Roadha Mihaaru
އިހުމާލު އެ އޮތީ ފެންނަން، ނޭޅެނީ ފިޔަވަޅު!

އިހުމާލު އެ އޮތީ ފެންނަން، ނޭޅެނީ ފިޔަވަޅު!

10 ނޮވެމްބަރ 2020

ރާއްޖެ އިން ކޮވިޑް-19ގެ ފުރަތަމަ ކޭސް މިދިޔަ ފެބުރުއަރީ މަހު ފެނުނު ކުރެއްދޫ ރިސޯޓުގެ އިހުމާލު ދައުލަތުގެ މުއައްސަސާތަކުން "ހަނދާން ނެތިއްޖެ" އެވެ. ބަލީގެ އަލާމާތްތައް ހުރި ކަން ސިއްރުކޮށް، އިޓަލީގެ ޓޫރިސްޓު ފުރުވާލީ އެވެ. ކޮވިޑަށް ޝައްކުވާ ނަމަ އަމަލުކުރަން ޖެހޭ ގޮތް ކިޔައިދީފައި އޮއްވައި ރިސޯޓުން ހެދީ ބޮޑު ގޯހެކެވެ؛ ރާއްޖެ، އެ ވަގުތު ތައްޔާރު ވެފައި ނެތް ނަމަ، އެތައް ބައެއްގެ ފުރާނަ ނުރައްކަލެއްގެ ތެރެއަށް ވެއްޓުމުގެ ފުރުސަތު އޮތެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރާއްޖެ އިން ކޮވިޑް-19ގެ ފުރަތަމަ ކޭސް މިދިޔަ ފެބުރުއަރީ މަހު ފެނުނު ކުރެއްދޫ ރިސޯޓުގެ އިހުމާލު ދައުލަތުގެ މުއައްސަސާތަކުން "ހަނދާން ނެތިއްޖެ" އެވެ. ބަލީގެ އަލާމާތްތައް ހުރި ކަން ސިއްރުކޮށް، އިޓަލީގެ ޓޫރިސްޓު ފުރުވާލީ އެވެ. ކޮވިޑަށް ޝައްކުވާ ނަމަ އަމަލުކުރަން ޖެހޭ ގޮތް ކިޔައިދީފައި އޮއްވައި ރިސޯޓުން ހެދީ ބޮޑު ގޯހެކެވެ؛ ރާއްޖެ، އެ ވަގުތު ތައްޔާރު ވެފައި ނެތް ނަމަ، އެތައް ބައެއްގެ ފުރާނަ ނުރައްކަލެއްގެ ތެރެއަށް ވެއްޓުމުގެ ފުރުސަތު އޮތެވެ.

ބަލި ޖެހިފައި ހުރި ޓޫރިސްޓު ފުރީ، ރައްކާތެރި ކަމުގެ ފިޔަވަޅަކާ ނުލައި ރިސޯޓުން މާލެ އައިސް މާގިރި ހޮޓަލުގައި ހުރެފައި ޓްރެވަލް އެޖެންސީއަކަށް އަމިއްލައަށް ގޮސް ޓިކެޓް ނަގައިގެންނެވެ. އަލާމާތްތައް ފެނުނު މީހަކު މިގޮތަށް ދޫކޮށްލި މައްސަލަ ތަހުގީގުކޮށް، ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް އިން ހިންގާ ކުރެއްދު އަށް ތިން ތުހުމަތެއް ފުލުހުން ކުރި އެވެ. އެކަމަކު އެ ތަހުގީގަށް 10 މަސް ވިއިރު ވެސް މިހާތަނަށް އެޅުނު ފިޔަވަޅެއް ނެތެވެ.

އެ މައްސަލަ މުއައްސަސާތަކުގައި ތާށިވެފައި އޮއްވައި މިހާރު ފެންމަތިވެފައި ވަނީ މާ ސީރިއަސް މައްސަލައެކެވެ؛ ކަނޑިންމަ ރިސޯޓުގެ އިހުމާލުން މުވައްޒަފަކު މަރުވި ކަމަށް ކުރާ ތުހުމަތެވެ. ކޮވިޑް-19ގެ އަލާމާތްތައް ފެނިގެން ފަރުވާ އަށް ފޮނުވައިދޭން އެދި އާދޭސްކުރުމުން ވެސް ރިސޯޓުން އަޅާނުލީ ކަމުގެ ތުހުމަތުކުރަނީ އާއިލާ އާއި އޭނާ އެކުގައި މަސައްކަތް ކުރި ބައެއް މުވައްޒަފުންނެވެ.

އެކަމަކު ރިސޯޓުން އެ ތުހުމަތު ދޮގުކުރެ އެވެ. މަރުވި މުވައްޒަފު ބަލިވެގެން ފަރުވާއަށް ފޮނުވައިދޭން ތަކުރާރުކޮށް އެދުނު ކަމަށް ބުނާ ވާހަކާގައި ވެސް ހަގީގަތެއް ނެތް ކަމަށް، އެ ރިސޯޓުން ބުނެ އެވެ.

މި ވާހަކަ ދޮގުކުރިއަސް ކޮވިޑުގެ އެސްއޯޕީއާ ޚިލާފުވުމުން، މުވައްޒަފުން ނުރައްކަލެއްގެ ތެރެއަށް ވެއްޓުުނު ކަމަށް ބުނެވެން އެބަ އޮތެވެ. ކޮވިޑުގެ އަލާމާތްތައް ފެނުމުން އެކަހެރި ނުކޮށް، އެންމެން އެކުގައި ގެންގުޅުނު ކަމަށް ރިސޯޓުން ވެސް އެއްބަސްވެ އެވެ. އެ ރިސޯޓުގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު މިހާރު ވަނީ 60 އަށް ވުރެ މަތިވެފަ އެވެ. މީގެ ތެރޭގައި ތިބި ހައި ރިސްކު މީހުން ވަނީ ފަރުވާ އަށް ކޮވިޑް ފެސިލިޓީތަކަށް ބަދަލުކޮށްފަ އެވެ.

ނަސީރުގެ މަރު: ތުހުމަތުކުރާ އިހުމާލުތައް

ސީރިއަސް އެއްވެސް ބައްޔަކަށް އޭގެ ކުރިން ބޭސްކޮށްފައި ނުވާ ދ. މާއެނބޫދޫ، އާދަމް ނަސީރުގެ ކުރިން މިދިޔަ މަހުގެ ފަހުކޮޅު ފުރަތަމަ ހުން އައީ އޭނާއާ އެކު އެއް ކޮޓަރީގައި އުޅުނު ދެ މީހެކެވެ. އެ ދެ މީހުން އެހެން ކޮޓަރިއަކަށް ބަދަލުކުރީ، ނަސީރާއި އެ ކޮޓަރީގައި ދެން އުޅުނު މީހާގެ ރައްކާތެރިކަމަށްޓަކަ އެވެ.

ރިސޯޓުން "މިހާރު"އާ ވާހަކަ ދެއްކި ބައެއް މުވައްޒަފުން ކިޔައިދިން ގޮތުގައި، ޑޮކްޓަރަށް ދައްކައި ދެތިން ދުވަސް ތެރޭގައި ހުން ފިނިވުމުން އެ ދެ މީހުން އަނެއްކާވެސް ނަސީރުގެ ކޮޓަރިއަށް ބަދަލުކުރީ އެވެ. ރިސޯޓުގެ ޑޮކްޓަރު ނިންމީ އެ ދެ މީހުންނަށް ޖެހުނީ "ވައިރަލް ފީވާ"އެއް ކަމަށެވެ. އެހެން ރޫމްތަކުން ވެސް ބަލިވެގެން އޭރު ޑޮކްޓަރަށް ދައްކަމުން ދިޔައިރު ވެސް، މުވައްޒަފުން ބުނިގޮތުގައި، އެކަކު ވެސް ކޮވިޑަށް ޓެސްޓެއް ނުކުރެ އެވެ.

ނަސީރު، 60، ހުން އައިސް ހާލު ސީރިއަސް ވާން ފެށީ، އާއިލާ އާއި އޭނާގެ ގާތް މީހުން ބުނާ ގޮތުގައި، މިދިޔަ މަހުގެ 25 އިން ފެށިގެންނެވެ. އޭގެ ކުރިން ރޯގާގެ އަލާމާތްތައް ހުރެގެން، އެކަމަށް މާއެނބޫދޫން އޭނާ އަށް ބޭސް ފޮނުވައި ދިނެވެ. ހުން އަންނަން ފެށުމުން ރިސޯޓުގެ ޑޮކްޓަރަށް ދައްކައި ޕެނަޑޯލް ކެޔަސް ހުން ފިންޏެއް ނުވެ އެވެ.

"ޕެނަޑޯލް ކައިގެން ކޮޓަރީގައި އޮންނަނީ، ތެދެއް ނުވެވޭ. ވަރަށް ހިތްވަރުކޮށްފައި ކާން ދިޔައަސް ނުކެވޭ. ވަހެއް ނުދުވާ، ރަހައެއް ނުލާ، ގައިގައި ރިއްސައި އެހާ ވަރުބަލިކޮށް އުޅުނީ،" އެކަކު ކިޔައިދިނެވެ.

ކަންޑިންމަ ރިސޯޓު: އެ ރިސޯޓުގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓީވްވެ، މަރުވި މައްސަލައެއް އަންނަނީ ތަހުގީގު ކުރަމުން.

ކަންޑިންމަ ރިސޯޓު: އެ ރިސޯޓުގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓީވްވެ، މަރުވި މައްސަލައެއް އަންނަނީ ތަހުގީގު ކުރަމުން.

އޭނާ ބުނިގޮތުގައި، ރިސޯޓު ޑޮކްޓަރު ގާތަށް ދެ ވަނަ ފަހަރަށް ގޮސް ވެސް ރަނގަޅު ނުވާ ކަމުގެ ޝަކުވާ ކުރި އެވެ. އާއިލާ އިން ވެސް އޭނާ އަންނަން އެދޭތީވެ، ފޮނުވައިދޭން އެޗްއާރުގައި ދެ ފަހަރެއްގެ މަތިން ނަސީރު އެދުނު ކަމަށް ބައެއް މުވައްޒަފުން ބުންޏެވެ.

"އަހަރެން ގާތު ވެސް ނަސީރު ބުނި ތިން ފަހަރު މަތިން ހިނގައްޖައިމޭ އެޗްއާރަށް. އެދެވޭ ޖަވާބެއް ނުލިބެއޭ. މިއީ ކޮން ކަހަލަ ބައެއް އުޅޭ ތަނެއް ހެއްޔޭ ވެސް އެ ދުވަހު ބުނި،" ނަސީރާ އެކުގައި އުޅުނު މީހަކު، ނަން ނުޖަހާ ގޮތަށް، ކިޔައި ދިނެވެ.

އެކަމަކު ރިސޯޓުން ބުނަނީ ފަރުވާ އަށް ފޮނުވައިދޭން ނަސީރު އެދިފައި ނެތް ކަމަށެވެ.

ނަސީރުގެ ނޭވާ ހާސްވުން ފަދަ އުނދަގޫތައް ވާން ފެށީ އޮކްޓޯބަރު، 29 ވަނަ ދުވަހެވެ. ކޮޓަރީގައި ތެދު ނުވެވިފައި އޮތް ނަސީރުގެ ހާލަތު ބައެއް މުވައްޒަފުންގެ ފަރާތުން ރިސޯޓުގެ އިސް ބޭފުޅުންނަށް އެންގުމުން، ޑޮކްޓަރާ އެކު ޓީމެއް 30 ވަނަ ދުވަހު ނަސީރު އޮތް ކޮޓަރިއަށް ދިޔަ އެވެ. ކަނޑިންމަ އިން އެ ދުވަހުގެ ހަވީރު ނަސީރު ފުރުވާލެވުނީ، ބައެއް މުވައްޒަފުންގެ ހިތްހަމަނުޖެހުންތައް ޑޮކްޓަރަށް ވެސް އަމާޒުވުމުން ކަމަށް ވެ އެވެ.

"ނަސީރު ގޮވައިގެން ދިޔަ ސޮރު [މުވައްޒަފު] ހިތްހަމަނުޖެހިގެން ޑޮކްޓަރާ ދިމާލަށް ބުނި ކަމަށް ވޭ އޭނާ ފޮނުވާށޭ އެހެން ތަނަކަށް. އެ ހިސާބުން އެ އިންތިޒާމްތައް ހަމެޖެހުނީ."

އޮޕަރޭޝަންސަށް ބުރޫއަރާފާނެތީ ސިއްރުކުރި؟

ދިވެހި މުވައްޒަފުން ނިސްބަތުން ގިނަ އަދި ގާތްގަނޑަކަށް 200 މުވައްޒަފުންނާ އެކު ހިންގާ ކަނޑިންމަ ރިސޯޓަކީ، މުވައްޒަފުން ބުނިގޮތުގައި، ބޭސްފަރުވާގައި ހަރުކަށި އުސޫލުތަކެއް ގެންގުޅޭ ތަނެއް ނޫނެވެ. މުވައްޒަފުން ވަނީ ހެލްތު އިންޝުއަރެންސް ސްކީމެއްގައި ވެސް ބައިވެރިކޮށްފަ އެވެ.

އެހެން ރިސޯޓްތަކާ އަޅާބަލާއިރު ކަނޑިންމަ މެޑިކަލް ސެންޓަރުގައި ވަސީލަތްތަކާއި ބޭސް ވެސް ހުރި ކަން މުވައްޒަފުން ފާހަގަކުރެ އެވެ. ޒަމާނީ ފެންވަރުގެ ލެބޯޓްރީއެއް ހުރެ އެވެ. ކޮވިޑަށް ޓެސްޓްކުރާ މެޝިންތައް ވެސް ވަނީ ގެނެސްފަ އެވެ. ރިސޯޓުގެ އިތުރުން، ކައިރި ރަށްތަކަށް ވެސް ކޮވިޑާ ގުޅިގެން ރިސޯޓުން އެހީތެރިވެދީފައިވެ އެވެ.

ބޮޑު ކަމެއް ދިމާވެއްޖެ ނަމަ، ފަރުވާ އަށް މުވައްޒަފުން ފޮނުވައި ވެސް ދެ އެވެ. މުވައްޒަފުންގެ ހިތްހަަމަނުޖެހުމަކީ ނަސީރުގެ ބަލި ހާލަތު އެނގި ތިބެ، ރިސޯޓުގައި ކޮވިޑު ފެތުރޭކަން ސިއްރު ކުރުމުގެ ގޮތުން ނުވަަތަ އެ ނޫން ވެސް ސަބަބެއް މަތިކޮށް، ފަރުވާ ކުޑަކުރި މައްސަލަ އެވެ.

ނަސީރު ހުން އައުމުގެ ކުރިން ވެސް ރިސޯޓުގެ ބައެއް މުވައްޒަފުން ބަލިވެ އުޅުނެވެ. ރިސޯޓު ބަންދުކުރުމަށް ފަހު އަލުން ހުޅުވައި، ގިނަ އަދަދެއްގެ ގެސްޓުން އޭރު ގޮސް ތިއްބެވެ. ރިސޯޓުގައި ބަލި އުޅޭކަން އެނގިއްޖެ ނަމަ، ކޮންޓެކްޓް ޓްރޭސިން ހަދައި މޮނިޓަރިންއަށް ލާނެ އެވެ. އެކަން ކުރަން ރިސޯޓުގެ އިސް ބައެއް ބޭފުޅުން ބޭނުން ނުވީ ކަމުގެ ތުހުމަތު މުވައްޒަފުން ކުރެ އެވެ.

ނަސީރުގެ ހާލު ސީރިއަސްވެ އިމަޖެންސީގައި ފުރުވާލި އިރު ވެސް އޭނާގެ ބަލީގެ އަލާމާތްތައް ދ. އަތޮޅު ހޮސްޕިޓަލަށް ދިނީ އޮޅުވާލައިގެން ކަމަށް ވެ އެވެ.

"ރިސޯޓުގެ އޮޕަރޭޝަންސް ހުއްޓިދާނެތީ މިކަން [ކޮވިޑު ހުމުގެ އަލާމާތްތައް ހުރި ކަން] ސިއްރުކުރަން ހޮސްޕިޓަލަށް ކަނޑިންމަ އިން ސައްހަ މައުލޫމާތު ދީފައި ނުވާތީ ހޮސްޕިޓަލުން ބަލި މީހާ ރިސީވްކުރަން ދިޔައިރު އެކަށީގެންވާ ވަރަށް ތައްޔާރު ނުވެވޭ ކަން ފާހަގަކުރެވޭ،" ނަސީރުގެ މަރާ ގުޅިގެން ރިސޯޓަށް ތުހުމަތުތަކެއްކޮށް ފޭސްބުކްގައި މީހަކު ލިއެފައިވެ އެވެ.

ނޭވާލާން އުނދަގޫވި ބަލި މީހާ ރިސީވްކުރަން ދިޔައިރު އޮކްސިޖަން ނުގެންދިއުމާއި، ހޮސްޕިޓަލަށް އޭނާ ވައްދައި ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅަން ޖެހުނު ކަމަށް އޭނާ ބުނެފައިވެ އެވެ.

ހޮސްޕިޓަލަށް ގެންދިޔަތާ ހަތަރު ގަޑިއިރު ތެރޭގައި ނަސީރު މަރުވީ، ލިއުންތަކުގައިވާ ގޮތުން، ހާޓްއެޓޭކެއް ޖެހިގެންނެވެ. އޭނާގެ ގައިގައި ކޮވިޑުގެ އަލާމާތްތައް ހުރުމުން ޓެސްޓްކުރީ މަރުވި ފަހުންނެވެ.

ހެލްތުގެ ޓީމަށް ފެނުނު ގޯސްތައް!

ނަސީރުގެ މަރާ ގުޅިގެން ހެލްތު މިނިސްޓްރީ އާއި ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ޓީމެއް، ކަނޑިންމަ އާއި ދ. އަތޮޅު ހޮސްޕިޓަލަށް ގޮސް މައުލޫމާތު ސާފުކޮށް ލިބުނު މައުލޫމާތުތަކުގައި، އިތުރަށް ބަލަން ޖެހޭ ކަންކަން ހުރެގެން ތަހުގީގުކޮށްދޭން ފުލުސް އޮފީހުގައި ވަނީ އެދިފަ އެވެ.

ތަހުގީގު ކުރަން އެދުނު އެއް ކަމެއްގެ ގޮތުގައި އޮތީ، ނަސީރު ދ. އަތޮޅު ހޮސްޕިޓަލަށް އިމަޖެންސީގައި ފޮނުވާލި އިރު ރިސޯޓުގެ ޑޮކްޓަރު ރިފަރަލް ލެޓާ ދީފައި ނެތުމެވެ. ރިސޯޓުގައި ބަލިމީހާ އަށް ދިނީ ކޮން ފަރުވާއެއް ކަން ދ. އަތޮޅު ހޮސްޕިޓަލަށް އެނގެން ނެތް ކަމަށް "މިހާރު"އަށް ލިބިފައިވާ ހެލްތުގެ ހޯދުންތަކުގައިވެ އެވެ.

ދެ ވަަނަ ކަމެއްގެ ގޮތުގައި ބަލައިދޭން އެދިފައި އޮތީ، ރިސޯޓުގައި ވަޒީފާ އަދާކުރާ ޕާކިސްތާނުގެ ޑޮކްޓަރު ނަސީރުއާ ގުޅޭ ގޮތުން ދ. އަތޮޅު ހޮސްޕިޓަލަށް ދިން މައުލޫމާތާއި އެޗްއީއޯސީ އަށް ދިން މައުލޫމާތު ތަފާތުވި މައްސަލަ އެވެ.

އެޗްއީއޯސީގެ ރިޕޯޓުގައިވާ ގޮތުގައި، ރިސޯޓުގެ މެޑިކަލް ސެންޓަރަށް ދެއްކި މީހުންގެ އަދަދު މިދިޔަ މަހުގެ 25 ގައި ކުއްލިއަކަށް ވަނީ އިތުރުވެފަ އެވެ. އެކަމަކު ރިސޯޓުން އަދި ޑޮކްޓަރު ވެސް އެކަމުގައި އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަަން ރިޕޯޓުން އެނގެ އެވެ.

"އަދި ދ. އަތޮޅު ހޮސްޕިޓަލުން އެކަން ސާފުކުރަން ގުޅުމުން ވެސް ބައްޔަށް ޝައްކު ކުރެވޭ މީހަކު ނެތް ކަމަށް މައުލޫމާތު ދީފައިވާ" ކަމަށް އެޗްއީއޯސީން ބުނެ އެވެ.

"މީގެ އިތުރުން ރިސޯޓުގައި ކޭސްތައް ފެނިފައިވާ މިންވަރަށް ބަލާއިރު ކޮވިޑު ވައިރަސް ރަށުގައި ފެތުރޭތާ މަދުވެގެން ތިން ހަފުތާ ވަރު ވާނެ ކަމަށާއި ރިސޯޓް ހުޅުވުމަށް ތައްޔާރުކޮށްފައިވާ އެސްއޯޕީއާ އެއްގޮތަށް ފުރިހަމައަށް އަމަލުކުރެވުނު ނަމަ މި މިންވަރަށް ރަށުގައި ބަލި ފެތުރިގެން ދިއުމުގެ ފުރުސަތު ކުޑަކަމަށް ޓީމުން ފާހަގަކުރައްވަ އެވެ،" އެޗުއީއޯސީގެ ރިޕޯޓުގައިވެ އެވެ.

އެޗްއީއޯސީން ތަހުގީގުކޮށްދޭން އެދުނީ ކަނޑިންމަ ރިސޯޓުގައި ބަލި ފެތުރުމާއި ބަލި މީހުން ޓެސްޓް ކުރުމާއި ދޭން ޖެހޭ ފަރުވާ ދިނުމުގައި ކަންކަން ހިނގާފައިވާ ގޮތެވެ.

އެހެން ރިސޯޓްތަކުގައި ވެސް އުނދަގޫ ހާލަތެއް!

ކޮވިޑުގެ މި ހާލަތުގައި ރައްކާތެރިވާން އަޅާފައިވާ ފިޔަވަޅުތަކުގައި، އެންމެ ބޮޑު އުނދަގުލެއް ކުރިމަތިވަނީ ދަތުރުފަތުރުގަ އެވެ. ރިސޯޓްތަކުގައި އަމަލުކުރަމުން އަންނަ އެސްއޯޕީގައި އޮންނަ ގޮތުން ނަމަ ބަލިވެގެން ރަށަށް ދާ ނަމަ، އެނބުރި ރިސޯޓަށް ދެވޭނީ 14 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަކުރުމަށް ފަހު އެވެ. މިއީ ގިނަ މުވައްޒަފުން އެއްފަހަރާ ދާން ޖެހިއްޖެ ނަމަ ވެސް ރިސޯޓްތަކަށް އުނދަގޫވާ ސަބަބެކެވެ. ދެން އެންމެ ލުއި ގޮތަކަށް އޮންނަނީ، ރިސޯޓާ އެންމެ ކައިރި ތަނަކުން ފަރުވާ ހޯދަން އެޗްއީއޯސީގެ ޕޯޓަލް މެދުވެރިކޮށް ހުއްދަ ނެގުމެވެ. މި ހުއްދައަށް އެދޭތާ ގާތްގަނޑަކަށް ތިން ދުވަސް ތެރޭގައި ހުއްދަ ލިބޭ ކަމަށް ބައެއް މުވައްޒަފުން ބުންޏެވެ.

ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން (ޓީމު)ގެ ޖެނެރަލް ސެކްރެޓަރީ މައުރޫފް ޒާހިރު (މާއްޓެ) ދެކެވަޑައިގަންނަވާ ގޮތުގައި، ނަސީރުގެ ފަރުވާގައި ރިސޯޓުން ވެފައި ވަނީ ވަރަށް ބޮޑު އިހުމާލެކެވެ. އެ ޖަމިއްޔާ އިން ވަނީ އެކަން ހިނގައިދިޔަ ގޮތް ބަލަން ބައެއް މުވައްޒަފުންނާ ވާހަކަ ދައްކައިފަ އެވެ. ބޭސްފަރުވާގައި އުނދަގޫތަކެއް ހުރި ކަމުގެ ޝަކުވާ ބައެއް އެހެން ރިސޯޓްތަކުން ޓީމާ ހިއްސާކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. މި ފަހުން، ޓީމު މެދުވެރިވެ، ޚާއްސަ އިންތިޒާމެއްގެ ތެރެއިން ރިސޯޓެއްގެ އަށް މުވައްޒަފަކަށް ކައިރި ހޮސްޕިޓަލަކުން ފަރުވާގެ އިންތިޒާމް ހަމަޖައްސައިދިން ކަމަށް އޭނާ ވިދާޅުވި އެވެ.

ޓީމުން ބުނިގޮތުގައި ކޮވިޑުގެ އަލާމާތްތައް ހުއްޓަސް ރިސޯޓްގެ އޮޕަރޭޝަންސް ހުއްޓިދާނެ ކަމުގެ ބިރަށް އެކަން ސިއްރުކުރާ ކަމުގެ ޝަކުވާތަކެއް އެ ޖަމިއްޔާއަށް ލިބެ އެވެ. އެފަދަ އެއް ރިސޯޓެއްގެ މައުލޫމާތު މިހާރު ވެސް ކަމާ ގުޅޭ އެހެން އިދާރާތަކާ ހިއްސާކުރައްވާފައިވާނެ ކަމަށް މާއްޓެ ވިދާޅުވި އެވެ.

"އެ މުވައްޒަފުންގެ ޝަކުވާ އަކީ ރިސޯޓުގައި ކޮވިޑު ފެތުރޭ ކަމާއި އެކަށީގެންވާ ރައްކާތެރިކަމެއް ނެތް ކަން،" އޭނާ ވިދާޅުވި އެވެ.

ކޮވިޑުގެ މި ހާލަތުގައި ރިސޯޓްތަކުގެ މުވައްޒަފުންނާ ދެތެރޭގައި އިހާނެތި އަމަލުތައް ހިނގައި ހައްގު ގެއްލުނަސް، ވަޒީފާގެ ބިރަށްޓަކައި އަޑު އުފުލަން ޖެހިލުންވާ ކަމަށް ޓީމުން ދެކެ އެވެ. ކޮވިޑާ ގުޅިގެން ރާއްޖެ އިން ވަޒީފާ ގެއްލުނު ކަމަށް އަންދާޒާ ކުރެވޭ 10،000 މީހުންގެ ތެރޭގައި ގިނައީ ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނެވެ. ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތަކާއި އެ ނޫން ވެސް ކަންކަމުގައި ރިސޯޓްތަކުގައި މުވައްޒަފުންގެ ބައިވެރިވުމެއް ނެތި ކަންކަން ތަންފީޒުވަމުން ދިއުމަކީ މައްސަލައެއްގެ ގޮތުގައި މާއްޓެ ދެކެވަޑައިގަންނަވަ އެވެ.

"ބަލިވެގެން ދިޔައިމަ ރިސޯޓުގައި އެ ހުންނަ ޑޮކްޓަރަކު ޕެއިން ކިލާ ދީފައި ކޮންމެ ފަހަރަކު ފޮނުވާލާ ކަމުގެ ކަންބޮޑުވުން ވެސް މުވައްޒަފުންގެ އެބަ އޮތް. މިއީ ފަރުވާގައި ތަކުރާރުކޮށް މުވައްޒަފުން ކުރިމަތިލާން ޖެހޭ ކަމެއް،" އޭނާ ވިދާޅުވި އެވެ.

ރިސޯޓުން ޒިންމާއެއް ނުނަގާ، ފިޔަވަޅެއް ވެސް ނޭޅޭ!

ނަސީރުގެ މަރާއި އެ ރިސޯޓްގައި ހަލުވިކަމާ އެކު ކޮވިޑް ފެތުރެމުން ދިއުމާ ގުޅިގެން ކަނޑިންމަ ހިންގުމުގެ ހުއްދަ ވަގުތީ ގޮތުން ވަނީ ހިފަހައްޓައިފަ އެވެ. އެކަމަކު އެ ފިޔަވަޅު އެ ރިސޯޓަށް އަޅައިފީމޭ ބުނަން ވެސް ޓޫރިޒަމް މިނިސްޓްރީ އޮތީ ޖެހިލުންވެފަ އެވެ.

ޕްރެޝަރާ ހެދި ވަކި އެއްޗެއް އަންގަން ދެން އޮޕަރޭޝަންސް މެދުކަނޑާލަން އީމެއިލެއްކޮށް، އެ ވާހަކަ އާއްމުންނަށް އެންގުމަށް ވުރެން ވެސް ޓޫރިޒަމް މިނިސްޓްރީއަށް މުހިއްމުވީ ރިސޯޓުގެ މަސްލަހަތު ހިފެހެއްޓުމެވެ. މި މައްސަލައިގައި މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާ ސުވާލުކުރުމުން ދެއްކެވީ މިނިސްޓްރީ އާއި ޓޫރިޒަމް ދާއިރާގެ އެކި ފަރާތްތަކާ އެކު ކުރިއަށްދާ މުއާމާލާތްތައް ހާމަނުކުރާ ކަމުގެ ބަހަނާ އެވެ.

އެކަމަކު އެންމެ ކުޑަމިނުން މުވައްޒަފުންތަކެއްގެ އަސާސީ ހައްގެއްގައި އިހުމާލުވި ކަމަށް ތުހުމަތުކުރާ މައްސަލައެއްގައި ޓޫރިޒަމް މިނިސްޓްރީގެ ވިސްނުން ވެސް ހާމަކޮށްދޭން ޖެހެ އެވެ. ޓޫރިޒަމް ދާއިރާއަކީ، އިގްތިސާދުގެ އެންމެ މުހިއްމު ހިއްސާއަށް ވާތީ ވިޔަފާރިތަކުގެ މަސްލަހަތު އިސްކުރުމުގެ ސަގާފަތުގައި، މުވައްޒަފުގެ ހައްގަށް އަބަދުވެސް އޮންނަނީ އަރައިގަނެވިފަ އެވެ. ކަނޑިންމަ މައްސަލައާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ވަނީ ރިސޯޓްތަކުގެ އިންސްޕެކްޝަން ގަވާއިދުން ކުރިއަށް ގެންދާނެ ކަމަށް ބުނެފަ އެވެ.

ކަނޑިންމަ ރިސޯޓުގައި ކަރަންޓީންގައި ތިބި މީހުން ބަލިން ރަނގަޅުވެ އާއްމު ހާލަތަށް އެޅުމާ އެކު އޮޕަރޭޝަނަށް ހުއްދަ ދޭން ޖެހޭނެ އެވެ. އެކަމަކު މައްސަލައަކީ ރިސޯޓަށް މިހާތަނަށް ހެދި ގޯސްތަކަށް އެކަށީގެންވާ ފިޔަވަޅު ނޭޅި، އެޗްއާރުސީއެމާއި ފުލުހުން ހަމައެކަނި ތަހުގީގު ކުރަމޭ ބުނެ ފުއްދާލަފާނެތީ އެވެ. އޭރުން މުވައްޒަފުންނާ ދޭތެރޭގައި ކަންވި ގޮތް ދެން ވެސް އޮންނާނީ މީޑިއާއަށް އެރި ސުރުހީއެއްގެ ގޮތުގައި އެކަންޏެވެ. މައްސަލަ ތަހުގީގުކޮށް، ގޯސްތަކެއް ފެނުނަސް ވަރުގަދަ ވިޔަފާރިވެރިންގެ މަސްލަހަތު ހިމާޔަތްކުރުން އޮންނަނީ ލިސްޓުގެ މަތީގަ އެވެ.

އަބަދުވެސް އިސްވަނީ، ރިސޯޓު ހިންގާ ނުފޫޒު ގަދަ، ބާރުގަދަ ފަރާތުގެ ހައްގުތަކެވެ؛ މުވައްޒަފުންނަށް އޮތީ ހައްގުތައް ހޯދުމުގައި ޝަކުވާ ކުރުމެވެ؛ ނަސީރުގެ މަރަކީ އޭގެ އެންމެ ފަހު މިސާލެވެ.