Roadha Mihaaru
ހިޔާގައި އިތުރު ލިފްޓު ހަރުކުރަން ފަށައިފި

ހިޔާ ފްލެޓްތަކުގައި އިތުރު ލިފްޓު ހަރުކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

18 އެޕްރީލް 2024

ހުޅުމާލެ 2 ގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓު ހަރުކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ހުޅުމާލެ 2 ގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓު ހަރުކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

މި މަސައްކަތް ފެށުމުގެ ގޮތުން މިއަދު ހެނދުނު ވަނީ ހިޔާ ފްލެޓްގެ ދެވަނަ ޓަވަރުގައި ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. އެ ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދާއި ތިމާވެއްޓާ ބެހޭ މިނިސްޓަރު އިބްރާހިމް ތޯރިގު އަދި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ބައިވެރިވެވަޑައިގެންނެވި އެވެ.

އެ ރަސްމިއްޔާތުގައި ފަޒުލް ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ހިޔާގެ ހުރިހާ ޓަވަރެއްގައި އިތުރު ލިފްޓުތައް ހަރުކޮށް ނިންމާލެވޭނެ އެވެ.

އޭނާ ވިދާޅުވީ ހުޅުމާލޭގައި ރަނގަޅު ކުރަން ޖެހޭ ވަރަށް ގިނަ އިތުރު ކަންތައްތަކެއް ވެސް އެބަހުރި ކަމަށާއި އެޗްޑީސީން އެ މަސައްކަތްތައް ވެސް ކުރާނެ ކަމަށެވެ.

"ހުޅުމާލެ 1 އަދި 2 ގައި ވެސް މިގޮތަށް ދިމާވެފައި ހުރި މައްސަލަތައް، ޕާކިން މައްސަލަ ކަމުގައި ވިޔަސް، ހައުސިން މައްސަލަ ކަމުގައި ވިޔަސް އަދި ލައިޓިންގެ މައްސަލަ ކަމުގައި ވިޔަސް، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ އެހެން މައްސަލަތައް ވެސް، ޓްރެފިކް މައްސަލަތައް ވެސް، ހައްލުކުރުމަށްޓަކައި އަޅުގަނޑުމެން ވާނީ މަސައްކަތްތައް ފަށައިފައި،" އޭނާ ވިދާޅުވި އެވެ.

ހައުސިން މިނިސްޓަރު ޑރ. ހައިދަރު ވިދާޅުވީ ހިޔާ ފްލެޓްތަކުގައި އިތުރު ލިފްޓު ހަރުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއް ކަމަށާއި މިއަދު މި ފެށުނީ އެ ވައުދު ހަގީގަތަކަށް ހެދުމުގެ އަމަލީ މަސައްކަތް ކަމަށެވެ. އަދި މި ލިފްޓުތައް ހަރުކޮށް ނިމުމުން އެތަނުގައި ދިރިއުޅޭ މީހުންނަށް ވަރަށް ބޮޑު ލިޔެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހައިދަރު ވިދާޅުވީ ހިޔާ ފްލެޓްތައް ކަހަލަ ދިރިއުޅުމަށް ބޭނުންކުރާ ބޮޑެތި އިމާރާތްތަކުގައި ލިފްޓުތައް ގިނަ ކުރަން ޖެހޭ ކަމަށެވެ. ސަރުކާރުން ދެން ހިންގާ މަޝްރޫއުތަކުގައި އެކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ސަރުކާރުން ދެން ހިންގާ މަޝްރޫއުތަކުގައި މިކަމަށް ބޮޑަށް ރިއާއަތްކުރާނަން،" އޭނާ ވިދާޅުވި އެވެ.

ހިޔާ ފްލެޓްގައި އިތުރު ލިފްޓު ހަރުކުރަން ހަވާލުކޮށްފައި ވަނީ ޗައިނާގެ ޝެންޔެންގް ޔުއަންޑާ އިންޓެލެކްޗުއަލް އިންޑަސްޓްރީ ގްރޫޕް ކޯ ލިމިޓެޑާ އެވެ. އެ މަޝްރޫއު ޗައިނާގެ މި ކުންފުންޏާ ހަވާލުކުރި ފައިސާގެ އަދަދު ހާމަކޮށްފައި ނުވި ނަމަވެސް މި އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓްގައިވާ ގޮތުން ހިޔާގެ ޓަވަރުތަކަށް ލިފްޓު އިތުރުކުރުމަށް 200 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ.

ކޮންމެ ޓަވަރެއްގައި ހަރުކުރާ އެއް ލިފްޓަކީ ސްޓްރެޗާ އުފުލޭ ވަރުގެ ބޮޑު ލިފްޓެކެވެ. އަނެއް ލިފްޓަކީ ގާތްގަނޑަކަށް އެއްފަހަރާ 14 މީހުންނަށް އެރެވޭނެ ކެޕޭސިޓީގެ ލިފްޓެކެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލެ 2 ގައި އިމާރާތްކުރި ހިޔާ ފްލެޓްގެ 25 ބުރީގެ 16 ޓަވަރުގެ ތެރެއިން ބައެއް ޓަވަރުގައި ހަތަރެއް އަދި ބައެއް ތަންތަނުގައި ތިން ލިފްޓު ހުރެ އެވެ. ނަމަވެސް، ލިފްޓު މަދުވުމުގެ ސަބަބުން އަރައި ފޭބުމަށް ދަތި ވާތީ އެތަނުގައި ދިރިއުޅޭ މީހުންގެ ޝަކުވާ ބޮޑެވެ. އެ ޓަވަރުތަކުގައި 50،000 އަށް ވުރެ ގިނަ މީހުން މިހާރު އަންނަނީ ދިރިއުޅެމުންނެވެ.