Roadha Mihaaru
ސަރުކާރުގެ އަމާޒަކީ ބިދޭސީންގެ މައްސަލަ ހައްލުކުރުން

ބިދޭސީންގެ މައްސަލަ ކޮޅެއްގައި ޖެއްސުން: ސަރުކާރުގެ ބޮޑު އަމާޒެއް!

20 މެއި 2024

ބިދޭސީންގެ އެކި މައްސަލަތައް ބޮޑުވެ، އެކަން އޮތީ އިޖުތިމާއީ ބޮޑު ވަބާއަކަށް ބަދަލުވެފަ އެވެ. ގަވައިދާހިލާފަށް އުޅޭ ބިދޭސީންގެ އަދަދެއް ވެސް ނޭނގެ އެވެ. އެ މީހުންގެ ވިޔަފާރިތައް ފުޅާވެފައި އޮތީ ކިހާ ދުރަކަށް ކަމެއް ވެސް ނޭނގެ އެވެ. ބިދޭސީންގެ މައްސަލަ އަކީ ރާއްޖޭގައި ހައްލު ނުކުރެވި އޮތް މައްސަލަ އެކެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ބިދޭސީންގެ އެކި މައްސަލަތައް ބޮޑުވެ، އެކަން އޮތީ އިޖުތިމާއީ ބޮޑު ވަބާއަކަށް ބަދަލުވެފަ އެވެ. ގަވައިދާހިލާފަށް އުޅޭ ބިދޭސީންގެ އަދަދެއް ވެސް ނޭނގެ އެވެ. އެ މީހުންގެ ވިޔަފާރިތައް ފުޅާވެފައި އޮތީ ކިހާ ދުރަކަށް ކަމެއް ވެސް ނޭނގެ އެވެ. ބިދޭސީންގެ މައްސަލަ އަކީ ރާއްޖޭގައި ހައްލު ނުކުރެވި އޮތް މައްސަލަ އެކެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ހަ މަސް ކުރިން ވެރިކަމާ ހަވާލުވެވަޑައިގެންނެވީ މި މައްސަލަ ހައްލު ކޮށްދެއްވާނެ ކަމުގެ ވައުދާއެކުގަ އެވެ. މީގެ ކުރިން ކޮންމެ ސަރުކާރަކުން ވެސް އެ މައްސަލަ ހައްލު ކުރަން ކިތަންމެ ޕްރޮގްރާމެއް ފެށިޔަސް، އެކަން ވަކި ހިސާބަކުން ހުއްޓި އެކަން އަނެއްކާ ވެސް ބޮއްސުން ލަ އެވެ.

އެކަމަކު، ހޯމް މިނިސްޓަރު އަލީ އިހުސާން ދެއްވަނީ މި މައްސަލަ ކޮޅެއްގައި ޖައްސާނެ ކަމުގެ ޔަގީން ކަމެވެ. އޭގެ ފުރަތަމަ ޕްރޮގްރާމް މިހާރު އަންނަނީ ހިންގަމުންނެވެ. އިހުސާން ވިދާޅުވެފައިވާ ގޮތުގައި މި މައްސަލައިގެ ފުރިހަމަ ހައްލެއް މި ސަރުކާރުން ގެނެސްދޭނެ އެވެ.

ފުރަތަމަ މަރުހަލާ؛ މައުލޫމާތު ކަށަވަރުކުރުން!

ކަމާ ގުޅޭ ވުޒާރާތައް ގުޅިގެން ކުރަމުން އަންނަ މި މަސައްކަތުގެ ފުރަތަމަ މަރުހަލާ މިހާރު ވަނީ ފަށައިފަ އެވެ. އެއީ ރާއްޖޭގައި ދިރިއުޅޭ ހުރިހާ ބިދޭސީންގެ ބަޔޯމެޓްރިކްސް މައުލޫމާތު އެއް ކުރުމެވެ. މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ އިނގިލީގެ ނިޝާނާއި ފޮޓޯ ނަގައި، އެމީހުންގެ ވޯކް ޕާމިޓާ ދިމާވޭތޯ ބަލާނެ އެވެ.

އޭގެ ތެރެއިން ބައެއް މީހުންނަކީ ވޯކް ޕާމިޓް ވެސް އޮތް މީހުންނެއް ނޫނެވެ. އެހެންވެ، ގަވާއިދާ ހިލާފުވެފައި ތިބީ ކޮން ބައެއްތޯ އާއި އެ މީހުން ތިބީ ކޮން ބައެއް ނުވަތަ މީހެއްގެ ބެލުމުގެ ދަށުގައިތޯ ބެލުމުގެ މަސައްކަތް ވެސް ކުރާނެ އެވެ.

"ބައެއް މީހުންނަކީ އައިޑެންޓިފިކޭޝަނެއް ވެސް ނެތް މީހުން. އޭނާގެ ޕާސްޕޯޓެއް ވެސް، އައިޑީ ކުރެވޭނެ އެއްވެސް ޑޮކިއުމަންޓެއް ވެސް ނެތް މީހުން. އެހެންވީމާ މިފަދަ މީހަކު އައިސް ތިމަންނާ އަކީ މިވެނި މީހެކޭ ބުންޏަސް އެކަން ވެރިފައި ކުރެވޭނެ ގޮތެއް ނެތް،" އިހުސާން ވިދާޅުވެފައިވެ އެވެ.

ބިދޭސީންގެ ފިންގަޕްރިންޓާއި ފޮޓޯ ނެގުމުގެ ގައުމީ ކެމްޕެއިން، "ކުރަނގި" ފެށުމަށްފަހު، ހިންމަފުށީގައި މަސައްކަތްކުރާ ބިދޭސީންތަކެއްގެ މައުލޫމާތު ނެގުމަށް މަޑުކޮށްލައިގެން.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ބިދޭސީންގެ ފިންގަޕްރިންޓާއި ފޮޓޯ ނެގުމުގެ ގައުމީ ކެމްޕެއިން، "ކުރަނގި" ފެށުމަށްފަހު، ހިންމަފުށީގައި މަސައްކަތްކުރާ ބިދޭސީންތަކެއްގެ މައުލޫމާތު ނެގުމަށް މަޑުކޮށްލައިގެން.-- ފޮޓޯ: ނިޝާން އަލީ | މިހާރު

އެކަމުގެ އަމަލީ މަސައްކަތް ކ. ހިންމަފުށީގައި މިދިޔަ މަހުގެ ދެ ވަނަ ދުވަހު ވަނީ ފަށައިފަ އެވެ. "ކުރަނގި" ނަމުގައި ކުރިއަށް ގެންދާ ކެމްޕެއިނު ނިމޭއިރު ރާއްޖޭގައި ތިބޭނީ 100 ޕަސެންޓު ވެރިފައި ކުރެވިފައި މީހުން ކަމަށް އިހުސާން ވިދާޅުވި އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ވެސް ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސެޕްޓެމްބަރު، 2019 ގައި ވެސް ވަރުގަދަ ކެމްޕެއިނެއް ފެށި އެވެ.

އެ ހަރަކާތުގައި 40،000 އަށް ވުރެ ގިނަ ބިދޭސީން ރަޖިސްޓަރީ ކުރި އެވެ. އެކަމަކު، އެ ސަރުކާރުގެ މުއްދަތު ހަމަވިއިރު ވެސް ބިދޭސީންގެ މައްސަލަ ހައްލުކޮށް ނުދެވުނެވެ. ފަހުން ބިދޭސީންގެ ރަޖިސްޓްރޭޝަންގެ ކަންކަން ވެސް ހުއްޓުނީ އެވެ. އެ ގޮތުގައި އޮވެ އެކަން އޮބުނީ އެވެ.

އޭރު އިސްކަންދިނީ މާލޭގައި ދިރިއުޅޭ ބިދޭސީން ގަވައިދަށް ފެއްތުން ކަމަށް ވާތީ، ރަށްރަށުގައި މަސައްކަތް ކުރާ ބިދޭސީން އެކަމަށް ހާއްސަކޮށްގެން މާލެ އައުމަކީ އުނދަގޫ ކަމެއް ކަން އިހުސާން ވެސް ފާހަގަކުރެއްވި އެވެ.

ބިދޭސީންގެ ފިންގަޕްރިންޓާއި ފޮޓޯ ނެގުމުގެ ގައުމީ ކެމްޕެއިން، "ކުރަނގި" ފެށުމަށްފަހު، ބިދޭސީއަކު ފިންގަޕްރިންޓު ޖަހާއިރު ހޯމް ލޭންޑު ސެކިއުރިޓީ މިނިސްޓަރު އިހުސާން މަޑުކޮށްލައްވައިގެން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ބިދޭސީންގެ ފިންގަޕްރިންޓާއި ފޮޓޯ ނެގުމުގެ ގައުމީ ކެމްޕެއިން، "ކުރަނގި" ފެށުމަށްފަހު، ބިދޭސީއަކު ފިންގަޕްރިންޓު ޖަހާއިރު ހޯމް ލޭންޑު ސެކިއުރިޓީ މިނިސްޓަރު އިހުސާން މަޑުކޮށްލައްވައިގެން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެހެންވެ، މިހާރު ފަށަން ތައްޔާރުވެފައިވާ ޕްރޮގްރާމަކީ ގަވާއިދާއި އިމުގެ ތެރެއިން އުޅޭ މީހުންނާއި ގަވާއިދާ ހިލާފަށް އުޅޭ މީހުންނަށް ވެސް ހާއްސަކޮށްގެން ކުރިއަށް ގެންދާނެ ޕްރޮގްރާމެކެވެ.

"ކައުންސިލާއި ރަށު އޮފީހާ ގުޅިގެން، އެ ރަށެއްގައި ގަވައިދާ އެއްގޮތަށް ވެސް ގަވާއިދާ ހިލާފަށް ވެސް އުޅޭ މީހުންގެ ވެސް ޕިންގާ ޕްރިންޓް ނަގާފައި ފޮޓޯ ނަގާނެ،" އިހުސާން ވިދާޅުވި އެވެ.

ހިންމަފުށީގައި ފެށި ކެމްޕެއިނުގެ ދަށުން މިހާތަނަށް 700 އަށް ވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ވަނީ ނަގައިފަ އެވެ. މި އޮޕަރޭޝަން މިވަގުތު ހިންމަފުށީގައި ކުރިއަށްދިޔަ ނަމަވެސް ދާދި އަވަހަށް ރާއްޖޭގެ ފަސް ސަރަހައްދެއްފައި އެއްފަހަރާ މި މަސައްކަތް ފަށަން ވަނީ ހަމަޖެހިފަ އެވެ.

ތިން އަހަރުގެ މާސްޓާޕްލޭނެއް!

މި މަސައްކަތުގެ ތެރެއިން އެއް އަހަރު ދުވަހުގެ ތެރޭގައި ހުރިހާ ބިދޭސީންގެ މައުލޫމާތު ކަށަވަރު ކުރެވި، ތިން އަހަރު ތެރޭގައި މުޅި މައްސަލަ ހައްލުވާނެ ކަމަށް އިހުސާން ވިދާޅުވެ އެވެ.

"...ފުރަތަމަ އެއް އަހަރު މި ބަލަނީ ބިދޭސީން ކޮންތާކު، ކާކުތޯ ހުރީ އަދި އޭނާގެ އައިޑެންޓިޓީ ގާއިމްކުރުން. ޖެހިގެން އަންނަ ދެ އަހަރު މަސައްކަތްކުރާނީ ކަށަވަރުނުވާ، ރަސްމީ ލިޔެކިޔުންތައް ނެތް، ސިސްޓަމް ތެރެއަށް ނުގެނެވޭނެ މީހުން ރާއްޖެއިން ބޭރު ކޮށްލަން. ޖުމްލަ ތިން އަހަރުގެ މަސައްކަތެއް މި ފަށަނީ. ފުރަތަމަ ފޭސް މިއީ އެއް އަހަރުގެ މަސައްކަތެއް." އިހުސާން ވިދާޅުވި އެވެ.

ކުރަނގި ކެމްޕެއިންގެ ތެރެއިން، ހިންމަފުށީގައި ބިދޭސީއަކު ފިންގަޕްރިންޓު ޖަހަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ކުރަނގި ކެމްޕެއިންގެ ތެރެއިން، ހިންމަފުށީގައި ބިދޭސީއަކު ފިންގަޕްރިންޓު ޖަހަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

މި މަސައްކަތް ކާމިޔާބު ވާނެ ކަމުގެ 100 ޕަސެންޓު ޔަގީން ކަން އިހުސާން ދެއްވަ އެވެ.

އިހުސާން ވިދާޅުވީ ގަވައިދާ ހިލާފަށް އުޅޭ މީހުން އައިޑެންޓިފައިކޮށްފައި ސަރުކާރުން ނިންމާފައި ވަނީ ފަސޭހަ ގޮތަކަށް އެ މީހުން ގަވާއިދުގެ ތެރެއަށް ފެއްތޭނެ ގޮތެއް ހަމަޖައްސަން ކަމަށެވެ. އަދި ބިދޭސީންގެ ތެރޭގައި ވެސް ވަރަށް ބޮޑަށް ގާނޫނާ ހިލާފުވެފައި ތިބޭ މީހުން ތިބޭ ކަމަށާއި އެކަމަކު ސަރުކާރުން ބޭނުންވަނީ އެ މީހުންނަށް ވެސް ގަވާއިދަށް އުޅުމަށް ފުރުސަތެއް ދޭން ކަމަށް އިހުސާން ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ފުރުސަތުގެ ބޭނުން ނުހިފައިފި ނަމަ ޑިޕޯޓްކޮށްލާނީ އެވެ.

"މާނައަކީ ފިލައިގެން އުޅެނީ. އެއްވެސް ވަރަކަށް ރަސްމީ ކުންފުންޏެއްގައި މަސައްކަތެއް ނުކުރޭ. ފައިސާ އެއްޗެހި ގަވާއިދާ ހިލާފަށް ބޭރުކުރަނީ. މިގޮތަށް އުޅޭ މީހުންނަށް ވެސް އަޅުގަނޑުމެން ފުރުސަތު ދޭނަން އޭނާ ގަވާއިދުގެ ތެރެއަަށް ވަންނަން. އެ ފުރުސަތަށް ބޯނުލަނބާ ނަމަ އޭނާ ޑީޕޯޓްކޮށްލާނީ،"

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގަވައިދަށް ފެއްތުމުގެ މަސައްކަތް ރަސްމީކޮށް ފެށުމަށް ކ. ހިންމަފުށީގައި ބޭއްވި ރަސްމިއްޔާތުަގައި ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގަވައިދަށް ފެއްތުމުގެ މަސައްކަތް ރަސްމީކޮށް ފެށުމަށް ކ. ހިންމަފުށީގައި ބޭއްވި ރަސްމިއްޔާތުަގައި ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

މިނިސްޓަރު ވިދާޅުވީ ބިދޭސީންގެ ތެރެއިން އެ މީހުންނަކީ ކާކުކަން ނޭނގޭ މީހުން ދައުލަތުގެ ބެލުމުގެ ދަށަށް ނަގައި، އެމީހުން ނިސްބަތްވާ ގައުމެއްގެ އެމްބަސީއަކާ ގުޅިގެން ޓްރަވެލް ޑޮކިއުމެންޓެއް ހޯދުމަށް މަސައްކަތްކުރާނެ ކަމަށެވެ. އަދި އެފަދަ މީހުން ގައުމަށް ފޮނުވާލުމަކީ ސަރުކާރުން މިހާރު ގެންގުޅޭ ޕްލޭންކަމަށް ވިދާޅުވި އެވެ.

އެކި ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމުގެ ނަތީޖާ ތިން އަހަރުން ނިކުންނާނެ ކަމަށް އިހުސާން ވިދާޅުވި އެވެ.

ބިދޭސީންގެ މައްސަލަ އަކީ ކޮޅެއްގައި ޖައްސަން ޖެހިފައިވާ ބޮޑު މައްސަލައެކެވެ. އެ މީހުންނަކީ ގަވައިދާ އެއްގޮތަށް އުޅޭ، އަދި ދައުލަތަށް ދައްކަން ޖެހޭ ފައިސާއެއް ދައްކައިގެން އުޅޭ ބަޔަކަށް ހަދަން އެބަ ޖެހެ އެވެ. އޭގެ ފައިދާ ވެސް ކުރާނީ މުޅި މުޖުތަމައަށެވެ.