Roadha Mihaaru
މައުލޫމާތު ކަށަވަރުނުވާ ބިދޭސީން ދެން ނުތިބޭނެ

މައުލޫމާތު ކަށަވަރު ނުވާ ބިދޭސީން ތިން އަހަރު ފަހުން ރާއްޖޭގައި ނުތިބޭނެ

02 މެއި 2024

ބިދޭސީންގެ ފިންގަޕްރިންޓާއި ފޮޓޯ ނަގައި ގަވައިދަށް ފެއްތުމުގެ މަސައްކަތް ނިމޭއިރު، މައުލޫމާތު ކަށަވަރު ނުވާ އެއްވެސް މީހަކު ރާއްޖޭގައި ނުހުންނާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ބިދޭސީންގެ ފިންގަޕްރިންޓާއި ފޮޓޯ ނަގައި ގަވައިދަށް ފެއްތުމުގެ މަސައްކަތް ނިމޭއިރު، މައުލޫމާތު ކަށަވަރު ނުވާ އެއްވެސް މީހަކު ރާއްޖޭގައި ނުހުންނާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

އިމިގްރޭޝަނާއި ޕޮލިހާ ގުޅިގެން ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓްރީން ކ. ހިންމަފުށީގައި "ކުރަނގި" ކެމްޕެއިން ފެށުމަށް ފަހު، ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ދެ ފިޔަވައްސަށް ބަހާލައިގެން ތިން އަހަރަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ކެމްޕެއިން ނިމޭއިރު، އަމާޒަކީ ރާއްޖޭގައި މުޅިން ވެސް ތިބޭނީ 100 ޕަސެންޓް ވެރިފައި ކުރެވިފައި ތިބި ބިދޭސީންނަށް ހެދުން ކަމަށެވެ.

އެކަން ކުރާނެ ކަމުގެ ޔަގީންކަން ދެއްވުމަށް ފަހު، އިހުސާން ވިދާޅުވީ، އެއްވެސް ގޮތަކަށް މައުލޫމާތު ކަށަވަރު ނުވާ މީހުން ރާއްޖެ އިން ފޮނުވާލާނެ ކަމަށެވެ. ނަމަވެސް، މި ވަގުތުގެ އަމާޒު ހުރީ ބިދޭސީންގެ ވަނަވަރު ހޯދައި، ގަވައިދުގެ ތެރެއަށް ފެއްތުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮޑުވެ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ސެޕްޓެމްބަރު، 2019 ގައި ވެސް ވަރުގަދަ ކެމްޕެއިނެއް ފެށި އެވެ. އެ ހަރަކާތުގައި 40،000 އަށް ވުރެ ގިނަ ބިދޭސީން ރަޖިސްޓަރީ ކުރި އެވެ.

އެކަމަކު، އެ ސަރުކާރުގެ މުއްދަތު ހަމަވިއިރު ވެސް ބިދޭސީންގެ މައްސަލަ ހައްލު ކޮށް ނުދެވުނެވެ. ފަހުން ބިދޭސީންގެ ރަޖިސްޓްރޭޝަންގެ ކަންކަން ވެސް ހުއްޓުނީ އެވެ.

މިހާރުގެ ސަރުކާރުގެ ހޯމް މިނިސްޓަރު އިހުސާން މިއަދު ވިދާޅުވި ގޮތުގައި އޭރު އެ މަސައްކަތް ފެށީ މާލޭގައި ކަމަށް ވާތީ، ރަށްރަށުގައި އުޅޭ ބިދޭސީން ރަޖިސްޓަރީވާން ދަތިތައް ކުރިމަތިވި ކަމަށެވެ. އެހެންވެ، މި ފަހަރު ބިދޭސީންގެ ފިންގަޕްރިންޓާއި ފޮޓޯ ނަގަން ރަށެއްގައި ނަމަ އެ ރަށު ކައުންސިލުން އަދި ރިސޯޓުތަކާއި ސިނާއީ މަސައްކަތްކުރާ ރަށްރަށަށް ޓާސްކްފޯސްގެ ޓީމުތަކުން ދާނެ ކަމަށް އޭނާ ކަމަށެވެ.

"ކުރަނގި" ކެމްޕެއިން ފެށުމަށް ހިންމަފުށީގައި ބޭއްވި ރަސްމިއްޔާތަށްފަހު ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އިހުސާން، އެ ރަށު ކައުންސިލްގެ އިސްވެރިންނާ ބައްދަލުކުރައްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ކުރަނގި" ކެމްޕެއިން ފެށުމަށް ހިންމަފުށީގައި ބޭއްވި ރަސްމިއްޔާތަށްފަހު ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އިހުސާން، އެ ރަށު ކައުންސިލްގެ އިސްވެރިންނާ ބައްދަލުކުރައްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރަށްރަށުގައި ތިބޭ ބިދޭސީންގެ މައުލޫމާތުތައް ޕޯޓަލް އަށް އަޕްޑޭޓް ކުރުމަކީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، މީގެ ފަހުން ކައުންސިލްތަކުން ކުރަންޖެހޭ ކަމެކެވެ.

"...ފުރަތަމަ އެއް އަހަރު މި ބަލަނީ ބިދޭސީން ކޮންތާކު، ކާކުތޯ ހުރީ އަދި އޭނާގެ އައިޑެންޓިޓީ ގާއިމްކުރުން. ޖެހިގެން އަންނަ ދެ އަހަރު މަސައްކަތް ކުރާނީ ކަށަވަރު ނުވާ، ރަސްމީ ލިޔެކިޔުންތައް ނެތް، ސިސްޓަމް ތެރެއަށް ނުގެނެވޭނެ މީހުން ރާއްޖެ އިން ބޭރު ކޮށްލަން. ޖުމްލަ ތިން އަހަރުގެ މަސައްކަތެއް މި ފަށަނީ. ފުރަތަމަ ފޭސް މިއީ އެއް އަހަރުގެ މަސައްކަތެއް،" އިހުސާން ވިދާޅުވި އެވެ.

ބިދޭސީމީހާގެ އަތުގައި އޭނާގެ އެއްވެސް ލިޔެކިޔުމެއް ނެތް ނަމަ އެ މީހާގެ ފޮޓޯ އާއި ފިންގަޕްރިންޓު ނެގުމަށް ފަހު، ރާއްޖޭގެ ސިސްޓަމްތަކުން އެ މީހެއްގެ މައުލޫމާތު ނަގާނެ އެވެ. އެ އުސޫލުން ވެސް އެ މައުލޫމާތު ނުލިބޭ ނަމަ ބިދޭސީ މީހާ ފޯރުކޮށްދޭ މައުލޫމާތުތައް ނަގާނެ އެވެ. އެ އަށް ފަހު، އެ މީހާ ނިސްބަތްވާ ގައުމެއްގެ އެމްބަސީ އަށް ފޮނުވައިގެން އެ މައުލޫމާތު ކަށަވަރުކުރާނެ އެވެ. އެ އިން އެއްވެސް މަރުހަލާއަކުން، ސައްހަ މައުލޫމާތު ނުލިބޭ ނަމަ ވަކި މުއްދަތެއް ފަހުން ޑީޕޯޓުކޮށްލާނެ ކަމަށް އިހުސާން ވިދާޅުވި އެވެ.

"އަޅުގަނޑަށް މި މަސައްކަތް ކުރެވޭ ގޮތުން 100 ޕަސެންޓް ޔަގީންކަން އެބައޮތް [ކާމިޔާބުވާނެ ކަން]،" މިނިސްޓަރު ވިދާޅުވި އެވެ.