Roadha Mihaaru
އިރާގުގައި ސިފައިންގެ މަރުކަޒު ގޮވީ ހަމަލާއަކުން ނޫން

އިރާގުގައި ސިފައިންގެ މަރުކަޒު ގޮވީ ހަމަލާއަކުން ނޫން

24 އެޕްރީލް 2024

މިދިޔަ ހަފްތާ ބަންދުގައި އިރާގުގެ އަސްކަރީ މަރުކަޒެއް ގޮވީ ވައިގެ މަގުން ދިން ހަމަލާއެއްގެ ސަބަބުން ނޫން ކަމަށާއި އެއީ ރައްކާކޮށްފައި ހުރި ހަތިޔާރުތަކެއް ގޮވުމުގެ ސަބަބުން ހިނގި ހާދިސާއެއް ކަމަށް ތަހުގީގަކަށް ފަހު ބުނެފި އެވެ.

މިދިޔަ ހަފްތާގެ ހުކުރު ދުވަހުގެ ރޭ ބަބިލޯން ޕްރޮވިންސްގެ ކަލްސޫ ބޭސްގައި ހިނގި ހާދިސާގައި އެކަކު މަރުވެ އަށް މީހަކު ޒަހަމްވި އެވެ.

އޮފިޝަލުން އެންމެ ފުރަތަމަ ބުނެފައިވަނީ މިއީ ވައިގެ މަގުން ބަޔަކު ދިން ހަމަލާއެއް ކަމަށެވެ. އެކަމަކު ހާއްސަ ކޮމިޓީއަކުން ކުރި ތަހުގީގަކަށް ފަހު ވަނީ އެއީ ރަނގަޅު ވާހަކައެއް ނޫން ކަމަށް ބުނެފަ އެވެ.

އިންޓީރިއާ މިނިސްޓްރީން ބުނި ގޮތުގައި އެ މަރުކަޒުގައި ސިފައިންގެ ބެރެކްސް އާއި ހަތިޔާރު ގުދަންތައް ހުރެ އެވެ.

"މި ގޮވުމުގެ ސަބަބުން އެތަނުގައި ވަނީ ވަރަށް ބޮޑު ވަޅުގަނޑެއް ހެދިފައި. އެއީ އެކި ބާވަތުގެ ތަކެއްޗާއި މިސައިލާއި ގޮވާ ތަކެތި ގުދަންކޮށްފައި ހުންނަ ތަނެއް،" އިންޓީރިއާ މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ކޮމިޓީގެ ނިންމުމުގައި ބުނެފައިވަނީ ގޮވި ތަނުގައި ވަޅުގަނޑު ހެދިފައި ހުރި ގޮތާއި އެތަނުން ފެނުނު މާއްދާތަކަށް ބަލާއިރު އެއީ އެތަނުގައި ހުރި ގޮވާތަކެތީގެ ސަބަބުން އުފެދުނު ގޮވުމެއްކަން އެނގޭ ކަމަށެވެ.

މަރުކަޒު ގޮވުމާ އެކު އެންމެ ފުރަތަމަ މިއީ އިޒްރޭލު ނުވަަތަ އެމެރިކާގެ ހަމަލާއެއް ކަމަށް ވާހަކަ ދެކެވުނެވެ. އެކަމަކު އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން އެންމެ ފުރަތަމަ ވެސް ވަނީ މި ހާދިސާއާ އެމެރިކާއާ އެއްވެސް ގުޅުމެއް ނެތް ކަމަށް ބުނެފަ އެވެ. އެކަމަކު އިޒްރޭލުގެ އަސްކަރިއްޔާއާ އޭއެފްޕީން ސުވާލުކުރުމުން ޖަވާބެއް ނުދިނެވެ. -- އޭއެފްޕީ