޭލަށް 300 އަށް ވުރެ ގިނަ މިސައިލާއި ޑްރޯން ހަމަލާ ވަނީ ދީފަ އެވެ. އިޒްރޭލުން އެކަމުގެ ބަދަލު ހިފާނެ ކަމަށް ބެލެވޭއިރު މަސްރަހު އިތުރަށް ގޯސް ނުކުރުމަށް ގައުމުތަކުން އަންނަނީ ގޮވާލަމުންނެވެ.

އިޒްރޭލުން 1981 ވަނަ އަހަރު ވަނީ އިރާގުގެ އޭރުގެ ރައީސް ސައްދާމް ހުސެއިންގެ ހެދި އޮސިރަކް ނިއުކްލިއާ ރިއެކްޓަރަށް އެމެރިކާގެ ދެކޮޅުވެރިކަމާ އެކު ވެސް ހަމަލާދީފަ އެވެ. އަދި މީގެ 11 އަހަރު ކުރިން ސީރިއާގެ ރިއެކްޓަރަކަށް ވެސް ސިއްރު އޮޕަރޭޝަނެއްގައި ހަމަލާ ދިން ކަމަށް އިޒްރޭލުން ފަހުން ބުނެފައިވެ އެވެ.

އިޒްރޭލުން 2010 ވަނަ އަހަރު އީރާނުގެ ނިއުކްލިއާ ދެ ސައިންސްވެރިޔަކު އަވަހާރަކޮށްލި ކަމުގެ ތުހުމަތު ވެސް އީރާނުން ކުރެ އެވެ. -- އޭއެފްޕީ