Roadha Mihaaru
ކޯރަމް ހަމަނުވުމުން މިއަދުގެ ޖަލްސާ ކެންސަލް!

ކޯރަމް ހަމަނުވުމުން މިއަދުގެ ޖަލްސާ ކެންސަލް!

24 އެޕްރީލް 2024

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ ބާއްވަން ބޭނުންވާ އަދަދަ މެމްބަރުން ހަމަނުވުމުން އެ ޖަލްސާ ކެންސަލްކޮށްފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ ބާއްވަން ބޭނުންވާ އަދަދަ މެމްބަރުން ހަމަނުވުމުން އެ ޖަލްސާ ކެންސަލްކޮށްފި އެވެ.

ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ގައި މަޖިލީހުގެ ޖަލްސާތައް ފަށަން ތާވަލް ކޮށްފައި އޮތް ނަމަވެސް މިއަދުގެ ޖަލްސާގެ ލައިވް ފެށީ 9:30 ވީ ފަހުންނެވެ. ލައިވް ފެށުމާ އެކު، މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، ޖަލްސާގެ ކޯރަމް ހަމަނުވާތީ ޖަލްސާ ނިންމާލީ ކަމަށެވެ.

މިދިޔަ އާދިއްތަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގެ ކެމްޕެއިނާ ގުޅިގެން ތިން ހަފުތާއެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު، މަޖިލިހުގެ ފުރަތަމަ ޖަލްސާ ބޭއްވީ އިއްޔެ އެވެ. އިއްޔެގެ ޖަލްސާގެ ކޯރަމް ހަމަވެ، ބައެއް މައްސަލަތަކުގައި ބަހުސް ވެސް ކުރިއަށް ގެންދިޔަ އެވެ.

މިހާރު ހިނގަމުން އަންނަ 19 ވަނަ މަޖިލީހުގެ މި ދައުރު ނިމެނީ އަންނަ މަހު 15 ގަ އެވެ. ނަމަވެސް އަންނަ މަހު 13 އާ ހަމައަށް ޖަލްސާތައް ކުރިއަށް ގެންދާނެ ކަމަށާއި މަސައްކަތްތައް ހިނގާނެ ކަމަށް މަޖިލިހުގެ ރައީސް އަސްލަމް އިއްޔެ ވިދާޅުވި އެވެ.

އާ މަޖިލިހަށް 19 ވަނަ މަޖިލީހުގެ ގިނަ އަދަދެއްގެ މެންބަރުން ކުރިމަތިލެއްވި ނަމަވެސް 20 ވަނަ މަޖިލީހަށް އިންތިހާބުވެފައި ވަނީ މިހާރުގެ އެންމެ 11 މެމްބަރެކެވެ.

އާ މަޖިލީހަށް އިންތިހާބުވި ޖުމްލަ 93 މެންބަރުން ހުވާ ކުރުން ބާއްވާނީ އަންނަ މަހުގެ 28 ގަ އެވެ.