Roadha Mihaaru
ސިވިލް ސާވިސް ކޮމިޝަނަށް ހަބީބާ އައްޔަންކުރަންފާސްކޮށްފި

ސިވިލް ސާވިސް ކޮމިޝަނަށް ފާތިމަތު ހަބީބާ އައްޔަންކުރަން ފާސްކޮށްފި

29 އެޕްރީލް 2024

ސިވިލް ސާވިސް ކޮމިޝަނުން ހުސްވެފައިވާ ގޮނޑިއަށް ސިވިލް ސާވިސް ޓްރެއިނިން އިންސްޓިޓިއުޓްގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި ފާތިމަތު ހަބީބާ އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ސިވިލް ސާވިސް ކޮމިޝަނުން ހުސްވެފައިވާ ގޮނޑިއަށް ސިވިލް ސާވިސް ޓްރެއިނިން އިންސްޓިޓިއުޓްގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި ފާތިމަތު ހަބީބާ އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އެ ކޮމިޝަނުން ގޮނޑިއެއް ހުސްވެފައިވަނީ ކުރިން އެ ކޮމިޝަންގައި ހުންނެވި ފާތިމާތު އާމިރާގެ ފަސް އަހަރުގެ ދައުރު މިދިޔަ ޑިސެންބަރު މަހު ހަމަވުމާ ގުޅިގެންނެވެ.

އެ ކޮމިޝަނަށް އައްޔަން ކުރަން ތިން ނަމެއް ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވިއިރު، އެ ތިން ނަމަށް މިއަދު ވަނީ ވޯޓަށް އަހައިފަ އެވެ.

އެންމެ ފުރަތަަމަ ވޯޓަށް އަހާފައިވަނީ ދަފްތަރު އަބްދުލް ހަސީބު އިސްމާއިލްގެ ނަމަށެވެ. އޭނާއަށް ރުހުން ދޭން ފެންނަ ކަމަށް 18 މެންބަރުން ވޯޓު ދެއްވިއިރު 19 މެންބަރުން ވޯޓު ދެއްވީ ދެކޮޅަށެވެ.

އޭގެ ފަހުން ވޯޓަށް އެހި ހަބީބާގެ ނަން ފާސްވެފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 38 މެންބަރުންގެ އިއްތިފާގުންނެވެ. އެހެންވެ އޭނާގެ ނަން ފާސްވި ކަމަށް އިއުލާނުކޮށް، ދެން އެ މަގާމަށް ކުރިމަތިލެއްވި މއ. ފޮރެސްޓް، މަރިޔަމް ޝާހިދާ އަށް ވޯޓަށް އަހައިފައެއް ނުވެ އެވެ.

ސިވިލް ސާވިސް ކޮމިޝަންގެ ބައްދަލުވުމެއްގައި ހަބީބާ (މ) --

ސިވިލް ސާވިސް ކޮމިޝަންގެ ބައްދަލުވުމެއްގައި ހަބީބާ (މ) --

ޔުނިވާސިޓީ ޓެކްނޮލޮޖީ މެލޭޝިއާ އިން މާސްޓާސް އޮފް ސައިންސް ހާސިލް ކުރައްވާފައިވާ ހަބީބާ ސިވިލް ސާވިސް ކޮމިޝަނަށް ހިދުމަތް ކުރައްވާތާ މިހާރު 14 އަހަރު ވަނީ ވެފަ އެވެ.

ހަބީބާ ވަނީ ސިވިލް ސާވިސް ޓްރެއިނިން އިންސްޓިއުޓުގެ ލެކްޗަރާގެ މަގާމާއި އެކްޓިން ސީއީއޯގެ ގޮތުން ޑިރެކްޓާގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ. އޭނާ އެ ތަނުގެ ޑިރެކްޓާ ޖެނެރަލަކަށް އައްޔަން ކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހު އެވެ.

ސިވިލް ސާވިސް ކޮމިޝަންގައި މިހާރު ތިއްބަވަނީ އެ ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހާއި ނައިބު ރައީސް އިބްރާހިމް ރަޝީދާއި މެންބަރު މުހައްމަދު ފަރުސަތުގެ އިތުރުން މެންބަރު ފާތިމަތު ޝަރީފެވެ.