Roadha Mihaaru
ދުވާފަރު ދާއިރާގެ ފޮށިތައް ގުނައިދޭން އެދިއްޖެ

ހަތަރު ވޯޓުގެ ފަރަގު ހުރި ދުވާފަރު ދާއިރާގެ ފޮށިތައް އަލުން ގުނައިދޭން އެދިއްޖެ

24 އެޕްރީލް 2024

މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ދުވާފަރު ދާއިރާ އަށް ވޯޓު ލީ ފޮށިތައް އަލުން ގުނައިދޭން އިލެކްޝަންސް ކޮމިޝަނުގައި އެދިއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ދުވާފަރު ދާއިރާ އަށް ވޯޓު ލީ ފޮށިތައް އަލުން ގުނައިދޭން އިލެކްޝަންސް ކޮމިޝަނުގައި އެދިއްޖެ އެވެ.

އެ ކޮމިޝަނުގެ މެމްބަރު ހަސަން ޒަކަރިއްޔާ، "މިހާރު" އަށް ވިދާޅުވީ ދުވާފަރު ދާއިރާގެ ފޮށިތައް އަލުން ގުނައިދޭން ކޮމްޕްލެއިން ބިއުރޯގައި އެދިފައިވާ ކަމަށާއި އެކަމާ މެދު މިއަދު ކޮމިޝަނުން ވަކި ގޮތެއް ނިންމާނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ވޯޓު ފޮށި ގުނަން އެދިފައި ވަނީ ވޯޓުގެ ފަރަގު ކުޑަ ކަމަށް ބުނެ އެވެ. އެކަމަކު ވޯޓު ލީ ދުވަހު ވެސް އެ ދާއިރާގެ ފޮއްޓެއްގައި ހަމަނުޖެހުން ހިންގާފައި ނުވާ ކަމަށް ހަސަން ވިދާޅުވި އެވެ.

"އެހެން އަދި އެދުނަކަސް ތިބޭފުޅުންނަށް ވެސް އެނގޭނެ މާބޮޑު ހަމަޖެހުމެއް ވެސް އެ ދާއިރާގައި ނުހިނގާކަން. އެހެންވީމަ، އަދި ކޮމިޝަނުން ބަލަންޖެހޭ ކަންކަމަށް ފަހު ގޮތެއް މިއަދު ނިންމާނީ،" ހަސަން ވިދާޅުވި އެވެ.

އީސީގެ ވަގުތީ ނަތީޖާ އިން ދައްކާ ގޮތުގައި ދުވާފަރު ދާއިރާގެ ގޮނޑި ޕީއެންސީގެ ކެންޑިޑޭޓު، މުހައްމަދު އަލީ ކާމިޔާބުކުރެއްވީ ހަތަރު ވޯޓުގެ ތަފާތުންނެވެ. އޭނާއަށް ލިބުނީ 1،074 އެކެވެ. އަދި އޭނާއާ އެންމެ ގާތުން އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓު އިބްރާހިމް އަބްދުއްރަހްމާނަށް ލިބުނީ 1070 ވޯޓެވެ. އެއީ އެންމެ ހަތަރު ވޯޓުގެ ތަފާތެވެ.

މީގެ ކުރިން ތިނަދޫ ދެކުނު ދާއިރާގެ ވޯޓު ފޮއްޓެއް ގުނައިދޭން ވެސް އީސީގައި އެދުނެވެ. އެކަމަކު ކޮމިޝަނުން އެ ދާއިރާއަށް އަންގާފައި ވަނީ އެ ފޮށި ގުނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.