Roadha Mihaaru
އިރާގުގެ ކައިވެނި ޕާޓީއެއްގައި 98 މީހުން މަރު

އިރާގުގައި ބޭއްވި ކައިވެނި ޕާޓީއެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 98 މީހުން މަރުވެއްޖެ

30 ސެޕްޓެމްބަރ 2023

އިރާގުގެ ސިޓީއެއް ކަމަށްވާ ގަރަގޯޝްގައި ބޭއްވި ކައިވެނި ޕާޓީއެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި 98 މީހުން މަރުވެއްޖެ އެވެ.

އިރާގުގެ ސިޓީއެއް ކަމަށްވާ ގަރަގޯޝްގައި ބޭއްވި ކައިވެނި ޕާޓީއެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި 98 މީހުން މަރުވެއްޖެ އެވެ.

މިދިޔަ އަންގާރަ ދުވަހުގެ ރޭ ހިނގި މި އަލިފާނުގެ ހާދިސާގައި 98 މީހުން މަރުވި އެވެ. އަދި 100 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެގެން އަންނަނީ ފަރުވާދެމުންނެވެ.

އެ ކައިވެނި ޕާޓީ އޮތީ، އިރާގުގައި ކްރިސްޓިއަނުން އެންމެ ގިނައިން ދިރިއުޅޭ ގަރަގޯޝްގައި އެކި ހަފުލާތައް ބޭއްވުމަށް ހަދާފައި ހުރި ބެންކުއެޓް ހޯލެއްގަ އެވެ. އެއީ ކްރިސްޓިއަން ކައިވެންޏެކެވެ.

ކައިވެނި ޕާޓީ ބޭއްވި ހޯލު: އެތަން ވަނީ އެއްކޮށް އަނދައިފައި.

ކައިވެނި ޕާޓީ ބޭއްވި ހޯލު: އެތަން ވަނީ އެއްކޮށް އަނދައިފައި.

އިރާގުގެ ކަމާބެހޭ އިދާރާތަކާ ހަވާލާދީ ބައެއް ރިޕޯޓްތައް ބުނި ގޮތުގައި، އެތަނުގައި ރޯވީ ކައިވެނި ޕާޓީގެ ތެރެއިން ބަޑިބޭސް (ސްޕާކް މެޝިން) ބޭނުންކުރުމުން، އޭގެން ބުރި ކަނިތަކަކުން އެ ހޯލުގެ ސީލިންގުގައި ރޯވެގެންނެވެ. އެ އިމާރާތް ހަދައިފައި ހުރީ ފަސޭހައިން އަލިފާން ހިފާ ކަހަލަ ދަގަނޑާއި ޕްލާސްޓިކް ބޭނުންކޮށްގެން ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.

އަލިފާން ރޯވި ވަގުތު ބައެއް މީހުންނަށް އެ ހޯލުން ނުކުމެވުނަސް، ގިނަ ބަޔަކަށް އެތަނުން ނުނިކުމެވި އެތެރޭގައި ތާށިވީ އެވެ. ގިނަ މީހުން މަރުވީ ވެސް ފިހިގެންނެވެ. ރިޕޯޓްތައް ބުނި ގޮތުގައި، ބައެއް މީހުން ވަނީ އެއްކޮށް ފިހިފަ އެވެ. އަދި ސަލާމަތްވި ބައެއް މީހުންގެ ހަށިގަނޑުގެ 50-60 ޕަސެންޓް ވަނީ ފިހިފަ އެވެ.

އެ ރޭ ކައިވެނި ކުރި ދެމީހުން މި ހާދިސާގައި ސަލާމަތް ވިޔަސް، ދެފަރާތުގެ އާއިލާއިން ގިނަ ބަޔަކު މަރުވި އެވެ. ކައިވެނި ކުރި ފިރިހެން މީހާގެ މަންމަ ވެސް މަރުވި އެވެ. އަދި އަންހެން މީހާގެ އެއްބަނޑު އެއްބަފާ ތިން މީހުންނާއި އޭނާ ބޮޑުބޭބެ ކިޔާ އެންމެންނާއި އެމީހުންގެ ހުރިހާ ކުދިން ވެސް މަރުވި އެވެ.

މަރުވި މީހުން ޖަނާޒާ އިއްޔެ ވަނީ ބާއްވައިފަ އެވެ. އެ ޖަނާޒާގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި އެވެ. އެ ހާދިސާއާ ގުޅިގެން އިރާގުގެ ސަރުކާރުން ވަނީ ގައުމީ ހިތާމައިގެ ތިން ދުވަސް ވެސް އިއުލާންކޮށްފަ އެވެ.

އެ ހާދިސާ ހިނގި ގޮތް ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

މަރުވި މީހުންގެ ޖަނާޒާގައި މީހެއްގެ ސަންދޯކެއް ކައިރީގައި އާއިލާގެ ބައެއް މީހުން ހިތާމަ ފާޅުކުރަނީ.

މަރުވި މީހުންގެ ޖަނާޒާގައި މީހެއްގެ ސަންދޯކެއް ކައިރީގައި އާއިލާގެ ބައެއް މީހުން ހިތާމަ ފާޅުކުރަނީ.

އެ ހޯލުގައި އަލިފާނުން ރައްކާތެރިވުމަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ. އެތަން އިމާރާތްކޮށްފައި ވަނީ ވެސް ގަވާއިދާ ހިލާފަށް ކަމަށް އިރާގުގެ ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފަ އެވެ.

އެ މައްސަލާގައި އެ ހޯލުގެ ވެރިފަރާތާއި އެތަނުގައި މަސައްކަތްކުރާ 10 މުވައްޒަަފަކާ އަދި އެ ޕާޓީގައި ބަޑިބޭހުގެ ކަންކަން ބެލެހެއްޓުމުގައި އުޅުނު ތިން މީހަކު ވެސް މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.