Roadha Mihaaru
ޑޮލަރުގެ މައްސަލައަށް ފިޔަވަޅުތައް އެކުލަވައިލަނީ

ޑޮލަރުގެ މައްސަލަ ހައްލު ކުރަން އަޅާނެ ފިޔަވަޅުތަކެއް އެކުލަވާލަނީ

25 އެޕްރީލް 2024

ޑޮލަރަށް ބަރޯސާވާ ވަރު ކުޑަ ކުރުމަށާއި ޑޮލަރުގެ މައްސަލަ ހައްލު ކުރުމަށް މުހިއްމު ފިޔަވަޅުތަކެއް އަޅާނެ ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ޑޮލަރަށް ބަރޯސާވާ ވަރު ކުޑަ ކުރުމަށާއި ޑޮލަރުގެ މައްސަލަ ހައްލު ކުރުމަށް މުހިއްމު ފިޔަވަޅުތަކެއް އަޅާނެ ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވެއްޖެ އެވެ.

"މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ޝަފީގު ވިދާޅުވީ، ޑޮލަރުގެ މައްސަލަ ހައްލު ކުރުމަށް މަރުކަޒީ ބޭންކް އެމްއެމްއޭއާ އެކު ވަރަށް ގާތުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެ މައްސަލަ ހައްލު ކުރުމަށްޓަކައި މިހާރަށް ވުރެ ބޮޑަށް މޮނިޓަރިން ނިޒާމެއް އެކުލަވައިލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރިސޯޓުތަކާއި ކުންފުނިތަކަށް ވެސް ބޭންކާ މެދު ޔަގީން ކަމެއް އެބަ އޮންނަން ޖެހޭ."

ޝަފީގު ވިދާޅުވީ، އެތައް ދުވަހެއް ވެފައިވާ މި މައްސަލަ ހައްލުކުރަން ދުވަސްތަކެއް ނަގާނެ ކަމަށާއި އެހެން ނަމަވެސް، މިހާރު އަޅަން ނިންމާފައިވާ ފިޔަވަޅުތަކުން ވެސް މުޅި ނިޒާމަށް ހެޔޮ ބަދަލުތަކެއް ގެނެވޭނެ ކަމަށެވެ.

ަވޮލެޓަކުން ޑޮލަރު ނަގަނީ. ރާއްޖޭގައި ބޭނުން ކުރަނީ ފެގް ރޭޓެއް--ފޮޓޯ: ނިޝާން އަލީ/މިހާރު

ަވޮލެޓަކުން ޑޮލަރު ނަގަނީ. ރާއްޖޭގައި ބޭނުން ކުރަނީ ފެގް ރޭޓެއް--ފޮޓޯ: ނިޝާން އަލީ/މިހާރު

އެގޮތުން ކުދި ވިޔަފާރިތަކާއި ބޮޑެތި ވިޔަފާރިތަކުން ކަޅު ބާޒާރުން ފައިސާ މުއާމާލާތްތައް ހިންގާ ހިންގުން ހުއްޓޭނެ ގޮތްތައް ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަން ކުރާނީ ރާއްޖޭގައި ޑޮލަރު ހިފެެހެއްޓިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ޑޮލަރުގެ ރަސްމީ އަގު 15.42ރ. ގައި ހުރި ނަމަވެސް ކަޅު ބާޒާރުގައި 17ރ. އަށް ވުރެ މަތީގައި އުޅޭތާ ހަތަރު ވަރަކަށް އަހަރުވެއްޖެ އެވެ. މިކަމަށް ހައްލެއް ހޯދަން ކުރީ ސަރުކާރުން މަސައްކަތްތަކެއް ކުރި ނަމަވެސް އެކަމަށް އެކަށީގެންވާ ހައްލެއް ހޯދިފައެއް ނުވެ އެވެ.

"ވަޒީފާ ދީފައި ރަޖިސްޓާޑް މީހުންނާއި ރަޖިސްޓާ ނުކުރާ މީހުން ވެސް ބޮޑު އަދަދުތަކުން އެބަ ޑޮލަރު ބޭރުކުރޭ. އަދި ޓެކްސް ސިސްޓަމުގެ ތެރެއިން ރާއްޖެ އަށް މި ލިބޭ އަދަދު، ވިޔަފާރީގެ ނިސްބަތުން ކުރާ މުއާމަލާތްތަކަކީ ހަމަ ލިބެން ޖެހޭ އަދަދުތައްތޯ، ވިތްހޯލްޑިންގެ ގޮތުގައި ވެސް ކިހާވަރެއް އިތުރަށް ހޯދިދާނެތޯ،" އޭނާ ވިދާޅުވި އެވެ.

މި މައްސަލަ ހައްލު ކުރުމަށް އޮތް އަނެއް ހުރަހަކީ ބޭންކިން ސިސްޓަމުގެ ތެރެއިން ޑޮލަރުގެ މުއާމަލާތްތައް ހިންގުން މަދުވުން ކަމަށާއި ބޭންކިން ނިޒާމުގެ ތެރެއިން ފަސޭހަތައް ހަމަޖައްސައިފި ނަމަ، ބޭންކްތަކުގައި ޑޮލަރު ބަހައްޓާ ވަރު އިތުރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ބޭންކުގައި ބޭރު ފައިސާ ބަހައްޓައިގެން ވިޔަފާރިތަކަށް އެކަމުގެ ފައިދާތައް ވާ ނަމަ އެކަންކަން ވިޔަފާރިތަކުން ވެސް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސަރުކާރުން އަޅުގަނޑުމެން ކޮށްދެން ބޭނުންވާ ކަމަކީ ރައްޔިތުންނަށް ވިޔަފާރިތަކަށް، ރާއްޖޭގެ މާހައުލަކީ ވިޔަފާރިވެރިންނަށް ރައްކާތެރި މާހައުލެއް ހޯދައިދިނުން. ބޭންކް ސިސްޓަމުގެ ތެރެއިން އެ ކުރާ މުއާމަލާތްތަކުގެ ޔަގީންކަން އިތުރު ކުރުން،" އޭނާ ވިދާޅުވި އެވެ.

ޝަފީގު ވިދާޅުވީ، ޑޮލަރުގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުގެ ތެރެއިން ފަހިކޮށްދޭން ޖެހޭ ކަންކަން ބަލައި ދެނެގަންނަމުން އަންނަ ކަމަށެވެ.

ޑޮލަރުގެ މައްސަލައަށް ހައްލެއް ހޯދުމަށް، ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެ ކުރާ އިންޑިއާ އާއި ޗައިނާ އިން ގެންނަ މުދަލަށް ދިވެހި ރުފިޔާ އިން ފައިސާ ދެއްކޭ ގޮތް ހަދަން ވެސް މަޝްވަރާތައް އަންނަނީ ކުރަމުންނެވެ.