Roadha Mihaaru
ބިޒްނާސް މޯލްޑިވްސް މުވައްޒަފުން ހިބަޅިދޫން ބާލަނީ!

ހިބަޅިދޫގައި ތިބި ބިޒްނާސް މޯލްޑިވްސްގެ މުވައްޒަފުން އެ ރަށުން ބާލަނީ!

29 އެޕްރީލް 2024

ބ. ހިބަޅިދޫގައި ތިބި ބިޒްނާސް މޯލްޑިވްސްގެ މުވައްޒަފުން އެ ރަށުން ބާލަން ފުލުހުން އެ ތަނަށް މިއަދު އަރަން ނިންމައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ބ. ހިބަޅިދޫގައި ތިބި ބިޒްނާސް މޯލްޑިވްސްގެ މުވައްޒަފުން އެ ރަށުން ބާލަން ފުލުހުން އެ ތަނަށް މިއަދު އަރަން ނިންމައިފި އެވެ.

ބިޒްނާސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ބުނީ، އެ ރަށުގައި ތިބި މުވައްޒަފުން ފޭބުމަށް އަންގާފައިވާ ކަމަށާއި އެ ރަށުން ނުބައިފައިފި ނަމަ ކޯޓު އަމުރެއްގެ ދަށުން ބާލާނެ ކަމަށް ފުލުހުން އަންގާފައިވާ ކަމަށެވެ. ފުލުހުންގެ އިދާރާ އިން ވެސް އެކަން ޔަގީން ކޮށްދިނެވެ.

އެ ރަށުގައި މިވަގުތު ތިބީ ބިޒްނާސް މޯލްޑިވްސް ގެ ދެ މުވައްޒަފުންނެވެ.

ފުލުހުން ބުނީ، ކޯޓު އަމުރެއްގެ ދަށުން، ބިޒްނާސް މޯލްޑިވްސްގެ މުވައްޒަފުން ހިބަޅިދޫން ބާލަން މަސައްކަތް ކުރަނީ ސުލްހަވެރިކަމާ އެކު ކަމަށެވެ.

ހިބަޅިދޫގެ މައްސަލައާ ގުޅިގެން ފައިސާ ދެއްކި ކަމުގެ އިތުރު ލިޔުންތައް ލިބުމުން، އެ ރަށް ހޯދަން ސުޕްރީމް ކޯޓަށް މިދިޔަ މަހު ހުށަހެޅި ނަމަވެސް އެ މައްސަލަ ވަނީ އެ ކޯޓުން ބޭރުކޮށްލައިފަ އެވެ.

އެ ރަށުގައި ރިސޯޓު ހަދަން ބަދަލު ކުރުމުން އޮގަސްޓް 10، 2014 ވަނަ އަހަރު ރަށުގެ ލީޒް އެގްރީމެންޓުގައި އެމްއެމްޕީއާރުސީ އާއި ސަރުކާރާ ދެމެދު ސޮއިކުރި އެވެ. އަދި އެމްއެމްޕީއާރުސީ އާއި ބިޒްނާސް މޯލްޑިވްސްއާ ދެމެދު ސޭލްސް އޮފް ޕާޗޭސް އެގްރީމެންޓުގައި ވެސް ސޮއިކޮށްފައި ވެ އެވެ. އެ އަށް ފަހު ރަށުގައި ރިސޯޓު ހެދުމަށް އީއައިއޭ ހަދައި ކޮންސެޕްޓް ތައްޔާރުކޮށް މަސައްކަތްތައް ފެށި އެވެ.

ނަމަވެސް 2015 ވަނަ އަހަރު އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ރަސްމީ ލޯންޗުކޮޅު "ފިނިފެންމާ" ގައި އެއްޗެއް ގޮއްވާލައި، ޔާމީން އަވަހާރަ ކޮށްލަން އުޅުނު މައްސަލައިގެ ތުހުމަތަށް ފެށި ތަހުގީގެ ތެރެއިން، ހިބަޅިދޫގައި ހަތިޔާރުތަކެއް ވަޅުލާފައި ހުއްޓާ ފެނިގެން، އެ ރަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. އޭގެ ފަހުން ރަށުގައި ރިސޯޓު ހެދުން އޮތީ ހުއްޓިފަ އެވެ.

އެ ކަންތައްތަކަށް ފަހު، ސަރުކާރުން ވަނީ އެ ރަށް ހަވާލު ކޮށްފައި އޮތް ބިޒްނާސް މޯލްޑިވްސްއާ އެކު ވެފައިވާ އެއްބަސްވުން ބާތިލު ކުރިކަން ޖޫން 26، 2016 ގައި އަންގައިފަ އެވެ. އެ މައްސަލައިގައި ބިޒްނާސް މޯލްޑިވްސް އިން ކޯޓަށް ދިއުމުން، ރަށް އަތުލީ ރަނގަޅަށް ކަމަށް ހައި ކޯޓުން ނިންމި ނިންމުމަށް ސުޕްރީމް ކޯޓުން 2021 ވަނަ އަހަރު ވަނީ ތާއީދުކޮށްފަ އެވެ.

އެ ކުންފުނީގެ މައި ހިއްސާދާރު މުހައްމަދު ރިޔާޒު (ލެޓްސްގޯ ރިޔާޒު) ވިދާޅުވީ، ހިބަޅިދޫގެ މައްސަލައިގައި ސުޕްރީމް ކޯޓުން ދައުލަތާ އެއްކޮޅަށް ހުކުމްކޮށްފައި ވަނީ އެ ރަށުގައި ރިސޯޓު ހަދަން ތިން މިލިއަން ޑޮލަރު (46 މިލިއަން ރުފިޔާ) ދެއްކިކަން ސާބިތުކުރަން ހެކި ނެތުމުން ކަމަށެވެ.