Roadha Mihaaru
ކޯރަމާމެދު ގޮތެއް ނުނިމި ޖަލްސާތައް ހުއްޓުމަކާ ދިމާލަށް

ކޯރަމް މައްސަލައިގައި ގޮތެއް ނުނިންމި ޖަލްސާތައް ހުއްޓުމަކާ ދިމާލަށް!

12 މާޗް 2024

ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުން ގުނަމުން އައި ގޮތާއި ޖަލްސާތަކުގެ ކޯރަމް ކަނޑައަޅާ ގޮތަށް އެ މަޖިލީހުގެ ގަވައިދުގެ 49 ވަނަ މާއްދާއަށް ގެނައި އިސްލާހުތައް ގޯސް ކަމަށް ސުޕްރީމް ކޯޓުން ނިންމި އިރު، އެ މާއްދާގައި ބުނާ ގޮތަށް މަޖިލީހުގެ ގަވައިދުގެ 242 ވަނަ މާއްދާ ވެސް ބަދަލުކޮށްފައި ވާތީ އެ އިސްލާހު ބާތިލް ކުރަން މަޖިލީހުގެ ރިޔާސަތުން މިއަދު ހުށަހަޅައިފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުން ގުނަމުން އައި ގޮތާއި ޖަލްސާތަކުގެ ކޯރަމް ކަނޑައަޅާ ގޮތަށް އެ މަޖިލީހުގެ ގަވައިދުގެ 49 ވަނަ މާއްދާއަށް ގެނައި އިސްލާހުތައް ގޯސް ކަމަށް ސުޕްރީމް ކޯޓުން ނިންމި އިރު، އެ މާއްދާގައި ބުނާ ގޮތަށް މަޖިލީހުގެ ގަވައިދުގެ 242 ވަނަ މާއްދާ ވެސް ބަދަލުކޮށްފައި ވާތީ އެ އިސްލާހު ބާތިލް ކުރަން މަޖިލީހުގެ ރިޔާސަތުން މިއަދު ހުށަހަޅައިފި އެވެ.

ކޯރަމް ގުނާ ގޮތާ މެދު ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ހުކުމްކުރީ ޖުމްލަ މެންބަރުންގެ އަދަދާ ގުޅޭ ގޮތުން މަޖިލީހުގެ ގަވައިދަށް ފުރަތަމަ ގެނައި އިސްލާހުތައް ގާނޫނުއަސާސީއާ ހިލާފް ކަމަށެވެ. އެކަމަކު ހުކުމާ ހިސާބަށް ދިޔައިރު މަޖިލީހުން އޮތީ ހުށަހެޅި މައްސަލައިގައި ބުނާ މާއްދާ ކުރިން އޮތް ގޮތަށް ބަދަލުކޮށް އެހެން މާއްދާއަކުން ހަމަ އެ ނަތީޖާ އަންނަ ގޮތަށް ބަދަލުކޮށްފައި ކަމަށް ވާތީ ކޯޓުން ނިންމީ އެޅޭނެ ފިޔަވަޅެއް ނެތް ކަމަށެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، 49 ގައި ކުރިން ހިމެނުނު މާއްދާތަކަކީ ގާނޫނު އަސާސީ 278 ރޫހާ ހިލާފު މާއްދާތަކެއް ކަމަށް ނިންމާފައިވާއިރު، އޭގެ ފަހުން 242 ވަނަ މާއްދާއަށް ގެނައި އިސްލާހުގެ މަފްހޫމަކީ ވެސް އެއް ނަތީޖާއެއް ކަމަށެވެ.

"މަޖިލީހުގެ 242 ގެ އެއް ވަނަ މާއްދާއަށް އަމަލުކުރެވެން ނެތް ކަމުގައި ދަންނަވަން. އެހެންނަމަވެސް ސުޕްރީމް ކޯޓުން އެ މާއްދާ އުވާލައިފައިނުވޭ. އަދި މަޖިލީހުގެ ގަވައިދުގެ އެ މާއްދާ އުވާލެވޭނީ މަޖިލީހުން،" އަސްލަމް ވިދާޅުވި އެވެ.

ސަރުކާރު މެންބަރުން ވަނީ ސުޕްރީމް ކޯޓުން އެ ގޮތަށް ހުކުމް ކޮށްފައިވާއިރު، އަމަލު ކުރަން ޖެހޭ ގޮތް ސާފުވާތީ އިތުރަށް ގޮތް ނިންމަން ނުޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ. ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވެވަޑައިގެންނަވާ ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްޣަނީ އަބްދުލްހަކީމް ވިދާޅުވީ މި މާއްދާ ބާތިލް ކުރަން މަޖިލީހުގެ ރައީސަށް ވެސް ކޮމިޓީއަށް ފޮނުވޭނެ ކަމަށެވެ.

އެކަމާ ގުޅިގެން އަސްލަމް ވިދާޅުވީ، އެކަން ކުރެވިދާނެ ކަމަށާއި ނަމަވެސް މަޖިލީހުގެ އެއްވެސް ޖަލްސާއެއް އިތުރަށް ކުރިއަށް ގެންދެވެން އޮތީ މި މައްސަލާގައި ގޮތެއް ނިންމިގެން ކަމަށެވެ.

"އަޅުގަނޑަށް މަޖިލީހުގެ އެއްވެސް ޖަލްސާއެއް މަސައްކަތެއް ވެސް ކުރިއަށް ގެންދެވޭނީ މަޖިލީހުގެ ކޯރަމްގެ ދިމާވާ މައްސަލަ މުޅިން ސާފުވެ ނިމިގެން. މަޖިލީހުން އެކަމަށް ގޮތެއް ނިންމައިގެން،" އަސްލަމް ވިދާޅުވި އެވެ.

އަސްލަމް މިއަދުގެ ޖަލްސާ ފައްޓަވާފައިވަނީ މަޖިލީހުގެ ޖުމްލަ އަދަދަކީ 87 ކަމަށް ބަލައި، ކޯރަމަކީ 22 ކަމަށް ބަލައިގެންނެވެ. އެކަމާ ގުޅިގެން އެމްޑީޕީގެ ބައެއް މެންބަރުންގެ ފާޑުކިޔުން ވެސް އަމާޒުވި އެވެ.

އަސްލަމް ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމް އެގޮތަށް އޮތްހާ ހިނދަކު އިތުރު ގޮތަކަށް އަމަލުކުރަން ދަތިވާނެ ކަމަށެވެ.

މަޖިލިސް ގަވައިދުގެ 242 ވަނަ މާއްދާއަށް މަޖިލީހުން ގެނައި ބަދަލުގައި މިހާރު ބުނާ ގޮތުން މަޖިލީހުގެ މެންބަރަކު މެންބަރުކަމުން ވަކިވުމުގެ ސަބަބުން މެންބަރުކަމުގެ ގޮނޑި ހުސްވި ތާރީހުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް އާންމު އިންތިހާބާ ދެމެދު ހަ މަސް ދުވަސް ނުވަތަ އެ އަށް ވުރެ ކުރު މުއްދަތެއް އޮތުމުން އެ ހުސްވި ގޮނޑިއަކަށް މެންބަރަކު އިންތިހާބު ކުރެވެން ނެތް ހާލަތުގައި ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނުމުގައި އެ ހުސްވި ގޮނޑި ނުހިމެނޭނެ އެވެ.