Roadha Mihaaru
ތަރައްގީގެންނަން މިހާރު ބޭނުމީ މަޖިލިސް މެޖޯރިޓީ އެކަނި

މިހާރު ބޭނުމީ މަޖިލިސް މެޖޯރިޓީ އެކަނި، ރައީސްގެ ސްޕީޑުގައި ކަންކަން ކޮށްދެއްވާނެ: ނައިބު ރައީސް

18 އެޕްރީލް 2024

ސަރުކާރަށް މިހާރު ބޭނުންވަނީ ހަމައެކަނި ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ކަމަށާއި އޭރުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހަލުވި ސްޕީޑުގައި ރާއްޖެ އަށް ތަރައްގީ ގެނެސްދެއްވާނެ ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ރޭ ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ސަރުކާރަށް މިހާރު ބޭނުންވަނީ ހަމައެކަނި ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ކަމަށާއި އޭރުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހަލުވި ސްޕީޑުގައި ރާއްޖެ އަށް ތަރައްގީ ގެނެސްދެއްވާނެ ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ރޭ ވިދާޅުވެއްޖެ އެވެ.

އަންނަ އާދިއްތަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ފ. ނިލަންދޫ ދާއިރާ އަށް ވާދަކުރައްވާ ފާތިމަތު ސައުދާގެ ކެމްޕެއިން ޖަލްސާގައި ނައިބު ރައީސް ވިދާޅުވީ، މިހާތަނަށް ރައްޔިތުން އަމަލުކުރަމުން އައީ ސިޔާސީ ޕޯޑިއަމްތަކުގައި ސިޔާސީ މީހުން ދައްކާ ވާހަކަތައް އަޑުއަހައި އެކަން ގަބޫލުކޮށްގެން، އެ މީހުންގެ ފިކުރާ އެއްގޮތަށް ވޯޓުލުން ކަމަށެވެ.

އެގޮތަށް އަމަލުކުރުމުން ނަތީޖާ ނުކުތް ގޮތާ މެދު ސުވާލު އުފައްދަވައި، ނައިބު ރައީސް ވިދާޅުވީ މިދިޔަ ފަސް އަހަރުގެ ތެރޭގައި ސަރުކާރުގެ އާރާއި ބާރު ބޭނުންކޮށްގެން ޒައްރެއްގެ މިންވަރު ވެސް ތަރައްގީ ކޮށްފައި ނުވާ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި އެ ބޭފުޅުން ކުރަމުން އައީ މަސައްކަތަކީ ގަރާރު ހުށަހެޅުން، ކުއްލި މައްސަލަ ހުށަހެޅުން. އަމިއްލަ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނިޔަތުގައި ބުނެ މިފަދަ ޖެއްސުންތައް ކުރަމުން އައި،" ނައިބު ރައީސްގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ފަރެސްމާތޮޑާ ދާއިރާގެ މެމްބަރުކަން ކުރެއްވި ހުސައިން ވިދާޅުވި އެވެ.

އެކަމަކު މި ސަރުކާރުގެ ވިސްނުން ހުރީ މަޖިލީހުގެ ބޭނުން ހިފައި ތަރައްގީ ގެނައުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. މި ސަރުކާރަށް މިވީ ހަ މަސް ދުވަހުގެ ތެރޭގައި ރައީސް މުއިއްޒު ވަނީ ކެބިނެޓް ބޭނުންކުރައްވައި ތަރައްގީ ގެނައުމަށް ތައްޔާރު ވެފައި ކަމަށް ވެސް ވިދާޅުވެ އެވެ.

"ހަމައެކަނި ދެން ބޭނުންވަނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް. އެ މަނިކުފާނުގެ ސްޕީޑުގައި އެ މަސައްކަތް ކޮށްދެއްވާނެ. ހުށަހަޅާ ބިލްތަކާއި ރަނގަޅު ބަހުސަކާއި ރަނގަޅު ދިރާސާތަކަކާ އެކު އެ މަނިކުފާނު އެނބުރި އެ މަނިކުފާނު ބޭނުންވާ ގޮތަށް ތަންފީޒު ކުރުމަށް އަތްޕުޅަށް ލިޔުން،" ނައިބު ރައީސް ވިދާޅުވި އެވެ.

މަޖިލީހުން މި ފަހުން ފާސްކުރި އެންޓި ޑިފެކްޝަން ބިލު ވުޖޫދުވީ ޕީޕީއެމް/ ޕީއެންސީން ތާއީދުކޮށްގެން ކަމަށާއި އެކަމަކު އެ ބިލު އުވާލީ އޭރު އެމްޑީޕީން ވެރިކަމަށް އަައި ގޮތަށް ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

ނިލަންދޫ ދާއިރާއަށް ވާދަކުރައްވާ ރައީސްގެ ކޮއްކޯފުޅު ފާތިމަތު ސައުދާގެ ކެމްޕެއިން ޖަލްސާގައި ނައިބް ރައީސް ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ނިލަންދޫ ދާއިރާއަށް ވާދަކުރައްވާ ރައީސްގެ ކޮއްކޯފުޅު ފާތިމަތު ސައުދާގެ ކެމްޕެއިން ޖަލްސާގައި ނައިބް ރައީސް ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެ ބިލް އަލުން އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން ފާސްކުރީ، އެ ޕާޓީއަށް މަޖިލީހުގެ މެޖޯރިޓީ ނުލިބިދާނެ ކަމުގެ ބިރު އޮތުމުންނެވެ.

ރައީސް މުއިއްޒުގެ ކޮއްކޯފުޅު ފާތިމަތު ސައުދާގެ ކެމްޕެއިން ޖަލްސާގައި ނައިބު ރައީސް ވަނީ ރައްޔިތުންގެ މަޖިލިސް ތަމްސީލުކުރުމަށް ގާބިލް، ތަޖުރިބާކާރު މީހުން އިންތިހާބު ކުރުމަށް ވެސް އެދިވަޑައިގެންފަ އެވެ.

މަޖިލީހުގައި އަންހެނުން ތަމްސީލުކުރާ އަދަދު އިތުރުކުރުމަށް ރައީސް މުއިއްޒު ވެސް ބޭނުންފުޅުވާތީ ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އަންހެނުންގެ އަޑު އިއްވައިދޭނެ މެމްބަރުން ބައިތިއްބުމަށް ނައިބު ރައީސް އެދިވަޑައިގަތެވެ.

އެ މަނިކުފާނު ވިދާޅުވީ، އެކި މުއައްސަސާތަކާ އެކު ބާއްވާ މަޝްވަރާތަކުގައި އަންހެނުން ތަމްސީލުކުރާނެ މެމްބަރެއް އިނުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އެކަމަކު މިހާތަނަށް މަޖިލީހުގައި އަންހެނުންގެ ދައުރު ކުޑަ ނަމަވެސް އާދިއްތަ ދުވަހު ބާއްވާ މަޖިލިސް އިންތިހާބަކީ އެ ބަދަލު ގެނެސް، އަންހެނުން ތަމްސީލުކުރުމަށް އެ އަންހެނުން ހޮވުމަށް ލިބޭ ފުރުސަތެއް ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ.

"އެހެންވީމާ، އަޅުގަނޑުމެންގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ޕާޓީގައި ކަނބަލުންގެ އަޑު އިއްވުމަށް އަޅުގަނޑުމެންގެ ކެންޑިޑޭޓް ނަމްބަރު ދޭއް، ސައުދާ އަށް މުހިންމުވޭ. މިއީ މުޅި ރާއްޖޭގެ ހައްގުގައި ނިލަންދޫ ދާއިރާއިން ކޮށްދޭން ޖެހޭ މުހިއްމު ކަމެއް،" ހުސައިން ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެމި އަހަރުގެ އިންތިހާބުގައި 93 ދާއިރާއަކަށް 386 ކެންޑިޑޭޓުން ވާދަކުރާއިރު އޭގެ ތެރޭގައި ހިމެނެނީ އެންމެ 22 އަންހެނުންނެވެ.