ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ އެކު ވާދަވެރިކަން ނިމިއްޖެ ކަމަށާއި ދެން އޮތީ ސިޔާސީ ޕާޓީތަކުން އެކުވެރިވެ ގަައުމު ކުރިއަށް ގެންދަން އެކުގައި މަސައްކަތް ކުރަންވީ ވަގުތު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
22 އެޕްރީލް 2024
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ އެކު ވާދަވެރިކަން ނިމިއްޖެ ކަމަށާއި ދެން އޮތީ ސިޔާސީ ޕާޓީތަކުން އެކުވެރިވެ ގަައުމު ކުރިއަށް ގެންދަން އެކުގައި މަސައްކަތް ކުރަންވީ ވަގުތު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
އިއްޔެ ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި، އިންތިހާބުގައި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ އަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކުރަން މާލޭގެ އާޓިފިޝަލް ބީޗް ސަރަހައްދުގައި އެތައް ސަތޭކަ ބަަޔަކާ އެކު ބޭއްވި ބައްދަލުވުމުގައި ރަައީސް ވިދާޅުވީ އިންތިހާބު ނިމިއްޖެ ކަމަށާއި އެހެންކަމުން ހިޔާލު ތަފާތުވުން ވެސް ދޫކޮށްލަންވީ ކަމަށެވެ.
ޕީއެންސީގެ ރައީސްގެ މަގާމު ވެސް ފުރުއްވާ ރައީސް މުއިއްޒު އެދިވަޑައިގަތީ ހުރިހާ ސިޔާސީ ވެރިންނާއި ޕާޓީތަކުން އެކުގައި ގައުމީ މަސައްކަތުގައި ކުރިއަށް ދިއުމަށެވެ.
"މި ގައުމަކީ އަޅުގަނޑުމެން އެންމެންގެ ވެސް ގައުމު، މި ގައުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެ ވެސް ގައުމު، އެހެންވީމާ ހުރިހާ ބޭފުޅުން އެކުވެރިކަމާ އެކު އަތުކުރި އޮޅާލައިގެން އެންމެން އެކީގައި ހިނގާށޭ ކުރިއަށް ދާން. އޭގެން އެންމެންނަށް ވެސް ލިބޭނީ އުފާވެރިކަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
"އަޅުގަނޑުގެ ކުރިމަތީގައި ކޮންމެ ރައްޔިތަކު ހަމަހަމަ، ކޮންމެ ޕާޓީއަކަށް ނިސްބަތް ވިޔަސް އެ ރައްޔިތަކީ މުހިންމު ރައްޔިތެއް. އެ އިން ކޮންމެ ރައްޔިތެއް ދެކެ އަޅުގަނޑުގެ ހިތުގައި އޮތީ ލޯތްބާއި ގަދަރު. އެހެންވީމާ އެއްވެސް ބޭފުޅަކަށް ތަފާތެއް ނުކުރާނަން. އެ ބޭފުޅަކަށް އަޅާނެ ފިޔަވަޅެއް ނޯންނާނެ ސިޔާސީ ވިސްނުން ހުރި ގޮތަކުން."
މަޖިލިސް އިންތިހާބުގައި ސަރުކާރު ކެންޑިޑޭޓުން ހޯދި ބޮޑު ކާމިޔާބީ ފާހަގަކުރަން މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ހަފްލާއަށް ރައީސް މުއިއްޒު ވަޑައިގަންނަވަނީ. --ފޮޓޯ: ނިޝާން އަލީ | މިހާރު
ރައީސް ވިދާޅުވީ ރާއްޖެ ތަރައްގީކޮށް ކުރިއަށް ގެންދިއުމަކީ އެންމެންގެ ވެސް ފަހުރަކަށް ހަދަން ޖެހޭ ކަމަށާއި އެންމެން އެކުވެރިކަމާ އެކު ކުރިއަށް ދިއުމުން އެންމެން ވެސް ތިބޭނީ އުފަލުން ކަމަށެވެ.
"އަޅުގަނޑު މި ގޮވާލަނީ އެންމެން އެކުގައި ކުރިއަށް ދާން ހިނގާށޭ،" ރައީސް ވިދާޅުވި އެވެ.
އާޓިފިޝަލް ބީޗްގައި އެއްވެ ތިބި ސަޕޯޓަރުންނާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ މިއަދު އާ ކުރަންވީ އަޒުމަކީ މި މުޖުތަމައުގައި ހަގީގީ މާނައިގައި ހަމަޖެހުން ގާއިމް ކުރުމުގެ އަޒުމު ކަމަށާއި ނުތަނަވަސްކަން އޮތް މާޒީ، މާޒީއަށް ދޫކޮށްލަން ޖެހޭ ކަމަށެވެ.
އެކުވެރިކަމާ އެކު ކުރި މަސައްކަތުން ސަރުކާރަށް ވަނީ ބޮޑު ކާމިޔާބެއް ހާސިލް ކުރެވިފައިވާ ކަމަށާއި އެހެންކަމުން މިއަދު އާ ފެށުމަކުން ފަށަން ޖެހިފައިވަނީ ގައުމު އާރާސްތު ކުރުމުގެ ބޮޑު، މުހިންމު މަސައްކަތް ކަމަށް ރައީސް ވިދާޅުވި އެވެ. އެ މަނިކުފާނު ވިދާޅުވީ ދިވެހިންގެ މުސްތަގުބަލް އުޖާލާ ކުރުމުގެ އަޒުމާއި އިސްލާމް ދީނަށް ނަސްރު ދިނުމުގެ އަޒުމާއި އެކުވެރިކަން ވަރުގަދަ ކުރުމުގެ އަަޒުމާއި މިނިވަންކަން ޔަގީން ކުރުމުގެ އަޒުމު އާ ކުރަން ޖެހޭ ކަމަށެވެ.
މަޖިލިސް އިންތިހާބުގައި ސަރުކާރު ކެންޑިޑޭޓުން ހޯދި ބޮޑު ކާމިޔާބީ ފާހަގަކުރަން މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ހަފްލާއަށް ރައީސް މުއިއްޒު ވާހަކަ ދައްކަވަނީ. --ފޮޓޯ: ނިޝާން އަލީ | މިހާރު
"އިރާދަކުރެވިއްޔާ މުސްތަގުބަލް އުޖާލާކޮށް އޮތީ. މި ގޮތުގައި ކުރިއަށް ދާން މަސައްކަތް ކޮށްފިއްޔާ އަޅުގަނޑުމެންނަށް ފެނިގެން ދާނީ އުއްމީދު ކުރި ދުވަސް، ރާއްޖޭގެ އެންމެ އުތުރުން އެންމެ ދެކުނަށް ކޮންމެ ރައްޔިތަކު ވެސް އެ ރައްޔިތަކު އެދެމުން އައި ގޮތް ފަހިކޮށް ދެވޭނެ،" ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އިސްކުރާނީ އަމިއްލަ މަސްލަހަތަށް ވުރެ މި އަޒުމު އާ ކުރުމުގެ މަސްލަހަތު. މި ވަތަނީ އަޒުމު އާ ކުރީމަ މި އޮތްހާ ދުވަހު ނުވެގެން އުޅުނު ކަންކަން ވާތަން ފެންނާނީ. މި އޮތްހާ ދުވަހު ބޭނުންވެ އާދޭސްކޮށް ނުވި ކަންކަން އިރާދަކުރެއްވިއްޔާ ވާތަން ފެންނާނީ."
ރައީސް ވިދާޅުވީ ކޮންމެ ސިޔާސީ ފިކުރެއްގައި ހުރި މީހެއް ނަމަވެސް، ވަތަނީ އަޒުމު އާކޮށްފި ނަމަ އެ ފެށެނީ ގައުމު ކުރިއަށް ގެންދިއުމުގެ މަސައްކަތް ކަމަށާއި އެއީ އަންނަން އޮތް ޖީލުތަކުން ފަހުރުވެރިވާނެ މަސައްކަތަކަށް ވާނެ ކަމަށެވެ.
"އަޅުގަނޑު ދޭ ޔަގީން ކަމަކީ މިއަދު މި ފެށޭ މަސައްކަތް އިރާދަކުރެއްވިއްޔާ ކާމިޔާބު ކޮށްފައި އަޅުގަނޑުމެން ނިންމާލަނީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
އިއްޔެގެ މަޖިލިހުގެ އިންތިހާބުގައި ޕީއެންސީން ސުޕަ މެޖޯރިޓީ ނެގީ އެ ޕާޓީ އަށް އެކަނި ނެގި 66 ގޮނޑީގެ އިތުރުން ޕީއެންސީގެ ތާއީދާ އެކު އިންތިހާބުވި މެމްބަރުން އަދި ޖޭޕީ އާއި އެމްއެންޕީ އާއި އެމްޑީއޭގެ ގޮނޑިތަކުގެ ކެންޑިޑޭޓުން ހިމަނައިގެންނެވެ. އޭރުން ޕީއެންސީ އަށް 74 ގޮނޑި 20 ވަނަ މަޖިލިހުން ލިބެ އެވެ.
އާ މަޖިލިހުގެ މެމްބަރުންގެ އަދަދަކީ 93 އެވެ.
ޕީއެންސީގެ ބޮޑު ކާމިޔާބީ ފާހަގަކުރަން މިރޭ ބޭއްވި ހަފުލާގައި މާފަންނު އުތުރު ދާއިރާގެ ޓިކެޓު ކާމިޔާބު ކުރެއްވި އެމްއެންޕީގެ ލީޑަރު މުހައްމަދު ނާޒިމާއި މީދޫ ދާއިރާ ކާމިޔާބު ކުރެއްވި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ވެސް ބައިވެރިވެވަޑައިގަތެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާ އަނެއްކާވެސް ކަށަވަރު ކުރެއްވި ގާސިމް މިރޭގެ ހަފުލާ އަށް ވަޑައިނުގަތަސް އޭނާގެ ނަން ވެސް ޖަލްސާގައި ފާހަގަކުރި އެވެ.
ލ. އަތޮޅުގެ ތާރީހު ބަދަލުކޮށްލެއްވީ ރައީސް: އަދުރޭ
"ޕާޓީ ބަދަލުކުރުމުގެ ފުރުސަތު ދައުރުގެ ކުރިން ލިބޭ"
ސުޕަމެޖޯރިޓީ ދައްކާލައި، ކާމިޔާބީ ފާހަގަކޮށްފި
އަދުރޭގެ ހިސާބަކީ ސަމާސާއެއް ނޫން، ސިޔާސީ ހަގީގަތް
ފެނުނީ ގައުމު ހަލަބޮލިކުރަން ބޭނުން ނުވިކަން: އަދުރޭ
ފެނުނީ ހުތޫރަތްތެރިކަމާ އެކު ރައީސް ކުރެއްވި މަސައްކަތް
ފޯކަސްގައި އޮތީ ނަތީޖާ ނެރުން އެކަނި: ރައީސް
އިދިކޮޅަށް މެޖޯރިޓީ ލިބިއްޖެނަމަ ބަޣާވާތްކުރާނެ: ރައީސް
ތަރައްގީގެންނަން މިހާރު ބޭނުމީ މަޖިލިސް މެޖޯރިޓީ އެކަނި
ހެނދުނާ ވޯޓުލައި ތާރީހީ މޮޅެއް ހޯދައިދީ: ރައީސް